އަބާ މުޙަންމަދު
1 އޭޕްރިލް 2026
ރާއްޖޭގައި މިހައި ތަނަށް ބިނާކުރެވޭ އެންމެ ބިޔަ މިސްކިތަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައްސާ ދޭތެރޭ ސަރަޙައްދެއްގައި ޢިމާރާތްކުރެވޭ ވަރަށް ރީތި މިސްކިތެކެވެ. މި މިސްކިތުގެ ވާހަކަ މީޑިއާގައި އާންމުކުރައްވައިފައިވަނީ މި އަހަރު ފެބްރުވަރީ މަހު އަށްވަނަ ދުވަހު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ. އެ މަނިކުފާނު އެ ދުވަހު ހާމަކުރައްވައިފައިވާ ގޮތުގައި މި މިސްކިތް ޢިމާރާތްކުރުމުގެ ޢާމަލީ މަސައްކަތް ފައްޓަވާ ގޮތަށް ހަމަޖެހިފައިވަނީ މި އަހަރު ސެޕްޓެންބަރު މަހު 13ވަނަ ދުވަހުއެވެ. މި އަހަރު [ރާއްޖެ އިސްލާމްވީ ދުވަސް] ދިމާވަނީ އެ ދުވަހާކަމަށް ވާތީ، އެ މުހިންމު މުނާސަބަތާ ގުޅުވައިގެންނެވެ.
ވަޒީރު ހާމަކުރައްވައިފައިވާ ގޮތުގައި މި މިސްކިތަކީ ސުޢޫދީ ޢަރަބިއްޔާގެ މުއްސަނދި ޢާއިލާއެއްގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތްކުރަނީ ބޮޑު އެކުވެންޏެއްގެ ތެރޭގައެވެ. މި އެކުވެނީގައި މި ބޮޑު މިސްކިތުގެ އިތުރަށް ވަގުފު ބިނާތަކާއި ވުނަދާނަ ޢިމާރާތްތަކާއި ކުލާސްރޫމުތަކާއި ޤުރުއާނާ ބެހޭ ދާރުލްއާސާރެއް ވެސް ހުންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އުޅަނދުތައް ޕާކުކުރެވޭނެ އިންތިޒާމު ވެސް އެ ސަރަހައްދުގައި ހަމަޖެހިފައިވާނެއެވެ.
މަދުވެގެން 10 ހާސް މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް ޢިމާރާތްކުރާ މި މިސްކިތުގެ ފަރުމާގެ މަސައްކަތްކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނެވެ. މި ކަމަށް ވެސް ޚަރަދުކުރީ، (މިސްކިތާ ބެހޭ ހުރިހައި ކަމަކަށް ޚަރަދުކުރަނީ) މިސްކިތަށް ޚަރަދުކުރާ ސަޢޫދީ ޢާއިލާއިންނެވެ. ނުރަސްމީ މަޞްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މިސްކިތަށް ޚަރަދުކުރަނީ ސުޢޫދީ ޢަރަބިއްޔާގެ އައްރާޖިޙީ ގުރޫޕުންނެވެ. އެ ޢާއިލާއިންނެވެ.
ކުރީން މި ކަމަށް ލިބިފައިވަނީ އުންމީދެއް ނަމަވެސް މި ހާރު މި މިސްކިތުގެ ފަރުމާގެ މަސައްކަތް ނިމި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިހާރު ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި މިސްކިތުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވައިފައެވެ. މިއީ ވަޒީރު ޑރ. ޝަހީމު ޢަރަބި ދުނިޔެއާ ބާއްވަވާ ގުޅުމުގެ ސަބަބުން ޙާޞިލުވީ ކަމެއްކަމަށް ބެލެވެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ކުރިމަގަށް ޓަކައި އަދި ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަކުރުމަށް ޓަކައި ހިންގޭ ވަރަށް ބިޔަ ބޮޑު މަޝްރޫޢެކެވެ. އިސްލާމީ ކަންކަމަށް އިސްކަންދެއްވުމާއި، މިސްކިތްތައް ބިނާކުރެއްވުމާއި، މިސްކިތްތައް އާބާތުރަފިލުއްވުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ކުރިއަރުވައި ތަރައްޤީކުރެއްވުމަށް ޓަކައި މިހާރު ސަރުކާރުން ގެއްގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރެއްވުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ހައިސިއްޔަތުންނާއި އަމިއްލަފުޅު ގޮތުން ވެސް ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދު ގެންދަވަނީ ގިނަގުނަ މަސައްކަތްޕުތަކެއް ކުރައްވަމުންނެވެ.
މި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިސްކިތް ޢިމާރާތްކުރުމަށް ޚަރަދުކުރާ ސުޢޫދީ ރާޖިޙު ގުރޫޕުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް މީގެ ކުރީން ވަޒީރު ވަނީ ވިދާޅުވެފައެވެ. (ގިނަ މަޢުލޫމާތާއި ފޮޓޯ: saruaaru.gov.mv)