ad_banner
މަންޒިލް (3)

އަސްމާ އަބޫބަކުރު

5 އޭޕްރިލް 2026

(2029 މާރިޗު 29ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ހައިމާގެ ޕްލޭނެއް އޮތްކަން ޔަގީނެވެ. އެހެން ނޫން ނަމަ އެހާ މަޑަކުން ނުހުންނާނެއެވެ. އަދީލް ވެސް ޖަޒުލާގެ ވާހަކަ ހައިމާ ގާތުގައި ނުދައްކައެވެ.  

[އޮފީސް ނިންމާފަ ދަމުން ތިގެއަށް ވަދެލާނަން.] ހައިމާ އާއެނކޭ ބުނެ ފޯނު ކުރުކޮށްލިއެވެ. އަދީލަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ހައިމާ މާގިނަ ވާހަކަ ދައްކާން ނޫޅޭތީ، އަދީލަށް އެއްވެސް ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.  

ދަތުރުގެ ވާހަކަ ޖަޒުލާގާތުގައި އަދީލް ބުނީ ފުރަން ކައިރިކޮށްފައެވެ. ބޭރަށްދާ ވާހަކަ ބުނުމުން ޖަޒުލާ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. ޖަޒުލާ އަށް ވާނީ ވެސް އެހެންތާއެވެ. އަދީލާ އެކީގައި ދަތުރު ދާން ޖަޒުލާއަށް ފަސޭހައެއް ނޫނެވެ. އަދީލްގެ އަޅައިނުލުން ހުންނަގޮތުން ޖަޒުލާ ސުވާލުކޮށެއް ނުހަދައެވެ. ކުރި ނަމަވެސް އަދީލުގެ ފަރާތުން ޖަވާބު ލިބޭނީއެއް ވެސް ނޫނެވެ

ޖަޒުލާގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. ކިޔެވުން ހުއްޓައިލިތާ މަހެއްހައި ދުވަސްވުމުން އެ ކަމުގެ ވިސްނުމެވެ. ބޭނުންވީ ކިޔަވައިގެން ގައުމަށް ޚިދުމަތްކުރުމަށެވެ. އެހެންނަމަވެސް އެ ކަމެއް ކުރިއަކަށް ނުގެންދެވުނީތީ އެކަމާ ޖަޒުލާ ދެރަވެއެވެ.  

ޖަޒުލާ ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައިރު ވިސްނަމުން ދިޔައީ އަދީލްގެ މިޒާޖާ ދޭތެރޭގައެވެ. އޭނާގެ އެހުންނަ ރުޅިވެރިކަމާއި އަޅައިލުން ކުޑަކަމާމެދުއެވެ. އެކަހަލަ މީހަކާއެކީ ދަތުރުގައި އުޅޭނީ ކިހިނެއްބާވައޭ ޖަޒުލާ ހިތަށްއެރިއެވެ. ކިތަންމެ ރީތި ތަނަކަށް ދިޔަސް އެ ރީތިކަމެއްގެ އުފާ ހާސިލް ކުރެވޭނީ ދެމީހުންގެ ގުޅުން ރަނގަޅު ވެގެންނެވެ.  

"އަހަރެމެންގެ ގުޅުން މިއޮތީ ކިރިޔަ ކިރިޔާ. ދެންމެ ދެންމެ ކެނޑިގެން ދާ ހިސާބުގައި. މި ދަތުރު ނުދާނަމޭ ބުނަންވީ. އަދީލް ކުރިމަތީ އަހަރެން ވާހަކަ ދެއްކިޔަސް ވާނެ ފައިދާއެއް ނެތް." ޖަޒުލާ އަމިއްލައަށް ދިޔައީ ވާހަކަ ދައްކަމުންނެވެ. ކޮޓަރިން ނިކުތުމާއެކު އަދީލްގެ މަންމަ ހުރީ ޖަޒުލާގެ ކުރިމަތީގައެވެ.  

"ކޮންކަމަކާ ޖަޒުލާ ތިހުރީ ކަންބޮޑުވެފަ؟ މާދަމާ ފުރާއިރު ތިހެން ހުރެގެން ދަތުރުގެ އެއްވެސް އުފަލެއް ލިބޭނެތަ؟"  

"މަންމާ. ކަންބޮޑު ވަނީ މަންމަގެ ދަރިފުޅު އުޅޭގޮތުން. އަހަރެން ފެނުނަސް އަދީލް ހުންނަނީ ހިތްހަމަ ނުޖެހިފަ؟ ކިހިނެއް އަހަރެމެން ދެމީހުން އެކީގައި ދަތުރުކުރާނީ؟ މި ދަތުރު ދާން ބުނީމަ ވެސް ކަންބޮޑުވާން ފަށައިފި އަސްލަށް ވެސް." ޖަޒުލާ އާއި މައިދައިތަ ގުޅުން ވަރަށް ރަނގަޅެވެ. ޖަޒުލާ ދެކެ އަދީލްގެ  މަންމަ އާއި ބައްޕަ ވެސް ވަރަށް ލޯބިވެއެވެ. އެމީހުން ދެކެނީ ޖަޒުލާ އަކީ އެމީހުންގެ ދެވަނަ އަންހެން ދަރި ކަމުގައެވެ.    

"ދެމީހުން ހާދަ އޮލަ ވާހަކައެއްގައި. މާދަން ފުރާތީ ދޮންބެ ބަލަހައްޓާނެގޮތް ކިޔައިދެނީތަ؟" އާނާ ވެސް ކާގަޑިއަށް ކޮޓަރިން ނިކުތްއިރު މަންމަމެން ވާހަކަ ދައްކާތީ ފެނިގެން ދިމާކޮށްލިއެވެ. އާނާގެ ފަރާތުން ޖަޒުލާ އަށް އޮތީ ހައިމާ އަކީ އަދީލްގެ ލޯބިވެރިޔާކަން އެނގިފައެވެ. އެރޭ އަދީލް ކާން ނާންނާތީ ތިންމީހުން އެކީގައި ތިބެގެން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. ފުރުމުގެ ކުރިން ޖަޒުލާ ބައްޕަގެ ކައިރިއަށް ގޮސްލާނެ ކަމަށް ބުނެފައި ތެދުވެއްޖެއެވެ.  

ޖަޒުލާ ބައްޕައާ ބައްދަލް ކޮށްލަން ދިޔައިރު ދޮންމަންމަ ވެސް ވަރަށް ހިނިތުން ވެފައި ހުއްޓެވެ. އެއީ މުޅިން އާކަމެކެވެ. އެހެން ނޫނީ ޖަޒުލާ ފެންނައިރަށް އަނެއްފަރާތަށް މޫނު އަނބުރާނެއެވެ. މިފަހަރު ކޮލުދަތް ވެސް ފެންނަވަރަށް ހިނިއައިސް ހުރެގެން ޖަޒުލާ ގާތުގައި އިށީނެވެ.  

ވާހަކަ ދެއްކުމުގެ ތެރޭގައި ޖަޒުލާ ގާތުން ސާހިރާ ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދަން މަސައްކަތް ކުރިއެވެ. ޖަޒުލާގެ ވާހަކައި ލިބުނު މަޢުލޫމާތު ހައިމާއަށް ސާހިރާ ފޯރުކޮށްދިނެވެ. އަދީލް ނައީ ކީއްވެތޯ ޖަޒުލާގެ ބައްޕަ އެހިއެވެ. އެވަގުތު ޖަޒުލާގެ ހިތަށްއެރިއެވެ. ބައްޕަ އަށް އަދީލްގެ ހަގީގަތް އެނގިއްޖެއްޔާ މާދެރަވާނެއެވެ. މިދުވަސްކޮޅު ބައްޕަ އެއުޅެނީ ބަލިކޮށެވެ. ޖަޒުލާގެ ބައްޕަ ޖަޒުލާ ދެކެ ވަރަށް ލޯބިވެއެވެ. މައްސަލައަކީ ސާހިރާ ބުނާގޮތަށް ގިނަކަންތައް ކުރެވެމުންދާތީއެވެ.  

"އަދީލް ވީ އޮފީހުގައި. މާދަމާ ފުރާތީ ނިންމަންހުރި ކަންކަން ނިންމަން ގޮސް. އެހެންވެ ނާދެވުނީ" ޖަޒުލާ އެހެން ބުނުމާއެކު ސާހިރާ އެއްމިޔަކުން ހީލިއެވެ. އަދީލް ވާނީ ހައިމާ އެކުގައި ކަމަށް ސާހިރާ ހިތުން ބުނަމުން ދިޔައެވެ.  

އިންޑޮނޭޝިޔާގެ ބާރލީ އެއަރޕޯޓް ފެނުމުން ވެސް ޖަޒުލާ ހުރީ އުފާވެފައެވެ. އެއަރޕޯޓް ދޮރުމަތީގައި  ހައްދާފައިވާ ރީތިގަސްތައް ފެނުމުން ޖަޒުލާ އަށް ހީވީ ޕަރިސްތާނުގައި އުޅެވޭހެންނެވެ. އެތަނުގެ ރީތިކަމަށް ބަލަހައްޓައިގެން ހުރެފައި ޖަޒުލާ ދެލޯމަރާލިއެވެ. އެވަގުތު އަދީލް އައިސް ޖަޒުލާގެ މޫނަށް ބަލައިލިއެވެ. ކުރިން ޖަޒުލާދެކެ ވާ ފޫހި މިހާރު އަދީލަށް އިހްސާސެއް ނުކުރެވެއެވެ. މިހާރު ޖަޒުލާ ފެންނައިރު އެ މޫނަށް ބަލަން ބޭނުންވެއެވެ.  

"ޖަޒުލާ. ހިނގާދާން" އަދީލް އަޑުޖެހުމުން ޖަޒުލާ ސިއްސައިގެން ދިޔައެވެ. އަދީލް ހިފާފައި ހުރި ޕްރައިވެޓް ވިލާގައި ސްވިމިންޕޫލް އޮތުމުން ޖަޒުލާ ހިތަށް އެރިއެވެ. އަދީލް ވާހަކަ ނުދެއްކިއަސް ކޮންމެ ދުވަހަކު މި ޕޫލް އޮތިއްޔާ ނިމުނީއެވެ. ހިތްފަސޭހަ މާހައުލެކެވެ. ފޮށިތައް ބަހައްޓާފައި އަދީލް އެނބުރިލި ގޮތުން ފައި އަރިޔަކަށް އެޅި ވެއްޓެންދިޔައެވެ. އެވަގުތު އަދީލްގެ ފަޔަށް ތަދުވެގެން ހަޅެއްލަވައި ގަނެވުނެވެ. ޖަޒުލާ ވަގުތުން އަދީލް ގައިގައި ހިފެހެއްޓިއެވެ. އަދި އަދީލް އެނދުގައި ބޭންދިއެވެ. ޖަޒުލާގެ ކުޑަ ފަސްޓް އެއިޑް ބޮކްސް ނަގައި އަދީލް ފައިގައި ތަދުވާ ތަންތާގައި އުނގުޅާ ބޭހެއް އުނގުޅައި ދިނެވެ.  

ރޭގަނޑުގެ ވަގުތެވެ. އަދީލް ފައިގެ ތަދު ނުފިލާތީ ޖަޒުލާ ހޫނު ފެން ފުޅިއެއް ގެނެސް އޭގެ މަތީގައި ފައި އަޅާފައި ފައި ރޯލް ކުރަން ބުނެލިއެވެ. އަދީލް އަތުގައި ހިފަހައްޓައިގެން ޖަޒުލާގެ އެހީތެރިކަމާއެކު ދިހަވަރަކަށް މިނިޓްވަންދެން އެހެން ހެދުމުން އަދީލަށް ލުއިވާން ފެށިއެވެ. ރޫމަށް ކާންގެނެސް އަދީލަށް ކާންދިނީ ވެސް ޖަޒުލާއެވެ. ރޭގަނޑު ވެސް ފައިގައި ބޭސް އުނގުޅައިދީ ތަދުކަނޑުވަން ޕެރެސެޓްމޯލް ގުޅައެއް ދިނެވެ. ކައިގެން ނިދަން ބުނެފައި ޖަޒުލާ ވެސް އޮށޯތެވެ.  ދަތުރު ވަރުބަލިވެފައި ހުރިވަރުން އެނދުގައި ޖެހުމާއެކު ޖަޒުލާ އަށް ނިދިއްޖެއެވެ.   

ފަތިހާ އަދީލަށް ހޭލެވުނެވެ. ޖަޒުލާއަށް ނިދިފައި އޮތުމުން އަދީލް ތެދުވެ ފައިއެޅޭތޯ ބެލިއެވެ. ފައިގެ ރިހުން އެކީގައި ފިލާފައިވާތީ، އަދީލް ބޭރަށް ނިކުތީ ތަންތަން ބަލާލާށެވެ. ހައިމާއަށް ގުޅައިލުމާއެކު ފޯނު ނަގައިފިއެވެ. އެކިއެކި ވަހަކައިގެ ތެރެއިން އަދީލް ގާތުން ހައިމާ ބޭނުންވާ މަޢުލޫމާތު ހޯދިއެވެ. ވަރަށް އަވަހަށް ބައްދަލްވާނެ ކަމަށް ބުނެ ހައިމާ ފޯނު ބޭއްވިއެވެ. އަދީލް ވެސް އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. ޖަޒުލާ ހޭލުމުން ސައިބޮއެގެން ތަންތަން ބަލާލަން ދާންވާނެ ކަމުގައި އަދީލް ބުންޏެވެ.   

އަދީލާއި ޖަޒުލާގެ ގުޅުން މަޑުމަޑުން ފެށުނެވެ. އަދީލަށް ބަދަލު އައީ ޖަޒުލާ ދެކޭގޮތުގައި އަދީލް ފައިނޭޅިގެން އުޅުނު ދުވަހު ޖަޒުލާ ވެދިން އެހީތެރި ކަމަށްފަހުއެވެ. އެރެއަށްފަހު ޖަޒުލާއާ އެކީގައި އަދީލް ވަގުތު ހޭދަކުރެއެވެ. ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ޖަޒުލާގެ އުޅުމާއި ޖަޒުލާގެ ސިފަ އަދީލަށް ކަމުދާން ފެށީ ޖަޒުލާގެ އޯގާތެރިކަން ފެނިފައެވެ.  

އަދީލް ބައްޕައަށް ގުޅާފައި ގަންނަންޖެހޭ ތަކެތީގެ ލިސްޓް ފޮނުވަން ބުނުމުން ބައްޕަ ދިނީ މާ ހެއްވާ ޖަވާބެކެވެ. މިވަގުތު އެއްޗެއް ގަންނާނެ ކަމެއް ނެތްކަމަށް ބުނެ، ތަންތަން ބަލާލުމަށް ވަގުތު ހުސްކުރަން ބުންޏެވެ. އަދީލް ހައިރާންވީ ބައްޕަ ޓިކެޓް އެ ދިނީ ހަމައެކަނި ހަނީމޫން ދަތުރަށްކަން އެނގުނު ހިސާބުންނެވެ.  

އާނާ ގުޅާފައި އަދީލްގާތުގައި ހައިމާ ފުރަން އުޅޭކަމަށް ބުންޏެވެ. ދަނީ ކޮންތާކަށް ކަމެއް އާނާގާތުގައި ހައިމާއެއް ނުބުނެއެވެ.

"ދޮންބެ ހައިމާ ވެސް ތިތަނަށް ގެންދަނީތަ؟" އާނާ އެހި ސުވާލުން އަދީލް ކަންބޮޑުވިއެވެ.  

"ނޫން. ހައިމާ އެއް ނުގެންނަން." އަދީލް ހުރީ ވަމުންދާގޮތް  ނޭނގިފައެވެ.  

"ހައިމާ ބުނި އިންޑޮނޭޝިޔާއަށް ދޮންބެ ކައިރިއަށް ދަނީކަމަށް. އަދި އޭނަޔާ އެކުގައި ރައްޓެއްސެއް ވެސް ދާ ކަމަށް ބުނި" އާނާ ދެއްކި ވާހަކަތައް އަޑުއިވުމުން އަދީލް ކުއްލިއަކަށް ހިތަށްއެރީ ހައިމާގެ ޕްލޭން މަތިންނެވެ. ކުއްލިއަކަށް ހައިމާ ބުނި ޖުމްލައެއް އަދީލް ހަނދާންވިއެވެ.  

"ވަރަށް އަވަހަށް ބައްދަލްވާނެ." އެއީ ހައިމާގެ އެންމެ ފަހުގެ ޖުމްލައެވެ.  

ހެނދުނު ސައިބޯން ގޮސް އެމީހުން ތިބި ހޮޓަލުގެ ރެސްޓޯރެންޓަށް ހައިމާ ކުއްލިއަކަށް ވަދެގެން އައުމުން އަދީލަށް ލިބުނީ ކުއްލި ސިހުމެކެވެ.  

"މިއީ ކޮންފަދަ އިއްތިފާގެއް!" ހިނިތުންވެލަމުން ހައިމާ ބުންޏެވެ. ނަމަވެސް އެއީ އިއްތިފާގެއް ނޫންކަމާއި، އެއީ އަދީލްގެ ފޯނުން ލޮކޭޝަން ބަލައިގެން އޭނާ ރޭވި މަކަރުވެރި ރޭވުމެއްކަން އެނގެނީ ހަމައެކަނި ހައިމާ އަށެވެ. އަދީލަށް ވެސް އެނގިފައި އޮތީ އަންނަކަމެވެ.  އޭނާގެ މަގްސަދަކީ ޖަޒުލާގެ ހިތުގައި ޝައްކު އުފައްދައި، އެ ދެމީހުންގެ ގުޅުން ބަލިކަށިކޮށްލުމެވެ. 

އަދި ހައިމާ އަބަދުވެސް މަސައްކަތް ކުރަމުންދިޔައީ އަދީލާ އެކަނި ބައްދަލުވާނެ ގޮތްތައް ހޯދުމަށެވެ. ޖަޒުލާއަށް އިވޭނޭހެން މާޒީގެ ބައެއް ހަނދާންތައް އާކޮށް، އެމީހުންގެ ދެމެދުގައި އޮތް ގާތްކަން ދެއްކުމަށް އޭނާ ފަހެއް ނުޖެހެއެވެ. ޖަޒުލާގެ ހިތުގައި ނުތަނަވަސްކަން އުފެދުނު ނަމަވެސް، އޭނާ ކެތްތެރިކަމާއެކު ހައިމާގެ އުޅޭގޮތަށް އެއްޗެއް ނުބުނެވޭތޯ ބަލައެވެ.

ނަމަވެސް ހަގީގީ ލޯތްބަކީ މަކަރާއި ހީލަތުން ގުޑުވާލެވޭނެ އެއްޗެއް ނޫންކަން ހައިމާއަށް ނޭނގުނީއެވެ. އަދީލްގެ އިތުބާރާއި ޖަޒުލާގެ ހިކުމަތްތެރިކަމުގެ ކުރިމަތީގައި ހައިމާގެ ރޭވުންތައް ފުނޑުފުނޑުވާން ފެށިއެވެ. އިންޑޮނޭޝިޔާގެ އެ ރީތި މާހައުލުގައި ހައިމާ އުއްމީދުކުރި ފަދަ ނަތީޖާއެއް ނުލިބި، އޭނާގެ މަކަރުވެރިކަން އަދީލަށް އެނގެން ފެށިއެވެ.  

ކޮންމެ ދުވަހަކުވެސް ހައިމާ އައީ އާ އުކުޅުތަކެއް ބޭނުންކުރަމުންނެވެ. ބައެއް ފަހަރު ބަލިވީކަމަށް ހެދިގެން އަދީލްގެ އެހީތެރިކަމަށް އެދެއެވެ. އަނެއްބައި ފަހަރު ޖަޒުލާއަށް ނޭނގި އަދީލަށް މެސެޖުކޮށް، އެމީހުންގެ ގުޅުމަށް ބުރޫއަރުވަން މަސައްކަތް ކުރެއެވެ. ހައިމާގެ މި މަކަރުވެރި ރޭވުންތަކުގެ ސަބަބުން ޖަޒުލާގެ ހިތުގައި ނުތަނަވަސްކަން އުފެދުނު ނަމަވެސް، އެއްޗެއް ނުބުނެއެވެ. 

ރޭގަނޑުގެ ވަގުތެވެ. އަދީލް ދިޔައީ ހައިމާގެ ކޮޓަރީގައި އަދީލްގެ ފޯނުން ވީޑިޔޯ ކުރަން ޖައްސާފައެވެ. އެރޭ ހައިމާ އާއި ސާހިރާ ރޭވީ އަދީލް ބޭރަށް ނިކުންނަވަގުތު ބަލާފައި އެ ރޫމަށް ފިރިހެނަކު ވައްދާށެވެ. އަދީލް އެކަން ކުރުމަށް ހައިމާ އަށް ވަގުތު ދިނެވެ. ހައިމާ ފުރުޞަތުގެ ބޭނުން ހިފައި ޖަޒުލާ ނިދާފައި އޮއްވައި ފިރިހެނަކު އެ ރޫމަށް ވައްދާފައި އަދީލަށް ގުޅިއެވެ. އަދީލް އައުމުން ހައިމާ، އަދީލް ގާތުގައި އެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ބުންޏެވެ.  

ޖަޒުލާ އަށް ދޮރުގައި ޓަކިޖަހާ އަޑަށް ލޯހުޅުވައި ލެވުނެވެ. އެވަގުތު ފެނުނީ އެނދުގައި އެހެން ފިރިހެނަކު އޮއްވައެވެ. ޖަޒުލާ ދޮރު ހުޅުވައިލުމާއެކު ހައިމާ އާއި އަދީލް ހުއްޓައި ފެނުނެވެ. ޖަޒުލާ އިސްޖަހައިލިއެވެ. ދެއްކޭނެ އިތުރު ވާހަކައެއް ނެތުމުންނެވެ.  

ނަމަވެސް ހަގީގީ ލޯތްބަކީ މަކަރާއި ހީލަތުން ފުނޑު ފުނޑު ކޮށްލެވޭނެ އެއްޗެއް ނޫންކަން ހައިމާ އަކަށް ނޭނގުނެވެ. އަދީލަށް ހައިމާގެ އަސްލު ސޫރަ ފެންނަން ފެށުމާއެކު، އޭނާގެ ހުރިހާ ރޭވުމެއް ފެނަށް ދިޔައެވެ. ހައިމާ އިންތިޒާރު ކުރަމުން ދިޔައީ އަދީލް، ޖަޒުލާގެ  މޫނުމަތީގައި ޖަހާނެ ވަގުތަކަށެވެ. ކުއްލިއަކަށް އަދީލް ހައިމާގެ މޫނުމަތީގައި ޖެހިއެވެ. ހައިމާގެ ޕްލޭން ފްލޮޕްވީއެވެ.   

"އަހަރެން ހައިމާ މަތިން ފޫހިވެއްޖެ. ތިއީ މަކަރުވެރިއެއް. ހައިމާ ސާހިރާއާ ގުޅިގެން ޖަޒުލާ ބަދުނާމް ކުރަން ތި ނިކުތީ ކީއްވެ؟ ފައިސާ އަކީ ކަލޭމެންގެ ބަލިފައި." އަދީލް ހުރީ ރުޅިގަދަވެފައެވެ. ހައިމާ ހުރީ ބިރުގެންފައެވެ. އެވަގުތު ޖަޒުލާ ހުރީ ހައިރާން ވެފައެވެ. ސާހިރާ އެތަން ބަލަން ދުރުގައި ހުއްޓެވެ.

"އަހަރެން ހީކުރީ އަހަރެންނޭ ގޯހީ. އަހަންނަށްވުރެ ކަލޭމެން މާނުބައި. ހިޔަޅުގެ މަކަރުވެރިކަން އެބަތިބި ލިބިފައި. ކަލޭމެން ދެއްކި ހުރިހާ ވާހަކައެއް އަހަރެން މާކުރިން އަޑުއަހައިފިން. މިއަދުގެ ޕްލޭން މިއޮތީ ފޯނުގައި ރެކޯޑް ކުރެވިފައި. މީގެ ކުރީން އަހަރެން ހައިމާ ބުނިގޮތަކަށް ކަންތައް ކުރީ. މިއަދުން ފެށިގެން ހައިމާއާ އޮތް ގުޅުން ނިމުނީ."

ޖަޒުލާގެ މާތް އަހުލާގާއި ކެތްތެރިކަމުގެ ކުރިމަތީގައި ހައިމާގެ މަކަރުވެރިކަން ބަލިވެ، އެންމެ ފަހުން އޭނާއަށް ޖެހުނީ ބަލިގަބޫލުކޮށް އެނބުރި ގައުމަށް ދާށެވެ. އަދީލްގެ ހިތުގެ މަންޒިލަކީ ޖަޒުލާއެވެ. (ނިމުނީ) 

ކޮމެންޓު