ad_banner
އީރާނުގެ ހިތްވަރުގަދަ ޢަމަލަށް ތާއީދުކުރުމަކީ އެ މީހުންގެ ޢަޤީދާއާ ގުޅުން ހުރި ކަމެއްހެއްޔެވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 މާރިޗް 2026

އަޅުގަނޑު ރޫސީ ރައީސް ޕޫޓިންއަށް ތާއީދުކުރަމެވެ. އޭނާ ގެންގުޅުއްވާ ބައެއް އުޞޫލުތަކަށާއި ވިދާޅުވެފައި ހުންނަ ބަސްތަކުގެ ސަބަބުންނެވެ. އޭނާ ވިދާޅުވެފައިވެއެވެ. [އެއް ޖިންސުން ކާވެނިކުރުމަކީ އިންސާނީ ޠަބީޢާތާ ޚިލާފު ކަމެކެވެ. އެ ކަން ދުވަހަކު ވެސް ރޫސީވިލާތަކުން ގަބޫލެއްނުކުރާނެއެވެ.] [ޚިޔާލުފާޅުކުރުމުގެ ނަމުގައި ނަބިއްޔުންނާއި ރަސޫލުންނަށް ފުރައްސާރަކޮށް ކާޓޫނުކުރަހައި ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.] މިއީ އަޅުގަނޑު ރޫސީ ރައީސަށް ތާއިދުކުރާ ސަބަބެވެ. އޭނާގެ އަޤީދާއެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް ޕޫޓިނަކީ ރޫސީވިލާތުގެ އޯތޮޑޮކްސް ފައްޅިއަށް ތާއިދުކުރައްވާ މެންބަރެކެވެ. އޭނާގެ ރިޔާސަތުގައި އެ ފައްޅިއާ އެކު އެ މީހުންގެ ސަގާފީ ގިޔަމުތައް ދިރުވައި އާލާކުރައްވާން މަސައްކަތްޕުޅުކުރައްވައެވެ. ނަޞާރާދީނުގެ ފިރުޤާތަކުގެ ތެރެއިން އޯތޮޑޮކްސްއަކީ އިސްލާމީ އުޞޫލުތަކާ އެންމެ އެއް ގޮތް އުޞޫލުތަކެއް ގެންގުޅޭ ފިރުޤާއެވެ. އެހެންނަމަވެސް ޕޫޓިނަށް ތާއީދުކުރުމަކީ އޭނާގެ ދީނާއި ޢަޤީދާއަށް އަޅުގަނޑު ތާއީދުކުރުންކަމަށް މާނަކުރެވިދާނެތޯއެވެ!

ހަމަ މި ފަދައިން އީރާނާ ދެކޮޅަށް އިޒުރޭލާއި އެމެރިކާއިން ކުރާ ހަނގުރާމައިގައި އީރާނުގެ ޢަމަލާއި ބަހަށް، އީރާނުން ކުރާ ހިތްވަރުގަދަ ދިފާޢީ ހަނގުރާމައަށް ތާއީދުކޮށް ހެދުމަކީ އީރާނުގެ އެކި ފިރުޤާތަކުގެ ޢަޤީދާއަށް ތާއީދުކުރުންކަމަށް ބަޔަކު މާނަކުރުމަކީ ތަޢައްޞުބު ފިޔަވައި އެހެން ކޮން ކަމެއްތޯއެވެ؟

އެނގޭން ބޭނުންވާ ބަޔަކަށް އެނގޭނޭ ފަދައިން [ގްރޭޓަރ އިޒްރޭލު] (ވަރުގަދަ ބޮޑު އިޒުރޭލު) ހެދުމަށް ޓަކައި އީރާނާ ދެކޮޅަށް ހަނގުރާމަކުރަނީ އީރާނު ޢިލްމީ ގޮތުންނާއި އަސްކަރީ ގޮތުން ކުރިއަށްދިޔަނުދޭށެވެ.

އީރާނުގައި ނިޔުކުލިޔަރު ހަތިޔާރު އުފައްދާ ވާހަކަ ދެއްކުމަކީ އެއްވެސް އަސާސެއް ނެތް ބަހަނާއެކެވެ. ގަވާޢިދާ ޚިލާފަށް ނިޔުކުލިޔަރު ހަތިޔާރު އީރާނުން އުފައްދާކަމަށް ވިޔަސް، އެންމެ ފުރަތަމަ ފިޔަވަޅުއަޅާންވީ ނިޔުކްލިއަރު މަނާކުރާ ޤަރާރު ފާސްކުރި ފަހުން ނިޔުކުލިއަރު ހަތިޔާރު އުފައްދައިގެން އުޅޭ، އުތުރުކޮރެޔާއާއި ޕާކިސްތާނާއި ޚުދު އިޒްރޭލަށްތާއެވެ. އީރާނުން ނިޔުކުލިއަރު ހަތިޔާރު އުފައްދާން އުޅޭކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށް ޚުދު އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ވެސް އެނގެއެވެ.

އީރާނާ ދުޝްމަނުވެގެން އެމެރިކާއާއި އިޒްރޭލުން މި އުޅެނީ އެ މީހުންގެ ޢިލްމީ ކުރިއެރުމާ ހުރެ، ކެތްނުލަވައިގެންނެވެ. އީރާނުން އެމެރިކާއާއި އިޒްލޭރުގެ ކުރިމަތީގައި ކުޑަކަކޫނުޖަހާތީއެވެ. 47 އަހަރު ވަންދެން އިގުތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޮވެ އެ މީހުން ހޯދައިފައިވާ ޢިލްމީ ކުރިއެރުމަކީ ބަޔަކު ތަޢުރީފުކުރުން ޙައްގު ކަމެކެވެ. އެމެރިކާއާއި އިޒްރޭލުން އެންމެ ކަންބޮޑުވަނީ އެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ ވެސް އީރާނުން އެމެރިކާއަށް ބޯނުލަނބާތީއެވެ. މެދުއިރުމަތީގެ އެހެން ގައުމުތައް ފަދައިން އެމެރިކާއާއި އިޒްރޭލަށް އެހީތެރިވާ، އަދި އެ މީހުންގެ ގޮނޑިކޮއްކޮއަކަށް ވެގެން އުޅޭ ނަމަ، ހަމަލާއެއް ނުދޭނެއެވެ. އެ މީހުންގެ ބޮލަށް ވަދެގެން، ހިމާޔަތްކޮށްދޭނެކަމުގެ އަވައިގައި ޖައްސައިގެން، އެ މީހުންގެ މުއްސަނދިކަން ފޭރޭނީއެވެ.

ހަގީގަތަކީ މިހާރު އީރާނާ ދެކޮޅަށް މި ކުރާ ހަނަގުރާމައަކީ އެމެރިކާ ބޭނުންވެގެން ކުރާ ހަނގުރާމައެއް ނޫނެވެ. މިއީ އިސްރާއީލު ބުނެގެން އެ މީހުންނަށް އެމެރިކާ ކޮށްދޭ ކަމެކެވެ. ޓުރަންޕުގެ މޮޓޯއަކީ ހަނގުރާމަތައް ހުއްޓައި ސުލްހަ ގާއިމުކުރުމެވެ. މި ސިޔާސަތާ ދެކޮޅަށް، ކުއްލިއަކަށް މި ހަނގުރާމަ ފެށުމަކީ އެއީ، މި ހަނގުރާމައަކީ އެމެރިކާ ބޭނުންވެގެން ކުރާ ހަނގުރާމައެއް ނޫންކަމުގެ ހެތްކެކެވެ. އެހެންވީމާ، މިއީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް މުސްލިމުންގެ ބާރު އެކީއެކަށް ކަނޑުވައިލުމަށް ޓަކައި، ފަށައިގެން އުޅޭ ހަނގުރާމައެއްކަން ކަށަވަރެވެ. މި ފަދަ ދަނޑިވަޅެއްގައި، މުސްލިމުންގެ ޢަދުއްވު ސަހުޔޫނީ އިޒްރޭލާ ދެކޮޅަށް އީރާނުން ހިތްވަރާ އެކު މަސްދުވަސް ވަންދެން އަމާންނުދީ ހަނގުރާމަ ކުރަނިކޮށް، އެ މީހުންގެ ޢަޤީދާގެ ވާހަކަދައްކައި އީރާނާ ދެކޮޅަށް މީސްތަކުންގެ ހިތްތައް ލަންބުވައިލުމަކީ ހަގީގަތުގައި އިސްރޭލަށް ދެވޭ ތާއީދެކެވެ.

މިއީ ޢަޤީދާގެ ވާހަކަދައްކާން އެކަށީގެންވާ ދަނޑިވަޅެއް ނޫނެވެ. އެއީ މުވާޞަލާތުކުރުމުގެ އެއް އަސާސްކަމުގައިވާ [މެކްސީމް އޮފް ރިލަވަންސް] (އެކަށޭނަ ކަމުގެ އަސާސް)އާ ވެސް ޚިލާފު ކަމެކެވެ. މި ދަނޑިވަޅުގައި އިޚުލާޞްތެރި މުސްލިމެއް ނަމަ އިޒްރޭލާ ދެކޮޅަށް ހިތްވަރާ އެކު ހަނގުރާމަކުރާ އީރާނަށް ދޭނީ ސާބަހެވެ. ކުރާނީ ހެޔޮ ދުޢާއެވެ.

ޝީޢީންނޭ ކިޔަސް ސުންނީންނޭ ކިޔަސް ތަފާތު ފިރުޤާތަކާއި މަޒުހަބުތައް ހުރެއެވެ. ރަނގަޅު މީހުންނާއި ވިޔާނުދާ މީހުން އުޅެއެވެ. މިސާލަކަށް ޝީޢީންގެ ތެރޭގައި ހިމެނޭ ފިރުޤާއެއްކަމަށްވާ ޒައިދީންނަކީ ސުންނީންގެ ތެރޭގައި ހިމެނޭ ބަޔެއްކަމަށް ބައެއް ޢިލްމުވެރީން ފަތުވާދެއްވައެވެ. ޝީޢީންގެ ތެރޭގައި ހިމެނޭ ޒައިދީ ފިރުޤާގެ އިމާމުވެރި އިލްމުވެރީންގެ ބައެއް ފޮތްތައް (ތަފްސީރު ޢިލްމާއި ފިގުހުގެ ބައެއް ފޮތްތައް) މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވައިދޭކަމަށް ވެސް އެ ޔުނިވަރސިޓީއިން ކިޔަވައިވިދާޅުވި ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ހަމަ މި ފަދައިން، އިމާމް މުސްލިމާއި އިމާމް އަބޫ ދާއޫދާއި އިމާމް އިބްނި މާޖާއާއި އިމާމު އަލްޣަޒާލީއާއި އިމާމް އަލްބައިހަޤީއާއި އިމާމް އައްޠަބަރީއާއި އިމާމް އައްރާޒީއާއި އަބޫ ޔަދީދު ފަދަ، އިސްލާމީ އުންމަތުގެ ލޯތްބާއި އިޙުތިރާމް ލިބިވަޑައިގެންފައިވާ ޢިލްމުވެރި ބޭފުޅުން ނިސްބަތްވަނީ ކޮން ޤައުމަކަށްތޯއެވެ؟ ހަމަ އީރާނަށެވެ. އީރާނަކީ ޤަދީމީ ޢިލްމީ ޙަޟާރަތެކެވެ.

އަނެއްކޮޅުން ސުންނީ ދީނީ ކުލަޖައްސައިގެން އުޅޭ (ސިޔާސީ ޖަމާޢަތެއްކަމަށްވާ) [އަލްއިޚްވާނުލްމުސްލިމޫން]އަކީ ނިރުބަވެރި، އިރުހާބީ، (ޓެރަރިސްޓުންގެ) ޖަމާއަތެއްގެ ގޮތުގައި ޢަރަބި ދުނިޔޭގައި ވެސް އޮތީ ކަނޑައަޅައިފައެވެ. އަދި، އެ މީހުންގެ އަގީދާއަކީ ވެސް ރަނގަޅު ނޫން އަގީދާއެއްކަމަށް ވެސް އޮތީ ނިންމައިފައެވެ. މި ކަންކަމުން މި އެނގެނީ ކޮންމެ ނަމެއް ކިޔައިގެން އުޅުނަސް، ރަނގަޅާއި ނުބައި އޭގެ ތެރޭގައި ހިމެނޭނެކަމެވެ. އަޅުގަނޑުމެންނަށް މީހުންގެ ހިތް ކޮނެގެން ސިކުނޑި ފުރާނައިގެން މީހުންގެ ޢަޤީދާއެއް ނުހޯދޭނެއެވެ. މީހުންގެ އިސްލާމްކަމާއި އީމާންކަން ރިވެލިކޮށްދެނީ އެ މީހެއްގެ ބަހާއި ޢަމަލާއި ސުލޫކެވެ.

އަޅުގަނޑު މި ވާހަކަ މިހެން ދައްކާތީ އަޅުގަނޑަކީ ކިތަންމެ ޖާހިލެކޭ ކިޔަސް ފަރުވާލެއް ނެތެވެ. އަޅުގަނޑު މި ދަންނަވަނީ މި ދަނޑިވަޅުގައި އީރާނާ މެދު މީހުންގެ ހިތުގައި ނަފުރަތު އުފައްދާން ޢަޤީދާގެ ވާހަކަދެއްކުމަކީ އެއް ގޮތަކަށް ވެސް ރަނގަޅުކަމެއް ނޫނޭއެވެ. މިއީ އެ މަގާމެއް ނޫނޭއެވެ. އަޅުގަނޑަކީ ވެސް ކީރިތި ޤުރުއާނާއި ކައު ރަސޫލާގެ ސުންނަތަށް ތަބާވެގެން، އަލްއިމާމު ޝާފިޢީގެފާނުގެ ފިޤުހާ އެއް ގޮތަށް އުޅެވޭތޯ ބަލާ މުސްލިމެކެވެ. އޭގެ މާނައަކީ ކޮންމެހެން އަޅުގަނޑަކީ ޝާފިޢީ މުސްލިމެކޭ ކިޔާން ޖެހޭ ސަބަބެއްނޫނެވެ. އިސްލާމްދީނުގެ ޢިލްމު ލިބިގަތުމަށް ޓަކައި ކުޑައިރުއްސުރެ ކިޔައި ބެލިފައި ހުރީ ޝާފިޢީ މަޒުހަބުގެ ފިޤުހުގެ މައްޗަށް ލިޔެވިފައި ހުރި ފޮތްތައްކަމަށް ވާތީ އެހެން ދެންނެވީއެވެ.

މި ދަނޑިވަޅަކީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ހަނގުރާމަކުރާ ދުވަސްވަރެކެވެ. ހަގީގަތުގައި އެ މީހުން އެ ހަނގުރާމަކުރަނީ އިސްލާމީ އުންމަތް ގިއްގަޅުވައިލުމަށް ޓަކައެވެ. އީރާނު ފިޔަވައި އެހެން ގައުމުތައް މިހާރު ވަނީ ގިއްގަޅުވައިލެވިފައެވެ. އިޒްރޭލުން ރާވައިފައިވާ ސިއްރު ރޭވުމެއް ދާދި ފަހުން ހާމަވެފައިވާ އިރު، އޭގައިވާ ގޮތުން، އީރާނު ގިއްގަޅުވައިލުމަށް ފަހު، ދެން އެ މީހުން ކުރިމަތިލާން އޮތީ ތުރުކީވިލާތާއެވެ. އޭގެ ފަހުން ޕާކިސްތާނާއެވެ. މި ދެ ގައުމަކީ ވެސް ޝީޢީ މަޒުހަބަށް ތަބާވާ މުސްލިމުން ވެސް އުޅޭ ދެ ގައުމެވެ. ސުންނީ އެކި މަޒުހަބުތަކުގެ މުސްލިން ވެސް އެ ތަންތާނގައި އުޅެއެވެ. އެ ވާހަކަދައްކައިގެން އެ މީހުންގެ އަގީދާގެ ބަހުސްކުރާން އަޅުގަނޑުމެންނަކީ ކޮން ބަޔެއްތޯއެވެ؟ އެ މީހުންގެ ޢަޤީދާއާއި ޢަމަލުތައް ބައްލަވައިވޮޑިގެންވަނީ ﷲއެވެ. އަޅުގަނޑުމެންނަށް ފެންނާނީ އެ މީހުން ދައްކާ ވާހަކައާއި ކުރާ ޢަމަލުތަކެވެ.

މި ވާހަކަ މިހެން ދައްކާތީ، އަޅުގަނޑާ ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް، އޭގެ މާނައަކީ އެ މީހުންގެ ޢަޤީދާއާއި އެ މީހުންގެ ޢިބާދާތާ އަޅުގަނޑު ތަބާވުންކަމަށް މާނަކުރާ ނަމަ، އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް މާނަކުރިޔަސް، އަޅުގަނޑު ދެކެ ބަޔަކު ރުޅިއަޔަސް، އީރާނުގެ ވެރީންނާއި އަސްކަރިއްޔާގެ ބަސްމަގާއި ޢަމަލުތަކަށް އަޅުގަނޑު ހިތުގެ އަޑީން ތާއީދުކުރަމެވެ. އެ މީހުންގެ ހިތުގައި އޮންނަ އެއްޗެއް އަޅުގަނޑަށް ނޭނގޭތީ އެ ކަމަކާ އަޅުގަނޑެއް ނުބެހެމެވެ. އިޒްރޭލާއި އެމެރިކާގެ ވެރީންނާއި އަސްކަރިއްޔާއަށް އިންތިހާއަށް ނަފުރަތުކުރަމެވެ. ނަމަވެސް އެވެރީންގެ ހިތުގައި އޮތް އެއްޗެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. މީހުންގެ ހިތުގައި ހުންނަ އެއްޗެހި، އެ ބަޔެއްގެ ބަސްމަގާއި ޢަމަލާއި ދައްކާ އަޚުލާގުން ރިވެލިކޮށްދޭތީ، އިޒުރޭލާއި އެމެރިކާގެ ވެރީންނަކީ މުސްލިމުންގެ ޢަދުއްވުންކަމަށް ބެލިދާނެއެވެ. މިއީ އަޅުގަނޑުގެ އިޚުލާޞްތެރި ޚިޔާލެވެ.

ނަމަވެސް ނިންމައިލަމުން ވެސް މިހެން ދަންނަވާނަމެވެ. މި ދަނޑިވަޅަކީ އެކި ގައުމުތަކުގެ ރައްޔިތުންގެ ޢަގީދާއާ މެދު ބަހުސްކޮށް މީހުން ހައްލާން އުޅޭން އެކަށީގެންވާ ވަގުތެއް ނޫނެވެ. އެއީ [މެކްސީމް އޮފް ރިލަވަންސް]އާ ވެސް ޚިލާފުކަމެކެވެ. އަޅުގަނޑަކީ ޢިލްމެއް ނެތް ޖާހިލެއްކަމަށް ބައެއް ބޭފުޅުން ނިންމެވިޔަސް އަޅުގަނޑަށް ވެސް ވިސްނައި ފިކުރުކުރާނޭ ސިކުނޑިއެއް މާތް ﷲ ވަނީ ދެއްވައިފައެވެ. އެހެންކަމުން ވިސްނައި ފިކުރުކުރަމުން ފޮތްކިޔުމާއި، މަގާލު ލިޔުމަކީ އަޅުގަނޑުގެ ހޮބީއެއްގެ ގޮތުން އަބަދުވެސް ކުރާ ކަމެކެވެ. ވީމާ، ﷲގެ ފަޟުލުވަންތަކަމުން އަޅުގަނޑަށް ވެސް ހެޔޮ ގޮތާއި ރަނގަޅު ގޮތް ދެނެގަންނާން އެނގެއެވެ. އެހެންކަމުން އަޅުގަނޑަށް ފެންނަ އެއްޗެއް އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވާ ގޮތުގެ މަތީން ހާމަކުރުމުގެ ފުރިހަމަ މިނިވަންކަން އެބަ އޮތެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން އެހެން ރައްޔިތުންނެކޭ އެއް މިންވަރަށް އަޅުގަނޑަށް ވެސް އެ ކަން ފަހިކޮށްދީފައިވާތީއެވެ.

މި ހަނގުރާމައިގައި، އީރާނާއި އެންމެހައި މުސްލިމުންނަށް ކާމިޔާބީއަށް އެދެމެވެ! އިޒްރޭލާއި އެމެރިކާއަށް އެދެނީ ނާކާމިޔާބީއާއި ބަލިކަށިކަމެވެ!

 

ބައެއް ލަފުޒުގެ މާނަ:

ގިޔަމު       ނ.     ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާގީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް  

ގިއްގަޅުވައިލުން މ.    (1) މީހަކު ވެއްޓި އިނދަޖެހޭ ގޮތް ހެދުން. (2) ތިމާގެ ބާރުން އަނެކެއްގެ ނުވަތަ އަނެއް ބަޔެއްގެ އަގުވައްޓައިލުން، ނުވަތަ މަގާމު ދަށްކޮށްލުން. (3) ވާހަކަދައްކައިގެން ނުވަތަ ޒުވާބުކޮށްގެން ދެރަކޮށްލުން.

ފިރުގާ       ނ.     ބައި ނުވަތަ ގުރޫފު ނުވަތަ މަޒުހަބު.

ސަގާފީ       ނއ.    (1) އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނަ އިރު، އެ ބަޔެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި، މި ފަދަ ކަންކަމާ ގުޅިފައިވާ. (2) ސަގާފަތަށް ނިސްބަތްވާ.

 

 

 

ކޮމެންޓު
ކޮމެންޓުތައް
ފާތުން
31 މާރިޗް 2026 23:48
ވަރަށް މަޢުލޫމާތު މުއްސަނދި ޢިލްމީ މަޒުމޫނެއް. ޝުކުރިއްޔާ!
ޙަސަން މޫސާ
30 މާރިޗް 2026 09:30
ސާބަސް ! ޝުކުރިއްޔާ ! ﷲ ހެޔޮ ރަޙުމަތް ލައްވާށި. އާމީން .