ad_banner
މުސްލިމު ބައެއް ގައުމުތަކަށް ހުޅަނގާ ދެކޮޅަށް ތެދުވާން ނުކެރޭ ހަގީގީ ސަބަބު

އަލްއުސްތާޒު އަޙުމަދު މާޖިދު

31 މާރިޗް 2026

ސުޢޫދީ ޢަރަބިއްޔާ އުފަންވުން

މީލާދީ ތާރީޚުން 1590 ވަނަ އަހަރާ ހަމަޔަށް އައި އިރު، ހުޅަނގު އޭޝިއާ އާއި އުތުރު އެފްރިކާގެ މުސްލިމް ގިނަ ބިންތައް އޮތީ ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ ސަރަޙައްދުގެ ގޮތުގައެވެ. ޚިލާފަތުގެ އަމުރާއި ބާރުގެ ދަށުގައެވެ. އެ ގޮތުން، މައްކާއާއި މަދީނާ ހިމެނޭ ގޮތުން ޙިޖާޒުކަރައާއި، ޔަމަނުކަރައާއި، ޢަރަބިކަރައިގެ އެހެނިހެން ސަރަޙައްދުތަކާއި، މިހާރުގެ އުރްދުނާއި ސޫރިޔާއާއި ފަލަސްޠީނާއި ލުބުނާނު ހިމެނޭ ގޮތުން ޝާމުކަރައާއި، ޢިރާޤާއި، މިހާރު އީރާނަށްވާ ބޮޑު ބަޔަކާއި، މިޞްރާއި، ތޫނިސާއި، އަލްޖަޒާއިރު ފަދަ ތަންތަން އޮތީ ޚިލާފަތުގެ ބާރުގެ ދަށުގައެވެ. އެއީ މިހާރުގެ ތުރުކީއާއި ދެކުނު އިރުމަތީ ޔޫރަޕުގެ އިތުރަށެވެ. އެއިރު އިސްލާމީ ޚިލާފަތަކީ ދުނިޔޭގެ ބޮޑުބާރެވެ.

ދުނިޔޭގެ ބޮޑުބާރުގެ ޙައިސިއްޔަތު އިސްލާމީ ޚިލާފަތަށް ގެއްލި، އިސްލާމީ އުންމަތް ވެއްޓި އިނދަޖެހުނީ ވަރަށް ގިނަ ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެތެރޭގެ މައްސަލަތައް ހިމެނެއެވެ. ނަސްލީ ރުޅިވެރިކަމެވެ. މަޒުހަބީ ކޯޅުންތަކެވެ. ވެރިކަމުގައި ތިބޭ މީހުންގެ ކިބައިގައި ދީނާއި އުންމަތަށް ވުރެ ބޮޑަށް ނަފުސުގެ ޝަހުވަތްތަކުގެ ލޯބި ގަދަވުމުން، ދެން އެ މީހުން ކުރާ ކަންކަމާއި އޭގެ ސަބަބުން މުޅި އުންމަތަށް އަސަރުފޯރާ ގޮތުގައި ނުކުންނަ ނުބައި ނަތީޖާތަކެވެ. ނަމަވެސް، އިސްލާމީ ޚިލާފަތު ވެއްޓި އިނދަޖެހި، އެންމެ ފަހުން މީލާދީން 1924ވަނަ އަހަރު ޚިލާފަތު ސިޔާސީ އަދި ޤާނޫނީ ގޮތުން އުވިދިޔުމުގައި، މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނުންކަމުގައި ވާ ޔޫރަޕުގެ ޞަލީބީ-އިސްތިޢުމާރީ ބާރުތަކުގެ ބޮޑު ދައުރެއް ނެތޭ ބުނުމަކީ، ތާރީޚު އޮޅުވައިލުމެވެ.

ޝައްކެއް ނެތެވެ! އިސްލާމީ ޚިލާފަތު ނެތިގޮސް، އިސްލާމީ އުންމަތް ރޫޅި ބައިބައިވުމުގައި ޞަލީބީ-އިސްތިޢުމާރީ ޔޫރަޕުގެ ދައުރު ވަރަށް ބޮޑެވެ. އެ ކަމަށް ޓަކައި އެ މީހުން ރޭވިރޭވުންތަކާއި ކުޅަ މަސައްކަތްތަކާއި ހިއްމަތްތައް ގިނަގުނަ ވެގެންވެއެވެ. އިސްލާމް ދީނާ މެދު މުސްލިމުންގެ ތެރޭގައި ޝައްކާއި ވަހުމު އުފެއްދުމަށް ކުރި މަސައްކަތްތަކެވެ. މުސްލިމުންގެ ތެރޭގައި އޮތް ނަސްލީ އަދި މަޒުހަބީ ބައިބައިވުންތަކުގެ ކަނިފުނިތަކަށް ފުމެގެން ގިރުނބާކޮށްގެން، އެ ކަނިފުނިތަކުން ނަސްލީ އަދި މަޒުހަބީ ޙަސަދައާއި ޢަދާވާތުގެ ބޮޑެތި އަލިފާންގަނޑުގަނޑު އުފެއްދުމަށް ކުރި މަސައްކަތްތަކެވެ. އިސްލާމުންގެ ތެރޭގައި ޢަޞަބީ ޤައުމިއްޔަތުގެ (Exclusivist/Prejudicial Nationalism) ފިކުރުގެ ވިހަ އަދި ފަނާކުރަނިވި އޮށްތައް އިންދައި، އެ އޮށްތައް އިންދުނު ތަންތަނަށް ފެންދީ، އެ އޮށްތަކުން ފެޅި ގަސްތައް ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށް އެ މީހުން ކުރި މަސައްކަތްތަކެވެ.

އިސްލާމީ އުންމަތް ބައިބައިކޮށް ހަލާކުކޮށް، ޚިލާފަތުގެ ހިޔާވަހިކަމުން މުސްލިމުން މަޙުރޫމުކޮށް ޔަތީމުކޮށްލުމަށް ޔޫރަޕުގެ ޞަލީބީ-އިސްތިޢުމާރީ ބާރުތަކުން ކުރަމުން އައި މަސައްކަތުގެ އެންމެ މުހިންމު ކާމިޔާބީތައް ފެނުނީ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަޔާ ދެމެދު ފާއިތުވި އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް އޭގެ ކުރީންނާއި ފަހުން ވެސް، އެ މަސައްކަތުގެ މުހިންމު ލަނޑުދަނޑިތައް ޙާޞިލު ކޮށްފައި ވެއެވެ. ތަފުޞީލުތަކަށް ނުގޮސް، އޭގެ މުހިންމު ބައެއް ކަންކަމުގެ މައްޗަށް ބަލައިލަމާބަހީއެވެ.

1.  މުޣުލް މުސްލިމް ވެރިކަން ވައްޓައިލައި، ދުނިޔޭގެ އެންމެ މުހިންމު އެއް ސަރަޙައްދުކަމުގައިވާ ދެކުނު އޭޝިއާއިން އިސްލާމުންގެ ބާރު މުޅީން ނެއްތައިލުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މުޣުލް މުސްލިމް ރަސްކަމަކީ އިންޑިއާގައި އޮތް އިސްލާމީ ރަސްކަމެވެ. މުޅި އިންޑިއާ ނޫނަސް، އިންޑިއާގެ ބޮޑު ސަރަޙައްދެއްގައި އޮތް ވަރުގަދަ މުސްލިމް ރަސްކަމެވެ. އިންޑިއާގައި އޮތިއްޔާ އޮތް ހެވެއް އެ ރަސްކަމަކާ ގުޅިފައި ވާ، އިންޑިއާގެ ޙަޟާރަތްތެރިކަމާއި ޢިލްމީ ތަރައްޤީއާއި ތަމައްދުންގެ ނާރެސްކަމުގައިވީ މުސްލިމް ރަސްކަމެވެ. މުޣޫލީންގެ ވެރިކަމުގައި އިންޑިއާގެ ކުރިއެރުން އޮތް ހިސާބު ފެންނަ އެންމެ ތަފާސްހިސާބެއް ދަންނަވައިލާނަމެވެ. މީލާދީން 1750ގެ ތެރޭގައި، ޔޫރަޕުގެ ޞަލީބީ-އިސްތިޢުމާރީ ބާރެއްކަމުގައި ވާ އިނގިރޭސީން [އީސްޓް އިންޑިއާ ކޮމްޕެނީ]ގެ ޓްރޯޖަން އަހުގައި އިންޑިއާއަށް އަރައިގަތުމުގެ ސިލްސިލާ ފެށުނު އިރު، މުޅި ދުނިޔޭގެ ހަތަވިވަރައިގެ (Gross Domestic Product)  ގާތްގަނޑަކަށް 25 އިންސައްތަ ޙިއްޞާ އޮތީ އިންޑިއާއަށެވެ. މި ގޮތުގައި އޮތް އިންޑިއާއަށް ޞަލީބީ-އިސްތިޢުމާރީން އަރައިގަނެ، އެ ޤައުމުން މުސްލިމުންގެ ބާރު ނައްތައިލީއެވެ. މި ކަން ކުޅައީ މުސްލިމުން ކުރެ މީރު ޖަޢުފަރު ފަދަ ބޮޑެތި ޚާއިނުންގެ އެހީއާ ވެސް އެކުގައެވެ. ނަމަވެސް އެކަމުގައި އިނގިރޭސީން ބޭނުންކުރި އެންމެ މުހިންމު އެއް ހަތިޔާރަކީ، އިންޑިއާގެ އަކްސަރިއްޔަތު (majority) ކަމުގައި ވާ ހިންދުސްތާނީ މަޒުހަބުތަކުގެ އަހުލުވެރީންގެ ހިތްތަކުގައި މުސްލިމުންނާ މެދު ވަރުގަދަ ޢަދާވާތްތެރިކަމަކާއި ދުޝްމަންކަމަކާއި ޙަސަދައެއްގެ ޝުޢޫރުތައް ހެއިލައްވައިލުމެވެ. ހިންދުސްތާނީ މުސްކުޅި ދީނީ ސަގާފަތްތަކުގެ ތެރޭގައި، ދީނީ ވަޙްދަތެއްގެ ފިކުރު އާލާކޮށް، "ހިންދޫން"ނަކީ ދީނީ އަދި ޤައުމީ އެއް ޖަމާޢަތެއްކަމުގެ ވިސްނުން އާލާކުރުމެވެ. އެޔަށްފަހު، "ހިންދޫން" މުސްލިމުންނާ ދެކޮޅަށް ތެދުކުރުވުމެވެ.

2.  ޜައުން ތުރްކްލަރް (Young Turks) ގެ ނަމުގައި ޢަޞަބީ ޤައުމިއްޔަތާއި ހުޅަނގުވަންތަކަމާއި ހުޅަނގުގެ ފަލްސަފާތަކާއި ފިކުރުތަކާއި ގޮތްތައް ކޮޕީކޮށް، ތުރުކީންގެ ވަކި ޢަޞަބީ ޤައުމީ ދައުލަތެއް އުފެއްދުމުގެ މަސައްކަތްކުރި ބަޔަކު ޚިލާފަތުގެ މަރުކަޒުކަމުގައިވާ އިސްތަންބޫލް ފަދަ ސަރަޙައްދުތަކުން ފައުޅު ވެ، އެމީހުންގެ މަސައްކަތުން އިސްލާމީ ޚިލާފަތު އެތެރެއިން ބަލިކަށިވެ މުޅީން ނިކަމެތިވުން.

މީލާދީން 1860ގެ އަހަރުތަކުގައި ފައުޅުވެގެން އައި "ޜައުން ތުރްކްލަރް" ތަޙްރީކަށް ހުރިހައި ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނީ ޔޫރަޕުގެ ބޮޑެތި ބާރުތަކުންނެވެ. އެއީ، މިހާރު ވެސް އަހަރެމެންގެ ތެރޭގައި މި ތިބޭ "ޑިމޮކްރެޓިކް" ޕާޓީތަކަށާއި "އިންސާނީ ޙައްޤު ޖަމާޢަތްތަކަށް" ހުޅަނގުން ފައިސާއާއި ވަސީލަތްތަކުން އެހީ ދޭ ފަދައިންނެވެ. މި ނުބައި ޖަމާޢަތުގެ މީހުން، 1909ވަނަ އަހަރު ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދުއައްޘާނީ ވެރިކަމުން ދުރުކޮށް ގޭގައި ބަންދުކުޅައެވެ. އަދި ޚިލާފަތުގެ ބާރުތައް ފޭރިގަނެ، ތުރުކީ ޤައުމިއްޔަތުގެ ދިދަތައް އުފުލައި، މުޅި ޚިލާފަތުގެ ނިޒާމު ފަސާދަކުޅައެވެ. "އަރުމީނިއަން ޖެނޮސައިޑް"ގެ ނަން ދެވިފައި ވާ އަނިޔާވެރި ޙަރަކާތްތައް ހިންގައި ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ ބޮލުގައި ބޮޑު ބަދުނާމެއް އެޅުވީ ވެސް މި ނުބައި ލާދީނީ ޖަމާޢަތުގެ މީހުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެޔަށް ފުންމައިލައިގެން ޚިލާފަތުގެ ލަޝްކަރުތައް މުޅީން ނިކަމެތިކޮށް ޚިލާފަތު މުޅީން ހަލާކު ކޮށްލުމުގެ މަގު ކޮށީ ވެސް މި ޣައްދާރުންގެ މީހުންނެވެ. މި މީހުންގެ ކަންތަކުން ލިބޭ މައިގަނޑު އެއް ފިލާވަޅަކީ، މުސްލިމުންގެ ތެރޭގައި ތިބޭ ހުޅަނގު ކޮޕީކުރާ ނުވަތަ ހުޅަނގާ ގުޅުން އޮންނަ ނުވަތަ ހުޅަނގުގެ އެއްވެސް ތާއީދެއް ވެސް އޮންނަ ބަޔަކާ މުސްލިމުން ތިމާމެންގެ ވަޒަން ޙަވާލުނުކުރުމުގެ ފިލާވަޅެވެ.

3.  ޚިލާފަތުގެ އެންމެ މުހިންމު އެއް ސަރަޙައްދުކަމުގައިވާ މިޞްރު، 1798 ވަނަ އަހަރު ފަރަންސޭސި ޞަލީބީ-އިސްތިޢުމާރީންގެ ޙަމަލާތަކާ އެކު މަޑުމަޑުން ޚިލާފަތުގެ މުށުން ދޫވަމުން ގޮސް، އާޚިރުގައި ޢަޞަބީ ޤައުމިއްޔަތުގެ މައްޗަށް ހިނގާ ވަކި ޤައުމަކަށް ވެގެން ދިޔުން.

  މީލާދީން 1882ގައި އިނގިރޭސީން މިޞްރު ހިފީއެވެ. އެޔަށް ފަހު، އިސްލާމީ ދުނިޔެއާ ދެކޮޅަށް އިނގިރޭސީން ހިންގި އިސްތިޢުމާރީ އެކިއެކި ޙަރަކާތްތަކުގެ މައި އެއް މަރުކަޒަކަށް ވެފައި އޮތީ މިޞްރެވެ. އެ ގޮތުން، މައްކާއާއި މަދީނާ ހިމެނޭ، ޙިޖާޒުކަރައާއި، ޙިޖާޒުކަރައިގެ އިތުރުން ޢަރަބިކަރައިގެ އެހެން ގިނަ ސަރަޙައްދުތަކެއްގައި އިސްލާމީ ޚިލާފަތާ ދެކޮޅަށް ބަޣާވާތްތައް އުފަންކުރުވައި ހެދުމުގެ މަސައްކަތްތަކުގެ މަރުކަޒީ ޗަބޫތަރާއެއްގެ ގޮތުގައި އޮތީ މިޞްރެވެ. މިސާލަކަށް، ޚިލާފަތާ ދެކޮޅަށް 1916ވަނަ އަހަރު މައްކާގެ ޝަރީފް ޙުސައިން ލައްވައި ކުރުވި ބަޣާވާތަށް އެހީ ވެދޭން ދިޔަ ލޯވރެންސް އޮފް އެރޭބިއާ ޤާއިމުވެހުރި މަރުކަޒަކީ ވެސް މިޞްރެވެ.

4.  ސައިކްސް-ޕީކޯ އެއްބަސްވުމާ އެއް ގޮތަށް މުސްލިމުންގެ އެންމެ މުހިންމު ބިންތައް ބަހައިލުމާއި، ޢަރަބީން ލައްވައި ޚިލާފަތާ ދެކޮޅަށް ބަޣާވާތްކުރުވުމާއި، މުސްލިމުންގެ ތިންވަނަ ޙަރަމްފުޅުގައި ޔޫރަޕުގެ އިސްތިޢުމާރީ އައުޓްޕޯސްޓެއް ޔަހޫދީ ދައުލަތެއްގެ ސިފައިގައި ޤާއިމުކުރުން.

 

ފުރަތަމަ ބޮޑުހަނގުރާމައިގައި އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީން އަދި އެ މީހުންގެ ޙަލީފުންނާ ދެކޮޅަށް، ޜައުން ތުރްކްލަރް ސަރުކާރުގެ ޚިޔާނާތްތެރި އަދި ވިސްނުންކޮށި ނިންމުމެއްގެ ދަށުން ޢުޘްމާނީ އިސްލާމީ ޚިލާފަތުން މައިދާނަށް ނުކުތްނުކުތުމަކީ، ޞަލީބީ-އިސްތިޢުމާރީ ބާރުތަކަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. އެއީ، އެ ފުރުޞަތަކީ ހަނގުރާމައެއްގެ ތެރެއިން ޚިލާފަތު މުޅީން ބަލި ކޮށް އިނދަޖައްސައި ނެއްތައިލާނޭ ފުރުޞަތަކަށް ވާތީއެވެ. އެހެންކަމުން، ހަނގުރާމަ ފެށުމާ އެކު، ލަންޑަނާއި ޕެރިހާއި މޮސްކޯގެ ބާރުވެރިކަމުގެ މާލަންތަކުގައި ބާރުވެރީންގެ މަޖިލިސްތަކުގައި ރޭވިގެން ދިޔައީ އިސްލާމީ ޚިލާފަތު އަބަދުގެ އަބަދަށް ވުޖޫދުން ފޮހެލުމުގެ ފަހު މަރުޙަލާގެ ކަންކަމެވެ. އެ މީހުން ސައްލާތައްކޮށް ކަނޑައެޅީ، ހުޅަނގު ދެކުނު އޭޝިޔާގެ އިސްލާމީ ބިންތަކުގެ ތެރެއިން ޢުޘްމާނީ ވެރިކަމުގެ ދަށުގައި ދެމިއޮތް ސަރަޙައްދުތައް ވެސް – ޢަރަބި ކަރަ، ޢިރާޤު، ޝާމުކަރަ، އަދި އަނާޠޫލިއްޔާ – ހަނގުރާމައިގެ ތެރޭގައި ކޮންމެ ގޮތަކުން ވެސް އަތުލައިގަތުމަށެވެ. އަދި ބޯކިބަލެއް ފަޅައި ފޮތިތައް ބަހާހެން އެ މީހުންގެ މެދުގައި އެ ބިންތައް ބަހައިލުމަށެވެ. އެއްބައި އިނގިރޭސީންނަށް، އަނެއް ބައި ފަރަންސޭސީންނަށް، ބާކީ ބައި ރޫސީންނަށް ލިބޭ ގޮތަށެވެ. މި ރޭވުން އެ ވަސީގާތަކެއްގައި އެކަށައެޅިގެން ދިޔަ ވަސީގާތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ މުހިންމު އެއް ވަސީގާއަކީ ހަނގުރާމައިގެ ތެރޭގައި 1916ވަނަ އަހަރު އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީންގެ މެދުގައި ވެވުނު "ސައިކްސް-ޕީކޯ އެގްރީމަންޓް" (Sykes-Picot Agreement އެވެ ކިޔޭ ސިއްރު އެއްބަސްވުމެވެ.

މި އެއްބަސްވުން އެކުލަވައިލެވުމުގެ މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރު، މިޞްރުގައި އޮތް އިނގިރޭސި ވެރިކަމުގެ ލީޑަރުން، މައްކާގައި އިސްލާމީ ޚިލާފަތުގެ ފަރާތުން ގަވަރުނަރަކަށް ހުންނެވި ޝަރީފް ޙުސައިން ބިން ޢަލީ އަލްހާޝިމީއަށް ސިޓީތަކެއް ފޮނުވައި، ދެ ފަރާތުގެ ދެމެދުގައި ސިޓީބިޓީ ބަދަލުކުރެވި، އެއްބަސްވުމަކަށް އައުދެވުނެވެ. އެ އެއްބަސްވުމުގެ ދަށުން، ޝަރީފް ޙުސައިން ވަޢުދު ވެވަޑައިގަތީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޙިޖާޒާއި ޝާމުކަރައިގައި ވަރުގަދަ ބަޣާވާތެއްކުރެއްވުމަށެވެ. އިނގިރޭސީން ވަޢުދުވީ، އެ ކަމުގައި ހަތިޔާރާއި ފައިސާއާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށާއި، ބަޣާވާތް ކާމިޔާބު ވުމަށް ފަހު، ޝަރީފް ޙުސައިނަށް "އިސްލާމީ އުއްމަތުގެ ޚަލީފާ"ގެ މަޤާމު އަރުވައި، އޭނާގެ ޤިޔާދަތުގައި ޙިޖާޒުކަރަ އާއި ޝާމުކަރަ އާއި ޢިރާޤުގައި އިސްލާމީ ޚިލާފަތުގެ އައު މަރުކަޒެއް އަދި ދައުލަތެއް ޤާއިމުކޮށްދިނުމަށެވެ. އިސްލާމީ ޚިލާފަތު އަލުން ޢަރަބީންގެ އަތްމައްޗަށް ގެންގޮސްދިނުމަށެވެ.

އެއްބަސް ވެވުނު ގޮތުގެ މަތީން، ޝަރީފް ޙުސައިނާއި އޭނާގެ ތިން ބެއިފުޅުން – ޢަލީ ބިން ޙުސައިން، ޢަބްދުﷲ ބިން ޙުސައިން، ފައިޞަލް ބިން ޙުސައިން – ގެ ޤިޔާދަތުގެ ދަށުން، 1916 ވަނަ އަހަރުގެ ޖޫން މަހު، ޝާމުކަރައާއި ޙިޖާޒުކަރައިގައި ޢަރަބީންގެ ބަޣާވާތެއް، ޚިލާފަތާ ދެކޮޅަށް ފެށުނެވެ. މި ބަޣާވާތުގެ ބަފަޔަކީ، އަދި އޭގެ ފޫޅުމަޔަކީ، އަދި އޭގެ ބޮޑަކީ، ޞަލީބީ-އިސްތިޢުމާރީ އިނގިރޭސީންނެވެ. މި ބަޣާވާތުގެ ވާހަކައަކީ ވަރަށް ދިގު ތާރީޚެކެވެ. އެ ތާރީޚު ދޫ ކޮށްލައިފައި، ނިމުން އައި ގޮތަށް ބަލައިލާ އިރު، އެންމެ މުހިންމު ކަންކަމަކީ ތިރީގައި މި ދަންނަވާ ކަންކަމެވެ.

·    އިނގިރޭސީން ޝަރީފް ޙުސައިން ބިން ޢަލީއަށް ވީ ވަޢުދެއް ނުފުއްދިއެވެ. ޔަޢުނީ، އޭނާ މުސްލިމުންގެ ޚަލީފާއަށް ހަދައިދީ، ޢަރަބިކަރައާއި ޝާމުކަރައާއި ޢިރާޤުގައި ޢަރަބި އިސްލާމީ ޚިލާފަތެއް ޤާއިމުކޮށްދޭން ވީ ވަޢުދާ އިނގިރޭސީން ވީ ޚިލާފެވެ. މި ކަމާ ޝަރީފު ޙުސައިނާއި އޭނާގެ އެކުވެރީން ކޯފާ ވެގެން އިނގިރޭސީންނާ ދެކޮޅަށް ބޮޑާ ހާއްކަވާން ފެއްޓެވުމުން، އިނގިރޭސީން ޝަރީފް ޙުސައިން މައިތިރިކުރާން އޭނާގެ ކަންފަތްޕުޅުމަތީގައި ޖެހި ވަރުގަދަ ތަފާލަކަށް ވީ، އޭނާގެ މައި މަރުކަޒު އަދި ވަޒަން އަދި މަޤާމުކަމުގައިވާ މައްކާއާއި ޙިޖާޒުން ވެސް އޭނާ ނެރެ، ޙިޖާޒުކަރަ އިނގިރޭސީންގެ އަނެއް [ނަޙަލާލު ދަރި]ކަމަށް ވާ އާލުސުޢޫދަށް ދިނުމެވެ. ދެން، އިތުރަށް ބޮޑާ ހާކައިގަނެގެން ލިބޭނޭ މޮޅެއް ނެތްކަން ވިސްނިވަޑައިގެން، ޝަރީފް ޙުސައިނާއި އޭނާގެ އެކުވެރީން [މައިތިރި]ވެވަޑައިގަތީއެވެ.

·    ޝަރީފް ޙުސައިނުގެ ޢާއިލާއަށް އިނގިރޭސީން ދިނީ ދެ ދައުލަތެވެ. އެއީ މިހާރު "އުރްދުން" ނުވަތަ "ޖޯރޑަން" އެވެ ކިޔާ ދައުލަތާއި، ޢިރާޤެވެ. ތިންވަނަ ދައުލަތެއް ހެދޭތޯ، ޝަރީފް ޙުސައިންގެ ދަރިކަލުން ފައިޞަލް މަސައްކަތްކުރައްވައި، މިހާރުގެ ސީރިޔާގެ ސަރަޙައްދުގައި ރަސްކަމެއް އިޢުލާން ވެސް ކުރެއްވިއެވެ. ނަމަވެސް އިނގިރޭސީން އެ ކަމަށް އެއްވެސް އެހީއެއް ނުދީ، ފަރަންސޭސީން އައިސް އެ ދައުލަތް އުވައިލައި ފައިޞަލް ސީރިޔާއިން ބޭރު ކޮށްލީއެވެ. "ރޮމުންރޮމުން ލޯ އުނގުޅަމުން" ޝަކުވާކުރައްވަމުން ފައިޞަލް ވަޑައިގަތީ އިނގިރޭސީންގެ ގާތަށެވެ. އިނގިރޭސީން އޭނާއަށް ޢިރާޤުގައި ރަސްކަމެއް ޤާއިމު ކޮށްދިނެވެ. ނަމަވެސް ޢިރާޤުގެ އިޝްތިރާކީ ޢަލްމާނީ ޢަރަބި ޤައުމިއްޔަތުގެ (socialist, secular, Arab nationalism) އަހުލުވެރީންގެ ސިޔާސީ ތަޙްރީކެއް ކަމަށްވާ ބަޢަޘް ތަޙްރީކުގެ އިންޤިލާބެއްގައި، އެ ރަސްކަން 1958ވަނަ އަހަރު ވައްޓައިލީއެވެ. ވީމާ، ޝަރީފް ޙުސައިންގެ ޢާއިލާގެ ވެރިކަން ޢިރާޤުގައި ދެމިއޮންނަ ގޮތެއް ނުވިއެވެ.

·    އިނގިރޭސީން ޝަރީފް ޙުސައިންގެ ޢާއިލާއަށް އުރްދުން (ޖޯރޑަން)ގައި ޤާއިމުކޮށްދިން ދައުލަތް މި އަދާ ހަމަޔަށް ދެމި އެބަ އޮތެވެ. މި ދައުލަތުގެ ރަސްކަމުގެ ތަޚުތުގައި އިނގިރޭސީން ބެއިންދީ ޝަރީފު ޙުސައިންގެ ދަރިކަލުން ޢަބްދުﷲ ބިން ޙުސައިނެވެ. އޭނާއަށް ފަހު، އުރުދުންގެ ތަޚުތުގައި އިންނެވީ ޠަލާލް ބިން ޢަބްދުﷲއެވެ. އެޔަށް ފަހު ޙުސައިން ބިން ޠަލާލެވެ. މިހާރު ތަޚުތުގައި އިންނެވީ ޙުސައިން ބިން ޠަލާލްގެ ދަރިކަލުން ޢަބްދުﷲ ބިން ޙުސައިނެވެ. މި ހުރިހައި ބެއިފުޅުންނަކީ ވެސް އިނގިރޭސި ޞަލީބީ-އިސްތިޢުމާރުގެ އަޅުންނެވެ. ވާނީ ވެސް އެހެންތާއެވެ! ދައުލަތް ހަދައިދިން، "ގޯޑްފާދަރ"އަކީ ޞަލީބީ-އިސްތިޢުމާރީ އިނގިރޭސީން ވިއްޔާއެވެ!

·    ޢަރަބި ބަޣާވާތުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ، މުސްލިމުންގެ ތިންވަނަ ޙަރަމްފުޅުކަމުގައިވާ އަލްޤުދުސްއާއި އެ ޝަހަރު އެ ބިމަކަށް ނިސްބަތްވާ ފަލަސްޠީނުގެ ބިން، އިނގިރޭސި ޞަލީބީ -އިސްތިޢުމާރީންގެ އަޅުވެތިކަމުގެ ދަށަށް ދިޔުމެވެ. އަލްޤުދްސާއި ފަލަސްޠީނު ޙިމާޔަތްކުރާން ތިބި އިސްލާމީ ޢުޘްމާނީ ލަޝްކަރާ ހަނގުރާމަޔަށް އިނގިރޭސީން ދިޔަ އިރު، އޭނާގެ އެހީތެރި އެކުވެރީންގެ ގޮތުގައި ޝަރީފު ޙުސައިންގެ ޢަރަބި ޖަމާޢަތްތައް ތިއްބެވެ. 1917ވަނަ އަހަރު އިނގިރޭސި ޖަނަރަލް އެޑްމުންޑް އެލެންބީ ޤުދުސަށް އަރައިގަތީ ޢަރަބި ޚާއިނުންގެ އެހީއާ އެކުގައެވެ. އޭނާގެ ލަޝްކަރުގައި ޢަރަބި "މުސްލިމުންގެ" ފައުޖުތައް ހިމެނުނެވެ. 11 ޑިސެންބަރު 1917ގައި އޭނާ ޢަރަބީންގެ އެހީއާ އެކު ޤުދުސް ފޭރިގަނެ، އެ ޝަހަރަށް އަރަމުން ބުނެފައިވަނީ [ޞަލީބީ ހަނގުރާމަ އަދި ކިރިޔާ މި ނިމުނީ] މިހެންނެވެ.

·    ޢަރަބި ބަޣާވާތުގެ އެޕިސޯޑާ ވަކި، އެކަމަކު އެ އެޕިސޯޑާ ގުޅުން ބޮޑު ގޮތެއްގައި ހިނގައިގެން އައި އަނެއް ކަމަކީ، އިނގިރޭސީން ފޫޅު ކަނޑައިދިން އިތުރު ދައުލަތެއްގެ ގޮތުގައި (އިނގިރޭސީންގެ ނަޙަލާލު އަނެއް ދަރީގެ ގޮތުގައި) "އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާ" ވުޖޫދަށް އައުމެވެ. އާލުސުޢޫދަށް ޢަރަބި ޖަޒީރާގެ މަރުކަޒީ ސަރަޙައްދުތަކުގައި ޢުޘްމާނީ އިސްލާމީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކުރުމަށް އެހީތެރިވެދީ، ހިތްވަރުދީ، އަދި އެ ކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިން ބަޔަކީ ޞަލީބީ-އިސްތިޢުމާރީ އިނގިރޭސީންނެވެ. މަތީގައި ދެންނެވިދިޔަ ފަދައިން މައްކާގެ ހާޝިމީ ޝަރީފު ޙުސައިންގެ "ބޮޑާހޭކުން" މާ މައްޗަށް ދާން ފެށުމުން، އޭނާ ޙިޖާޒުކަރައިން ނެރެ ޙިޖާޒު ކަރަ  (މުސްލިމުންގެ ފުރަތަމަ އަދި ދެވަނަ ޙަރަމްފުޅުކަމުގައިވާ މައްކަތުލްމުކައްރަމާއާއި މަދީނަތުލްމުނައްވަރާ ހިމެނޭ ބަރަކާތްތެރި ބިން)  ވެސް އާލުސުޢޫދުގެ ބާރުގެ ދަށަށް ލައިދިނީ އިނގިރޭސީންނެވެ.

މި ތާރީޚީ ޙަޤީޤަތްތައް އަޅުގަނޑުމެންނަށް ބުނެދެނީ ކޮން ވާހަކައެއްތޯއެވެ! ވަރަށް ގިނަ ވާހަކަތަކެއް ފާހަގަކުރެވިދާނެއެވެ. ނަމަވެސް އެއްމެ ކަމެއް ފާހަގަ ކޮށްލައިފައި ނިންމައިލާނަމެވެ! މިއަދު، ފަލަސްޠީނުގެ ބިމުގައި މުސްލިމުންގެ ޠާހިރު އަދި މަޢުޞޫމު ލެއިގެ ކޯރުތައް ޞަލީބީ-ޞަހްޔޫނީ-ނިއޯލިބްރަލް-ނިއޯކޮން އިސްތިޢުމާރީންގެ ބިޔަ ލަޝްކަރުތަކާއި ބާރުތައް ގުޅިގެން ދަމަމުންދާ އިރު، ސުޢޫދީ ޢަރަބިއްޔާއާއި އުރްދުން ދެނެހުރިކަމަށް ވެސް ނުހަދައި ތިބޭ ސަބަބު މި ޙަޤީޤަތްތަކުން ފެނެއެވެ. ހަމަ އެހެންމެ، މުސްލިމް އީރާނާ ދެކޮޅަށް ހުޅަނގުގެ އަނިޔާވެރި ޖައްބާރުން ޢުދުވާނީ ހަނގުރާމައެއް ހިންގަމުންދާ އިރު، އީރާނަށް އެހީވުމުގެ ވާޖިބު އަދާނުކޮށް އިސްލާމް ދީނަށް ޙަރާންކޯރުވެގެން އެ މީހުން ތިބޭ މައިގަނޑު އެއް ސަބަބު ވެސް މި ޙަޤީޤަތްތަކުން ފެނެއެވެ. އާދޭހެވެ! މިއިން ކޮންމެ ދައުލަތަކީ އިސްލާމީ އުންމަތަށް ޣަދަރުވެރިވެ އިނގިރޭސީންގެ ތައްޕާހުގައި އަޅުވެތިކަމުގައި އުޅުނު ބަޔަކަށް އިނގިރޭސީ ހަދައިދީފައި އޮތް ދައުލަތެކެވެ. މި ދެ ދައުލަތުގެ ވެރީންނާއި، އެ ވެރީންގެ މުސާރަ ކައިގެން ތިބޭ [ޢާލިމުން]ނަކީ މި ޚިޔާނާތުގެ ބައިވެރީންނެވެ. މި މީހުން އެ ސާހިބަކަށް ކިޔަމަންތެރިވާ ސާހިބަކީ ހުޅަނގުކަމާ މެދު ޝައްކު ކުރާނޭ ޖާގައެއް އޮތް ކަމަކަށް ނުފެނެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަތަވިވަރަ    ނ.    ތަނެއްގެ އުފެއްދުންތެރިމަކުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތަކަށް (މިސާލަކަށް: އަހަރަކަށް) އެ ގައުމަކުން އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ.

އިނދަޖެހުން  މ.    (1) މާލީ ގޮތުން ނުވަތަ މަގާމުގެ ގޮތުން ދަށު ދަރަޖައަކަށް ވެއްޓުން. (2) ލިނދުކަށިގަނޑު ޖެހޭ ގޮތަށް ފުރަގަހަށް ގޮސް ވެއްޓުން.

ގިރުނބާ     ނ.    ކަނބުރުވެރީންނާއި ތިލޭރުން އަލިފާން ރޯކޮށްފައި ބެހެއްޓުމަށް ޓަކައި ވައި ފޮނުވާން ހަދައިފައި ހުންނަ އެއްޗެއް. މި ގޮތަށް ވައި ފޮނުވަފޮނުވައި ހުރުމުން އަލިފާން ނުނިވި ހުންނާނެއެވެ.

ޝަހުވަތް    ނ.    ޖިންސީ އެދުންވެރިކަން.

ކޮމެންޓު