ad_banner
ރަންނަމާރި ވާހަކަ: އެ ކަން ހިނގައިފައި އޮންނާނެކަމަށް ބުއްދިއަށް ގަބޫލުކުރެވޭ ގޮތަކީ ކޮބާ؟

ޙަސަން ޢަބްދުﷲ ޙިލްމީ

3 އޭޕްރިލް 2026

މުޤައްދިމާ

ދިވެހިރާއްޖެއަކީ ޒަމާންވީ މުސްކުޅި ޙަޟާރަތަކާއި މުއްސަނދި ތާރީޚެއް އޮތް ދައުލަތެކެވެ. (މުހައްމަދު، 2002) ބުނާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ދިވެހިރާއްޖެއިން އެއްކުރެވުނު މަޢުލޫމާތައް ބަލާ އިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ 2000އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. އަދި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އޮތީ ކޮން ދީނެއްކަން އެނގޭން ނެތަސް ތާރީޚުގެ ކޮންމެވެސް ހިސާބެއްގައި ހިންދޫންގެ ދީން އޮތްކަމަށް ދެކެވޭ ދުށުން އެކުއެކީ ވަޤުފުކޮށްލެވޭން ނެތްކަމާއި ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން އޮތީ ބުދު ދީންކަން ތާރީޚީ ހެކިތަކުން ހާމަވާކަމަށްވެއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނީ ހިޖުރައިން 548ވަނަ އަހަރު ރަބީއުލްއާޚިރު މަހުގައެވެ. (އަޖްފާން، 2019).

މިއީ މި ދެންނެވި އެތައް ޤަރުނެއްވީ ހަޟާރަތުގެ މުއްސަދި އެތަކެއް ޞަފުހާތަކުން ފުރިގެންވާ ތާރީޚުގައި ހިނގައިފައިވާ އެންމެ ފާހަގަކޮށްލެވޭ ހާދިސާއެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތް ލިބުމަށް ވުރެ ވަކި މޮޅެއް އެއްވެސް ދައުލަތަކަށް ލިބޭނެތޯއެވެ؟ އެހެންކަމުން މިއީ ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އެންމެ މާތް ނިޢުމަތޭ ބުނެވިދާނެއެވެ. މި ހާދިސާގެ ވާހަކަ އެކި ޒަމާންތަކުގައި އެކިގޮތްގޮތަށް ދެކެވިފައި އެބަހުއްޓެވެ.

(ދީދީ އ. އ.، 2022) ބުނާގޮތުން އެއީ ފޯކުލޯރެކެވެ. އަދި ފޯކުލޯރުގެ ޠަބީޢަތް އަބަދުވެސް ހަނދާން ބެހެއްޓުން މުހިންމުކަމުގައެވެ. މި ފޯކުލޯރު ވާހަކައިގައި ކިޔައިދީފައިވަނީ ކޮންމެ މަހެއްގެ ސާދަ ފަނަރައިގައި ކަނޑުން އަރާ އެއްޗެއް ރަށުގައި ތިބޭ ހުރިހައި އަންހެން ކުދީން ކައިލަނީކަމުގައެވެ. ދެން އޭގެއިން ސަލާމަތްވުމަށް ކޮންމެ މަހެއްގައި އަންހެން ކުއްޖެއް ބުދުކޯލުގައި ބަންނަނީކަމުގައެވެ. މި ގޮތަށް ކަންތައް ކުރަމުން ދަނިކޮށް އެ ފުރޭތައިގެ ކިބައިން ދިވެހީން ސަލާމަތްކޮށްދިނީ ރާއްޖެ ދުރުވެ ހުންނެވި ތަބުރޭޒުގެފާނުކަމުގައިވެސް ބުނެވެއެވެ. އަދި އޭރުގެ ރަސްގެފާނު އިސްލާމްވެވަޑައިގަތީ އެކަލޭގެފާނަށް އެތައް އުޒުރެއް ދެއްކެވުމަށްފަހުގައިކަމަށް ވެސް ބުނެވެއެވެ.

ކޮންމެއެކަސް މި ދެންނެވި ފުރޭތަ ނުވަތަ ދިވެހީން ދަންނަ މަޝްޙޫރު ރަންނަމާރިގެ ވާހަކައަކީ އިސްވެ ދެންނުވުނުފަދައިން އެކި ގޮތްގޮތަށް ރިވާކުރެވިފައިވާ ވާހަކައެކެވެ. އެހެން ކަމުން މިފަދަ ޙާއްޞާޞް ވާހަކައަކަށް ޢިލްމީ ނަޒަރިއްޔާއަކުން ބަލައިލުން އެއީ މުހިންމު ކަމެކެވެ.

މި ލިޔުމުގައި މި ބަލައިލަނީ ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނު ހާދިސާގެ ފަހަތުގައިވާ "ރަންނަމާރި"އާ ގުޅޭ ގޮތުން ތާރީޚީ ގޮތުން ފެންނާން ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް މި ވާހަކައިގެ ހަޤީގަތަކީ ކޮބައިތޯ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތެވެ.

ރަންނަމާރި ފޯކުލޯރު

ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅޭ ގޮތުން ކިޔައި އުޅޭ ފޯކުލޯރެކެވެ. މި ލިޔުމުގައި މިހާ ހިސާބުން (ރިފަ، 2021) ލިޔެފައިވާ ލިޔުމެއްގެ ބައެއް ނަކަލުކޮށްލާނަމެވެ.

". . . ރަންނަމާރި ވާހަކަ ތުންތުންމަތިން ދެކެވެމުން އައި ގޮތަށް ބަލާއިރު، ދިވެހީން ބުދު ދީނަށް އަޅުކަންކުރި ޒަމާނުގައި، މާލޭގެ ވަރުނުލާ ރާޅުގަނޑާ ދިމާގައި ހުންނަ ބުދުފަށްޅިއަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ ރަންނަމާރި އަރާކަމަށްވެއެވެ. އަދި އެ ރެއަކު ގުރުއަތުން ހޮވޭ އަންހެންކުއްޖެއް ނަލަހެއްދުމަށް ފަހު އެ ބުދުފައްޅިއަށް ގެންދާންޖެހެއެވެ. ފަތިސްވުމުން މީހުން ބުދުފައްޅިއަށް ދާއިރު އަންހެންކުއްޖާ އޮންނަނީ އިއްފަތްތެރިކަން ނަގައިލައި، މަރައިލައިފައެވެ.

މި ގޮތުގައި ދިވެހިން އުޅެމުންދަނިކޮށް ތަބުރޭޒޭ ކިޔުނު އީރާނުގެ ރަށުން ޤުރުއާން ހިތުދަސް، ދަންނަބޭކަލެއްކަމުގައިވާ އަބުއްރިކާބު ޔޫސުފު އައްތަބްރޭޒީ ރާއްޖެވަޑައިގަތެވެ. (މިއީ ސުންނީ މުސްލިމެކެވެ.) މި ބޭކަލަކު ރާއްޖެ ވަޑައިގަތް ފަހުން ރަންނަމާރިއަށް ގުރުބާންކުރުމަށް ގުރުއަތުން ހޮވުނީ، ތަބްރޭޒީގެފާނު މާލެ ފައިބާވަޑައިގެން ހުންނެވި ގޭގެ ކުއްޖެކެވެ. މި ކަމާ ހުރެ، އެގޭގެ އަންހެންވެރީންނާއި ތަންގަނޑު އަވައްޓެރީން ރޮއި އާދޭސްކުރާން ފެށުމުން، މިރޭ އަންހެން ކުއްޖާގެ ބަދަލުގައި ބުދުކޯލަށް ދާނީ ތިމަންނާކަމަށް ތަބްރޭޒީ ވިދާޅުވެއްޖެއެވެ.

އެރޭ ތަބްރޭޒުގެފާނު ބުދުކޯލަށް ވަޑައިގެން އެ ތަނުގައި އެކަލޭގެފާނު އިންނެވީ ގުރުއާން ކިޔަވާވިދާޅުވާށެވެ. އެރޭ ރަންނަމާރި ކަނޑުން އަރައިގެން އައުމުން ކަންފަތުގައި ޖެހުނީ ގުރުއާނުގެ މާތް ކަލިމަފުޅުތަކެވެ. ޖެހުމާއެކު އެސޮރު ކަނޑުގެތެރެއަށް ގެނބި ޣައިބުވެއްޖެއެވެ..."

ރަންނަމާރީގެ ނަން

ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ ފޯކުލޯރު ލިޔެފައި އޮތް ދެ މަސްދަރެއްކަމަށްވާ ތަރީޚަށް އައު އަލިކަމެއް އަދި ސަވިރގެ ދި ފޯކްޓޭލްސް އޮފު މޯލްޑިވްސް ފޮތާއި ހަވާލާދީ (ދީދީ އ. އ.، 2022) ބުނަނީ މި އިން އެއްވެސް ލިޔުމެއްގައި "ރަންނަމާރި" މި ގޮތަށް ލިޔެފައި ނެތްކަމުގައެވެ. ތާރީޚަށް އައު އަލިކަމެއްގައި ވަނީ ކަނޑުން އެރި "އެއްޗެއް"ކަމުގައެވެ. އަދި އިބްނި ބަޠޫތާ ރާއްޖެ އިސްލާމްވި ގޮތާއި ގުޅޭ ގޮތުން ދެއްވައިފައިވާ ބަޔާނުގައި ވަނީ ކަނޑުން އަރާ "ޖިންނި"އެއްގެ ވާހަކަކަމުގައެވެ. ކޮންމެއަކަސް މި ލިޔުންތަކުން އެނގޭ ގޮތުގައި މިއީ ކަނޑުން އެރި ރޫހާނީ އެއްޗެކެވެ. އަދި މިއަށް "ރަންނަމާރި" ނަން ދެވިފައިވަނީ އެ އެއްޗެއްގެ ނަން ދުލުކުރީގައި ވާރުތަވަމުން އައިގޮތުންނެވެ. (ދީދީ އ. އ.، 2022).

މި ނަމަށް ބަހަވީ ނަޒަރަކުން ބަހުގެ އެޓިމޮލޮޖީއާއި ފިލޮލޮޖީ ފަދަ ޢިލްމުތަކުގެ އަލީގައި ދިރާސާކުރެއްވުމަށްފަހުގައި (ނަސީމް، 2016) ބުނަނީ "ރަންނަމާރި" މި ލަފުޒުގެ މާނައަށް ބަލައިލާ އިރު މި ލަފުޒުގަ ހިމެނޭ "ރަންނަ"އަކީ ސެންސްކްރިތު ބަހުން އައިސްފައިވާ ލަފުޒެއްކަމުގައެވެ. މި ލަފުޒުގެ އަސްލަކީ "ރައްތުނަ"އެވެ. މި ލަފުޒުގެ މާނައަކީ ޖަވާހިރު، ބޮޑު، މަތިވެރި އަދި ދޭވަތާއެވެ. "ރަންނަމާރި" މި ލަފުޒުގެ ދެވަނަ ބައިގައި ވާ "މާރި"ގެ އަސްލަކީ "މާރް"އެވެ. އޭގެ މަނައަކީ ބޮޑުފެންގަނޑު، ކޯރު ނުވަތަ ކަނޑެވެ. މި ގޮތަށް ވިސްނައިލާ އިރު، "ރަންނަމާރި"އަކީ "ކަނޑުގެ ދޭވަތާ" ނުވަތަ "ކަނޑުގެ ކަލާންގެ"ކަމަށް ބެލެވެއެވެ. (ނަސީމް، 2016).

ޤުރުބާންކުރުން

އެކި އެކި ސަބަބުތަކަށްޓަކައި ދުނިޔޭގެ އެކި ބައްރުތަކުގައިވާ ތަފާތު ހަޟާރާތްތަކުގެ ތަފާތު ދީންތަކުގެ މީހުން އެމީހުން ޤަބޫލުކުރާ ކަލާންގެތަކަށް އެކި ކަހަލަ ޤުރުބާނީތައް ޤުރުބާންކުރެއެވެ. މީގެ ތެރޭގައި ބިކުރުވެރި އަންހެން ކުދީން ވެސް ހިމެނެއެވެ. ޝިރުކިއްޔަތުގެ މި ސަޤާފަތަކީ ތަފާތު އެކި ސަބަބުތަކަށްޓަކައި އެމީހުން ކޮށްއުޅުނު ކަމެކެވެ. އެ ގޮތުން ހަނގުރާމަތަކުން މޮޅުވުމަށް އެދިގެންނާއި ކަލާންގެތައް ރުއްސެވުމަށާއި އެކިއެކި ކަންތަކުން ރައްކާތެރިވުމަށް އެދި ވެސް މި ކަން ކޮށް އުޅުނުކަމަށް ތާރީޚުން އެނގޭން އެބަ އޮތެވެ (ފިޝާ، 2017). މި ނުކުތާއަށް ބާރު ލިބޭ ގޮތަށް (މުހައްމަދު، 2002) ބުނަނީ މިސްރުގެ ގަދީމީ ތާރީޚުގައި ނީލަކޯރަށް ވެސް ބިކުރުވެރި އަންހެންކުދީން ގުރުބާން ކުރެވެމުން ދިޔަ ކަން ތާރީޚީ ފަތްފުށްތަކުން އެނގޭކަމެވެ. މިސްރު މީހުންނަށް ނީލަކޯރު މުހިންމުވާ ފަދައިން، ހިންދޫންނަށް ގަންގާކޯރު މުހިންމުވާ ފަދައިން، ދިވެހި ކަނޑަކީ ދިވެހިންނަށް މުހިންމު ތަނެކެވެ. އެހެން ކަމުން [ކަނޑުގެ ދޭވަތާއެއް] ނުވަތަ [ކަނޑުގެކަލާނގެއެއް] އެއިރުގެ ދިވެހިންގެ އަގީދާގެ ތެރޭގައި ވުމަކީ ވަރަށް ބޮޑަށް އެކަށީގެން ވާ ކަމެއްކަމަށް އޭނާ ބަޔާންކުރެއެވެ.

މި ހެކިތަކަށް ބަލާ އިރު ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީން ކޮންމެ ސަބަބަކައިހުރެ ނަމަ ވެސް ބިކުރުވެރި އަންހެންކުދިން ޤުރުބާންކުރިކަން އެއީ ވުންއެކަށީގެންވާ ކަމެކެވެ. ޖާހިލިއްޔަ އެ ޒަމާނުގައި ޝިރުކިއްޔަތުގެ މަތީގައިވި ބަޔަކު އެ ފަދަ އަމަލުތަކެއް ކޮށްފާނެކަން ދުނިޔެގެ ތާރީޚު ވެސް ހެކިދެއެވެ. ވުމުން ކޮންމެ ސަބަބަކާ ހުރެ ނަމަ ވެސް ބިކުރުވެރި އަންހެންކުދީން ޤުރުބާންކުރިކަމަށް ދެބަސްވެވޭކަށް ނެތެވެ.

ރަންނަމާރި އަކީ ކާކު؟

އިސްވެ ބަޔާން ކުރެވުނު ކަންކަމުން "ރަންނަމާރި"އަކީ ޖަހާލަތާއި ޝިރުކިއްޔަތުގެ މަތީގައި ތިބި ބަޔަކު ދުށް ގޮތުގައި ކަނޑުގެ ކަލާންގެ ނުވަތަ "ކަނޑުގެ ދޭވަތާ"ކަން އެނގެއެވެ. އެ ޒަމާނުގައި ކަނޑުން އަރާ "ފުރޭތަ" ނުތަވަ "ޖިންނި" ނުވަތަ "އެއްޗެއް"އެވެ. މިއީ ތާރީޚީ ލިޔުންތަކަށް ބަލާ އިރު އޭރުގައި އުޅުނު މީހުން އަޅުކަންކުރި ނުވަތަ ތަބަޢަވި ރޫހާނީ އެއްޗެއްކަން ސާބިތުވާ ސަބަބުތައް އެބަހުއްޓެވެ.

ޖިންނި ނުވަތަ ރޫހާނީ ކަންކަމީ ހުސް އެކަނި ޚިޔާލީ ނުވަތަ އެއްވެސް އަސްލެއްނުވާ ކަމެއްކަމަށް އިސްލާމް ދީނުގެ އަޤީދާގައިވާ އެއްވެސް މީހަކު ޤަބޫލު ނުކުރާނެއެވެ. އެހެނީ މި އެއްޗިއްސަކީ އުޅޭ އެއްޗެއްކަން ކީރިތި ޤުރުއާނުގައި ވެސް ވެއެވެ. ރޫހާނީ ކަންކަމަކީ އިންސާނުންގެ ހަމަ ބުއްދިއަށް ފަހުމްވާން އެހައި ފަސޭހަ ކަންކަމެއް ނޫނެވެ. އެހެންކަމުން އެންމެ ފަސޭހައިން ބައެއް އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ޒާތަކަށް ބައެއް ވާހަކަ ބަދަލުކުރުން އެއީ ޠަބީޢީ ކަމަށްވެދާނެއެވެ.

މި ގޮތުން ރަންނަމާރިއަކީ އޭރު ދިވެހިރާއްޖޭގެ ޒަމާންވީ ސިންގާ ތަޚުތުގައި އިންނެވި ތީމުގޭ މަހާ ކަލަމިންޖާ ނުވަތަ ސްވަސްތީ ސްރީ ތްރިބުވަނަ އާދީއްތަ މަހާރަދުން ކަމަށްވެސް ކިޔައި އުޅެއެވެ. ނަމަވެސް ދަންނާން ޖެހޭ ހަޤީގަތަކީ އިސްލާމް ދީން ޤަބޫލުކުރެއްވުމަށް ފަހު "ދަރުމަވަންތަ ރަސްގެފާނު" ނުވަތަ އައްސުލްޠާން މުޙައްމަދު ބުނު އަބްދުﷲ އާއި ރަންނަމާރިއާއި އެއްވެސް ގުޅުމުއް ނުވާކަމުގައެވެ. އެރަދުން ވަނީ އެ ނަޖިސް އަމަލުން ބަރީއަ ވެވަޑައިގެންނެވެ. އެފަދަ ތުހުމަތެއް އެރަދުން އިސްތަށިފުޅުގައި އެޅުވޭނީ ތަރީޚީ މަންތިޤީ އެއްވެސް ހެތްކެއް ނެތެވެ. (ދީދީ އ. އ.، 2023). "ރަންނަމާރި"އެއްގެ ނިވަލުގައި ހުންނަވައިގެން ރަސްކަލަކަށް އެ ފަދަ އަމަލެއްކުރައްވާން ޖެހިވަޑައިނުގަންނަވާނެކަމަށް (ނަސީމް، 2016) ބުނެއެވެ. އެއީ އެޒަމާނަކީ ރަދުންނަށް ހާސް އަނބިން ހުއްދަކަން ރައްޔިތުން ލޮލުން ބޮލުން ޤަބޫލުކޮށްގެން އުޅުނު ޒަމާނަކަށް ވާތީއެވެ.

އެ ހާދިސާގައިވާ ގޮތަށް އެ ބުދުކޯލުތަކަށް ގެންނަ ބިކުރުވެރި އަނހެންކުދިންގެ އިއްފަތް ފޭރިގަނެ އެ ކުދިން މަރައިލާނީ އެ ތަނުގައި ތިބޭ ހާމަދުރުންކަމަށް ބޮޑަށް ބެލެވިދާނެކަމަށް ވެސް (ނަސީމް، 2016) ބުނެއެވެ. އިލްމީ ވިސްނުމަކުން ބަލާ އިރު، މިއީ ވަރަށް ގާތް ގޮތެއްކަމަށް ބަލާންޖެހެނީ ރާއްޖެ ފަދަ އެހެން މުޖުތަމަޢުތަކުގައި ވެސް މި ފަދަ ހާދިސާތައް މިހެން ހިނގައިފައި ހުރުމުންނެވެ. އެ ގޮތުން (ނަސީމް، 2016) އިންޑިއާގެ ސޯމްނާތު އަށް މިސާލުޖައްސަވައި ބުނަނީ އެ ތަން މުސްލިމުން ފަތަހަކުރި އިރު އެތަނުގައި ވެސް ބިކުރުވެރި އަންހެނުން ދިޔައީ "ރަންނަމާރި"އަށް ޤުރުބާން ކުރެވުމުންނެވެ. އަދި އެތަނުގައި އުޅުނު "ރަންނަމާރި"ތަކުގެ ހަޤީގަތް މީހުންނަށް ހާމަވެފައެވެ. އޭނާ އިޝާރާތް އެކުރަނީ އެތަނުގައި އުޅުނު ހާމަދުރުންނަށެވެ.

ދިވެހިރާއްޖެ އިސްލާމްވުން

ދުނިޔޭގެ ހުޅަނގާއި އިރާއި ދެމެދު ހުރަހަށް ފައްޗަކަށް އެމުނިފައިވާ ރައްތަކެއްގެ މައްޗަށް އެކުލެވޭ މި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭން ފެއްޓި ތާރީޚު ސީދާ ނޭގުނު ނަމަވެސް 2000އަށް ވުރެ ގިނަ އަހަރު ވެއްޖެކަމުގައި ތާރީޚު ހެކިވެއެވެ. އަދި މި ރާއްޖޭގެ ވަޒަންވެރީންނަކީ ކަނޑު ދަތުރުފަތުރުކޮށް އުޅުނު ބަޔެކެވެ. ހަމަ އެހެންމެ އެހެން ކަރަތަކުން ދިވެހިރާއްޖެއަށް ދަތުރުކުރިކަމާއި އެ ވެރިންގެ ދަތުރުތަކުގެ ސީދާ މަންޒިލުކަމުގައި ނުވިޔަސް އެކި ސަބަބުތަކާ ހުރެ، ދިވެހިރާއްޖޭއަށް އައިކަން ނުވަތަ "ޓްރާންސިޓް"ކުރިކަން ތަރީޚީ ލިޔެކިޔުންތަކުން ހާމަވެއެވެ. މި ގޮތުން އެއް ބަޔަކު އަނެއް ބަޔަކާ އެކު، އަބަދުވެސް ޟަރޫރީ ބޭނުންތަކާއި އެ ނޫން ވެސް އެހެނިހެން އެދުންތައް ފުއްދަމުން ދެއެވެ. މި ގުޅުމުގެ ތެރެއިން މުދަލާއި ސަޤާފަތާއި އެނޫންވެސް ކަންކަން ދިޔައީ ބަދަލުވަމުންނެވެ.

(ދީދީ އ. އ.، 2023) ބުނާ ގޮތުން މީލާދުން 700ވަނަ އަހަރާ ހިސާބުގައި އިންޑިއާ ކަނޑުގައި އަރަބީންގެ ނުފޫޒު ގަދަވާންފަށައިފިއެވެ. ދިވެހިރާއްޖެއަކީ ވެސް މި ކަނޑުގައި އޮތް ވިޔަފާރި ބަނދަރެއްކަމަށް ވުމުން އަރަބީންގެ ނައު ތައް ދިވެހިރާއްޖޭގެ ރަށްރަށުގައި ބަނދަރުކުރަމުން ގޮސްފައިވެއެވެ. މި ކަން އެބައިމީހުންގެ ފަތްފުތްތަކުގައި ލިޔެވިފައި ހުރުމުން ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީން ވެސް އަރަބިންނާއި ފާރިސީން ދިވެހިރާއްޖެއަށް އައިސްފައިވާކަން ހާމަވެއެވެ.  އޭރު އިސްލާމްދީން ދިޔައީ ހަލުވިކަމާއި އެކު އެވެރިންގެ ތެރޭގައި ފެތުރެމުންނެވެ.

ހަމަ އެހެންމެ ދިވެހިން ދަތުރުކުރަމުން ދިޔަ ބަރުބަރީ ސަހަރާ (މިހާރުގެ ސޯމާލިއާގެ ރަށެއް)، ފާރިސްކރައިގެ ސިރަފޭ ކިޔުނު ސަހަރާ އަދި އިންޑިޔާ ބައްރުގެ މަލާބާރުކަރަ ފަދަ ތަންތަނުގައި މި ދުވަސްވަރު ވަނީ އިސްލާމްދީން ފެތުރެން ފަށައިފައެވެ. (ދީދީ އ. އ.، 2023). ވީމާ ދިވެހިންނަށް އިސްލާމްދީނުގެ ކަންކަން ވަނީ މަޝްޙޫރު "ރަންނަމާރި" ހާދިސާގެ ކުރީން ވެސް ފެނި ތަޖުރިބާކުރެވިފައެވެ. (ދީދީ އ. އ.، 2023) ބުނާގޮތުން؛

". . . ދިވެހީން ދަތުރުކުރަމުން ދިޔަ ވިޔަފާރި ބަނދަރުތަކުން ދިމާވާ އިސްލާމުންގެ ރިވެތި އަޚުލާގާއި އެބައިމީހުން ދައްކަމުން ދިޔަ ތެދުވެރިކަމާއި އަމާނާތްތެރިކަން ދިވެހީންނަށް ފެންނާނެއެވެ. އެބައިމީހުންގެ ނަފުސުގައި ހުންނަ ހިތްހެޔޮކަމާއި އަނެކުންނަށް އަޅައިލުން ހުރި މިންވަރު ފެންނާނެއެވެ. ދީނުގެ ގޮތްތަކުން އިންސާނުން ގިންތިކުރުމާއި ދަރަޖަކުރުމުން ދުރުހެލިވެފައި އޮތް ދީނަކަށް ތަބައަވެގެން ނަފުސުގެ މިނިވަންކަމާ އެކު އުޅޭ ތަން ފެންނާނެ އެވެ. ޝައިޠާނީ ގުރުބާންތަކާ ހާމުދުރުންނަށް އަޅުދާސްތުވެގެން އުޅޭންޖެހޭ އުޅުން ނެތް ސާފު ދިރިއުޅުމެއްގައި އުޅެވޭ ދީނެއް ފެންނާނެއެވެ. މިހެންކަމުން މި އެންމެހައި ކަންކަމާ އެކު އާންމު ދިވެހީންގެ ތެރޭގައި އެއިރު އޮންނާނީ އިސްލާމުދީން ފެތުރެން ފަށައިފައެވެ. ސިއްރިޔާތުގައި އިސްލާމުދީނުގެ މައުލޫމާތު އަތޮޅާއި ރަށުގެ އާންމުންގެ ތެރޭގައި ފެތުރެމުން ދާނެ އެވެ.."

މިހެންކަމުން މީލާދުން ގާތްގަނޑަކަށް 700ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް އޮންނާނީ އިސްލާމީ ނޫރުގެ އަލިކަން ފާޅުވާން ފަށައިފައެވެ. (ދީދީ އ. އ.، 2023). އެއީ ދައުލަތެއްގެ ސިފައިގައި އިސްލާމްދީން ޤަބޫލުކުރިކަމަށް ތާރީޚުން ބުނާ މީލާދުން 1153ގެ ހަތަރު ގަރުނު ކުރިއެވެ.

ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖެ އިސްލާމްވީ މީލާދުން 1153ވަނަ އަހަރު ޖޫން ނުވަތަ ޖުލައި މަހުގައެވެ. ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު  މަހުގައެވެ. ޤަދީމީ މި ހާޟާރަތައް އިސްލާމްދީނުގެ ނޫރު އަލިކޮށްލި ހާދިސާއަކީ ދިވެހި ތަރީޚުގެ އެންމެ އަލިގަދަ ޞަފުހާއެވެ. އެއީ ދަރުމަވަންތަ ރަސްގެފާނުގެ ނުވަތަ އައްސުލްޠާން މުޙައްމަދު ބުނު އަބްދުﷲ ދިވެހި ދައުލަތަކީ އިސްލާމީ ދަޢުލަތެއްކަމުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްބިނާކޮށް ދިވެހީން ޤުރުރާން އުނގެނުމަށާއި އަރަބި އިސްލާމީ ޢިލްމު އުނގެނުމަށް އަމުރުކުރެއްވި މި ޤައުމުގެ އަޤުހުރި ހަނދާނެވެ.

ނިންމުން

ރަންނަމާރި ވާހަކައަކީ ފޯކުލޯރަކަށް ވީނަމަވެސް މި ވާހަކައިގެ ފަހަތުގައި ބުއްދިއަށް ވިސްނޭ ސަބަބުވެރި އެތައް ކަމެއް ވެއެވެ. އެ ގޮތުން އިންސާނީ އެކި ހަޟާރާތްތަކުގައި ޕޭގަނުންނާއި އެކި ދީންތަކުގެ މީހުން ޖިންނި ޝައިތާނުންނަށް އަޅުކަންކުރިކަމުގެ ސަޤަފަތެއް އޮތްކަން އެނގެން އެބަހުއްޓެވެ. އަދި އެ ތަކެތީގެ މެދުވެރިންކަމުގައި އުޅޭ ހާމަދުރުންނާއި ސަގުން އެމީހުންގެ އަމިއްލަ ދުނިޔެވީ އެދުންތައް ހާސިލްކުރުމަށް އެތައް ކަމެއް ކޮށްފައިވާކަން އެނގޭން އެބަހުއްޓެވެ.

ދިވެހިރާއްޖޭގައި ހިނގައި ދިޔަ މި ހާދިސާގައިވެސް ބޮޑަށް ބުރަވެވެނީ އެއީ އެ ބުދުކޯލުތަކުގައި އުޅުނު ހާމަދުރުން ބިކުރުވެރި އަންހެންކުދިންގެ ފޮނިމީރުކަން ހާސިލްކުރީ ކަމުގައެވެ. ކައިވެރިކުރުމަކީ އެވެރިންނަށް ހުއްދަކަމަކަށް ނުވާތީ، އެވެރިންގެ އެތެރެހަށީގެ ހޫނުކަން "ރަންނަމާރި"ގެ އެހީގައި ފިނިކުރީ ކަމަށް (ނަސީމް، 2016) ބުނެއެވެ. އޭނާ އިތުރަށް ބުނަނީ " ... މި ގޮތުން [ރަންނަމާރި]ތަކަށް ވެދުންކުރެވޭ ކުދީންގެ ފުރާނައާ އެ ކުދީންނަށް އަލްވިދާ ކިޔާން ޖެހެނީ، [ރަންނަމާރީ]ގެ ނާޗަރަންގީ ނިމޭ ފަހުން އެ ކުދީން ދިރި ތިބެއްޖެ ނަމަ [ރަންނަމާރީ]ގެ ހަގީގަތް މީހުންނަށް އެނގި، [ނަފުސުގެ އެދުންތަކުން ދުރުވެގެން ތިބޭ މާތް ސަގުންނަށް] މީހުން ކުރާ އިތުބާރާއި ގަދަރު ގެއްލިގެން ހިނގައިދާނެތީ، އެ [މަތިވެރި ސިއްރު] ހިފެހެއްޓުމަށެވެ." މިއީ ޢިލްމީ ގޮތުން މި ހާދިސާއާއި މެދު ވިސްނާލުމުން ޤަބޫލުކުރެވޭ ސަބަބުވެރި ގޮތެކެވެ.

ކޮންމެއަކަސް ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ ރަންނަމާރީގެ އިލްޒާމު އޭރުގެ ރަދުންގެ އިސްތަށިފުޅުގައި އެޅުވޭނެ ހަމަ އެއްވެސް ގޮތެއް ނެތްކަމެވެ. މިއާ ޚިލާފަށް ދިވެހިރާއްޖޭ އިސްލާމީ ދައުލަތަކަށް ހެއްދެވުމަށް އަ ރަދުން ފެއްޓެވި މަސައްކަތްޕުޅަކީ ދިވެހިން އަބަދުމެ އަބަދަށް ޝުކުރުވެރިވާންޖެހެނެ ކަމެކެވެ. ދަރުމަވަންތަ ރަސްގެފާނަށް ހައްޤު ޝުކުރާއި އިޙްތިރާމް އަދާކުރުމަކީ ހަމަ ކޮންމެ ދިވެއްސަކަށްމެ އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ.

ހަވާލާ ލިސްޓު

ނަސީމް, އ. (2016, ޑިސެމްބަރު 31). ދިވެހިރާއްޖެ އިސްލާމްވި ހާދިސާއަށް ބަހަވީ ނަޒަރަކުން ކަޅިއެއް. އާފަތިސް. https://aafathis.mv/archives/4219

ރިފަ, ފ. (2021, ނޮވެމްބަރު 08). ރަންނަމާރި ވާހަކައިގެ ހަގީގަތަކީ ކޮބާ؟. ތީރު. https://theeru.com/social/1781

އަޖްފާން, ފ. (2019, ނޮވެމްބަރު 29). ރާއްޖެ އިސްލާމްވުން: ރަންނަމާރީގެ ބިރުވެރިކަމުން ސަލާމަތްވީ ދުވަސް! ދަޕްރެސް. https://thepress.mv/108241

މުހައްމަދު, ނ. (2002). ޕްރި އިސްލާމިކް މޯލްޑިވްސް. މޭން އެންޑް އެންވާރަމެންޓަލް ޖާރނަލް އޮފު ދަ އިންޑިއަން ސޮސައިޓީ ފޯ ޕްރިހިސްޓޮރިކް އެންޑް ކުއަޓަރނަރީ ސްޓަޑީޒް. https://twothousandisles.com/wp-content/uploads/2017/09/pre-islamic-maldives.pdf

ފިޝާ, މ. (2017, އޮކްޓޯބަރު 09). ތްރޯވިންގ ވާރޖިންސް އިންޓޫ ދަ ސީ އެންޑް އަދާރ ވޭސް ޓު އެޕީސް ދަ ގޯޑްސް: ދަ އެންޝެންޓް ރީޒަން ބިހައިންޑް ވާޖިން ސެކްރިފައިސް. އެންޝެންޓް އޮރިޖިންސް. https://www.ancient-origins.net/history/throwing-virgins-sea-and-other-ways-appease-gods-ancient-reasons-behind-virgin-sacrifice-021653

ދީދީ, އ. އ. (2022, ޖަނަވަރީ 13). އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (14). އަދަދު. https://adhadhu.com/article/20281

ދީދީ, އ. އ. (2023, އޮކޮޓޫބަރު 17). ރާއްޖެ އިސްލާމީ ދައުލަތަކަށް އެނބުރުނީ ކިހިނެއް؟. އަދަދު. https://adhadhu.com/article/44278

ކޮމެންޓު