ad_banner
މޫނުތައް ވަރުގަދައަށް ފުސްވެގެންވާ ދުވަސް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

3 އޭޕްރިލް 2026

ޤިޔާމަތްދުވަހަކީ ކޮންމެ އިންސާނަކަށް ވެސް ބައްދަލުކުރާންޖެހޭނެ ދުވަހެކެވެ. އެއީ އެންމެން ވެސް އިންތިޒާރުކުރާ ދުވަހެކެވެ. އެއީ ﷲގެ ޢަދްލުއިންސާފުގެ ތިލަފަތް ބެހެއްޓޭ ދުވަހެވެ. އިންސާނާގެ އެންމެހައި ޢަމަލުތައް ހިސާބުކުރެވޭ ދުވަހެވެ. މި މީޒާނުން އެ ޢަމަލުތައް ކިރުމަށް ފަހު އިންސާނާއަށް ފުރިހަ ޖަޒާ ދެވޭނެ ދުވަހެވެ. އެ ދުވަހުގައި އޮޅުވައިލުމެއް ނެތެވެ. މަކަރުހެދުމެއް ނެތެވެ. ކީރިތި ޤުރްއާނުގައި މި ދުވަސް ތަފާތު ގޮތްގޮތަށް ސިފަކޮށްދެއްވައިފައިވެއެވެ. ބިރުން ފިތްކަނޑައިގެން ދާނެ ސިފަތަކަކުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّا نَخَافُ مِنْ رَبِّنَا يَوْمًا عَبُوْسًا قَمْطَرِيرًا [1]- ހަމަކަށަވަރުން، އެ ދުވަހެއްގައި، މޫނުތައް ގަދަފަދަ ގޮތެއްގައި ފުސްވެގެންވާ ދުވަހަކާ މެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ.))

ޤިޔާމަތްދުވަހަށް ޢަބޫސްދުވަސް ކިޔުނީ ކީއްވެ؟

ޤިޔާމަތްދުވަހަށް "ޢަބޫސް ދުވަސް" މި ނަމުން ނަންދެއްވީ އަރަހުށި މާތް ﷲ އެވެ. އެއީ އިންސާނެއްގެ ޚިޔާލަށް ނުގެނެވޭނެ ފަދަ ބިރުވެރި ދުވަހެކެވެ. ބޮޑެތި ފިލޯސަފަރުންނަށް މި ދުވަހުގެ ބިރުވެރިކަން ބަޔާންކޮށެއްނުދެވޭނެތެވެ. އެއީ މާތް ﷲ އިންސާނާ މި ދުނިޔޭގައި ކުރި ޢަމަލުތަކުގެ ހިސާބުބެއްލެވުމަށް ޓަކައި އޭނާ އަލުން  ދިރުއްވަވާ ކަށްވަޅުން ނެރުއްވާ ދުވަހެވެ.މިދުވަހު މާތް ﷲ ބިރުވެރި މައިދާނަކަށް މީސްތަކުން އެއްކުރައްވާނެތެވެ.  

"يوْمًا عَبُوْسًا " މި ކަލިމަ އިޝާރާތްކުރަނީ އެ ދުވަހުގެ ބިރުވެރިކަމަށާއި ނުތަނަވަސްކަމަށެވެ. ކާފިރުންނަށާއި ފާސިޤުންނަށް އެ ދުވަސް ވާނީ ކަނު އަނދިރި ހިތާމަވެރި ނުތަނަވަސް ދުވަހަކަށެވެ. މުފައްސިރުން ވިދާޅުވާ ގޮތުގައި "عبوس " ދަލާލަތުކުރަނީ އެ ދުވަހުގެ ބިރުވެރިކަމުން މޫނުމަތީން ފެންނަ ހާސްކަމަށާއި ހިތާމަވެރިކަމަށެވެ. " قَمْطَرِيرًا" މި ކަލިމައިގެ މާނައަކީ [ހިތާމަވެރިކަން އިންތިހާއަށް ބޮޑު]އެވެ.

ޤިޔާމަތްދުވަހުގެ ބިރުވެރިކަން

ޤިޔާމަތްދުވަހުގެ ބިރުވެރކަން ބަޔާންކޮށްދެއްވައި ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ.((يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٌ [2] - އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.))  

އެ ދުވަހަކީ އެކަކު އަނެކަކަށް އެހީވެދޭނޭ ދުވަހެއްނޫނެވެ. ކޮންމެ މީހަކު ވެސް ނަފުސީނަފުސީއޭ ކިޔައިފައި ދާނީ ދުރަށެވެ. މާތްﷲ މި ދުވަހުގެ ޙާލަތު ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ. (( يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ﴿٣٤﴾‏ وَأُمِّهِۦ وَأَبِيهِ ﴿٣٥﴾‏ وَصَٰحِبَتِهِۦ وَبَنِيهِ ﴿٣٦﴾‏ لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ [3]- (އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ.)) ފިލާން ދުވަނީ ކީއްވެގެންތޯއެވެ؟ ބިރުވެރިކަން ބޮޑުކަމުންނެވެ. ﷲގެ ރަޙްމަތްފުޅުން މެނުވީ ނަޖާވުމެއް ނެތެވެ. އެ ދުވަހުން އިންސާނާގެ ޢަމަލުތަކުގެ ފަތް އެ އިންސާނާގެ އަތަށް އަރާނެތެވެ. މި ފަތް ކިޔުމަށް އޭނާއަށް އަމުރުކުރެވޭނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا [4] - (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.)) މި ފޮތުގައި (ފަތުގައި) އެ އިންސާނާ މި ދުނިޔެމަތީގައި ކުޅަ އެންމެހައި ކަންތައްތައް އަޑުންނާއި މަންޒަރުން ރެކޯޑު ކުރެވިފައި އޮންނާނެއެވެ. އިންކާރުކުރެވޭނެ ގޮތެއް ނުއޮންނާނެއެވެ. ހެކީންނަކީ އޭނާގެ އަމިއްލަ ނަފުސެވެ. މި ނަފުސުގެ ގުނަވަންތަކެވެ.

މުއުމިނުންގެ ޙާލު

ޤިޔާމަތްދުވަސް ބިރުވެރި ދުވަހަކަށް ވިޔަސް މާތް ﷲ އެކަލާނގެއަށް އީމާންވި މީހުންނަށް ހިތްހަމަޖެހުން ދެއްވާނެތެވެ. އެމީހުންނަށް ބިރުގަންނާކަށް ނުޖެހޭނެއެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا [5]- ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ. )) އާދޭހެވެ! މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މުއުމިނުން ރައްކައުތެރިކުރައްވާނެތެވެ. އެމީހުންގެ ޞާލިޙު ޢަމަލުތަކުގެ ސަބަބުން އެމީހުންނަށް ހިތްހަމަޖެހުން ލިބޭނެތެވެ. ހައިބަތު ބޮޑު ގޮތެއްގައި އެމީހުން ސުވަރުގެ ވައްދަވާނެތެވެ.

عبوس ދުވަހުން ރައްކައުތެރިވާނީ ކިހިނެއް؟

1-     މާތްﷲ އަށް އީމާންވުމާއި ޞާލިޙު ޢަމަލުތަކުން: ޤިޔާމަތްދުވަހުން ސަލާމަތްކަމާއި ރައްކައުތެރިކަމާއި އަމާންކަން ލިބޭނީ މާތްﷲއަށް އީމާންވެ ޞާލިޙު އަމަލުތައް ދުނިޔެމަތީގައި ކޮށްގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاءَ فَعَلَيْهَا [6] - صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ.))

2-     ތަޤްވާވެރިކަމާއި ﷲ ދެކެ ބިރުގަތުން: މީހަކު ﷲއަށް އީމާންވާ ކަމުގެ ދަލީލަކީ އެކަލާނގެއަށް ތަޤްވާވެރިވުމެވެ. އެކަލާނގެ ދެކެ ބިރުގަތުމެވެ. މާތްﷲ ވަޙީކުރެއްވިއެވެ.(( وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ  [7] - އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެ މީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.))

3-     ދުޢާކުރުމާއި އިސްތިޣުފާރުކުރުން: ﷲގެ ރަޙްމަތާއި ފުއްސެވުން ހޯދުމަށް ޓަކައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލާނގެ ޙަޟްރަތަށް ދުޢާކުރުމާއި އިސްތިޣްފާރުކުރުމެވެ. ޢަބޫސްދުވަހަކީ ބިރުވެރި ދުވަހެކެވެ. އެކަމަކު އެއީ ﷲގެ ޢަދްލުވަންތަކަން ފާޅުވެގެންދާނޭ ދުވަހެކެވެ. އެއީ މުއުމިނުންނަށް އުފާވެރި ދުވަހެކެވެ. އެމީހުންގެ މޫނުތައް އަލިވެގެންދާނޭ ދުވަހެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾‏ ضَاحِكَةٌ مُّسْتَبْشِرَةٌ  [8]- އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ.)) މި ފަދަ މޫނެއްގެ ވެރިއަކަށް ވޭތޯ ދުޢާކުރާށެވެ. އިސްތިޣުފާރުކުރާށެވެ! ޞާލިޙު ޢަމަލުތަކުން ފަތް ފުރައިލާށެވެ!

 

މަރުޖާ:

[1]  - الإنسان : 10

[2]  - الحج : 1-2

[3]  - عبس: 34-37

[4]  - الإسراء: 14

[5]  - الإنسان : 11

[6]  -  فصلت: 46

[7]  - النازعات: 40-41

[8]  -  عبس :  38-39

ކޮމެންޓު
ކޮމެންޓުތައް
عبد الرحمن شريف.
3 އޭޕްރިލް 2026 19:54
لاحول ولا قوة إلا بالله.