އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 އޭޕްރިލް 2026
ފޮޓޯ: މޫސާ
ދިވެހިބަހުގެ ބަސްކޮމެޓީއާއި ދިވެހިބަހުގެ އެކެޑަމީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އެންމެ އިސްކޮށް ތިއްބަވަނީ އަޅުގަނޑާ ދެކެފަރިތަ ރައްޓެވި ބޭފުޅުންކަމަށްވާތީ، މި ވޭތުވެ ދިޔަ ދެތިން ދުވަހު އެކި ބޭފުޅުން އަޅުގަނޑާ ގުޅުއްވައިގެންނާއި ފޮޓޯމެސެޖުކޮށްގެން ވަރަށް ގިނަ ފާޑު އެބަ ވިދާޅުވެއެވެ. އެއީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ބައެއް މަގުތަކުގައި ވަރަށް ފަހުން ހަރުކުރި ނަންބޯޑުތަކެއްގައި، ދިވެހިބަހުގައި ތ. ސުކުން ކުރުމުގެ ހަމަތަކާއި އައިބައިފިލީގެ ހަމަތާކައި ހުސްނޫނު ބޭނުންކުރުމުގެ ހަމަތަކާއި ލަފުފުޒު ދުރުކުރުމުގެ އުޞޫލާ ޚިލާފަށް ނަންތައް ލިޔެ ބޯޑުތައް ހަރުކޮށްފައިވާތީއާއި ބޯޑުތަކުގައި ބޭނުންކޮށްފައިވާ ފޮންޓާއި މި ފަދަ ކަންކަމާ ބެހޭ ގޮތުން ފާޑުވިދާޅުވާންވެގެންނެވެ. ނަމަވެސް މި ގޮތަށް މި ކަން ކޮށްފައިވަނީ ކޮން އިދާރާއަކުން ކަމެއް ފުރަތަމަ އަޅުގަނޑަކަށް ނޭނގެއެވެ. އިސްވެ މި އިޝާރާތްކުރި އެއްވެސް އިދާރާއަކީ މާލޭގެ މަގުތަކުގެ ކަންކަން ބަލަހައްޓަވާނެ އިދާރާއެއް ނުވަތަ ވިދާރާއެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. އަދި ހަމަ ގައިމު ވެސް މި ކަމާ އަޅުގަނޑަކާ އެއްވެސް ގުޅުމެއް ވެސް ނެތެވެ. ނަމަވެސް އަޅުގަނޑަކީ ވެސް ގައުމީ ބަހަށް ލޯބިކުރާ މީހަކަށްވާތީ ބައެއް ރައްޓެހީން ވެސް އެ ކަންކަން އެހެން ހުރީތީ ދެރަފުޅުވެގެން އަޅުގަނޑާ ވެސް އެ ކަން ޙިއްސާކުރެއްވީކަން ގަބޫލުކޮށް އެ ބޭބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.
އިދާރާތަކަށް ނަންކިޔައިފައި ހުންނަ ގޮތުން، މާލޭ މަގުތަކުގެ ކަންކަން ބެލެހެއްޓުމާ ގުޅޭކަމަށް އަޅުގަނޑަށް ފެންނަނީ މާލޭ ސިޓީ ކައުންސިލް ނުވަތަ ރޯޑު ޑިވެލޮޕުމެންޓު ކޯޕަރޭޝަން، ގެދޮރުވެރިކަމާއި ޢިމާރާތްތަކާއި ބިނާރާ ބެހޭ ވުޒާރާ ފަދަ އިދާރާއަކުންކަން ދޭހަވެއެވެ. ނަމަވެސް ފަހުން ކަށަވަރުވި ގޮތުގައި މި ދެންނެވި މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުން ކުރެއްވި މަސައްކަތްޕުޅެއްކަން އެނގުނެވެ. އެއީ އެ އިދާރާގެ ހަވާލަތުގެ ތެރޭގައި އޮންނަ ކަމެއްކަމަށް ފަހުން އެނގުނެވެ.
ކޮންމެއަކަސް އެ ގޮތަށް ބައެއް މަގުތަކުގައި ނަންބޯޑުތައް ހަރުކޮށްފައި ހުރިކަމީ ހަގީގަތެކެވެ. ތ. ސުކުނުގެ ބަދަލުގައި އައިބައިފިލި، ހުސްނޫނުގެ ބަދަލުގައި ނޫނު ސުކުންކޮށްގެން ބައެއް ނަންބޯޑުތައް ހަރުކޮށްފައި އެބަ ހުއްޓެވެ. އަދި ލަފުޒު ދުރުކުރުމުގެ އުސޫލަށް ބެލުމެއްނެތި ވެސް ބައެއް ބޯޑުތައް ހުއްޓެވެ. މިސާލަކަށް: މެދުޒިޔާރައިމަގު (ރަނގަޅު ގޮތަކީ: މެދު ޒިޔާރަތް މަގު)، މާފައިތަކުރުފާނުމަގު، (ރަނގަޅު ގޮތަކީ: މާފަތްތަކުރުފާނު މަގު)، ދޮންއަދަރާދަހިންގުން (ރަނގަޅު ގޮތަކީ: ދޮންއަދަރާދަ ހިނގުން) ފަދަ ނަންތައް ފާހަގަކުރެވުނެވެ. އަދި ނަންބޯޑު ހަދައިފައިވަނީ އާދައިގެ ސިޓީ ލިޔާން ބޭނުންކުރާ ފޮންޓެއްކަމަށްވާ ފަރުމާ ފޮންޓުންކަމާއި މިއީ ނަންބޯޑު ހަދާން ރީތި ފޮންޓެއް ނޫންކަން ވެސް ފާހަގަކުރެވުނެވެ. މި ކަމަކީ، މި ނަންތައް ލިޔެފައި ހުރި ގޮތާއި ލިޔެފައި ހުރި ފޮންޓާ ބެހޭ ގޮތުން ސިޓީ ކައުންސިލުގެ ބައެއް މުވައްޒަފުންގެ މެދުގައި ވެސް ހިސާބަކަށް ޚިޔާލު ތަފާތުވެ، މަޝްވަރާކުރެއްވިކަމެއްކަން ވެސް ފަހުން ވަނީ އެނގިފައެވެ.
މި ކަމަކީ އެއް އިދާރާއަކުން އަނެއް އިދާރާއެއް ކުށްވެރިކޮށްގެން ހައްލުވާނެ މައްސަލައެއް ނޫނެވެ. މި ކަން ޙައްލުވާނެ ގޮތަކީ ހުރިހައި އިދާރާތަކަކާއި ހުރިހައި ފަރުދުން ވެސް ޒިންމާދާރުވުމެވެ. ގޭތެރެއިން، މައިންބަފައިންނާއި އިސްކޫލުތަކުން ވެސް ދަރިވަރުންނަށް ދިވެހިބަހުން ހެޔޮކޮށްލިޔާން ދަސްކޮށްދިނުމަކީ މުހިންމު އަދި ބޭނުންތެރި ކަމެއްކަމަށް ގަބޫލުކޮށް އެ ކަން، ޅަފަތުގައި ދައިވަރުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ.
އަނެއްކަމަކީ، މި ގޮތަށް ގިނަ ޒަމާންތަކަކަށް އެންމެންނަށް ފެންނާނެ ގޮތަކަށް ހަރުކުރާ ނަންބޯޑުތައް، އެ ނަންބޯޑުތަކުގައި ރަނގަޅަށް ލިޔެވިފައިވާކަން ކަށަވަރުކުރުމަށް ފަހު، ނަންބޯޑު ތައްޔާރުކުރުމެވެ. ޢަމުދުން ދައުލަތުގެ އިދާރާއަކުން މި ފަދަ ކަމެއް ކުރައްވާ ނަމަ، އެ ނަންތައް ލިޔެފައިވާ ގޮތާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީއާއި ދިވެހިބަހާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްލެއްވުމަކީ އަޅުގަނޑު ހިތުން ދެރަ ކަމެއް ނޫނެވެ. އެއީ ކޮންމެހެން ކުރާން ޖެހޭނެ، އެންމެ ޒިންމާދާރު ގޮތެވެ. އެންމެން ޒިންމާދާރުވަމާ ހިނގާށެވެ! އެއް ބަޔަކު އަނެއް ބަޔަކަށް ކުށްވެރިކުރުމަކީ މައްސަލައިގެ ޙައްލެއްނޫނެވެ. އެއީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ.
ނަންތައް ލެޓިން އަކުރުން ލިޔުމުގައި ވެސް މައްސަލައެއް ފާހަގަކުރުމެވެ. އެއީ ހުސްނޫނާއި ނޫނު ސުކުނަށް ވެސް ހަމައެކަނި އެން (n) އަކުރު ބޭނުންކުރައްވައިފައިވުމެވެ. މިސާލަކަށް: ހިންގުމާއި ހިނގުމަކީ މާނަ ތަފާތު ދެ ލަފުޒެވެ. 1977ގައި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާ [ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ގަވާއިދު]ގައިވާ ގޮތުން ނޫނު ސުކުނަށް ބޭނުންކުރާނީ އެން (n) އަކުރެވެ. ހުސްނޫނަށް ބޭނުންކުރާނީ އެންއަކުރަކާއި އެންއަކުރާއި ވިދިގެން އަކުރުގެ ކަނާތްފަރާތުގައި އެޕޮސްޓްފީއެކެވެ. n'މި ގޮތަށެވެ.
ވީމާ، މި ފަދަ ބޮޑެތި ކަންކަން ކުރާ އިރު، ކުރި މަގުގައި ވެސް ތަންކޮޅެއް ބޮޑަށް ސަމާލުވަމާ ހިންގަވާށެވެ! އެއް ބަޔަކު އަނެއް ބަޔަކަށް ކުށްވެރިނުކުރަމާ ހިންގަވާށެވެ! އެންމެން ވެގެން މި ފަދަ ކަންކަން ކުރިމަގުގައި ރަނގަޅުކުރެވޭނެއެވެ. އުންމީދު ދޫކޮށްނުލަމާ ހިންގަވާށެވެ! އިރާދަކުރެއްވިއްޔާ ކުރިމަގުގައި މި ފަދަ ކަންކަން ކުރައްވާ އިރު، މި ދެންނެވި ކަންކަމަށް ހުރިހައި ފަރާތްތަކަކުން ވެސް ސަމާލުކަންދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. އަދި މި ހަރުކުރެއްވި ބޯޑުތައް ވެސް އިސްލާޙުކުރައްވާނެކަމާ މެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ.
އަޅުގަނޑުގެ މި ވާހަކަކޮޅަކީ ހެޔޮ ނިޔަތުގައި އިސްލާހަށް ޓަކައި ލިޔުނު ވާހަކަކޮޅެއްކަމަށް ގަބޫލުކުރައްވައި، ފާޑުކިޔުމާއި އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކުރުމުގެ ބަދަލުގައި އެންމެންވެގެން އިސްލާހަށް މަސައްކަތްކުރަމާ ހިންގަވާށެވެ! މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤުދެއްވާށިއެވެ!
ބައެއް ލަފުޒުގެ މާނަ:
ހަވާލަތު ނ. ކަނޑައެޅިފައިވާ ބާރުތަކަކާއެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate
އިދާރާ ނ. އޮފީސް
ވިދާރާ ނ. (1) ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ. (2) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. academy