ad_banner
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާން ގިނަ ރައްޔިތުންނަށް ނުފެނުމާއި ރައީސްގެ އިސްތިޢުފާއާ ގުޅުމެއް އެބަ އޮތްތޯއެވެ؟

އަބާ މުޙަންމަދު

7 އޭޕްރިލް 2026

މި ހިނގާ 2026ވަނަ އަހަރު އެޕުރީލުމަހު 4ވީ ހޮނިހިރު ދުވަހު ތިން ކަމަކަށް ވޯޓު ނެގިއެވެ. އެއީ ރަށުކައުންސިލުތަކަށް ރައީސާ އެކު އިތުރު މެންބަރުން ހޮވުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ރައީސާ އެކު މެންބަރުން ހޮވުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެކެވެ. މި އިންތިޚާބުގައި ރައްޔިތުންގެ ޚިޔާލު ހޯދާން އެހީ ކޮންކަމަކާކަން ބައެއް މީހުންނަށް އޮޅިގެން އެ ވާހަކަ އެބަ ދައްކައެވެ. އެހެންކަމުން އެ ކަން ސާފުކޮށްދެވޭތޯ ބަލާން މި ވަގުތު އަޅުގަނޑު ގަސްތުކުރަމެވެ.

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގައި އުޅޭ މީހެއް ވެސް ނޫނެވެ. ސިޔާސީ ޕާޓީތައް އޮތުމާ މެދު ވެސް އަޅުގަނޑުގެ ޚިޔާލު، ބުރްކީނޯ ފާސޯގެ ރައީސް އިބްރާހީމް ޓުރައުރޭގެ ޚިޔާލުފުޅާ އެއް ގޮތެވެ. މި ވާހަކަ މިހެން މި ދަންނަވައިލީ މިއީ ސިޔާސީ ވިސްނުމެއްގައި ނުވަތަ ޖަޒުބާތުގައި ލިޔާ ލިޔުމެއް ނޫނޭ ދަންނަވާން ވެގެންނެވެ.

އިހައް ދުވަހު މި ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގެ މަގުސަދަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލެއް ޤާނޫނަކަށް ހެއްދެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރީން ރައްޔިތުން އެދޭ ގޮތް ބެއްލެވުމެވެ. އެ އިންތިޚާބުގައި ރައްޔިތުން ކުރެން ސާފުކުރައްވާން ބޭނުންފުޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ވިދާޅުވާނީ [އާނއެކޭ]ތޯ ނުވަތަ [ނޫނެކޭ]ތޯއެވެ. ގިނަ ބަޔަކު ބޭނުންވާ ގޮތަށް އެ ކަން ނިންމަވާށެވެ.

ކޮންމެއަކަސް ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އިންތިޚާބުގެ ނަތީޖާ ދެއްކީ ރައްޔިތުންގެ ތެރެއިން 70 ވަރަކަށް އިންސައްތަ މީހުން [ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާން] ނުފެންނަކަމަށް ބުނިކަމަށެވެ. ރައްޔިތުންގެ އެ ނިންމުމަށް އިޙުތިރާމުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވީމާ އިންތިޚާބުގެ މަގުސަދު ޙާސިލުވެއްޖެއެވެ. އިންތިޚާބުގެ ކަންކަން އޮބްޒާބުކުރާން އައި ބޭރުގެ އޮބްޒާވަރުން ބުނެފައިވަނީ އިންތިޚާބުގެ ކަންކަން ހިނގައިދިޔައީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއި އިންސާފާ އެކީގައިކަމަށެވެ. މި ނަތީޖާގައި ރައްޔިތުންގެ ބަސްކަމަށް ދެއްކި ނަތީޖާއާ އެއް ގޮތަށް ރައީސުލްޖުމުހޫރިއްޔާ ޢަމަލުކުރައްވައި މަޖިލީހުން، ކުރީން ފާސްކުރައްވައިފައިވާ ބިލު ތަޞްދީޤުނުކުރައްވައި އަނބުރައި ފޮނުވައިލެއްވީމާ މައްސަލަ ނިމުނީއެވެ.

ރައިސުލްޖުމްހޫރިއްޔާ ހުންނެވީ ރައްޔިތުންގެ ނިންމުންކަމަށް އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތް ގަބޫލުފުޅުކުރައްވައިގެންނެވެ. އެ ކަމާ ދެކޮޅަށް އެއްޗެކޭ ވިދާޅެއް ނުވެއެވެ. ދެން މި ދަނޑިވަޅުގައި ރައީސުލްޖުމުހޫރިއްޔާ އިސްތިޢުފާދެއްވާންޖެހޭ ކަމަށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ވިދާލުވުމަކީ އެ ބޭފުޅުންގެ ހަމަވިސްނުފުޅު އެއްކިބާކުރައްވައި ޖަޒުބާތުގައި ވިދާޅުވި އެއްޗެއްކަމަށް ނޫނީ ގަބޫލުކުރާނީ ކިހިނެއްތޯއެވެ؟ ނުވަތަ ސިޔާސީ މަސްތުގައި ވިދާޅުވެވޭ އެއްޗަކަށް ވެސް ވެދާނެއެވެ.

އަނެއްކޮޅުން ބަލާ އިރު، ހަގީގަތުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބުނާންޖެހޭނީ [ނޫނެކޭ]ކަމަށް ރައްޔިތުންނަށް ވިސްނައިދެއްވި، އެކި ދާއިރާތަކުގެ މެންބަރުންނާއި އެކި ޕާޓީތަކުގެ އިސްބޭފުޅުން އެ ގޮތަށް ކަންތައްކުރެއްވީ ގައުމީ މަސްލަޙަތަކަށް ނޫނެވެ. ރައްޔިތުން އިޙުތިރާމުކުރީ އެ ބޭފުޅުންގެ ދާއިރާގެ މެންބަރުންނާއި އެ ބޭފުޅުން ނިސްބަތްވާ ނުވަތަ ތާއީދުކުރާ ސިޔާސީ ޕާޓީތަކުގެ ވެރީންނަށެވެ. ރައްޔިތުންގެ ލީޑަރުންނަށެވެ. ދިވެހި ރައްޔިތުންނަކީ އެ މީހުން އިޙުތިރާމުކުރާ މީހުންގެ ބަސްއަހާ ކިޔަމަންތެރި ބަޔެކެވެ. ރައްޔިތުން ގަބޫލުކުރީ ރައްޔިތުންނަށް ހެޔޮ ގޮތް ވިސްނައިދެއްވާނީ އެ މީހުންގެ ލީޑަރުންކަމަށެވެ. ނަމަވެސް ހަގީގަތަކީ ބައެއް ދާއިރާތަކުގެ މެންބަރުން [ނޫނެކޭ]އަށް މަސައްކަތްޕުޅުކުރެއްވީ އެ ބޭފުޅުންގެ ދައުރުން ހަ މަސްދުވަސް ގެއްލޭތީ، އެއީ މަހަކު މުސާރައާއި އެލަވަންސަށް ލިބިވަޑައިގަންނަވާ 85000ރުފިޔާއަށް ބަލާ ނަމަ، ފަސްލައްކަ ދިހަ ހާސް ރުފިޔާގެ ގެއްލުމަކަށްވާތީ އެހެން ނުވާނެ ގޮތެއް ވޭތޯއެވެ. އަދި ދެން އޮންނަ ދައުރަށް ހޮވިވަޑައިގެންފާނެކަމުގެ ޔަގީންކަން ވެސް ނޯންނާތީ ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ތަޙައްމަލު ނުކުރައްވާން ވެގެންނެވެ. މާއްދީ ގޮތުން ބަލާ ނަމަ، އެއީ ޠަބީޢީ ގޮތުން ކޮންމެ ބޭފުޅަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ގައުމީ ނަޒަރަކުން ނުވިސްނައި ފަރުދީ މަސްލަޙަތަށް ބަލާ ނަމަ، އެ ކަމުގައި މައްސަލައެއް ނެތެވެ.

ދެން އަންނަ ދައުރެއްގައި ސަރުކާރު ލިބިދާނެކަމުގެ އުންމީދުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ، ރިޔާސީ އިންތިޚާބާއި މަޖުލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުޞަތު ބަންދުވެދާނެތީއެވެ.

ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވިޔަސް އަދި ނުވިޔަސް ކުރި ކެންޕޭނެއް ކޮށްގެން އިންތިޚާބީ ނަތީޖާ އެ އޮތީ ފެންނާށެވެ. އެ ނަތީޖާއަކާ މީހަކު ދެކޮޅެއް ނަހަދައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު އޮތްތޯ ނެތްތޯ ބަލާކަށް ނުވަތަ ރައީސުލްޖުމުހޫރިއްޔާއަށް އިތުބާރު އޮތްތޯ ނެތްތޯ ބަލާކަށް ނެތި ވޯޓެއް ނޫނެވެ. އެއީ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ބަލާން ނެގި ވޯޓެކެވެ. އެ ކަން އެ އޮތީ ނިމިފައެވެ. ރައްޔިތުންގެ ނިންމުމާ އެއް ގޮތަށް ޢަމަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮތީ ވިދާޅުވެފައެވެ. ޑިމިކްރެސީއޭ މި ކިޔާ އެއްޗެއްކަމަށް މީހުން ކިޔަނީ އަޣުލަބިއްޔަތަށް ތަބާވުމަށް ނޫންތޯއެވެ؟ ދެން މި ކަމާ ވިއްދައިގެން ރައީސް އިސްތިޢުފާދެއްވާން ޖެހޭ ސަބަބެއް ބުއްދީގެ ހަމައަކުން ހަމަ އެކަކަށް ވެސް ސާބިތުކޮށެއް ނުދެވޭނެއެވެ. ވީމާ، ސިޔާސީ މަންފާއަށް ޓަކައި ނަމަވެސް މީހުންނަށް ގަބޫލުކުރެވޭ ފަދަ ވާހަކަދައްކާންވީނޫންތޯއެވެ؟ ރައްޔިތުން ވެރިކަން ޙަވާލުކުރި މުއްދަތު ހަމަ ނުކުރައްވައި އަދި މި ފަސް އަހަރު ކޮށްދެއްވާން ރައީސް ނިންމަވައިފައިވާ ކަންކަން ފުރިހަމަނުކުރައްވައި ރައީސް އިސްތިޢުފާދެއްވައިގެންނުވާނެކަމަށް ގަބޫލުކުރާ ރައްޔިތުން ވަކި މަދީތޯއެވެ! ވީމާ ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއާއި އިސްތިޢުފާއަކާ އެއްވެސް ގުޅުމެއް ނެތެވެ.

ކޮމެންޓު