ad_banner
ވިލާތުގެ ބޮޑު ތިން ގައުމަކުން ރަސްމީކޮށް އެމެރިކާއަށް "ނޫނެކޭ" ބުނުން.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 އޭޕްރިލް 2026

ޙާލަތަށް ހިނގައިދާނެކަމަށް މީގެ ކުރީން ދުވަހަކު ވެސް ބަޔަކު ހީނުކުރާ ހިސާބަކަށް [ޓުރާންސްއެޓުލާންޓިކު އިއްތިޙާދު]ގެ ގުޅުންތައް ހީނަރުވެއްޖެއެވެ. މި ވޭދުވެދިޔަ 80 ވަރަކަށް ގަޑިއިރުގެ ތެރޭގައި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި އިސްޕޭނުވިލާތުން ރަސްމީކޮށް އެމެރިކާއަށް ނޫނެނޭ ބުނެފިއެވެ. އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި އަސްކަރީ ބޭސްތައް އެމެރިކާގެ އަސްކަރީ މަދީންދާބޯޓުތަކަށް މަނާކުރީއެވެ.  މިއީ ހަމައެކަނި ދެކޮޅުހެދުމެއް ނޫނެވެ. މިއީ އީރާނަ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ކުރާ ބޭއިންސާފު ހަނގުރާމައިގެ ލޮޖިސްޓިކު ޙަރަކާތްތައް ހުއްޓުވައިލި ކަމެކެވެ. އިޓަލީވިލާތުން އެ ގައުމުގެ އިސްތިރާޖީ ވައިގެ ބޭސް ބަންދުކުރީއެވެ. އަދި ވައިގެ ސަރަހައްދަށް އެމެރިކާގެ ހަނގުރާމަމަތީ އެއްވެސް އުޅަނދެއް ވަނުން ވެސް މަނާކުރީއެވެ. ފަރަންސޭސިވިލާތުން ހަނގުރާމައިގެ ހަތިޔާރު ބޭރުކުރުން ހުއްޓުވީއެވެ. އިސްޕޭނުން އެ ގައުމުގެ ވައިގެ ސަރަހައްދު އެމެރިކާއަށް މަނާކުރީއެވެ. މި ފިޔަވަޅުތަކާ ގުޅިގެން ޓުރަންޕު ބުނެފައިވަނީ އެއީ [ފިނޑި އަދި ބިރުގަންނަ ބަޔެއް]ކަމަށެވެ. ނަމަވެސް ވިލާތުން ބުނަނީ ޓުރަންޕު ފަށައިގެން އުޅޭ ހަނގުރާމައަކީ އަމާޒެއް، ރޭވުމެއް، ކޮންޓުރޯލެއް ނެތް އަދި ގާނޫނާ ޚިލާފު ހަނގުރާމައެއްކަމަށެވެ.

ވިލާތުގެ މުހިންމު ތިން ގައުމަކުން މި އެޅި ފިޔަވަޅާ ގުޅިގެން ދެން އަޅުގަނޑުމެން މި ދެކޭ [ނޭޓޯ] ދިރިދެމި އޮވެދާނެތޯ މުޙައްލިލުން ސުވާލު އުފައްދައެވެ. މިއީ ބަހުން ދެކޮޅުހެދުމުގެ އިތުރަށް ޢަމަލުން ދެއްކި ނުރުހުމެއްކަމަށްވާތީ މިއީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާކަން ހާމަވާ ތާރީޚީ ފިޔަވަޅެކެވެ.

އަނެއްކޮޅުން އެމެރިކާއާއި އިޒުރޭލުން [ހިލައިގެ ޒަމާނަށް އީރާނު ފޮނުވައިލާނެ]ކަމަށާއި، [އީރާނަށް ހައްގު މަގާމަކީ އެއީ]ކަމަށް ބުނަމުން މުޅި އީރާނުގެ މަދަނީ ބިނާރަށް ދެވުނު އެންމެ ބާރުގަދަ ޙަމަލާތައް އިއްޔެއާއި އިހަށް ދުވަހު ވަނީ ދީފައެވެ. އަދި އީރާނުގެ ދާލަންތަކާއި ހަސްފަތާލުތަކާއި މުހިންމު ޢިމާރާތްތަކަށް ވަނީ ހަލާކުކޮށްލައިފައެވެ. އެއަށް ފަހު، ހަމަ މި ފަދައިން ސިނާޢީ އަދި އަސްރީ ތަންތަނަށް ދެވުނުވަރަކަށް ވަނީ ގެއްލުންދީފައެވެ. މި ދަނޑިވަޅުގައި ޓުރަންޕު ދައްކާ ވާހަކައިން އޭނާ ކުއްލިއަކަށް ހަނގުރާމަ ހުއްޓައި ސުލްޙަ ޢިޢުލާނުކޮށްފާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ. މި ކަމާ ނަތަންޔާހޫ ވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.

ޓުރަންޕު އީރާނަށް މި ފަދަ ބިރުވެރި ޙާމަލާތަކެއް ދިނުމަށް ފަހު، ބުނެފައިވަނީ ހަނގުރާމަ ހުއްޓައިލާން އެދި [އީރާނުން ސަލާން ޖަހަމުން އެބަގެންދާ]ކަމަށެވެ. މިއީ ރޯ ބުހުތާނު ދޮގެކެވެ. މިއީ މި ހަނގުރާމައިން ބޯދަމައިގަންނާން ވެގެން ޓުރަންޕު ދައްކާ ވާހަކައެއްކަމަށް މުޙައްލިލުން ގަބޫލުކުރެއެވެ.

އީރާނުންބުނެފައިވަނީ އަދި މިހާރު ވެސް ބުވަނީ އަދި ބުނަމުން ގެންދަނީ ވެސް އެމެރިކާއާ ވާހަކަދެއްކުމެއް ނެތްކަމަށާއި އެމެރިކާއާއި އިޒުރޭލުން ޙަމަލާ ދޭހައި ދުވަހަކު އީރާނުން ރައްދު ޙަމަލާދޭނެކަމަށެވެ. އީރާޏުގައި ދެން ހުންނާނީ މަދު މިސައިލުކޮޅެއްކަމަށާއި ވަރަށް އަވަހަށް ހަނގުރާމަ ނިމިދާނެކަމަށެވެ. އަދި އީރާނުގެ އާ ރައީސް މިހާރު ގެންދަނީ އެމެރިކާއާ މަޝްވަރާކުރަމުންކަމަށެވެ.

އީރާނުންމި ވާހަކަ ނަގަނީ ހަލީސާއެއްކަމަށެވެ. އެހެނީ އީރާނުގައި މިހާރު ވެސް ރައީސަކީ، އެމެރިކާއިން ހަނގުރާމަ ފެށި އިރު ވެސް ރައީސަކަށް ހުންނެވި މަޙުމޫދު ޕެޒެޝްކިއަނެވެ. މިއީ އެމެރިކާ ދައްކާ ވާހަކައަކީ އެއްވެސް ތެދެއް ނެތް ފުލޯކުވާހަކަތަކެއްކަމަށް ސާބިތުވާ ހެކިތަކުގެ ތެރެއިން ފިލޯކެއްކަމަށް އީރާނުން ބުނެއެވެ.

ކޮމެންޓު