ad_banner
ފަނިއްޔަތުގެ ވަސީލަތްތަކުން ޖިންސީ ގޯނާކުރުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

6 އޭޕްރިލް 2026

މި ޒަމާނަކީ ފަންނިއްޔަތުގެ ޒަމާނެވެ. ހުރިހައި ކަމެއްގެ ތެރެއަށް ވެސް ފަންނިއްޔަތު ދަނީ އަތް ބާނަމުންނެވެ. ހެޔޮ ދައުރާއި ނުބައި ދައުރު ކުޅެމުންނެވެ.

1-   ސުމޭކީ ޖިންސީ ގޯނާކުރުމުގެ ނުބައިކަމާއި އެ ކަމުގެ ޚުޠޫރަތްތެރިކަމާމެދު ވިސްނައިލާށެވެ! މޮނިޓަރަކީ ތިބާ ކުރާ ލަދުވެތި ފާފަތައް ވަންހަނާކޮށްދޭނެ އެއްޗެއްނޫނެވެ. އަދި މޮނިޓަރަކީ ތިބާގެ ހިތުގައި ފޮރުވައިފައި ހުންނަ ހަޑިހުތުރު ޢަމަލުތައް ﷲ ތަޢާލާއަށް ވަންހަނާކޮށްދިނުމުގެ ބާރު ލިބިގެންވާ އެއްޗެއް ވެސް ނޫނެވެ. ސުމޭކީ ޖިންސީ ގޯނާއަކީ ސުލޫކު ނުބައިއަތަށް ގޯޅިއެޅުމެކެވެ. ސުމޭކީ ވަސީލަތްތަކުން އެހެން މީހުންގެ އަބުރާ ބެހުމެވެ. މުއުމިނުންގެ ޙުރުމަތް ކެނޑުމެވެ. މިއީ ޝަރުޢުގެ ތިލަފަތުގައި ޖިނާޔަތެކެވެ. ބިމުގައި ފަސާދަކުރުމެކެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ އަބުރު ރައްކައުތެރިކުރުމުގެ މަގުސަދާ ޞަރީޙަ ބަހުން އަރައިރުންވާ ކަމެކެވެ. އޭނާ ހިތުން އޭނާގެ ދާދިވަރު ފާރުން އޭނާއަށް އަމާންކަމާއި ރައްކއުތެރިކަން ލިބޭނެއެވެ. އޭނާ މި ނުބައި ޗަސްބިންގަނޑަށް އެރެމުންދާ އިރު، އޭނާ ނުބައި ފާފައަކަށް ގެނބިގެންދާ ކަމެއް ނޭނގެއެވެ. މާތްﷲ އޭނާ މި އުފުއްލި ފާފަ ޤިޔާމަތްދުވަހުން އޭނާއަށް ދައްކަވާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَٰنًا وَإِثْمًا مُّبِينًا[1]  - އަދި އެއުރެން ހޯދައިގަތް ކުށަކާ ނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.))

2-   މީސްތަކުންގެ އަބުރާ ސުމޭކުކޮށާއި ނާސުމޭކުކޮށް އަރައިގަތުމާ ދުރުހެލިވާން ޖެހޭނެއެވެ. ޝައިޠާނާ ތިބާގެ ކުރިމަތީގައި ޖަހާ މަޅިފަތިތަކަށް ތިބާ ރައްކާތެރިވާންޖެހޭނެއެވެ. ޖާލު ޞަފުޙާތަކުގެ ތެރެއިން އުރެދުންތަކަށް އަރައިގަތުމުގެ ފާފަ މާ ބޮޑުވާނެއެވެ. އެއީ މި ފާފަ ފެތުރިގެން ދާ ރާސްތާ  ބޮޑުކަމުންނެވެ. މިކަމުން ލިބޭ ގެއްލުންތައް ބޮޑުކަމުންނެވެ. ކޮންމެ ވިހަ ބަލައިލުމަކީ، ޙަރާން ފޮޓޯއަކީ، އަބުރުނަގައިލާ ކަލިމައަކީ އިބިލީހުގެ އަސްވާރުންތަކެކެވެ. މި އަސްވާރުންގެ މަސައްކަތަކީ ފާޙިޝް ޢަމަލުތައް ފެތުރުމެވެ. އެންމެ ބޮޑު ރިބާއަކީ މީހަކު އޭނާގެ އަޚާގެ އަބުރަށް އަރައިގަންނަ އަރައިގަތުމެވެ. ފަންނިއްޔަތުގެ ވަސީލަތްތައް މީހުންގެ އަބުރު ދަންޖައްސާ ވައުގަނގަނޑަކަށް ހަދާ މީހާ އަދި މުޖުތަމަޢުގެ އެއްބައިވަންތަކަން ތަޅައިލާ ކޯރާޑިއަކަށް ހަދާން އުޅޭ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޙަޤީޤީ މުއުމިނަކީ އޭނާގެ އަޚު މުއުމިނާ ދާދިވަރު ދުނިޔޭގައި އޭނާގެ ކީބޯޑުން ސަލާމަތްކުރާ މީހާއެވެ. އޭނާގެ ސުމޭކީ އިނގިލީގެ ނިޝާންތައް ޤިޔާމަތްދުވަހުން އޭނާއާ ދެކޮޅަށް ހެކިބަސްދޭނެތެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ [2] - އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ.)) ކައުރަސޫލާ r ޙަދީސް ކުރެއްވިއެވެ. ((المُسلِمُ مَن سَلِمَ المُسلِمونَ مِن لسانِه ويَدِه[3] - އެންމެ ރަނގަޅު މުސްލިމަކީ އޭނާގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ސަލާމަތްކަން ދޭ މީހާއެވެ.))   

3-   އޭނާގެ ބޭނުންތައް ފުއްދުމަށް ޓަކައި ސުމޭކީ ޖިންސީ ގޯނާވެރިއަކީ އަނަފާވެރިއެކެވެ. އޭނާއަކީ މަޖިލީހުގެ އަމާނަތަށް ޚިޔާނަތްތެރިވާ މީހެކެވެ. އޭނާ ވަދެއުޅޭ އޮޅިތަކުން ހޯދާ މަޢުލޫމާތުތަކާއި ފޮޓޯތަކާއި ވީޑިއޯތައް އެ ތަކެތީގެ އަސްލު ވެރި ފަރާތުން ހުއްދަނުހޯދާ  އޭނާ ފަތުރައެވެ. އޭނާ ﷲ ތަޢާލާގެ ވަޢީދު ބަސްފުޅަކަށް ނުބަލައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.((  إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَٰحِشَةُ فِى ٱلَّذِينَ ءَامَنُوا۟ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ[4] - ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. )) ވީމާ އެ ވިހަތައް މުޖުތަމަޢަށް ބުރުއްސާ މީހާގެ ޙާލު ކިހާ ބިރުވެރިވާނެތޯއެވެ؟ މި އޮޅިތަކުގެ ތެރެއިން ލައިފާ ފަތުރާ  ވާހަކަތަކުން ކިހާ ބޮޑެތި ހިތާމަތައް ކުރިމަތިވޭތޯއެވެ؟ ﷲ ގެ ޙުރުމަތަކަށް އަރައިގަނެގެން އޭނާ ކިހައި ބައިވަރު ފޮޓޯތަކެއް ޝާއިއުކުރޭތޯއެވެ؟ މި ގޮތަށް ފަތުރާ ބުހުތާނު ދޮގުތަކުގެ ސަބަބުން އަމާން ކިތައްކިތައް މުޖުތަމަޢަށް [ބިންހެލުންތައް] އަންނަމުންދޭތޯއެވެ؟ ހަމަޖެހި ސާބިތުވެފައިވާ ގުޅުންތައް ކެނޑިގެން ދޭތޯއެވެ؟ ﷲ ޢައްޒަ ވަ ޖައްލައަކީ އަވާހަރުފުޅު ނުލައްޕަވާ އަވަހާރަފުޅުނާންނަ ފަރާތެއްކަން ނޭނގެނީ ބާވައެވެ!އެމީހުން ކުރާ ހުރިހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ[5]- ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީހެއްޔެވެ؟))

4-   ހަނުހުންނަ މޮނިޓަރުގެ ފަހަތުގައި ﷲ ތަޢާލާގެ ބައްލަވައިވޮޑިގަތުންވާކަން ހަނދާންކުރާށެވެ! ސުމޭކީ ގޯނާގެ ސަބަބުން އުފެދި ފެތުރޭ  ނަފުސާނީ އަދި އިޖުތިމާޢީ އަސަރުތަކަށް ބަލާށެވެ! ހިތްހަމަނުޖެހުމާއި ހާސްކަން ލިބޭ ނަފުސުތަކަށް ތިބާ އޯގާވެރި ލޮލަކުން ބަލާށެވެ! އެހެން މީހުންގެ އައިބުތަކާއި އުނި ކަންތައްތައް ހޯދައި ފަތުރާ މީހާ އޭނާގެ މި ފަދަ ކަންކަން ހާމަކޮށް ބޭޒާރުކުރުމަކަށް ނޭދޭނެތެވެ. އެ ފަދަ މީހާ އެހެން މީހުންގެ އަބުރު ކަތިލުމަށް ޖެހިލުން ނުވަނީ ކީއްވެގެން ބާވައެވެ؟ މި ފަދަ ގޯނާވެރީންނަށް އޭނާގެ ހަނުހުންނަ މޮނިޓަރުގެ ފަހަތުގައި އޭނާގެ ނުބައި ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާ، ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ، ކަލަކު ވޮޑިގެންވާކަން ނޭނގެނީހެއްޔެވެ؟ ﷲއަށް ބިރުވެތިވުމަށް ޓަކައި ޙަރާން ކަންތައްތަކަށް އަރައިގަތުން ދޫކޮށްލާ މީހާ ޤިޔާމަތްދުވަހުން މާތް ﷲ ރައްކައުތެރިކޮށްދެއްވާނެކަން ދަންނާށެވެ!  ނަބިއްޔާ ޙަދީސްކުރެއްވިއެވެ. (( إنَّك لن تدَعَ شيئًا اتِّقاءَ اللَّهِ عزَّ وجلَّ إلّا أعطاكَ اللَّهُ خَيرًا منهُ [6] -ﷲ ޢައްޒަ ވަ ޖައްލަ ދެކެ ބިރުން ތިބާ ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ، ﷲ ތިބާއަށް އެއަށް ވުރެ ބޮޑު ހެޔޮކަމެއް ނުދެއްވައި ދޫކޮށެއްނުލައްވާނެތެވެ.))

5-   ތިބާ ސުމޭކީ ކުޅިވަރުތައް ކުޅޭން ނުކުންނަ އިރު ފައިދާހުރި ކުޅިވަރުތަކާއި ގެއްލުންހުރި ކުޅިވަރުތަކަކީ ކޮބައިތޯ ބަލާންޖެހޭނެއެވެ. އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ތިބާއަށް މުނިފޫހިފިލުވުމަކީ މި ދީން މަނާކުރާ ކަމެއްނޫނެވެ. ތިބާގެ ހަށިގަނޑަށް ފައިދާހުރި ކުޅިވަރުތައް ކުޅުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެކެވެ. ކީރިތި ރަސޫލާގެ ޞަޙާބީން އިރުޝާދުދެއްވައިފައިވާ ގޮތުގައި ފެތުމާއި ދުނިދަނޑީގެ ހެވިކަން ދަސްކުރުމާއި އަހަށް ސަވާރުވުމުގެ ކުޅިވަރުތަކަކީ އެ ކަމަށް ދީން ބާރުއަޅައި ކުޅިވަރުތަކެކެވެ. މައިންބަފައިން މި ކަންކަމުގައި އެ މީހުންގެ ޒިންމާ އުފުލާންޖެހޭނެއެވެ. މާތް ﷲ އެ މީހުން ދަރީން ބަލައި ބޮޑުކުރި ގޮތާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރައްވާނެތެވެ.

6-   ތިބާގެ ދަރީންގެ ސިކުނޑިއާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައް ދޭ ސުމޭކީ ކުޅިވަރުތަކާ މެދު މައިންބަފައިން ވިސްނާންވާނެއެވެ. އެ ކުދިން ޤުމާރުގެ ވިހަ ޖާދޫގެ ތެރެއަށް ވެއްޓިގެން ދިޔަދީގެންނުވާނެއެވެ. މިއަދު އިންޓަނެޓު ފުރިފައިވަނީ މި ކަމަށް ހިތްވަރުދޭ މި ކަން އޮފުދާރުކޮށްދޭ އިޝްތިހާރުތަކުންނެވެ. މި ކުޅިވަރުތަކަށް ވަދެ ގެނބިގެންދިޔުމަކީ އޭނާގެ ހެޔޮވިސްނުން އަޅުވެތިކުރާނެ ކަމެކެވެ. އޭނާގެ ހަކަތަތައް ބޭކާރުކުރާނެ ކަމެކެވެ. ދާދިވަރު ދުނިޔޭގެ ތެރެއަށް ވަދެ، ގަޑިތައް ހޭދަކޮށް ބޭކާރުކުރުމުގެ ސަބަބުން ބިނާކުރަނިވި ޙަޤީޤީ ޢަމަލުތަކާ އޭނާ އެކަހެރިކުރުވައެވެ. ބައެއް މަންޒަރުތަކުގެ ސަބަބުން އޭނާގެ ހިތަށް ދަސްވަމުންދަނީ ހަރުކަށިކަމާއި ބޭއިޙުތިރާމެވެ. އޭނާގެ ލޮލުގެ ފެނުމަށް ދަނީ ނުބައި އަސަރު ކުރަމުންނެވެ. އޭނާއާ ޙަޤީޤީ ޢާއިލާއާ ދެމެދުގައި އޮންނާންޖެހޭ ގުޅުންތައް ދަނީ ކެނޑެމުންނެވެ. މި ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ނަފުސު ރައްކައުތެރިކުރުމުގެ މަގުސަދާ އަރައިރުންވާ ކަމެކެވެ. ކައު ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((فإنَّ لجَسَدِكَ عليك حَقًّا، وإنَّ لعَينِكَ عليك حَقًّا، وإنَّ لزَورِكَ عليك حَقًّا، وإنَّ لزَوجِكَ عليك حَقًّا[7] - ފަހެ ހަމަކަށަވަރުން ތިބާ ތިބާގެ ހަށިގަނޑަށް އަދާކޮށްދޭންޖެހޭ ޙައްޤެއް ވެއެވެ. އަދި ހަމަކަށަވަރުން ތިބާ ތިބާގެ ލޮލަށް އަދާކޮށްދޭންޖެހޭ ޙައްޤެއް ވެއެވެ. އަދި ހަމަކަށަވަރުން ތިބާ ތިބާއަށް ޒިޔާރަތްކުރާ މީހުންނަށް އަދާކޮށްދޭންޖެހޭ ޙައްޤެއް ވެއެވެ. އަދި ހަމަކަށަވަރުން ތިބާ ތިބާގެ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤެއް ވެއެވެ.))

 

ބައެއް ލަފުޒުގެ މާނަ:

ނާސުމޭކު    ނ.    (1) ސުމޭކު ނޫން. (2) މާއްދީ.  (ރަދީފުގައި އޮންނަ ލަފުޒެއް ނޫން.)

އަނަފާ      ނ.    ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން.

ފަންނިއްޔަތު  ނ.    ސައެންސާއި ފަންނާއި ސިނާޢަތު ފަދަ ރޮނގުރޮނގުން ޢަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

ދާދިވަރު     ނ.    (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް.

ގޯނާ       ނ.    (1) އުނދަގޫ. (2) ކުރާ ޖެއްސުން. (3) ރުޅިއަންނާނެ ފަދަ ކަންތައްތައް.

ސުމޭކު      ނ.    (1) ކަށްޓަކުން ނުވަތަ ތީރަކުން މިންވަރު ދައްކައިދނުމުގެ ބަދަލުގައި ހިސާބު ޢަދަދުން މިންވަރު އަންގައިދޭ. (2) ހިސާބުކުރުމާ ގުޅުންހުރި. (3) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ.

ޖާލު       ނ.    ސާވަރުތަކަކުން ކޮންޕިޔުޓަރުތައް ގުޅުވައިދޭ ވިޔުގަ

  

މަރުޖާ:

[1]  - الأحزاب : 58

[2]  - النور : 24

[3]  -  أخرجه البخاري (١٠)، ومسلم (٤٠) و أحمد (١٤٩٩٥)، والدارمي (٢٧٥٤)، وابن أبي شيبة (٢٧٠٢٧) 

[4]  - النور  : 19

[5]  - العلق : 14

[6]  - أخرجه أحمد (٢٠٧٣٩)، وابن المبارك في ((الزهد والرقائق)) (١١٦٨)، ووكيع في ((الزهد)) (٣٥٦) والبيهقي في ((شعب الإيمان)) (٥٧٤٨

[7] - أخرجه البخاري (١٩٧٧) ومسلم (١١٥٩) والنسائي (٢٣٩٩) وأحمد (٦٨٣٢) والترمذي (٧٧٠) وابن ماجه (١٧١٢) وأبو نعيم في ((حلية الأولياء)) (٣/٣٢٠)

ކޮމެންޓު