އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 އޭޕްރިލް 2026
ރަސްދޫ ނިސްބަތްވަނީ އ. އަތޮޅު އުތުރުބުރިއަށެވެ. އެ އަތޮޅުގައި ރަސްދޫގެ އިތުރަށް ހަތް ރަށެއް އޮވެއެވެ. އެއީ ތޮއްޑުވާއި އުކުޅަހާއި މަތިވެރިއާއި މާޅޮހާއި ހިމަންދުވާއި ފެރިދުވާއި ބޮޑުފޮޅުދޫ (ބޮޑުފުޅަދޫ)އެވެ. ދޮޅުހާހާ ކައިރިކުރާ ޢަދަދެއްގެ އާބާދީއެއް އޮންނަ ރަސްދުވަކީ އުތުރުން 4°15′46″ގައި އަދި އިރުން 72°59′29″ގައި އޮންނަ ކުޑަ ރަށެކެވެ. މާލޭގެ ހުޅަނގުން ގާތްގަނޑަކަށް ފަސްދޮޅަހަކަށް ކިލޯމީޓާރަށްވުރެ ދުރުނޫން ހިސާބެއްގައި އޮންނަ ރަށެކެވެ. ގާތްގަނޑަކަށް 500x600 މީޓަރުގެ ބޮޑުމިނުގެ މި ރަށަކީ މިހާރު ތޮއްޖެހިފައިވާ ރަށެއްކަމަށް ދެންނެވިދާނެއެވެ.
ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ޝާމިލުވެގެން އުޅޭ އިގުތިސާދީ މަސައްކަތަކީ ފަތުރުވެރިކަމުގެ (ގެސްޓު ހައުސް) ވިޔަފާރިއެވެ. ލޯކަލް ޓޫރިޒަމޭ ކިޔައިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ރިސޯޓު ވައްތަރުގެ ފަތުރުވެރިކަން ތަޢާރަފުކުރުމުގެ ތެރެއިން މި ރަށުގައި ވެސް އެތައް ބައިވަރު ގެސްޓުހައުސްތަކެއް ވަނީ ޚިދުމަތަށް ނެރެފައެވެ. މި ކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މިނިވަންކަމާ އެކު މޫދަށް އެރިލައި އުޅޭނެ ޖާގައެއް ހޯދާން މިހާރު ދަތިވެފައިވާކަމަށް ވެސް އެ ރަށުގެ ބައެއް ރައްޔިތުން ބުނެއެވެ. ނަމަވެސް އިގުތިސާދީ ގޮތުން މިއީ މިއަތޮޅުގެ ހަބުކަމުގައި ދެންނެވިދާނެއެވެ. މިއީ މި އަތޮޅުގެ ވެރިކަންކުރާ ރަށް ވެސްމެއެވެ.
ރަސްދުވަކީ ފަތުރުވެރިކަމުގެ ޚިދުމަތުގައި (ޚާއްޞަކޮށް ސުކޫބާ ޑައިވިންގގައި) ފާހަގަކޮށްލެވޭ ރަށެކެވެ. މި ސަރަހައްދުން ފެންނަ ކާލިގަނޑު މިޔަރަކީ ފަތުރުވެރީން ޝައުޤުވެރިކަމާ އެކު ދެކެލާން ބޭނުން ބާވަތެކެވެ.
މަސްވެރިކަމާއި އެހެން ބާވަތްބާވަތުގެ ކުދިފަންތީގެ އަދި [ކުމެވި] ވިޔަފާރިތައް ހިންގުމަކީ ވެސް މި ރަށުގެ އިގުތިޞާދުގައި ހިމެނޭ މަސައްކަތްތަކެކެވެ. މިއީ އަތޮޅުގެ ވެރިރަށްކަމަށްވާތީ ވަޒީފާގެ ފުރުސަތުތައް ވެސް އެހެން ރަށްރަށާ އަޅައިބަލާ އިރު، މި ރަށުގައި ފައްސެވެ.
މި ރަށުގެ ރައްޔިތުންނަކީ ހެޔޮ އިސްލާއި ތަރައްގީއާއި ކުރިއެރުމަށް އެދޭ ބަޔަކަށްވާތީ އެ ނިޔަތުގައި ރަށުކައުންސިލަށް މެންބަރުން ޢައްޔަންކުރަމުން ގެންދިޔައެވެ.

އެހެންކަމުން ރަސްދުވަކީ، ރަށްރަށަށް ސަރުކާރުން ކަތީބުންގެ ބަދަލުގައި ކައުންސިލަރުން ޢައްޔަންކުރެއްވި ހިސާބުން، އަދި ލޯކަލް ކައުންސިލުތައް އުފެދުނު ފަހުން އަބަދު ވެސް ސިޔާސީ އެއް ޕާޓީއަކުން ވެރިކަން ކުރަމުން އައި ރަށެކެވެ. މިހެން މި ކަން އޮއްވައި 18 ވަރަކަށް އަހަރު ފަހުން 2026 އެޕްރީލު 4ވީ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލުގެ އިންތިޚާބުގައި، އއ. ރަސްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހައި ގޮނޑިތަކެއް މުޅީން އަލަށް އެހެން ޕާޓީއަކުން ކާމިޔާބުކުރި ޚަބަރަކީ އަޅުގަނޑަށް ވެސް ޙައިރާންކަން ލިބުނު ކަމެކެވެ. މި ހައި ބޮޑު ބަދަލެއް ކުއްލިއަކަށް އައީ ކީއްވެގެންބާވައެވެ؟ އެހެންކަމުން މި ކަމާ ބެހޭ ގޮތުން އަޅުގަނޑު މަޢުލޫމާތު ސާފުކޮށްލާން ބޭނުންވީއެވެ. މި ކަމުގެ މަޢުލޫމާތު ހޯދުމަށް ޓަކައި އަޅުގަނޑު ފުރަތަމަ ގުޅައިލީ، މި އިންތިޚާބު ކާމިޔާބުކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅެއްކަމަށްވާ ޢަބްދުއްރަޝީދާއެވެ. ޢަބްދުއްރަޝީދަކީ އެ ރަށު ސްޓިއަރިންގ ކޮމެޓީގެ ރައީސެވެ.
އޭނާ ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު ދައުރުގައި ވެސް ރަސްދޫ ކައުންސިލުން ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކޮށްފައިނުވާކަން ރަށުގެ ރައްޔިތުންނަށް ފާހަގަކުރެވުނީއެވެ. އަދި އެ ޕާޓީ ނޫން ޕާޓީއެއްގެ ސަރުކާރެއް އޮވެއްޖެ ނަމަ، ފާޅުގައި ސަރުކާރަށް އެއްބާރުލުންނުދިނުމަކީ އޭރު ކައުންސިލުން ފެނުނު ވަރަށް ނާތަހުޒީބު ޢަމަލެކެވެ. މިއީ ރައްޔިތުން މިހާރު ގަބޫލުކުރާ ގޮތެވެ.
ރަސްދޫ ރައްޔިތުން މިހާރު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ (އެއް ސަރުކާރެއް އޮންނަ) ދައުލަތަކަށްވާތީ، ސަރުކާރާ ގުޅިގެންނޫނީ، ރަށަށް ކުރިއެރުމެއް ނުގެނެވޭނެއެވެ. އެހެންކަމުން މި ހަގީގަތް ރައްޔިތުންނަށް ވިސްނައިދިނުން ނޫން އިތުރު ކަމެއް، އިންތިޚާބު ކާމިޔާބުކުރާކަށް، ކުރާކަށް ނުޖެހުނެވެ. މި ހަގީގަތްތައް ގަބޫލުކުރެވިގެން ކުރީން ކައުނސިލު ކާމިޔާބުކުރަމުން އައި ޕާޓީގެ ބައެއް ކައުންސިލަރުން ވެސް ޢަބްދުއްރަޝީދުމެންގެ ޓީމާ ގުޅިވަޑައިގެން ރަށުގެ އިދާރިއްޔަތު ބަދަލުކޮށްލައްވާން މަސައްކަތްކުރެއްވީއެވެ. އަދި ކުރީން އެ ޕާޓީގައި ތިބި ވަރަށް ގިނަ ޒުވާނުން ޢަބްދުއްރަޝީދުމެންގެ ޕާޓީއާ ގުޅިގެން ވަރަށް އިޚުލާޞްތެރިކަމާ އެކު މަސައްކަތްކޮށްދިނީއެވެ. ޢަބްދުއްރަޝީދު ވިދާޅުވީ މި ކާމިޔާބީއަކީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތްކަމަށްވާތީ ވަކި ނަންތަކެއް ފާހަގަކުރުމަކީ އެހައި ފަސޭހަފުޅު ކަމެއް ނޫންކަމަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނާއި ޚާއްޞަކޮށް ޒުވާނުންގެ މަސައްކަތް މި ކަމުގައި ވަރަށް ބޮޑަށް ޝާމިލުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށުގެ ކަމުވޮށިގެންވާ ބޮޑެތި ޢާއިލާތަކުގެ ފުރިހަމަ އެއްބާރުލެއްވުން މި ކަމުގައި ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހުރިހައި އެންމެންނަށް، އަލަށް އިންތިޚާބުވި ހުރިހައި މެންބަރުންގެ ނަންފުޅުގައްޔާއި ސްޓިއަރިންގ ކޮމެޓީގެ ނަމުގައި އޭނާ ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
ޖުމުލަ ގޮތެއްގައި މި ކާމިޔާބީގެ އަސްލަކީ ކުރީ ހަތަރު ދައުރުގައި ރަށުގައި އޮތް ކައުންސިލްތަކުން ރަށަށް ބޭނުންވި އެއްވެސް ކުރިއެރުމެއް ގެނެސްދެވިފައިނުވުންކަން އޭނާގެ ވާހަކަތަކުން އަޅުގަނޑަށް ދެނެގަނެވުނެވެ.

މި ފަހަރު ރަސްދޫ ކައުންސިލްގެ ރައީސަކަށް އަލަށް ހޮވިވަޑައިގަތް އަޙުމަދު ވަޙީދު ވިދާޅުވީ ރައީސް ނަޝީދުގެ ރައީސްކަމުގެ ދައުރުގައި ކައުންސިލަރުން ޢައްޔަންކުރައްވާން ފެއްޓެވި ހިސާބުން މި އަދާ ހަމަށް ވެސް ރައްޔިތުން ކައުންސިލަށް ހޮވަމުން ގެންދިޔައީ މުޅިން ވެސް އެއް ޕާޓީއެއްގެ މެންބަރުންކަމަށާއި ނަމަވެސް ވޭތުވެ ދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުތަކާ ގުޅިގެން ރަށަށް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. އެހެންކަމުން ރައްޔިތުންނަށް ލިބުނު މާޔޫސްކަމާ އެކު، ވިސްނުން ބަދަލުކޮށްލާން މަޖުބޫރުވީކަމުގައެވެ. މި ކަމުގައި، ރަށުގެ ޒުވާނުންނާއި ހުރިހައި ރައްޔިތުންނާއި އަދި ވިޔަފާރިވެރީންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަތްކަމަށް އަޙުމަދު ވިދާޅުވިއެވެ. މި ހުރިހައި އެންމެންނަށް އޭނާ ވެސް ޝުކުރުއަދާކުރެއްވިއެވެ.
އަޅުގަނޑަކީ އއ. އަތޮޅު، އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް މީހެއްގެ ގޮތުން ރަސްދޫގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށްވާތީ، އެ ރަށު ރައްޔިތުންގެ އެކުވެރިކަމާއި ތަރައްގީއަށް ލޯބިކުރާ މިންވަރާއި ވަޠަނިއްޔަތު ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އެހެންކަމުން މި ފަހަރު މި ގެނައި ބޮޑު ބަދަލުގެ ސަބަބަކީ ރަށުގެ ކުރިއެރުމަށް އެ ރަށު ރައްޔިތުން އިސްކަންދޭ މިންވަރުކަމަށް ގަބޫލުކުރާންޖެހެއެވެ.
އަޅުގަނޑު އެދެނީ އާ ކައުންސިލުގެ ރިޔާސަތުގެ ދަށުގައި ރަސްދުވަށް ހަލުވި ތަރައްގީއާއި ކުރިއެރުން ގެނައުމަށް ކައުންސިލުގެ ހުރިހައި މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ގުޅިވަޑައިގެން ފައިދާ ކުރި ކާމިޔާބު މަސައްކަތްތަކެއް އާ ރައީސް ކުރައްވާނެކަމަށެވެ. ރަސްދުވަށް އަޅުގަނޑު އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ!
(ފޮޓޯ ކްރެޑިޓް: ރިފާޢު، އަޙުމަދު ވަޙީދު)