ad_banner
ފޮތް ނުކިޔާ މީހަކީ ގުރެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

30 މާރިޗް 2026

މަތީންދާބޯޓުގައި ތިބާ ދަތުރުކުރާއިރު ތިބާއާ ޖެހިގެން ތިބީ ޔޫރަޕު މީހުންނަމަ ތިބާއަށް ފެންނާނީ އެމީހުން ފޮތެއް ކިޔާ ތަނެވެ. ބޭކާރު ވާހަކަތައް ދައްކާ އަޑެއް ނީވޭނެތެވެ. މިއާ ޚިލާފަށް އަރަތްބަކާ އެކު ދަތުރުކުރާއިރު ތިބާއަށް ފެންނާނީ އަނގަތަޅާ ތަނެވެ. އެއިން މީހެއްގެ އަތުގައި ފޮތެއް ނުއޮންނާނެއެވެ. ފޮތާ އޭނާއާ ދެމެދުގައި ހަތުރުވެރިކަމެއް އޮތް ކަހަލައެވެ. އަޅުގަނޑުމެންނަކީ (اقرأ)ގެ އުންމަތުގެ މީހުންނެވެ. އެހެނަސް އަޅުގަނޑުމެންނަށް މި ވަނީ މަޢުލޫމާތު ބުރައެއްޗަކަށް ވެފައެވެ. ޔޯލަ ލުއި އެއްޗަކަށް ވެފައެވެ.  

ތިބާ މިއަދު ކިތައް ސަފުހާ ކިޔައިފީންތޯ މުޠާލަޢާކޮށްފީންތޯ ކިޔަވާކުއްޖަކާ ސުވާލުކޮށްލައިފި ނަމަ ޖަވާބަކަށްވާނީ  ކޮޑި ސުމެކެވެ. މަތީތަޢުލީމުގައި އުޅޭ ގިނަ ދަރިވަރުން އުސްތާޒުން ހަވާލުކުރައްވާ އެސައިންމެންޓުތައް ހަދަނީ އެއް ކުއްޖަކު ލިޔާ އެއްޗެއް އެހެން ކުދީން ކޮޕީކޮށްގެންނެވެ. އެ ކަން އެނގެނީ މި ފަދަ އެސައިންމެންޓުތަކުގައި ހުންނަ އިމްލާ ކުށްތައް ވެސް ހަމަ އެ ގޮތަށް ބަރާބަރަށް ހުންނާތީއެވެ.

ޒުވާނުންނަށް ފޮތްކިޔުމާ ބެހޭ ތަމްރީނު ބުރެއް ބާއްވާންވަނީ ޖެހިފައެވެ. އެ މީހުންގެ ވަގުތުތައް މީސްމީޑިއާގައި ނުވަތަ ގަހުވަޚާނާތަކުގައި ހޭދަކުރުމުގެ ބަދަލުގައި އެ މީހުންނަށާއި މުޖުތަމަޢަށް ފައިދާ ހުރި ރައުސްމާލަކަށް ހަދާން އެބަ ޖެހެއެވެ.   

ފޮތްނުކިޔާ އިންސާނާއަކީ ގުރެކެވެ. ފޮތަކާ ނުލައި އުޅޭ ޖަމާޢަތަކީ އާވާރާވެގެން އުޅޭ ޖަނަވާރު އައިނެކެވެ. ޢިލްމުވެރީންނާއި މުފައްކިރުންގެ ސީރަތަށް ބަލާ އިރު އެ ބޭފުޅުންނަކީ އަކުރާ އެކުގައި އަބަދު އުޅުއްވީ ބޭފުޅުންތަކެކެވެ. އެ ބޭފުޅުން ހަވީރު ފިނިކޮށްލައްވަނީ މަޢުރިފާއާ އެކުގައެވެ. އެ ބޭފުޅުންގެ ޢާޝިޤުންނަކީ ޢިލްމެވެ. މަޝްހޫރު ޙަދީސް ޢިލްމުވެރިޔާ މުސްލިމު، އަވަހާރަވެފައިވަނީ ފޮތެއް މުޠާލަޢާކުރައްވާން އިންނަވަނިކޮށްނެވެ. ޖާޙިޡު އަވަހާރަވީ އޭނާގެ ފޮތްތަކުގެ ދަށުގައެވެ. އިބްނު ޢަޤީލަކީ މަގުމަތީގައި ހިންގަވާ އިރުގައި ވެސް ފޮތް ވިދާޅުވަމުން ވަޑައިގެންނެވި ޢާލިމެކެވެ. އިބްނުލްޖައުޒީ ވިދާޅުވިއެވެ: އަހުރެން ޒުވާން މަރުޙަލާގައި 20 ހާސް ޖިލްދު ކިއީމެވެ. މުތަނައްބީ ވިދާޅުވިއެވެ. އެންމެ ރަނގަޅު ޖަލީސަކީ ފޮތެވެ.

މަޝްހޫރު ބައެއް ފޮތްފޮތް ލިޔުއްވި ބޭފުޅުންނާ ބެހޭ ގޮތުން ޒުވާނުންކޮޅަކާ ސުވާލުކޮށްލީމެވެ. ލިބުނީ ވަރަށް ހެއްވާ ޖަވާބުތަކެކެވެ. ލިޔުންތެރީންނާ ބެހޭ ގޮތުންނެވެ. ވާހަކަދެއްކުމުގެ ފަންނާބެހޭ ގޮތުން ކާނެގީ ލިޔުއްވި މަޝްހޫރު ފޮތުގައި ވިދާޅުވެފައިވާގޮތުގައި [މަތިވެރިކަމަކީ ދޭހަކުރުމާއެކު ފޮތް ކިޔުމެވެ.] ރޫސީވިލާތުގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ ޓޮލުސްޓޯއި ވިދާޅުވިއެވެ: ފޮތް ކިޔުމުން ޒަމާނުގެ ޒަޚަމުތަކަށް ފަރުވާލިބެއެވެ.

ބޮޑެތި ޢިލްމުވެރިން ޢިލްމުވެރިންނަށްވީ ގޭގައި މަޖާކުރައްވާން ތިއްބަވައިގެނެއް ނޫނެވެ. މާތްﷲ ރަޙުމަތްލެއްވި އަޙްމަދު ބުނު ޙަންބަލުގެފާނަކީ 40 ހާސް ޙަދީސް ޖަމާކުރެއްވުމަށް ޓަކައި، އޭރުގެ މަޝްހޫރު ރަށްތަކަށް ދަތުރުކުރައްވައި އެތައް ޢާލިމުންނަކާ ބައްދަލުކުރައްވައި ހުރިހާ ވަގުތެއް ކިޔެވުމަށާއި ކިޔަވައިދެއްވުމަށް ހޭދަކުރެއްވި އިމާމެކެވެ. މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރު ފަތުޙުލްބާރީ ނަމަކަށް ކިޔާ ފޮތުގައި 30 ޖިލްދު އެކުލަވައިލެއްވިއެވެ. އިބްނު ޢަޤީލުލްޙަންބަލީގެ [ކިތާބުލްފުނޫނި]އަކީ އިސްލާމީ ތަފާތު އިލްމުތަކުގެ ބޮޑު އެކުމާފާނެކެވެ. އިބްނު ޚަލްދޫނަކީ އިޖްތިމާޢީ އިލްމުގެ ބާނީއެވެ. އޭނާގެ ނަންފުޅު ވަނީ މުޅިދުނިޔޭގައި ވިދައިލައިފައެވެ. އިބްނު ރުޝްދަކީ ފަޤީހެކެވެ. އަދި ފިލޯސަފަރެކެވެ. އިމާމުލްޣަޒާލީގެ [އިޙްޔާއު ޢުލޫމިއްދީން] ފޮތަކީ އިސްލާމީ ފަލްސަފާއާއި ޞޫފިއްޔަތުގެ މުހިންމު މަރުޖައެކެވެ.   

ހަފުތާގެ ކޮންމެ ވެސް ދުވަހެއް ފޮތްކިޔުމަށް ޚާއްޞަކޮށްލަމާ ހިނގާށެވެ! ފައިދާ ހުރި ފޮތަކުން ދިހަ ވަރަކަށް ގަނޑުން ފަށަމާ ހިނގާށެވެ! އޭރުން މަހަކު ފޮތެއް ކިޔައިލެވޭނެއެވެ. އަހަރަކު 12 ފޮތް ކިޔޭނެއެވެ. ތަފާތު ބާވަތްބާވަތުގެ ފޮތްތައް ކިޔުމަށް ސަމާލުކަން ދިނުން ރަނގޅުވާނެއެވެ. އޭރުން އަޅުގަނޑުމެންގެ މަޢުލޫމާތީ އުދަރެސް ފުޅައުވެގެން ސިންދަފާތުވެގެންދާނެއެވެ. އޭރުން ފޮތަކީ އެންމެ ހެޔޮ ޖަލީސުކަން ކަށަވަރުވެގެންދާނެއެވެ. 

 

ބައެއް ލަފުޒުގެ މާނަ:

 

އެކުމާފާނު     ނ.     އެންސައިކްލޮޕީޑިއާ

ގުރު       ނ.     (1) ރުއްގަހުގައި އަޅާ ތަކެތީގެ ތެރެއިން ބޮޑުވާންވާ ވަރަށް ބޮޑުނުވެ ހުންނަ ތަކެތި. (2) ބޮޑުވާންވާ ވަރަށް ބޮޑުނުވެ ތިބޭ ކުދީން ނުވަތަ މީހުން. (3) ތަބީއީ ގޮތުން އެއްޗެއްގައި ހުންނާންވާ ބޮޑުމިނާއި ސިފަ ފުރިހަމަނުވާ. (4) ޤުރުޢަތަށް ކުރުކޮށް ކިޔާ ގޮތް. (5) ގުރުނޑު. (މިއީ ލ. އަތޮޅުގައި ކިޔާ ގޮތެވެ.)

ސިންދަފާތު    ނ.     އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަވެގެންވާކަން.

ކޮމެންޓު