ad_banner
އިޒުރޭލު އޮތީ މާލީ، އިޖުތިމާޢީ، ޚާރިޖީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި

އަބާ މުޙަންމަދު

4 އޭޕްރިލް 2026

އީރާނުން ދިން މިސައިލު ޙަމަލާއެއްގައި ލިބުނު ގެއްލުން އިޒުރޭލު ސިފައިންގެ މީހަކު މުރާގިބުކުރަނީ

އިޒުރޭލުން އިސްތިއުމާރުކޮށް ޙިޞާރުކޮށްގެން އުޅޭ، އެ މީހުންގެ އަވައްޓެރި ޣައްޒާއަށް އަނިޔާވެރިކަމާ އެކު ޙަމަލާދެމުންގެންދާތާ ދެ އަހަރާއި ބައި ހޭދަވެފައިވާ އިރު، އެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އިޒުރޭލުގެ ސިޔާސިއްޔަތަށާއި އިގުތިސާދަށާއި މުޖުތަމަޢު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް މުޙައްލިލުން ގެންދަނީ ބުނަމުންނެވެ.

މިހާރު، އެ ސަރަހައްދުގައި އެ ބަޔެއްގެ ކިބައިން ސަލާމަތްނުވެވިގެން އުޅޭ އީރާނާ އެކު، ކޮޅެއް މެދެއް ނޭނގޭ ހަނގުރާމައެއްގައި މަޝްޣޫލުވެގެން އުޅޭ އިރު، ގައުމުގެ އެތެރެއިން ގިނަ ބަޔަކު ބުނަނީ މިއީ ގައުމުގެ ދެމިއޮތުމާއި ނެތުމާ ދެމެދު ކުރެވޭ ހަނގުރާމައެއްކަމަށެވެ. މި ހަނގުރާމަ ނިމޭ އިރު، [އިޒުރޭލޭ]ކިޔާ ގައުމެއް ވުޖޫދުގައި އޮންނާނެތޯ ވެސް ސުވާލުކުރެވެއެވެ. މި [އަރައިރުން] މުޅީން ނިންމައިލާނީ އިޒުރޭލުގެ މުދައްބިރުން ފިޔަވައި، އެމެރިކާގެ ގާނޫނުހަދާ މީހުންކަމަށް ބައެއް މީހުން ލަފާކުރެއެވެ.

އީރާނާ ދެކޮޅަށް ހައްގުން ކަމަކާ ނުލައި އިޒުރޭލުން ހަނގުރާމަ ފެށުމުގެ ކުރީން ވެސް، ޣައްޒާއާ ދެކޮޅަށް ހިންގަމުންގެންދާ ނަސްލުހޭދު ހަނގުރާމައިގެ ސަބަބުން ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. [ބޭންކު އޮފު އިޒުރޭލު]ގެ ޢަދަދުތަކަށް ބަލާ އިރު، އެ ގައުމުން ޣައްޒާއާއި ހޫޘީންނާއި ލުބުނާނާއި އިރާނާ ދެކޮޅަށް 2023 އޮކުޓޫބަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި މިހައި ތަނަށް 352 ބިލިއަން ޝެކަލް (112 ބިލިއަން ޑޮލަރު) ވަނީ ޚަރަދުކޮށްފައެވެ. އެއީ އަންދާޒާ ގޮތެއްގައި ދުވާލަކަށް 300 މިލިއަން ޝެކަލް (96 މިލިއަން ޑޮލަރ)އެވެ.

2024 ނޮވެންބަރު މަހު ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓުން ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރުގެ މައްޗަށް ވަނީ ނަސްލުހޭދުގެ ޢަމަލުތައް ހިންގިކަމުގެ ކުށުގައި މި ދެ މީހުން ހައްޔަރުކުރުމުގެ އަމުރުނެރެފައެވެ. މި ޙާލަތު މިހެން އޮއްވައި އީރާނާ ދެކޮޅަށް މިހާރު ފަށައިގެން އުޅޭ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން އިޒުރޭލަށް ވަނީ މާލީ ގޮތުން ބޮޑު މައްސަލަގަނޑަކާ ކުރިމަތިވެފައެވެ. ދާޚިލީ ގޮތުން ވެސް ނަތަންޔާހޫއާ ވަނީ ރައްޔިތުންގެ ނުރުހުމާ ކުރިމަތިވެ، ބޮޑެތި މުޒާހަރާތައް ފަށައިފައެވެ.

އެހެންނަމަވެސް މި ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް އަދިވެސް ފެންނާކަށް ނެތެވެ.

އަނެއްކޮޅުން އީރާނުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި އީރާނުގެ މަތީގައި އުދުހުނު އެމެރިކާގެ މަތީންދާބޯޓެއް އީރާންނުން ވަނީ ވައްޓައިލައިފައެވެ. އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލަކު ވެސް މި ޚަބަރު ވަނީ ރޮއިޓަރސްއަށް ކަށަވަރުކޮށްދީފައެވެ.

އިއްޔެ އީރާނުގެ މައި ބުރިޖަކަށް ދިން ޙަމަލާއެއްގައި އެ ތަން ހަލާކުކޮށްލުމަށް ފަހު އެމެރިކާގެ ޓުރަންޕު ބުނެފައިވަނީ މަދަނީންގެ ސަރަހައްދުތަކަށާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ވެސް ޙަމަލާދޭނެކަމަށެވެ. ޓުރަންޕުގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ރައިސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ ޓުރަންޕު އެ ބިރުދައްކަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާނެކަމަށެވެ.

އަނެއްކޮޅުން ކުވައިތުގެ ފެން އުފައްދާ މަރުކަޒަކަށާއި ތެޔޮ ކާރުޚާނާއަކަށް އީރާނުން ޙަމަލާދިންކަމަށް ކުވައިތުން ބުނުމުން އީރާޏުން އެ ކަން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ގަލްފުގެ ގައުމުތަކަށް ޙަމަލާތައް ވަނީ ކުރިމަތިވެފައެވެ.

މި ވާހަކަތަކާ އެކު، އިޒުރޭލަށް އީރާނުން މިސައިލު ޙަމަލާތަކެއް ދީފައިވާކަމަށް ވެސް މި ވަނީ މަޢުލޫމާތު ލިބިފައެވެ. މި ޙަމަލާތަކުގެ ސަބަބުން އިޒުރޭލުގެ ޢިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހަނގުރާމަ މިހެން ދިގުލައިގެން ގޮސް އެއްވެސް ބަޔަކަށް ކާމިޔާބުލިބިފައިނުވާ ދަނޑިވަޅެއްގައި އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޖަވާދު ޒާލިފު އީރާނަށް ގޮވައިލީ، ހަނގުރާމައިގެ ކާމިޔާބީ އިޢުލާނުކުރުމަށް ފަހު، ހަނގުރާމަ ހުއްޓައިލުމަށެވެ. އަދި އީރާނަށް ގަބޫލުކުރެވޭ ކަންތައްތަކާކާ އެކު ޓުރަންޕާ އެއްބަސްވުމެއް ހަދާށެވެ.

އަނެއްކޮޅުން އެމެރިކާއާއި އިޒުރޭލުން، އީރާޏުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރަޣުޗީ އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދެމުން ގެންދާތީ އެއަށް ރައްދުދެއްވައި ވިދާޅުވެފައިވެއެވެ.

[އިނބަމެންގެ އިންޒާރުތައް އަހަރެމެންގެ ފައިތިލައިގެ ދަށުގައި އެބަހުއްޓެވެ. މަރަށް ބިރުގަންނަ ނަމަ، އިނބަމެން ފަށައިގެން އުޅޭ މި ހަނގުރާމައިގެ ތެރެއަކަށް ނުވެސް ވަދެވުނީހެވެ. އަދި އަހަރެމެންގެ އެންމެ ރީތި ހިތްވަރުގަދަ ފިރިހެނުން ޝަހީދުންގެ ގޮތުގައި [އިނބަމެންނަށް] ހުށަހަޅާކަށް ވެސް ނުޖެހުނީހެވެ. މަރަކީ އަހަރެމެންގެ ވަޒަން ދިފާއުކުރާ އިރު [ޝަހީދުވުމަކީ] އަހަރެމެންނަށް ލިބޭ ޝަރަފެކެވެ. . . . ތިޔަބައިމީހުންގެ [ބާރުގެ] ދަށުގައި ތިބެގެން މަރުވުމަށްވުރެ [އެ ގޮތް] މާ ރަނގަޅެވެ.

އަހަރެމެން އުފަންވީ މިނިވަންކަމާއެކުގައެވެ. އަދި އަހަރެމެން މަރުވާނީ މިނިވަންކަމާއެކުގައެވެ. ކުޑަކުދީން ރޭޕުކުރާ މީހުންނާއި، ލޭގެ ވިޔަފާރިވެރީންނާއި، އަނިޔާވެރި ވެރީންނަށް އަހަރެމެން ތަބާވާކަށް ނުޖެހޭނެއެވެ.]

އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް 2026 ފެބުވަރީ 28ގައި ފަށައިގެން މިހާރު ކުރަމުން ގެންދާ ބޭ އިންސާފު ހަނގުރަމައިގައި މިހާ ތަނަށް އީރާނުގެ 2076 މީހުން މަރުވެ، 26500 މީހުން ވަނީ ޒަޚަމުވެފައެވެ. އިޒުރޭލުން މި ފަދަ ޚަބަރުތައް ވަރަށް ހަރުކަށިކޮށް މަނާކޮށްފައިވާތީ އިޒުރޭލުން މަރުވި މީހުންގެ ޢަދަދު ސާފެއް ނުވެއެވެ. ނަމަވެސް އިޒުރޭލުގެ ބޮޑެތި ޢިމާރާތްތައް ބިމާ ހަމަވެ، ހައިފާއާއި ތައްލުއަބީބު ސުންނާފަތިވެފައިވާ އިރު ގިނަ އަދެއްގެ ބަޔަކު އިޒުރޭލުން ވެސް މަރުވެފައިވަނޭކަން ކަށަވަރެވެ.

ކޮމެންޓު