އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
4 އޭޕްރިލް 2026
ބައެއް މީހުން އޭނާ ހިތްހަމަ ނުޖެހޭ އެއްޗެއް މީހަކު ބުނެފި ނަމަ، ނުވަތަ ރައުޔެއް ފާޅުކޮށްފި ނަމަ، ވަރަށް އަވަހަށް އެ މީހަކާ ދިމާއަށް ތަންދޮރު ނުދަންނަ ޖާހިލެކޭ ގޮވައެވެ. އެއީ ކާކުތޯ، ކީއްވެގެން ކޮން އަސާސެއްގެ މައްޗަށް ބުނި އެއްޗެއްތޯ، އަދި ހަގީގަތުގައި ބުނެފައި އެ ވަނީ ކީކޭތޯ ނުވަތަ އެއީ ކޮން މަގުސަދެއްގައި ބުނި އެއްޗެއްތޯ ވިސްނައިލުމެއް ނެތިއެވެ. ނަމަވެސް ހަގީގަތުގައި އެ ހާމަކޮށްދެނީ އެހެން އެ ގޮވާ މީހެއްގެ ޖާހިލުކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. އެހެންކަމުން [ޖާހިލު]ގެ މާނައަށް ބަލައިލުން މުހިންމުވެއްޖެއެވެ.
[ޖާހިލު]ގެ އެއް މާނައަކީ [ނޭނގޭ މީހާ]އެވެ. ތަންދޮރު ނުދަންނަ މީހާއެވެ. އެއީ ދަތުމުގެ އިދިކޮޅެވެ. [ޢާލިމު]ގެ އިދިކޮޅެވެ.
[ޖާހިލު]ގެ އަނެއް މާނައަކީ [ގޮތެއްފޮތެއް ނެތްކަމެވެ.] އަޚުލާޤީ ހަމަތަކާއި ރީތި ގޮތްތަކާއި ސިފަތައް ނެތުމެވެ. [ޖާހިލިއްޔަތު]ން އިޝާރާތްކުރަނީ ހަގީގަތުގައި މި މާނައަށެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا ﴾ (رحمنވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާ އެކު ބިމުގައި ހިނގައި އުޅޭ މީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطبކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ.) (الفرقان: 63). މި އާޔަތުގައި ވެސް [ޖާހިލު] މި ލަފުޒު ބޭނުންކުރެވިފައި އެ ވަނީ ގޮތެއްފޮތެއް ނެތް އަޚުލާގީ ގޮތުން ރީތި ސިފަތަކުން މަހުރޫމުވެފައިވާ މީހާއަށްކަން އެނގެއެވެ. ހަގީގަތުގައި އެ އަންގަވަނީ – މިސާލަކަށް - މީހަކު ތިމާއާ ފޮށިއްޖެ ނަމަ ރީތި ގޮތަކީ އެ ފަދަ މީހަކަށް ރައްދު ޖަވާބެއްނުދިނުމޭ، އަޅައިނުލައި ދުރަށް ދިޔުމޭއެވެ. އަދި އެހެން އާޔަތެއްގައި މާތް ﷲ އަންގަވައިފައިވެއެވެ. ﴿وَلَا تَمْشِ فِي الأَرْضِ مَرَحًا إِنَّكَ لَنْ تَخْرِقَ الأَرْضَ وَلَنْ تَبْلُغَ الْجِبَالَ طُولًا﴾ (އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެން ވެސް ތިބާޔަކަށް ނުދެވޭނެތެވެ.) (الإسراء: 37). އަދިވެސް ވަޙީކުރައްވައިފައިވެއެވެ. ﴿تِلْكَ الدَّارُ الآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الأَرْضِ وَلَا فَسَادًا وَالْعَاقِبَةُ لِلْمُتَّقِينَ﴾ (އެއީ آخرةގެ (نعمةގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فسادކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوىވެރީންނަށެވެ.) (القصص: 83).
އިސްވެ ދިޔަ އާޔަތްތަކުން އަޅުގަނޑުމެންނަށް މި އެނގެނީ ޖާހިލުންގެ ސިފަތަކެވެ. އެ މީހުން މީހުންނާ ފޮށޭނެއެވެ. ގޮތެއްފޮތެއް ނުހުންނާނެއެވެ. ވަރަށް ފުއްޕައިފައި (ބޮޑާވެގެން) ބިމުގައި ހިނގައި އުޅޭނެއެވެ. އަދި ބޮޑާވާނެއެވެ. ފަސާދަކުރާން އެދި އެ ކަމަށް މަސައްކަތްކުރާނެއެވެ.
އެހެންވީމާ، ޖާހިލުން ދެނެގަންނާކަށް އުނދަގުލެއްނޫނެވެ. އެ ފަދަ މީހުން އެހެން މީހުންނަށް ޖާހިލުންނޭ ގޮވާނެއެވެ. ތިމާގެ ރައުޔާ އިދިކޮޅަށް ރައުޔެއް ފާޅުކޮށްފި ނަމަ، ޢިލްމީ ގޮތުން މުނާޤަޝާކުރުމެއް ނެތި، އޭނާގެ ޒާތާ ބެހޭނެއެވެ. ރުޅިގަދަވާނެއެވެ. ރުޅި ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އަނެކަކު އެ ފާޅުކުޅަ ރައުޔާ މެދު ޢިލްމީ ގޮތުން ވިސްނައިލުމެއް ނެތި ރައްދުދޭނެއެވެ. ފަސާދަކުރާނެއެވެ. ހަޅޭއްލަވާނެއެވެ.
މީހަކު، އޭނާގެ ރައުޔާ ޚިލާފަށް ޚިޔާލެއް ފާޅުކުރުމުން، އެއަށް ޢިލްމީ ގޮތުން ނުވަތަ އަދަބީ ގޮތުން ރައްދުނުދީ، ރުޅިއައިސް ހަޅޭއްލަވައި ޒުވާބު ފަށާނީ، ނުވަތަ، އޭނާއާ [ޖެހިގަންނާނީ]، ޢިލްމީ ގޮތުން ދޭނެ ރައްދެއް ނެތީމައެވެ. ނުވަތަ ނޭނގޭތީއެވެ. ދިވެހި މުޙާވިރާއެއްގައި ވެސް [ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއްނާޅާނެއޭ] އޮވޭ ނޫންތޯއެވެ!
ވީމާ، އަޅުގަނޑުމެންނަކީ ޖާހިލުންނަށްވާން ނޭނދޭ ނަމަ، އެންމެ މުހިންމު ކަމަކީ ފޮތް ކިޔައި ޢިލްމުވެރިވުމެވެ. ރުޅި ކޮންޓުރޯލުކުރުމެވެ. ޙިލްމުވެރިވުމެވެ. (ޙިލްމުވެރިކަމުގެ އެއް މާނައަކީ ރުޅިމަޑުކަމެވެ.) އަޚުލާޤީ ރީތި ސިފަތަކުން ސިފަ ލިބިގަތުމެވެ. މި ދެންނެވި ފަދަ، އަޚުލާޤީ ގޮތުން ފެންވަރު ދަށް (ގޮތެއްފޮތެއް ނެތް) މީހަކު ތިމާއާ ފޮށިއްޖެ ނަމަ، ނުވަތަ ހަޑިހުތުރުބަހުން މުޚާޠަބުކޮށްފި ނަމަ، އެ ފަދަ މީހުންނަށް ރައްދުނުދީ ދުރަށް ދިޔުމެވެ. ޖާހިލުކަމުން ސަލާމަތްވާން އިނބަ ކުރާންވީ ކަންކަމަކީ މިއީއެވެ.
ހަގީގަތުގައި ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް ލޯތްބާއި ރަޙުމާއި ކުލުނާއި ނަފުރަތާއި ރުޅި ފަދަ ތަފާތު ޖަޒުބާތުތައް ހުންނާނެއެވެ. ރުޅި ވެސް އަންނާނެއެވެ. އެންމެ ވަރުގަދަ މީހަކީ ރުޅި އަންނަ ވަގުތު ހަޅޭއްލަވާ މީހާއެއް ނޫނެވެ. ރުޅިގަދަ މީހާއެއް ވެސް ނޫނެވެ. ރުޅި ކޮންޓުރޯލުން ނައްޓާ މީހާއެއް ނޫނެވެ. އެހެނީ އޭނާއަށް އޭނާގެ ރުޅި މަތަނުކުރެވޭ މީހާގެ ހުރީ ކޮން ވަރުގަދަކަމެއްތޯއެވެ؟ ކައު އިތުރު މާތް ނަބިއްޔާ މުޙަންމަދު ﷺ ޙަދީސުކުރައްވައިފައި ވެއެވެ. لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ ([ގަދަފަދަ މީހަކީ ހިފައިގަނެގެން އަނެކާގެ މައްޗަށް ގަދަވެގަންނަ މީހާއެއް ނޫނެވެ. ހަމަކަށަވަރުން ވަރުގަދަ މީހަކީ ރުޅިއަންނަ ހިނދު (ރުޅި ކޮންޓުރޯލުކޮށް) އޭނާގެ ނަފުސުގެ މައްޗަށް ގަދަވެގަންނަ މީހާއެވެ.]) (ޞަޙީޙުލްބުޚާރީ، ޙަދީޘް ނަންބަރު: 6114، ޞަޙީޙު މުސްލިމު، ޙަދީޘް ނަންބަރު: 2609)
ހަމަ މި ފަދައިން ޖަޒުބާތުގެ ވަގުތުގައި ކަންކަން ނިންމުމަކީ ވެސް ބުއްދިވެރީން ކަންކުރުން އެކަށީގެންވާ ގޮތެއް ނޫނެވެ. މީހަކު ދެކެ މާ ބޮޑަށް ލޯބިވެފައި ހުރެގެން ކަންކަން ނިންމުމާއި އޭނާގެ މައްޗަށް ޙަސަދަލައިގެ ހުރެ ނުވަތަ ރުޅިއައިސްގެން ހުރެ ކަންކަން ނިންމުމަކީ ވެސް ވިސްނުންތެރީންގެ ކަމެއް ނޫނެވެ. އެހެނީ ޖަޒުބާތުގެ ވަގުތުގައި ނިންމާ ނިންމުން އިންސާފުވެރިއެއްނުވާނެއެވެ. ވީމާ، ރުޅި ކޮންޓުރޯލްނުވުމަކީ ވެސް ޖާހިލުކަމުގެ ސިފައެކެވެ. އެހެންކަމުން ތިމާ އަނެކާއާ ދިމާއަށް ވިސްނުމެއް ނެތި ރުޅިއައިސްގެން ޖާހިލެކޭ ގޮވުމުގެ ކުރީން ވިސްނައިލާން ޖެހޭނެއެވެ. އެކި މީހުންގެ ޚިޔާލާއި ރައުޔު އެކި ކަންކަމުގައި ތަފާތުވާނެކަން ގަބޫލުކުރާންޖެހޭނެއެވެ. ތިމާ ގަބޫލުކުރާ ގޮތް، ގަބޫލުނުކުރާ ކޮންމެ މީހަކީ ޖާހިލެއްކަމަށް ނިންމުމުގެ ހައްގެއް ހަމަ އެކަކަށް ވެސް ނޯންނާނެއެވެ. އެންމެ ކުޑަމިނުން އެ ގޮތަށް އޭނާ ދެކެނީ ކީއްވެގެންތޯ ސުވާލުކޮށް ޢިލްމީ ގޮތުން މަޝްވަރާކޮށްލުން ކީއްތޯއެވެ؟ އޭނާއަށް، ނުވަތަ އެހެން މަންސައެއްގައި ވިޔަސް ތިމާގެ ރައުޔު ރަނގަޅުކަން މަންޠިޤީ ހެކިތަކާ އެކު އޮޅުންފިލުވައިދިނުން ކީއްތޯއެވެ؟ ފަސާދަކުރުމަކީ، އަރައިރުންވުމަކީ، ނުބައިކަމެކެވެ. ހެޔޮކަމަކީ ސުލްޙަކުރުމެވެ. ވިސްނައިދިނުމެވެ. ލޯތްބާއި އޯގާވެރިކަމާ އެކުގައެވެ.
ޖާހިލުކަމާ އެންމެ ދުރު ސިފައަކީ ރީތި އަޚުލާޤާއި ސުލޫކެވެ. ވީމާ، ޖާހިލަކަށް ނުވުމަށް ޓަކައި، އެހެން މީހުންނާ ދިމާއަށް ޖާހިލެކޭ ނުގޮވައި އަޅުގަނޑުމެން އެންމެން ވެސް ރީތި އަޚުލާޤުން ސިފަލިބިގަންނަވާތޯއެވެ! ރުޅި އަންނަ ހިނދު، ނަފުސު ކޮންޓުރޯލުކުރެވޭ ޙިލްމުވެރި މީހުންނަށް ވަމާތޯއެވެ! ފޮތް ކިޔުމަށް ލޯބިކުރަމާތޯއެވެ! ފޮތުގެ އަހުލުވެރީންނަށް ވަމާތޯއެވެ!
ނޯޓު: މި މަގާލުގައި ހިމަނައިފައިވާ ހުރިހައި އާޔަތެއްގެ މާނަ ނަގައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާ [އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ]އިންނެވެ.