ad_banner
އިޚުލާޞްތެރިކަމާ އެކު ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

4 އޭޕްރިލް 2026

މި ދުވަސްވަރަކީ ދިވެހީންނަށް ވަރަށް ޚާއްޞަ ދުވަސްވަރެކެވެ. ދުވަސްދުވަސްކޮޅުން އަންނަ އިންތިޚާބީ އީދެވެ. މާލެއާއި ރާއްޖޭގެ އަތޮޅުތަކުން އެކި ރަށްރަށުން ފެންނަނީ މި ކަމުގެ ފާޅުކަން ބޮޑު ހެކިތަކެވެ. އެކި ގޮތްގޮތަށް ދަމައިފައިވާ އެކި ކުލަކުލައިގެ ފޮތިތަކުން މަގުތަކަށް ވަނީ ހިޔާދީފައެވެ. މިއީ ތިމާމެންގެ ކަންކަން ތިމާމެންނަށް ޓަކައި ހިންގަވައިދެއްވާނޭ ވެރީން ކަނޑައަޅާން ރައްޔިތުންނަށް ލިބޭ ފުރުސަތެވެ. ޑިމޮރެސީއޭ މިކިޔާ ނިޒާމުގައި ރައްޔިތުންނަށް ލިބޭ އެންމެ މުހިންމު ފުރުސަތަކީ މިއީކަމަށް ވެސް ދެންނެވިދާނެއެވެ. އެހެނީ ވޯޓުން ވެރީން ހޮވުމަށް ފަހު އެ މަންދޫބުންނާ އަޅުގަނޑުމެންގެ ކަންކަން ހަވާލުވުމުން އަޅުގަނޑުމެންގެ މައްޗަށް ހިންގާނީ އެ ބޭފުޅުންގެ ސިޔާސަތެވެ. އަމުރެވެ. އަޅުގަނޑުމެން ނުރުހޭ ގޮތަށް ކަން ކުރައްވައިފި ނަމަ، އެ ބަޔަކު ބަދަލުކުރުމުގެ ބާރު އަނެއްކާ ވެސް ލިބޭނީ ފަސް އަހަރު ފަހުން އަންނަ އިންތިޚާބެއްގައެވެ.

ވޯޓުލުމުގެ ފުރުސަތު މި ފަހަރު އަލަށް ލިބޭ ޒުވާނުން(ގެ ތެރެއިން ބައެއް ޒުވާނުން) ތިމަންނާ ވޯޓުދޭން ބޭނުން މީހަކު ނެތްކަމަށް ބުނެ ވޯޓު ނުދޭނަމޭ ބުނާ އަޑު ވެސް އިވެއެވެ. މި ފަހަރު އިންތިޚާބުގައި ވާދަކުރައްވާ ފުރަދާރުންގެ ތެރޭގައި ތިމަންނަ ވޯޓުދޭން ޖެހޭ ފުރަދާރަކު ނެތޭ ވެސް ބައެއް މީހުން އެބަ ބުނެއެވެ. މިއީ ރަނގަޅު ވިސްނުމެއް ބާވައެވެ!

ތިމާއަށް ކަމުދާ ފުރަދާރަކު ނެތްކަމަށް ބުނެ ތިމާ ވޯޓު ނުދިނަސް ގިނަ ބަޔަކު ވޯޓުދޭނެއެވެ. ވޯޓުދޭ މީހުންގެ ތެރެއިން އަޣުލަބިއްޔަތު ލިބޭ ފުރަދާރުންނަށް އިންތިޚާބު ކާމިޔާބުވީކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން އިޢުލާނުކުރާނެއެވެ. ދެން އަޅުގަނޑުމެންގެ ރަށްރަށުގެ، ސިޓީތަކުގެ ކަންކަމާ ހަވާލުވެވަޑައިގަންނަވާނީ އެ ބޭފުޅުންނެވެ. އެ ހިސާބުން އަޅުގަނޑުމެންގެ މައްޗަށް އަމުރުމަޢުރޫފު ހިންގެވުމުގެ ގާނޫނީ ހުރިހައި ބާރެއް އެ ބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް އަޅުގަނޑުމެން ފަސް އަހަރު ވަންދެން ތިބޭން ޖެހޭނީ އެ ބޭފުޅުންގެ އަމުރުވެރިކަމުގެ ދަށުގައެވެ.

ކަން މިހެން އޮތުމާއެކު، އަޅުގަނޑުމެންގެ ވެރީން އިންތިޚާބުކުރުމުގައި ބައިވެރިވުމުގެ ފުރުސަތަކީ ސަމާސާ ކަމެއްނޫނެވެ. އަޅުގަނޑުމެން އެންމެ އެދޭ ފުރަދާރަކު (ކެންޑިޑޭޓަކު) ނެތަސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅުކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކެންޑިޑޭޓުންނަށް ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އަޅުގަނޑުމެން ވޯޓު ނުދީފި ނަމަ، އެއީ އަޅުގަނޑުމެން ނުރުހޭ ފުރަދާރަކަށް ދެވޭ ދެ ވޯޓެކެވެ. އެހެނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅުކަމަށް ފެންނަ ފުރަދާރުންނަށް އެ ވޯޓުތައް މަދުވާނެއެވެ. އޭގެ ސަބުން އެހެން ފުރަދާރުންނަށް ލިބޭ ވޯޓު އިތުރުވާނެއެވެ.

އަޅުގަނޑުމެން ކުރާ (ހުއްދަ) ކޮންމެ ކަމެއް ވެސް އިޚުލާޞްތެރިކަމާއެކު ﷲއަށް ޓަކައި ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި އަޅުކަމަކަށް ވާނެއެވެ. ވީމާ ވޯޓު ދޭންޖެހޭނީ އިޚުލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑުމެންގެ ހިތުގައިވާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ.

އިޚުލާޞްތެރިކަމުގެ މާނައަކީ "އޮޅުވައިލުމާއި ދެފުށްދެގޮތްކަމެއް ނެތްކަން." ނުވަތަ "ވަފާތެރިކަން" ނުވަތަ "ތެދުވެރިކަން"ކަމަށް "ދިވެހިބަހުގެ ރަދީފު"ގައި އޮވެއެވެ. އޭގެ މާނައަކީ ކަންދެއްކުމާއި ގޮތް ދެއްކުމާއި އޮޅުވައިލުމާއި މަކަރުހެދުމާއި ނިފާޤުކަން ނެތުމެވެ.

ހަގީގަތުގައި މުސްލިމުންގެ ޙައްޤުގައި އިޚުލާޞްތެރިކަމަކީ އެ މީހަކު ކުރާ ހުރިހާ ކަމެއް، މާތް ﷲގެ ރުހިވޮޑިގަތުން އެދިގެން ތެދުވެރިކަމާ އެކު ކުރުމެވެ. އެހެން އެއްވެސް ނިޔަތެއް، އޮޅުވައިލުމެއް، ކަންދެއްކުމެއް ނެތި ތެދުވެރިކަމާއެކު ކޮންމެ ކަމެއްވެސް ކުރުމެވެ. މުސްލިމަކު ކުރާ ކޮންމެ ހެޔޮ ޢަމަލެއް ވެސް ކުރާން ވާނީ ތެދުވެރި ހިތަކާއިގެންނެވެ. މީހުންނަށް ދެއްކުމަށް ޓަކައެއް ނޫނެވެ. އަމިއްލަ އެދުމަށް ޓަކައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ" ("ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّهއަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު ގާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވައިފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.") (سورة البينّة:5)

އިޚުލާޞްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ސިފައެކެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ކޮންމެ ޢަމަލެއް ކުރިކަމުގައި ވިޔަސް ވެހެވެ. މުސްލިމަކު ނަމަ ހުއްދަ ޢަމަލެއް ނޫނީ (ގަސްތުގައެއް) ނުކުރާނެއެވެ. ޝަރުޢުގައި ކަނޑައެޅިފައިވާ ޢިބާދާތުގެ އެކި ޢަމަލުތައް ފިޔަވައި ހުއްދަ ކޮންމެ ކަމެއް ވެސް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ވާނެއެވެ. އެއީ ވޯޓުލުންކަމަށް ވީނަމަވެހެވެ. މުސްލިމަކު ނަމަ އޭނާ އެ ކަން ކުރާނީ ﷲގެ ރުހިވޮޑުގަތުން ހޯދުމަށް ޓަކައެވެ. އިޚުލާޞްތެރިވުމަށާއި އިޙުސާންތެރިވާން މާތް ﷲ އަންގަވައިފައިވާތީއެވެ. އެ ކަމަށް ޓަކައި އޭނާ ރިޝްވަތެއް ނުހިފާނެއެވެ.

މުސްލިމުން ކުރާ ކޮންމެ ޢަމަލެއްގައި ވެސް އިޚުލާޞްތެރިވާނެއެވެ. އެއީ ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންގެ ކިބައިގައިވާ މާތް ސިފަތަކުގެ ތެރެއިން ޚާއްޞަ ސިފައެކެވެ.

އެއް ދުވަހަކު ކީރިތި ރަސޫލާ () އަރިހަށް މީހަކު ގޮސް ދެންނެވިއެވެ. "އޭ ﷲގެ ނަބިއްޔާއެވެ. ތިމަންނާ ﷲއަށް ޓަކައި ހިތްވަރުގަދަކަން ދައްކަމެވެ. އަދި ތިމަންގެ ހިތްވަރުގަދަކަން މީހުންނަށް ފެންނާން ވެސް ލޯބިކުރައްވަމެވެ." މީނާގެ ވާހަކާ ގުޅިގެން ވަކިއެއްޗެއް ހަދީސްނުކުރައްވައި ﷲގެ ވަޙީއަށް އިންތިޒާރުކުރެއްވިއެވެ. އެއަށްފަހު ސޫރަތުލްކަހުފުގެ 110ވަނަ އާޔަތް މާތް ﷲ ބާވައިލެވުމުން އެ މީހާއަށް ޖަވާބުދެއްވިއެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. "قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا." ("ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުކުރާހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!") (سورة الكهف:110)

ކޮންމެ ޢަމަލެއް ވެސް ބިނާވެގެންވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަން ދޭހަވާ ވަރަށް މަޝްހޫރު ޙަދީޘެއް އޮވެއެވެ. "إِنَّماالْأعمَالُ بِالنياتِ" ("ހަމަ ކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ.") މިއީ ވަރަށް މަޝްހޫރު ހާދިސާއަކާ ގުޅިގެން ރަސޫލާ ކުރެއްވި ޙަދީސެކެވެ. އެއީ އަޞްހާބު ބޭކަނބަލެއްކަމަށްވާ އުންމުޤައިސް، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހާދިސާއެވެ. ފަހެ އެ ކަމަނާ މަދީނާއަށް ހިޖުރަކުރެއްވުމުން މީހަކު އެ ކަމަނާގެ ކާވެންޏަށް އެދިގެން އެ ކަމަނާގެ ފަހަތްޕުޅުން ހިޖުރަކުރިއެވެ. އޭނާ ހިޖުރަކުރީ ﷲގެ ދީނަށް ނަޞްރުދިނުމުގެ ނިޔަތެއްގައެއް ނޫނެވެ. ހަމައެކަނި އެ ކަމަނާގެ ކާވެންޏަށް އެދިގެންނެވެ. މި ޙާދިސާއާ ގުޅިގެން ކައު ރަސޫލާ () ޙަދީޘްކުރެއްވިއެވެ. " إِنَّمَا الْأَعْمَالُ بِالنِّيَّةِ وَلِكُلِّ امْرِئٍ مَا نَوَى فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ عَزَّ وَجَلَّ فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ‏.‏  ("ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްމެ އޭނާ ނިޔަތްގަތްކަމެއް ވެއެވެ. ފަހެ اللَّه ޢައްޒަ ވަޖައްލައަށް ޓަކައި ހިޖުރަކޮށްފި މީހާގެ ހިޖުރަ ވާހުށީ އޭނާ އެ ހިޖުރަ ކުރި ކަމަކަށް ޓަކައެވެ. އަދި ދުނިޔަވީ ބޭނުމަކަށް ޓަކައި މީހަކު ހިޖުރަކޮށްފި ނަމަ، ފަހެ އޭނާގެ ހިޖުރަ ވާހުށީ އޭނާ އެ ހިޖުރަކުރި ކަމަކަށް ޓަކައެވެ.") (ބުޚާރީ: 1، މުސްލިމް:1907)

އިޚުލާޞްތެރި މުއިމިނުން ޝާއިޠާނާގެ ނުބައިކަމުން ސަލާމަތްކުރައްވައިފައިވާކަން ޝައިޠާނާގެ ދުލުން އިޤުރާރުވެފައިވާ ވާހަކައާއި ﷲ އެކަލޭގެއަށް ދެއްވި ޖަވާބު މާތް ﷲ ކީރިތި ޤުރުއާނުގައި ޒިކުރުކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "قَالَ رَبِّ بِمَآ أَغْوَيْتَنِي لأُزَيِّنَنَّ لَهُمْ فِي الأَرْضِ وَلأُغْوِيَنَّهُمْ أَجْمَعِينَ. إِلاَّ عِبَادَكَ مِنْهُمُ الْمُخْلَصِينَ. قَالَ هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ. إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ اتَّبَعَكَ مِنَ الْغَاوِينَ" ("އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިނބަރަސްކަލާނގެ އަޅުންކުރެ ޚިޔާރުކުރައްވައިފައިވާ މީހުން މެނުވީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ ޙަޟުރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބާވާ މީހުން މެނުވީއެވެ.") (سورة الحِجْر:39-42) (މި ތަރުޖަމާގައި "ޚިޔާރުކުރައްވައިފައިވާ މީހުން"ނޭ އެ އޮތީ އިޚުލާޞްތެރީންނަށެވެ.)

ކަން މިހެން ހުރުމާ އެކު ކޮންމެ ދިވެއްސަކު ވެސް އިޚުލާސްތެރިކަމާއެކު ވޯޓުދޭން ޖެހެއެވެ. ދިވެހި ޤައުމުގެ ލާބައާއި މަންފާއަށް ޓަކައެވެ. ކެންޑިޓޭޓުން (ނުވަތަ ފުރަދާރުން) އިޚުތިޔާރު ކުރާންޖެހޭނީ އަމިއްލަ މަޞްލަޙަތަށް އިސްކަންދިނުމެއް ނެތިއެވެ. އަމިއްލަ މަޞްލަޙަތު ދޫކޮށް މުޖުތަމަޢުގެ މަޞްލަޙަތަށް ޓަކައެވެ. އަމިއްލަ ފައިދާއޭ ހީކުރިޔަސް ހަގީގަތުގައި އަމިއްލަ ފައިދާ ވެސް އޮންނާނީ މުޖުތަމަޢުގެ މަޞްލަޙަތުގައެވެ. ވަގުތީ ގޮތުން އަމިއްލަ ފައިދާއެއް ލިބުނޭ ހީވިކަމަށް ވިޔަސް ކުރިމަގުގައި މުޖުތަމަޢަށް ލިބޭ ފައިދާއެއް ނޫނީ ފަރުދުންނަކަށް ނުލިބޭނެއެވެ.  ތިމާއަކީ ތިމާ ދިރިއުޅޭ މުޖުތަމަޢަށް ލިބޭ ކޮންމެ ގެއްލުމަކާއި ފައިދާއެއްގެ ހިއްސާދާރެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މީހެއްގެ އަތުން، ވޯޓު ދޭނަމޭ ކިޔައިގެން ރިޝްވަތު ހިފިއްޖެ ނަމަ ވޯޓު ނުދިނުމަކީ ވަރަށް ނުބައި ކަމެކެވެ. ދަންނަވަންތޯއެވެ؟ ރިޝްވަރު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ލަޢުނަތް ލައްވައިފައިވާ ކަމެކެވެ. އެއީ ވަރަށް ބޮޑު ނުބައި ކަމެކެވެ. ނަމަވެސް އެ ރިޝްވަރު ހިފި މަގުސަދު ހާސިލުވާ ގޮތަށް ޢަމަލުކުރުމަކީ އަނެއްކާ އިތުރު ނުބައެކެވެ. ނުބައި ކަމެއް ކުރެވުމުން އިތުރު ނުބައި ކަމެއް ތަކުރާރުކުރާކަށް ނުޖެހޭނެއެވެ. ޖެހޭނީ ކުރެވުނު ނުބައިކަންތަކާ މެދު ހިތާމަކޮށް ތައުބާ ވާށެވެ. ވީމާ ތިމާއަށް ނޭނގުމެއްގެ ތެރޭގައި ނުވަތަ ހަވާނަފުސުގެ އަވާގައި ޖެހިގެން ރިޝްވަތު ހިފުނަސް، ވޯޓު ދިނުމުގައި ރަނގަޅު މީހާ އިޚުތިޔާރުކުރުމަކަށް ހުރަހެއް ނެތެވެ. އެ ފަދަ ނުބައި ކަމެއް ދެން ދުވަހަކު ވެސް ނުކުރާން ޢަޒުމު ކަނޑައަޅައި ތައުބާވެ، އެ ގޮތުގައި ދެމި ހުންނާންވީއެވެ. އަދި، މާތް ﷲއަށް ޓަކައި، އެންމެ ރަނގަޅު، ތެދުވެރި ޤާބިލު މީހާއަށް ވޯޓު ދިނުމަކީ ތިމާއަށް ދެ ދުނިޔޭގައި ވެސް އެންމެ ފައިދާ ހުރި ގޮތެވެ.

އެއްވެސް ޝައްކެއް ނެތެވެ. ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮންމެ މީހަކު ވެސް ވޯޓުދޭން ޖެހޭނެއެވެ. އެހެންނޫނީ އެއީ ތިމާއާ ޑިމޮކްރެސީ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތަކުން ތިމާ ރެކިގަތީއެވެ. އެއީ މުސްލިމެއްގެ ހައިސިއްޔަތުން ތިމާއާ ޙަވާލުވެފައިވާ އަމާނާތަކަށް ޚިޔާނާތްތެރިވީއެވެ. މިއީ މި އުންމަތުގެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އިޖުތިމާޢީ ގޮތުންނާއި ޤައުމީ ގޮތުން އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެނީ ރައްޔިތުން މި ހޮވަނީ، އެބައިމީހުންގެ ކަންކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަދާކުރާނޭ ވެރީންނެވެ. ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ވެރީންނެވެ. ރައްޔިތުންނަށް ބޭނުންވާނޭ ޚިދުމަތްތައް ފޯރުކޮށްދީ ރަށުގެ ޢާންމު މަސްލަހަތާއި މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތްކުރާނޭ މަންދޫބުންނެވެ. މުޅި ރަށުގެ ބިނާރު ގާއިމުކޮށް ރަށް ތަރައްޤީކުރާނެ ވެރިއެކެވެ. އެހެންކަމުން އިޚުލާޞްތެރިކަމާއެކު ތިމާއަށް ފެންނަ އެންމެ ތަޢުލީމީ، އެންމެ ހުނަރުވެރި، އެންމެ ތަޖުރިބާކާރު، އެންމެ ދީން ދެކެ ލޯބިވާ، އެންމެ އިޚުލާޞްތެރި، އެންމެ ގާބިލު ކެނޑިޑޭޓުންނަށް ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އެއީ ކޮން ބަޔެއްކަން ކަނޑައަޅާނީ މީހަކު ބުނެގެންނެއް ނޫނެވެ. މާތް ﷲއަށް ޓަކައި ތިމާ އަމިއްލައަށެވެ. އިޚުލާޞްތެރިކަމާއެކީގައެވެ.

ވީމާ، ތިމާ ދޭ ވޯޓާ މެދު ވެސް ތިމާ ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އެބަ އޮތްކަން ހަނދާންކޮށް އިޚުލާޞްތެރިކަމާއެކު ވޯޓުދިނުމަށް ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވައިލަމެވެ. އަޅުގަނޑުގެ އަނބިދަރީންނާއި، އަޑުގަނޑު ކިޔަވައިދީފައިވާ އަދި ކިޔަވައިދެމުންގެންދާ އެންމެހައި ދަރިވަރުންނާއި ގާތްތިމާގެ އަދި ރަޙުމަތްތެރީންގެ ކިބައަކުން ވެސް ވަކި ބޭފުޅަކަށް ވޯޓު ދޭކަށް އަޅުގަނޑެއް ނޭދެމެވެ. އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ހަމަ ކޮންމެ ރައްޔިތަކު ވެސް ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މުސްތަޤުބަލަށް ޓަކައި އިޚުލާޞްތެރިކަމާއެކު ވޯޓުދެއްވުމެވެ. އިނބަ ދެއްވާ ވޯޓަކީ ވެސް ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ލިޔުއްވޭނޭ ގޮތުގެ މަތީން މާތް ﷲއަށް ޓަކައި ވޯޓުދެއްވުމެވެ. އިނބަގެ ސިކުނޑީން ވިސްނަވައިގެންނެވެ. އަޅުގަނޑުގެ އިލްތިމާސަކީ މިއީއެވެ. ރަނގަޅު ގޮތް އިޚުތިޔާރުކުރެއްވުމުގައި އުނދަގޫތަކެއް ހުރެއްޖެ ނަމަ، އިޚުލާޞްތެރިކަމާއެކު އިސްތިޚާރާ ނަމާދެއްކުރައްވާށެވެ! ދެން އިނބަގެ ހިތަށް އިލްހާމުވާ ގޮތަކަށް މާތް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާ އެކު އިނބަގެ ސިކުނޑީން ވިސްނެވުމަށް ފަހު، ވޯޓުދެއްވާށެވެ! އަދި އެއީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ވޭތޯ މަސައްކަތްކުރައްވާށެވެ!

ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން އިލްހާމުކުރައްވާށިއެވެ! އާމީން

 

ކޮމެންޓު