ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (16)

އައްޝައިޚު އިބްރާހީމް އަޙުމަދު

7 އޭޕްރިލް 2026

(2026 މާރިޗު 24ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އިސްވެ ދިޔަ އާޔަތުގެ ތަފުސީރުގައި އަލްއިމާމު އިބްނު ކަޘީރު ވިދާޅުވެފައި ވެއެވެ. ދުރު އަދި ގާތް ޒަމާނެއްގައި ކުރާ ކަންތަކާއި ބުނާ ބުނުންތަކުގައި ޢަދުލުވެރި ވުމަށް އެކަލާނގެ އަމުރުކުރެއްވިއެވެ.  އަދި ހަމަ އެފަދައިން ހުރިހައި އެންމެން ހުރިހައި ހިނދެއްގައި އަދި ހުރިހައި ޙާލަތެއްގައި ޢަދުލުވެރިވުމަށް ﷲ އަމުރުކުރެއްވިއެވެ.

އަދި ހަމަ އެފަދައިން ތިމާކުރާ ކަންކަމުގައިވެސް ޢަދުލުވެރިވުމަށް ﷲ އަމުރުކުރެއްވިއެވެ. ފަހެ ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ [1] މާނައަކީ "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائمކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށް ޓަކައި ހެކިބަސް އަދާކުރާ ބަޔަކުކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ."

އަދި ހަމަ އެ ފަދައިން ތިމާގެ ފަރާތުން ހިންގޭ މާލީ ކަންކަމުގައި ވެސް ޢަދުލުވެރިވުމަށް އެކަލާނގެ އަމުރުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ [2] މާނައީ: "އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު عدلވެރިކަމާ އެކު (އުނި އިތުރުކުރުމެއް ނެތި، އެއުރެން އެއްބަސްވީ ގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށިކަމެވެ!" އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ[3] ۚމާނައީ: " ފަހެ، عدل ވެރިކަމާއެކު އޭނާގެ ولىވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ!" 

ހަމަ އެފަދައިން އެކަލާނގެ އަމުރުކުރައްވަނީ ޤަޟާއީ ކަންކަމުގައި ވެސް ޢަދުލުވެރިވުމަށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّـهِ ۚ [4] މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން عدلވެރި ދެ މީހުން ހެކިކުރާށެވެ! އަދި اللَّهއަށް ޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ"!

ހަމަ އެފަދައިން އެކަލާނގެ އަމުރުކުރައްވަނީ މުސްލިމުން ޙުކުމްކުރުމާއި ސިޔާސީ އަދި ވެރިކަމުގެ ކަންކަމުގައި ވެސް ތެދުވެރި ބަޔަކަށްވެ ޢަދުލުވެރިކަމާ އެކު ޢަމަލުކުރުމަށެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ[5] މާނައީ: "އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާ ނަމަ، عدل އަށް حكم ކުރުމަށްވެސް، أمرކުރައްވަތެވެ "

މީގެ އިތުރަށް ތިމާގެ ޢަދުއްވުންނާ މެދު ޢަމަލުކުރުމުގައި ވެސް ޢަދުލުވެރިވުމަށް އެކަލާނގެ ވަނީ މުސްލިމުންނަށް އަމުރުކުރައްވައިފައެވެ. ފަހެ މާތްﷲ ވަޙީކުރެއްވިއެވެ. وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ[6] މާނައީ: "އަދި (دينއާ ދެކޮޅަށް އުފައްދާ) فتنةވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّهއަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓައިލައިފި ނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوةތެރިވުމެއް ނެތެވެ."

އަދި މީގެ އިތުރަށް އެކަލާނގެ އަޅުގަނޑުމެންނަށް އަބަދު ވެސް ޢަދުލުވެރިކަމުން ދުރުނުވެ ތިބުމުގެ މައްޗަށް ބާރުއަޅުއްވައި އިންޒާރުދެއްވައިފައި ވެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރެއްވިއެވެ. فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ[7] މާނައަކީ "ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ!" އިމާމު އިބްނު ކަޘީރު ލިޔުއްވަނީ ޢަޞަބިއްޔަތާއި އަމިއްލައެދުމާއި މީސްތަކުން ދެކެ އަރާ ރުޅީގައި ތިޔަބައިމީހުން ކުރާ ކަންކަމުގައި ޢަދުލުނުވެ ދޫނުކުރާ ހުށިކަމެވެ. އަދި ހުރިހައި ޙާލެއްގައި ވެސް ޢަދުލުވެރިވާށެވެ! 

ޢަދުލުގެ ސިފަ ފުރިހަމަވާހުށީ މީސްތަކުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރެވިގެންނެވެ. މި ކަމަށް އިޝާރާތްކުރައްވައި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ‌ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَ‌فُوا ۚ إِنَّ أَكْرَ‌مَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ‌[8] މާނައަކީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيمވަންތަ ރަސްކަލާނގެއެވެ."

 ހުރިހައި މުސްލިމުންނަކީ ހަމަހަމަ ބައެކެވެ. އެބައިމީހުންނަށް ލިބޭ މާތްކަމެއް ލިބެނީ ދީނީ ކަންކަމުގެ ތެރެއިންނެވެ. ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެގެންނެވެ.  އަދި މިކަމަކީ ކީރިތި ރަސޫލާ އެކަމެއްގެ މައްޗަށް އިޤްރާރު ކުރައްވައިފައި ވާކަމެކެވެ.  ފަހެ އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. "إِنَّ الله لا يَنْظُرُ إِلى أَجْسامِكْم، وَلا إِلى صُوَرِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ  [9]" މާނައީ: "ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ހަށިގަނޑަށް އަދި ޞޫރައަކަށް ބައްލަވައިވޮޑިގެންނެއް ނުވެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ."

އެހެންވެ މި މަބްދައަށް އިޤްރާރުވެ ވަޑައިގެން ކީރިތި ރަސޫލާ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ދުނިޔެގެ އެންމެނަށް އަލްވަދާޢު ވިދާޅުވި އިރު، މިކަމަށް އިޝާރާތްކުރައްވައި މި ވާހަކަ ބަޔާންކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. يَا أَيُّهَا النَّاسُ، أَلَا إِنَّ رَبَّكُمْ وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلَا لَا فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ، وَلَا لِعَجَمِيٍّ عَلَى عَرَبِيٍّ، وَلَا لِأَحْمَرَ عَلَى أَسْوَدَ، وَلَا أَسْوَدَ عَلَى أَحْمَرَ إِلَّا بِالتَّقْوَى[10] މާނައީ: "އޭ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބަފައިކަލުންނަކީ އެކެކެވެ. ދަންނާށެވެ! ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް އަދި ޢަޖަމީއަކަށް ޢަރަތްބެއްގެ މައްޗަށް ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް އަދި ކަޅުމީހެއްގެ މައްޗަށް ތަޤްވާވެރިކަމުން މެނުވީ މާތްކަމެއް ނެތެވެ."

އެހެންވެ އިސްލާމްދީނުގައި ވަނީ ހަމަހަމަކަމުގެ ދަރަޖަ އުފުއްލަވައިފައެވެ. އަދި ޢަޞަބިއްޔާތާ ދަރިފަސްކޮޅަށް ބެލުމަކީ ދެރަކަމެއްކަމުގައި ލައްވައިފައެވެ. ފަހެ މި ކަމާމެދު ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ عَزَّ وَجَلَّ قَدْ أَذْهَبَ عَنْكُمْ عُبِّيَّةَ الْجَاهِلِيَّةِ وَفَخْرَهَا بِالْآبَاءِ مُؤْمِنٌ تَقِيٌّ وَفَاجِرٌ شَقِيٌّ أَنْتُمْ بَنُو آدَمَ وَآدَمُ مِنْ تُرَابٍ لَيَدَعَنَّ رِجَالٌ فَخْرَهُمْ بِأَقْوَامٍ إِنَّمَا هُمْ فَحْمٌ مِنْ فَحْمِ جَهَنَّمَ أَوْ لَيَكُونُنَّ أَهْوَنَ عَلَى اللَّهِ مِنْ الْجِعْلَانِ الَّتِي تَدْفَعُ بِأَنْفِهَا النَّتِنَ[11] މާނައީ: " އަބޫހުރައިރާ ރަސޫލާގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުން ޖާހިލިއްޔަ ޒަމާނުގެ ބޮޑާކަމާ ކިބުރުވެރިކަން ދޫކޮށްލުމަށް އެންގެވިއެވެ. ތަޤްވާވެރި މުއުމިނުންނާ ފާޖިރު އަބާއްޖަވެރީންގެ ކާބަފައިންގެ ބޮޑާކަމެވެ. ތިޔަބައިމީހުންނީ އާދަމުގެ ދަރީންނެވެ. އާދަމުގެފާނު ހެއްދެވުނީ މަށީންނެވެ. މީސްތަކުންގެ އެ ބޮޑާކަން ވާހުށީ ނަރަކައިގެ އަގުރުތަކުގެ ތެރެއިން އަގުރުކަމުގައެވެ. ނުވަތަ އެއީ ފުޅައަށް ވުރެ ނިކަމެތި އެއްޗެއްކަމުގައި ލައްވާހުށީމެވެ."

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ބޭކަލުން ރަސޫލާގެ އަރިހުގައި ހަނގުރާމައަކަށް ގޮސް ތިބީމެވެ. ދެން އެ ތަނުން މުހާޖިރުންގެ ބޭކަލަކު އަންޞާރިއްޔަ ބޭކަލެއްގެ ފޫކޮޅުގައި ޖެއްސެވިއެވެ. އެ ހިނދު އެއަންޞާރިއްޔަ ބޭކަލަކު އޭ އަންޞާރުންނޭ ގޮވާލިއެވެ. ހަމަ މިއާ އެކު އެ މުހާޖިރިއްޔަ ބޭކަލަކު އޭ މުހާޖިރީންނޭ ގޮވާލިއެވެ. ފަހެ މި ހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ. ޖާހިލިއްޔަ ޒަމާނުގެ ގޮވުންތައް ގޮވަނީ ކީއްވެހެއްޔެވެ؟ ފަހެ އެހިނދު އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. މުހާޖިރުންގެ ބޭކަލަކު އަންޞާރުންގެ ބޭކަލެއްގެ ފޫކޮޅުގައި ޖަހައިފިއެވެ.  އެ ހިނދު ޙަދީޘް ކުރެއްވިއެވެ. ދޫކޮށްލާށެވެ! އެއީ ހުތުރުވެގެންވާ އަނިޔާވެރި ޢަމަލެކެވެ." (ނުނިމޭ)

މަރުޖާ:

[1]  ސޫރަތުއްނިސާ :135

[2]  ސޫރަތުލްބަޤަރާ 282

[3]  ސޫރަތުލްބަޤަރާ 282

[4]  ސޫރަތުއްޠަލާޤު 2

[5]  ސޫރަތުއްނިސާ 58

 [6]  ސޫރަތުލްބަޤަރާ 193

[7]  ސޫރަތުއްނިސާ 135

[8]  ސޫރަތުލްޙޫޖުރާތު 13

[9]   މުސްލިމު ބުނު ހައްޖާޖު ، ޞަޙީޙު މުސްލިމު ޙަދީޘް ނަންބަރު 2564

[10]  އަޙްމަދު ބިން މުޙައްމަދު ބިން ޙަންބަލު. މުސްނަދު:  ދާރުއިޙްޔާއުއްތުރާޘިލްޢަރަބީ، ޤާހިރާ، 1993، ހަދީޘް ނަންބަރު 22978

[11] ސުލައިމާނު ބުނުލްއަޝްޢަޘް އައްސަޖިސްތާނީ، ސުނަނު އަބީދާވޫދު: އަލްމަކްތަބަތުލްޢަޞްރިއްޔާ، ބައިރޫތު، 1994 ( ހަދީޘް ނަންބަރު5116

ކޮމެންޓު