ad_banner
ސިޓީ ކައުންސިލުން އާންމުކުރި ދެ ޕޯސްޓު

އަލްއުސްތާޒު އަޙުމަދު މާޖިދު

12 ޖުލައި 2026

ފޭސްބުކު ހުޅުވައިލުމުން ފެނުނު ޕޯސްޓުތަކުގެ ތެރެއިން ދެ ޕޯސްޓަކަށް އަޅުގަނޑުގެ ސަމާލުކަން ހުއްޓައިލެވުނެވެ.

މި ދެ ޕޯސްޓަކީ ވެސް ފުވައްމުލަކު ސިޓީ ކައުންސިލުގެ ދެ ޕޯސްޓެވެ.

އެއް ޕޯސްޓަކީ ފުވައްމުލަކު ސަރަޙައްދެއްގައި ކުރެވުނު ބިނާއެއް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭ ޕޯސްޓެކެވެ. އެ ބިނާގެ ނަން ރަސްމީކޮށް ލިޔެފައި އޮތީ އިނގިރޭސި ބަހުންނެވެ. ރަސްމިއްޔާތުގެ މަކާނުގައި ބެހެއްޓިފައި ހުރި ލިޔުންތައް ހުރީ އިނގިރޭސި ބަހުންނެވެ.

ދެވަނަ ޕޯސްޓަކީ، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް (ކަހަލަ ތަނެއް) ފުވައްމުލަކުގައި ގާއިމުކުރެވުނު ވާހަކަ އޮތް ޕޯސްޓެކެވެ. އެ ތަނަށް ވެސް ނަން ކިޔައިފައި ވަނީ އިނގިރޭސި ބަހުންނެވެ. ކޮންމެވެސް "އައުޓްރީޗު ސެންޓަރެއް"ތޯ އެ ކަހަލަ ނަމެކެވެ.

ދިވެހި ދައުލަތުން (ނުވަތަ ދައުލަތުގެ ބައެއް މުއައްސަސަތަކުން) ދިވެހި ޤައުމުގެ ޝަޚުސިއްޔަތާއި ޝަނާކަތާއި ސަގާފަތުގެ މައިގަނޑު އަސާސްކަމަށްވާ ދިވެހި ބަހާ ދެކޮޅަށް މި ކުރަނީ ކޮން ފަދަ ނުބައި ހަނގުރާމައެއްހެއްޔެވެ؟ އެ ކަން އެހެން އޮތިއްޔާ، ރީތިކޮށް ތިޔަ ހަނގުރާމަ އިޢުލާނުކޮށްލައިގެން ކުރާންވީ ނޫންހެއްޔެވެ؟ ތިމަންމެން ދިވެހިބަހެއް ބޭނުމެއް ނޫނޭ، ދިވެހިބަހާ މެދު ލަދުވެތިވަމޭ، ދިވެހިބަހަކީ ފަކުރު އެއްޗެކޭ، ބޭނުން ވަނީ ދިވެހި ބަސް ނައްތައިލާށޭ، މިހެން ފައުޅުގައި ބުނާންވީ ނޫންހެއްޔެވެ؟ ރީތިކޮށް އެހެން ބުނެފައި، ޤާނޫނުއަސާސީއާއި އެހެނިހެން ޤާނޫނުތަކުގައި، ދިވެހިބަހަކީ މި ޤައުމުގެ ރަސްމީ ބަސްކަމަށާއި، ދިވެހިބަސް ޙިމާޔަތްކުރުމަކީ ދައުލަތުގެ ޒިންމާއެއް އަދި ވާޖިބެއްކަމަށް ލިޔެފައި އެހެރަ ހުރިހައި މާއްދާތަކެއް އުވައިލާންވީ ނޫންހެއްޔެވެ؟ މި ކަންކަން މިހެން ކޮށްފައި، ދެން ތިޔަ ހަދާ އެއްޗެއް ހަދާނީއެވެ. ކުރާ ކަމެއް ކުރާނީއެވެ.

އެހެންޏާ ފަހެ، ބަޔެއްގެ ވިއްޔާ ކޮންމެވެސް ގޮތެއް ހުންނާން ޖެހޭނެތާއެވެ! އަޅަކަށް ވަންޏާ ވާންވާނީ ވެސް، މަ ވާނީ އަޅަކަށޭ ބުނެފައި ތާއެވެ! މަމެން މިނިވަނޭ، ބޭނުމީ މިނިވަންކަމޭ، ބަޔެއްގެ އަޅުވެތިކަމަކަށް ނުދާނަމޭ ކިޔައި ލަވަ ކިޔަމުން، ނަށަމުން، އަތްފަޔާއި ކަރުގައި އަޅުވެތިކަމުގެ ކަސްތޮޅުއެޅުވުން، އެއީ ފަހެ މޮޔައިން ކުރާ ކަހަލަ ކަމެއް ނޫންހެއްޔެވެ؟

ކޮމެންޓު