ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
2 އޭޕްރިލް 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް ވަރަށް ހޫނު ރައްދެއް ދެއްވަމުން، އިސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ތާރީޚުގެ ތެރޭގައި މޫލައިފައިވާ، އަދި ބުރަ މަސައްކަތުން ދަސްވެވަޑައިގެންފައިވާ ފިލާވަޅުތަކެއް ޙިއްޞާކުރައްވައިފައެވެ. އޭނާ އިޝާރާތް ކުރެއްވީ، ކެމިކަލް ހަތިޔާރާއި އަދި ފަނާކުރަނިވި ހަތިޔާރު ނައްތާލުމުގެ ނަމުގައްޔާއި، އަދި ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި މީގެ 23 އަހަރު ކުރީން، އެމެރިކާ އިސްވެ އޮވެ ޢިރާޤަށް އަރައިގަތް އަރައިގަތުމުގެ މައްޗަށެވެ.
ސަންޗޭޒް އަލިއަޅުއްވައިލެއްވީ ވަރަށް މުހިންމު ޙަޤީޤަތެއްގެ މައްޗަށް ކަމަށްވާއިރު، އެފަދަ އެއްވެސް ހަތިޔާރެއް އަދި މިހައި ތަނަށް ޢިރާޤުން ފެނިފައެއް ނުވެއެވެ. އެ ޙާލަތުގެ ސަބަބުން އޭރު ވެސް ގިނަ ޤައުމުތަކަށް ދެމިހުންނަނިވި ޝައްކުތަކެއް އުފެދުނެވެ. އަދި ފަހުން، އޭރުގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވަނީ ޢިރާޤަށް އަރައިގަތީ، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއިން އުފެއްދި ދޮގު ރިޕޯޓްތަކެއްގެ މައްޗަށް ކަމަށް ބުނެ، އެ ކަމަށް މަޢާފަށް ވެސް އެދިފައެވެ. އެކަމަކު، އޭރު ވަނީ އެތައް މިލިއަން މުސްލިމުންނެއްގެ ފުރާނަ ގެއްލި، އެތައް މިލިއަން ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމުވެފައެވެ. އެހެންކަމުން، މިއަދު އެމެރިކާއިން ކުރާ އެފަދަ ދަޢުވާތަކާއި، ފިޔަވަޅު އެޅުމަށް ގޮވައިލާ ގޮވައިލުންތަކާ މެދު ދެކޭ ގޮތް އަލުން މުރާޖަޢާކުރުމަށް، ގިނަ ޤައުމުތަކަށް ވަނީ މަޖުބޫރުވެފައެވެ.
ސަންޗޭޒުގެ އެރައްދަކީ ހަމައެކަނި ސިޔާސީ ރައްދެއްނޫނެވެ. އެއީ ހަނދުމަކޮށްދިނުމެކެވެ. މާޒީގެ ނިންމުންތަކުން ކުރިމަތިވީ ހިތި ނަތީޖާތަކާއި، އަދި ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރަށް އެއް ފަހަރު ވެސް ގުޑުންއަރައްޖެ ނަމަ، އަލުން އިތުބާރު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން ބަޔާންކޮށްދިނުމެވެ.
ވަރަށް ސާބިތުކަމާއެކު ސަންޗޭޒް ސާފުކޮށްދެއްވީ އިސްޕޭނުން، ޢާލަމީ ހަމަނުޖެހުންތަކާ ކުރިމަތިލާނީ ސަމާލުކަމާއި، ތަންޤީދީ ވިސްނުމާއި، އަދި މިނިވަންކަމާ އެކުގައިކަމަށެވެ.
ސަންޗޭޒުގެ އަސްލު މެސެޖު ކިތަންމެ ސާދާ ނަމަވެސް، އެއީ ވަރަށް ބާރުގަދަ މެސެޖެކެވެ. ތާރީޚަކީ މުހިންމު އެއްޗެކެވެ. އަދި ތާރީޚުން ވަނީ ގިނަ ފިލާވަޅުތަކެއް ލިބިދީފައެވެ. ވީމާ، މި ފަހަރު ނިންމުންތައް ނިންމާނީ ސުވާލުކުރުމެއް ނެތި، ލޯމަރައިލައިގެން ނޫންކަން އަންގައިދިނުމެވެ.
ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން އިޒުރޭލާއި އެމެރިކާ މުޅި ދުނިޔެއަށް ފަޟީޙަތްވެ ނިކަމެތިވަމުންދާ އިރު، އީރާނާއި އީރާނުގެ ބައިވެރީން ގެންދަނީ އަސްކަރީ ގޮތުން އިޒުރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސުންނާފަތިކުރަމުންނެވެ.

އީރާނާއި އިޒުރޭލާ ދެމެދު މިހާރު ހިނގާ އަރައިރުމުގެ އިތުރަށް އިޒުރޭލާއި، ޙިޒުބު اللهއާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިޒުރޭލުގެ 114 ޓޭންކު ހަލާކުކޮށްލައިފައިވާކަމަށް ޙިޒުބު اللهއިން ބުނެފިއެވެ. މިއީ، ލުބުނާނަށް ޙަމަލާދޭން ފެށި ފަހުން އިޒުރޭލުގެ އަސްކަރީ އުޅަނދުތަކަށް މިހައި ތަނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ. ޙިޒުބު اللهގެ ބަޔާނުގައި އަލިއަޅުވައިލައިފައިވާ ގޮތުގައި، އެ ޖަމާޢަތުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ، އިޒުރޭލުގެ ބިންމަތީގެ މައިގަނޑު ބާރުކަމަށްވާ، އެޤައުމުގެ މެރުކާވާ ޓޭންކު ޔުނިޓްތަކަށް ސީދާ އަމާޒުކޮށްގެން އެންޓި ޓޭންކް މިސައިލް ޙަމަލާ ދިނުމަށެވެ.
ޙިޒުބު اللهގެ ބަޔާނުން ބުނެދެނީ ހަނގުރާމައިގެ މައިދާނީ ޙަރަކާތްތަކަށް އައިސްފައިވާ ބޮޑު ބަދަލެވެ. މި ޒަމާނުގެ އެންޓި ޓޭންކް ނިޒާމުތަކާއި، މަގުދައްކައިދޭ މިސައިލްތަކާއި، ގުޅިފައިވާ ކުއްލި ޙަމަލާތަކުގެ އުކުޅުތަކުގެ ސަބަބުން ބަރު ހަތިޔާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އިޒުރޭލަށް ލިބޭ މި ފަދަ ގެއްލުންތައް ދިގު ދެމިގެން ހިނގައްޖެ ނަމަ، އޮޕަރޭޝަންތަކުގެ ޙަރަކާތުގެ ޤާބިލިއްޔަތުކަމާއި، ބިންމަތީގެ ޙަމަލާތަކާއި، އަދި ހަނގުރާމައިގެ މައިދާން ކޮންޓުރޯލުކުރުމަށް އިޒުރޭލަށް ވަރަށް ބޮޑަށް ދަތިވާނެއެވެ.
އިޒުރޭލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކީ އިސްތިރާޖީ އެއްޗެކެވެ. ޓޭންކުތަކަކީ ހަމައެކަނި އުޅަނދުތަކެއް ނޫނެވެ. އެއީ، ހަނގުރާމައިގެ ކުރީ ސަފުގެ ބާރު ތަމުސީލުކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިޒުރޭލަށް ލިބޭ ގެއްލުންތަކުން ދައްކުވައިދެނީ ބިންމަތީގެ ޙަމަލާތަކުގެ ވާދަވެރިކަމާއި، ހަނގުރާމައިގެ ޚަރަދު ބޮޑުވަމުންދާ ދިއުމެވެ. އޭގެ ސަބަބުން ހަނގުރާމައިގެ އުކުޅުތަކާއި، ހަނގުރާމައިގެ ފައުޖުތައް ރުކުރުވާލުމުގެ އުސްލޫބާއި، ހިރާސްގެ އަންދާޒާތައް، އިޒުރޭލަށް މިވަނީ އަލުންބަލުން މުރާޖަޢާކުރަން މަޖުބޫރުވެފައެވެ.
މިއީ، އެ ސަރަޙައްދުގައި ހަނގުރާމައިގެ ޠަބީޢަތް ތަރައްޤީވެ ބަދަލުވަމުން އަންނަ މިންވަރު ދައްކުވައިދޭ ކަމެކެވެ. ހަނގުރާމައިގެ މައިދާން މިހާރު ބިނާވަނީ ހަމައެކަނި ފަންނިއްޔާތުގެ މައްޗަކަށް އެކަންޏެއް ނޫނެވެ. އެއާއި ޚިލާފަށް އެކަން ބިނާވަނީ، ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ބަދަލުކޮށްލުމާއި، ކުއްލި ޙަމަލާއާއި، އަދި ސީދާ އަމާޒަށް ޙަމަލާ ދިނުމުގެ ޤާބިލުކަމުގެ މައްޗަށެވެ.