ad_banner
"އާނއެކޭ" ބުނުމަކީ ޤައުމީ ވިސްނުމެކެވެ. "ނޫނެކޭ" ބުނުމަކީ ސިޔާސީ ފިކުރެކެވެ.

އަބާ މުޙަންމަދު

3 އޭޕްރިލް 2026

ގިނަ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަން އެ ކަމާ އެއް ކޮޅަށާއި ދެ ކޮޅަށް ކެންޕޭނުކުރާ މީހުންނަށް ވެސް އެނގެއެވެ. އެއް ކޮޅަށް ވަކާލާތުކޮށް އެ ކަމަށް ކެންޕޭނުކުރާ މީހުން އެ ކަން ކުރަނީ ޤައުމީ ވިސްނުމަކުންނެވެ. އެ ކަމުގައި އެ މީހުންނަށް ޒާތީ ގޮތުން މާންފާއެއް ނެތްކަން އެނގި ތިބެ ގައުމީ މަސްލަހަތަށެވެ.

ވީހައި ގިނަ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުމަކީ އިގުތިޞާދީ ގޮތުން ޤައުމަށް ވަރަށް ފައިދާ ހުރި ކަމެއްކަން ކަށަވަރެވެ. ވޯޓުކަރުދާސް ރަށްރަށް ފޮނުވާންކުރާންޖެހޭ ބޮޑު ޚަރަދާއި އިންތިޚާބުގެ އިދާރީ އެހެން ޚަރަދުތަކަށް (ކޮންމެ އިންތިޚާބަކަށް) މަދުވެގެން ސަތޭކައެއްހައި މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވާނެއެވެ. އެއް ދުވަހެއްގައި ގިނަ އިންތިޚާބުތައް ބާއްވާ ނަމަ، އިންތިޚާބުގެ އިދާރީ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވެއެވެ. އިންތިޚާބުގެ އޮފިޝަލުން ހޯދުމާއި ތަމްރީނުކުރުމާއި ބެލެހެއްޓުމާއި ވޯޓުކަރުދާސް ޗާޕުކުރުމާއި ވޯޓުކަރުދާސް އަތޮޅުތަކަށް ފޮނުވުން ފަދަ ކަންކަމަށް ހޭދަވާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. މިސާލަކަށް ތިން އިންތިޚާބެއް ތިން ތާރީޚެއްގައި (ދުރުދުރުގައި) ބާއްވާ ނަމަ، ކޮންމެ އިންތިޚާބަކަށް ވެސް އިދާރީ ހުރިހައި ކަމެއް ހަމަޖައްސާން ޖެހޭނެއެވެ. ނަމަވެސް ތިން އިންތިޚާބެއް އެއް ދުވަހެއްގައި ބާއްވާ ނަމަ، އޮފިޝަލުން ހޯދުން އޮންނާނީ އެއް އިންތިޚާބަކަށް ހޯދާ މިންވަރަށެވެ. ދަތުރުފަތުރު ވެސް އޮންނާނީ އެއް އިންތިޚާބަކަށް ކުރާންޖެހޭ މިންވަރަށެވެ. އެހެންކަމުން ދުއިސައްތަ މިލިއަން ރުފިޔާ ސަލާމަތްކުރެވުނީއެވެ. ނަތީޖާއަކަށްވާނީ ރައްޔިތުންނާއި މުޖުތަމަޢުގެ ތަރައްގީއަށް ޓަކައި އެކި މަޝްރޫޢުތައް ހިންގާނެ ފައިސާ އިތުރުވުމެވެ. ކްލާސްރޫމު އެޅުމާއި ސިއްޙީ މަރުކަޒުތައް ތަރައްގީކުރުމާއި ބިން ހިއްކުމާއި ހައުސިންގ މަޝްރޫޢުތަކާއި މި ފަދަ ކަންކަމަށް ހޭދަކުރާން އެ ފައިސާ ބޭނުންކުރެވޭނެއެވެ. މިއީ އިގުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.

އަނެއްކޮޅުން ބަލާ އިރު، އިންތިޚާބުތަކުގައި ވޯޓުލާން ރައްޔިތުން އިންތިޒާރުކުރާންޖެހޭ ވަގުތު މަދުވެ، ގިނަ ވަގުތު ކޮންމެވެސް އުފެއްދުންތެރި ކަމަކަށް ހޭދަކުރާން ފުރުޞަތު ލިބޭނެއެވެ. މިއީ ވެސް އިޖުތިމާޢި ފައިދާގެ އިތުރަށް އިގުތިޞާދީ ގޮތުންނާއި ގައުމީ އުފެއްދުންތެރިކަމުގެ ގޮތުން ނުހަނު ފައިދާ ހުރި ކަމެކެވެ.

އަދި ގިނަ މީހުން ރިޔާސީ އިންތިޚާބުގައި ވޯޓުދޭން ނުކުންނާތީ، އެ އިންތިޚާބާ އެކު އެކީގައި އެއް ދުވަހެއްގައި އަނެއް އިންތިޚާބު ބާއްވައިފި ނަމަ، ވޯޓުދޭ މީހުންގެ ޢަދަދު ގިނަވެ، ޑިމޮކްރެސީ ހަރުދަނާވުމަށް މަގުފަހިވާނެއެވެ.

މި ކަންކަމަށް ބަލާ އިރު، ސަރުކާރުން، މި ކަން ކުރައްވާން އުޅުއްވަނީ ގައުމީ ވިސްނުމެއްގައިކަން ވަރަށް ސާފެވެ. މި ކަމުގައި ސަރުކާރަށް (ސިޔާސީ ގޮތުން) ލިބޭނެ ފައިދާއެއް ނުފެނެއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މި ކަމާ ދެކޮޅުހަދާ މައިގަނޑު ސަބަބު، ރާއްޖޭގެ އިންތިޚާބީ ތާރީޚަށް ވިސްނައިލުމުން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. ރިޔާސީ އިންތިޚާބަށް ފަހު، އިންތިޚާބު ކާމިޔާބުކުރާ ޕާޓީއިން ވެރިކަމާ ޙަވާލުވާތާ، އާ ކޮޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައިފި ނަމަ، ސަރުކާރަށް އަޣުލަބިއްޔަތު ލިބޭކަން އެންމެ ފަހުން ބޭއްވުނު އިންތިޚާބުތަކުން ރީތިކޮށް ފެންނާން އެބަ އޮތެވެ.

ރާއްޖޭގެ އިންތިޚާބީ ސަގާފަތަށް ބަލާ އިރު، އެއް ޕާޓީއެއްގެ ސަރުކާރެއް ޖެހިޖެހިގެން ދެ ދައުރެއްގައި އިންތިޚާބުވެފައެއް ނެތެވެ. އެހެންކަމުން މިހާރު އިދިކޮޅުގައި ތިބި ގިނަ ޕާޓީތަކުން އުންމިދުކުރަނީ، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން ވެރިކަމާ ޙަވާލުވާތާ ކުރީކޮޅު، ހަ މަސްދުހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައިފި ނަމަ، އެ ޕާޓީއަކަށް ސަރުކާރު އޮތުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމުގެ ފުރުޞަތު އޮންނާނެކަމަށް އެއިން ކޮންމެ ޕާޓީއަކުން ވެސް ގަބޫލުކުރަނީއެވެ. ރިޔާސީ އިންތިޚާބާ އެކުއެކީގައި އެއް ދުވަހަކު މި ދެ އިންތިޚާބު ބާއްވައިފި ނަމަ، މި ފުރުޞަތާ މެދު އުންމީދެއް ނޯންނާނެއެވެ. އެހެންކަމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާން ދެކޮޅު ހަދަނީ މި ސަބަބަށް ޓަކައެވެ. އަމިއްލަ ސިޔާސީ މަންފާއެއް ލިބިދާނެކަމުގެ އުންމީދުގައެވެ. އެހެން ސަބަބެއް ފެންނާކަށް ނެތެވެ.

އަނެއްކޮޅުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާން އެންމެ ބޮޑަށް ދެކޮޅުހަދާ މީހުންނާ ގުޅުން ހުރި މީހުން މުޅީން ވެސް މަސައްކަތްކޮށްފައި ހުއްޓައި ފެންނަނީ ގައުމަށް ފައިދާ ހުރި ކޮންމެ ކަމެއް ހުއްޓުވާންކަން މާޒީގައި ވަނީ ފެނިފައެވެ. މީގެ ބައެއް މިސާލުތަކަށް ބަލައިލަމާތޯއެވެ!

1. ސުޢޫދީ ޢަރަބިއްޔާއިން، ފ. އަތޮޅުގައި ތަރައްގީކުރާން އުޅުނު ޒަމާނީ ސިޓީ ތަރައްގީކުރުމަށް ހުރަސްއެޅިއެޅުމެވެ. އެއީ ފަހުގެ ޒަމާނެއްގައި ދިވެހި ގައުމަށް ބަޔަކު އިގުތިސާދީ ގޮތުން ދިން އެންމެ ބޮޑު ގެއްލުމެވެ. އެހެނީ އެ މަޝްރޫޢު ފ. އަތޮޅުގައި ހިންގުނު ނަމަ، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ސިޓީއެއް ފ. އަތޮޅުގައި އޮތީހެވެ. މާލޭގައި އުޅޭ ގިނަ މީހުން އެ ތަނަށް ބަދަލުވީހެވެ. ތަރައްގީވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބުވީހެވެ.

ނަމަވެސް އެ ކަން ހުއްޓުވާން ރައްޔިތުންނަށް ވިސްނައިދިނީ [ފ. އަތޮޅު ވިއްކައިލަނީ]ކަމުގެ ލޭބަލުގައެވެ. ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ހުތުރުކޮށް މުޢާމަލާތްކޮށް އެ ބޭފުޅުން ކޯފާއިސްކުރުވައިގެންނެވެ.  މި ކަން މި ހެން ކުރި އިރު، އެ މަޝްރޫޢަކީ ހަގީގަތުގައި ރާއްޖޭގެ އިގުތިސާދީ އިޖުތިމާޢީ ޙާލަތަށް މުހިންމު މަޝްރޫޢެއްކަމަށް އެ މީހުންނަށް ވެސް އެނގެއެވެ. އެ ކަން އެ މީހުން ވެސް ގަބޫލުކުރެއެވެ. މި ކަން ސާބިތުވީ، އެ މީހުންގެ [ދުޝްމަނުން]ގެ ވެރިކަން ނިމި، އެ މީހުންގެ މިތުރުންގެ ވެރިކަމުގައި، އަލުން އެ މަޝްރޫޢު ލިބޭތޯ މަސައްކަތްކޮށްފައިވާތީއެވެ. ނަމަވެސް ފުރުޞަތަކީ އަބަދު ދޮރުގައި ޓަކިދޭނެ އެއްޗަކަށް ނުވާތީ އެ ފުރުޞަތު ގެއްލުނީއެވެ. ސުޢޫދީ ޢަރަބިއްޔާގެ ގޮނޑުދޮށުގައި އެ ސިޓީ  ތަރައްގީވެ މިހާރު އެ ނިމެނީއެވެ.

2.     ހުޅުލެއާއި މާލެއާ ދެމެދު ސިނަމާލޭ ބުރިޖު އަޅާން ފެށުމުން ރާޅާއަޅާކުދީންގެ ބޮލަށް ވަދެގެން އެ ކަން ހުއްޓުވާން އުޅުނީ، އެ ބުރިޖުގެ ފައިދާ ނޭނގޭތީއެއް ނޫނެވެ. ތިމާމެންނަށް ނުވެ އޮތް ކަމެއް އެހެން ބަޔަކު ކުރާތީ އެ ކަން ހުއްޓުވާން ވެގެންނެވެ.

3. ހދ. ކުޅުދުއްފުށީގައި އެއަރުޕޯޓެއް ބިނާކުރާން ސަރުކާރުން މަސައްކަތް ފެށުމުން ވެސް ތިމާވެށި ހަލާކުކުރަނީއްޔޭ، ކުޅި ހިއްކަނީއްޔޭ ކިޔައި ރައްޔިތުންގެ ބޮލަށް ވަދެގެން އެ ކަން ހުއްޓުވާން އުޅުނީ ކުޅުދުއްފުށީގައި އެއަރުޕޯޓެއް އެޅުމުން އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ފައިދާ ނުވިސްނޭތީއެއް ނޫނެވެ. ތިމާމެން ނޫން ބަޔަކު އެ ކަން ކުރާތީ ހުއްޓުވާށެވެ. ޙަސަދައާއި ނޭއްގާނީކަމެވެ.

4. ޅ. އަތޮޅުގައި މިހާރު ބޭނުންކުރަމުންދާ މަޑިވަރު އެއަރޕޯޓު ބިނާކުރާން ފެށުމުން [ސޭވް މަޑިވަރު]ގެ ޝިޢާރު ބޭނުންކޮށްގެން އެ ކަން ކުރިޔަ ނުދޭން މަސައްކަތްކުރީ އެ މަޝްރޫޢު ކަމުނުދާތީއެއް ނޫނެވެ. އެ ކަން ވިޔަނުދޭންވެގެންނެވެ.

5. ތިލަމާލޭ ބުރިޖު އަޅާން ޗައިނާގެ ތަޖުރިބާކާރު ކުންފުންޏަކުން މަސައްކަތް ފަށާން ތައްޔާރުވެފައިވަނިކޮށް، އެ މީހުންނަށް ސަރުކާރު ލިބުމުން އެ ކަން ހުއްޓުވައި، އިންޑިއާގެ ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށްގެން އެ ކަން ދިގުދަންމައި، ބޭކާރު ފައިސާ އިސްރާފުކުރީ ގައުމީ ވިސްނުމަކުންނެއް ނޫނެވެ. އަމިއްލަ [ކޮންމެވެސް] މަސްލަހަތަކަށް ޓަކައެވެ.

6. މާލޭ ބަންޑާރަ މިސްކިތް (މަސްޖިދުއްސުލްޠާން މުޙަންމަދު ޝަމްސުއްދީން) މަރާމާތުކޮށް އެ ތާނގައި ޒަމާނީ ބޮޑު މިސްކިތެއް ޢިމާރާތްކުރާ ވާހަކަ އިޢުލާނުކުރުމާ އެކު، ކުއްލިއަކަށް އެއީ ގައުމީ ތާރީޚީ ތަރިކައެއްކަމަށް މާނަކޮށް އެ ކަން ހުއްޓުވާން އުޅެނީ، އެއީ ގައުމީ ތަރިކައެއްނޫންކަން ނޭނގޭތީއެއް ނޫނެވެ. އެ ކަން ހުއްޓުވާށެވެ.

މިހާރު، މި ދުވަސްވަރު، ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކޮށް އެއް ދުވަހެއްގައި ތިން އިންތިޚާބު ބާއްވާން ސަރުކާރުން މަސައްކަތް ފެށުމުން އެ ކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އޮޅުވައިލައި ރައްޔިތުން ލައްވައި ނޫނެކޭ ބުނުވޭތޯ މަސައްކަތްކުރަނީ، އެއް ދުވަހެއްގައި ތިން އިންތިޚާބު ބޭއްވުމަކީ ހުރިހައި ގޮތަކުން ވެސް ފައިދާ ހުރި ކަމެއްކަން އެނގި ތިބެއެވެ.

އެއް ދުވަހެއްގައި ދެ އިންތިޚާބު ބާއްވާން ނޫނެކޭ ބުނުވާން އުޅޭ މީހުން، ކުރީން ވެސް ގޮވާ މި ފަދަ ގޮވުންތަކުން ދުވަހަކު ވެސް ގައުމަށް ފައިދާއެއް ވެފައެއް ނެތެވެ. އެހެންކަމުން، މި ފަދަ ލާޤައުމީ މީހުންނަށް ނޫނެކޭ ބުނެ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާން [އާނއެކޭ] ބުނުމަކީ ޤައުމަށް ހެޔޮއެދޭ އެންމެންގެ މައްޗަށް ލާޒިމު ކަމެއްކަން ކަށަވެރެވެ! ވީމާ، އަޅުގަނޑުމެން އެންމެން ވެސް ނައްސި ވިސްނުން ދޫކޮށް ފައްސި ވިސްނުމުން [އާނއެކޭ] ބުނަމާތޯއެވެ!

ކީރިތިވަންތަ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުންދެއްވާށިއެވެ! އާމީން!

ކޮމެންޓު
ކޮމެންޓުތައް
ަޢާއެކE
5 އޭޕްރިލް 2026 06:18
އަބާ ގެ ވިސްނުމެއް އަޣުލަބިއްތަތަކަށެއް ނުވި މިފަހަރަކު. އާއެކޭ ބުނުމުގެ ފައިދާ ރައްޔިތުންގެ ގިނަ މީހުންނަށް ވިސްނާނުދެވުނީމަ އެހެން އެވީ. ވަރަށް ސަލާމް!😂
ޚާލިދު އަޙްމަދު
4 އޭޕްރިލް 2026 18:52
ވަރަށް ފައްސި ވަރަށް ބޮޱަށް ޝުކުރިއްޔާ
ނޫނެކޭ
3 އޭޕްރިލް 2026 22:16
ކަނބުލޯއެވެ! ދެ ފިކުރަކީވެސް ސިޔާސީ ފިކުރެވެ. މީހާގެ ޢުމުރަށްވުރެ ދޮށީވާހަކަ ދައްކާ ކޮސްނުގޮވާށެވެ.