އަސްމާ އަބޫބަކުރު
29 މާރިޗް 2026
(2026 މާރިޗު 22ގެ ޢަދަދާ ގުޅޭ)
އަދީލްގެ ގަޔަށް ބޮލަށް އަރާ އަންހެނަކު ކަމަކު ނުދެއެވެ. އަދީލް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ހައިމާ ބުނާ ގޮތަށް ހަދައިގެން ނޫނީ އަދީލް ނޭވާލިޔަކަނުދޭނެކަން އަދީލަށް އެނގެއެވެ.
[ހައިމާ، ރުޅިމަޑުކޮށްބަލަ! އަހަރެން އެއް ގޮތަކަށް ވެސް ޖަޒްލާ ދެކެ ލޯބިނުވާކަން އެނގޭނުން. ތީއޭ އަހަރެންގެ ހުރިހައި ވެސް މީހަކީ. އަހަރެން ލޯބިވަނީ ހައިމާ ދެކެ.]
[ދެން ކީއްވެ ޖަޒްލާ ވަރިނުކުރެވިގެން ތިޔަ އުޅެނީ ކީއްވެ؟] ހައިމާ ދެލޯބޮޑުކޮށްލައިފައި ސީދާ އަދީލްގެ ލޮލަށް ބަލައިލިއެވެ.
[މަންމަ އާއި ބައްޕަގެ ހިތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖަޒްލާ ފަތަޙަކޮށްފި.] އަދީލްގެ ވާހަކައިން ހައިމާ އިތުރަށް ރުޅި އަތުވެއްޖެއެވެ.
އެ ރޭ ހައިމާގެ ރުޅި މަޑުކުރެވުނީ އެތައް ވާހަކައެއް ދައްކައިގެންނެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކަން ކުރާނެކަމަށް އަދީލް އެތައް ފަހަރަކު ބުންޏެވެ. އެންމެ ފަހުން ހައިމާ ގޮވައިގެން އައިސް ގެއަށް ލައިފައި އަދީލް ގެއަށް ދިޔަ އިރު މަންމައާއި ބައްޕަ ސިޓިންރޫމްގައި ތިއްބެވެ. އެ ދެ މީހުންގެ ބޮލާ ދިމާ ފާރުގައި ހުރި ގަޑިން އޭރު މެންދަމުން އަލިވެ އެކެއް ޖަހަނީކަން އިޢުލާންކުރަމުން ދިޔައެވެ.
އަދީލްގެ މައިންބަފައިންނަށް އޭނާ އުޅޭ ގޮތް ވަނީ އެނގިފައެވެ. އަދީލް ގެއަށް ވަނުމާއެކު ސޯފާގައި އިށީނުމަށް މަންމަ އެދުނެވެ. ކުށްވެރިއަކު ކޯޓަށް ޙާޒިރުކުރާ ފަދައިން އަދީލު ކަންބޮޑުވެފައި އައިސް އިށީނެވެ. މަންމަގެ އިޝާރާތަށް ވާހަކަދައްކާން ފެށީ ބައްޕައެވެ.
"އަދީލް. މި ފަހަރު ބައްޕައަށް މުދާގަންނަން ބޭރަށް ދެވޭކަށްނެތް. ބައްޕަގެ ވަރަށް ގާތް ރައްޓެއްސަކު ބައްޕަ ދެކިލަން ބޭނުންވެގެން އުޅޭތީ އޭނާ ގާތުގައި މާލެ އަންނަން ބުނެވިއްޖެ. އެހެންވީމާ މި ފަހަރު މުދާ ގަންނާން ދަރިފުޅު ބޭރަށްދޭ. ކައިވެނީގެ ފަހުން ހަނީމޫނަށް ވެސް ނުދާތީއާ އެކު ބައްޕަ މިއޮތީ ދެ ޓިކެޓް ނަގައިފައި. ޖަޒްލާއާއި ދެ ކުދީން ފޮނުވާން ވެގެން.] އަދީލްގެ މޫނުމަތި ދިޔައީ ބަނަވެގެންނެވެ.
[ޓިކެޓް ނެގުމުގެ ކުރީން އަންގައިލި ނަމަ.] އަދީލަށް ކަންބޮޑުވެގެން ބުނެވުނީ އެ ހައި ވަރަށެވެ. އަސްލު ޖަޒްލާ ގޮވައިގެން އަދީލް އެއްވެސް ތާކަށް ދާކަށް ބޭނުމެއް ނޫނެވެ. މި ކަން އެނގިއްޖެއްޔާ ހައިމާ ހިތްހަމައެއްނުޖެހޭނެއެވެ. އެހެންނޫނަސް ޖަޒްލާއާ ދުރުވާން ވެސް އަދީލް ބޭނުމެވެ. ހަދާނެ ގޮތަކާ މެދު ވިސްނާން އިންދައި މަންމަގެ ވާހަކަ ފެށިއެވެ.
[ދަރިފުޅުމެންނަށް ތަންތަން ބަލައިލުމުގެ ފުރުޞަތު ވެސް ލިބޭނެއްނު. ބައްޕައާ އެކީގައި ދިއުމާއި، އަނބިމީހާއާ އެކު ދިއުމާ ވަރަށް ތަފާތުވާނެ. ތަންތަނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ލިބޭނީ ވެސް ދެމަފިރިން އެކީގައި ގޮސް ބަލައިލީމާ.] މަންމަގެ މޮޅު ވާހަކައަށް ބައްޕަ އިނީ ހެވިފައެވެ. އެ ދެމަފިރިން ތަންތަނަށް އެކީގައި ގޮސް ވަރަށް ފޮޓޯ ނަގައިފައި އަލްބަމް ފުރާފައި އޮވެއެވެ. އަދީލް ކުޑައިރު އެތައް ގައުމެއްގެ ރީތި މަންޒަރުތައް އެކުލެވޭ އަލްބަމަކީ މިހާރު ވެސް އަދީލަށް އެންމެ ކަމުދާ އަލްބަމެވެ. އާނާ ކޮއްކޮ ލިބުނު ލިބުނު ފަހުން ދަތުރުތައް މަދުވި ނަމަވެސް އަހަރަކު އެއް ފަހަރު ކޮންމެ ވެސް ތާކަށް ދެވެއެވެ.
[މި ވަގުތު ބުނާންވީ ޖަޒްލާގޮވައގެން ނުދެވޭނެ ކަމަށް. އަހަރެން ޖަޒްލާގޮވައިގެން ބޭރަށް ހިނގައްޖެއްޔާ ހައިމާ އެ ހައި ރުޅިއަންނާނެ.] އަދީލް ހިތަށް އެރި ވާހަކަ ދުލާ ހަމައަކަށް ނުގެނެވުނެވެ. މަންމައާއި ބައްޕައަށް ބަލައިލައިފައި އެއްޗެއް ނުބުނެ ކޮޓަރިއަށް އަދީލް ދިޔައީއެވެ. އެރޭ އެތައް އިރަކު ވިސްނާން އޮވެވުނެވެ. ދެންވާނީ ކިހިނެއްހެއްޔެވެ؟ ޖަޒުލާ ގޮވައިގެން ތަނަކަށް ދާކަށް އަދީލް ކުޑަކޮށް ވެސް ވިސްނައިފައެއް ނެތެވެ. ޖަޒްލާ ނިދައިފައި އޮއްވައި އަދީލަށް ބަލައިލެވުނެވެ.
ޖަޒްލާގެ ރީތިމޫނަށް އެތައް އިރަކު ބަލާން އަދީލް އޮތެވެ. ނިދައިފައި އޮތް އިރު ޖަޒްލާގެ ލޮލުގެ ކައިރީން ކަރުނަ ހިލިފައިވާ ތަން އަދީލަށް ފެނުނެވެ. ކޮންމެވެސް ކަމަކާ ރޮއިފައިވާކަން އަދީލަށް ފާހަގަވިއެވެ. އެ ވަގުތު އެހިތަށް އަސަރަށްކޮށްފާނެތީ އަދީލް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އެ ވަގުތު އަދީލްގެ ހިތަށް ވަރަށް ގިނަ އެއްޗެހި އަރަމުން ދިޔައެވެ. ޖަޒްލާއާ މެދު އަދީލް ކަންތައް ކުރަނީ ރަނގަޅަށް ނޫންކަން ފުރަތަމަ ފަހަރަށް ވިސްނުނެވެ. ޖަޒްލާ ވާހަކަ ދެއްކިއަސް އަދީލް ހިތަށް އެރި ފަހަރަކު ނޫނީ ޖަވާބެއް ނުދެއެވެ. ގިނަ ދުވަސް ދުވަހު ޖަޒްލާ ކޮލެޖަށް ދާ ވަގުތާ ދިމާކޮށް ގެއަށް އައިސް ކާން ހަދާން ބުނުމާއި، ކޮންމެވެސް ކަމެއްގައި ހިތްހަމަނުޖެހިގެން އެއްޗެހި ކިޔާނެ މަގެއް ހޯދައިގެން ޖަޒްލާ ދެރަކޮށްލެވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް މިހާރު ޖަޒްލާ ރައްދެއްނުދޭކަން އަދީލް ހަނދާން އެބަހުއްޓެވެ.
އެވަގުތު އަދީލްގެ ހިތަށް އެހެން މަންޒަރެއް ސިފަވިއެވެ. ސްކޫލްގައި ކުލާހުން ބޭރަށް އިސްލާމް ގަޑީގައި ނެރޭ ދުވަސްތަކެވެ. ފިލާވަޅު ދަސްނުކޮށްގެންނެވެ. އެ ދުވަސްތަކުގައި އަދީލް ބޭރުގައި ހުންނަ ކޮންމެ ފަހަރަކު މުދައްރިސަށް ހިތުން އެތައް އެއްޗިއްސެއް ގޮވައެވެ. ބަދަލުހިފުމުގެ ރުޅިވެރިކަން އެ ހިތުގައި އަށަގަތީ އެ ހިސާބުންނެވެ. އެ މުދައްރިސަކީ ޖަޒްލާގެ ބައްޕައެވެ. އަދީލަށް މިއަދު ހިތްހަމަޖެހުން ލިބެނީ އިސްލާމް މުދައްރިސްގެ ދަރި އަދީލްގެ ކޮންޓްރޯލުގެ ދަށުގައި ހުރީމައެވެ. ބަދަލުހިފާން ލިބުނު ފުރުޞަތުގައި އަދީލް ބޭނުންވީ ޖަޒްލާ ކިޔެވިޔަނުދިނުމަށެވެ.
ކުއްލިއަކަށް އަދީލްގެ ހިތަށް އެރިއެވެ. ޖަޒްލާގެ ދޮންމަންމަ ސާހިރާ މި ކައިވެނިކުރާން އެހާ އަވަސް އަރުވައިލީ ކީއްވެބާއެވެ؟ ސާހިރާ ވެސް ޖަޒްލާ ދެކެ ނަފުރަތުކުރާ ކަމެއް އޮތީކަމަށް ވެދާނެއެވެ. މިފަދަ އޮޅުން ބޮޅުން ސުވާލުތަކެއްގައި އޮއްވައި އަދީލަށް ނިދިއްޖެއެވެ.
ހެނދުނު ނުވައެއް ޖެހިއިރު އަދީލް ހުރީ އޮފީހުގައެވެ. ފުރުމުގެ ކުރީން ނިންމަންޖެހޭ ކަންތައް ހުރުމުން އެ މަސައްކަތްތައް ނިންމަން ވެގެންންނެވެ. ގަންނަން ޖެހޭ ތަކެތީގެ ލިސްޓު ތައްޔާރުކޮށް ނިމުމުން ކޮފީއެއް ބޯހިތްވެގެން އަދީލް ހިތަށް އެރީ ހައިމާއާ އެކު ކޮފީއަކަށް ދިއުމަށެވެ. ހައިމާ ގެއަށް ދިއުމުގެ ކުރީން އަދީލް ހައިމާއަށް ގުޅިއެވެ. ފޯން އެންގޭޖެވެ. ދެފަހަރު ގުޅިއިރު ވެސް އެ ފޯން ބިޒީ އަރާތީ އެ ގެއަށް ދާން ސައިކަލަށް އެރިއެވެ.
ހައިމާގެ ގެއަށް ދިޔައިރު ހައިމާ އިނީ ގޯތިތެރޭގައި ހަދާފައި ހުންނަ ކޮފީ ހަޓް ކައިރީގައެވެ. އެ ގޭގެ ގޯތިތެރޭގައި އޮންނަ ކުޑަ ހުސް ތަންކޮޅުގައި ރީތި ގޮތަކަށް ހަދައިފައި ހުންނަ ކޮފީ ހަޓް އެއީ އެންމެންގެ ސައްލާ މައިޒާނެވެ. ގޯތި ތެރޭގައި ހައްދައިފައިވާ ގަސްތަކުގެ ސަބަބުން ފިނިކަމާ އެކު ހިޔާ ލިބޭ ގަސްތަކުގެ ސަބަބުން ހިތްގައިމުކަން އިތުރުވެގެން ދެއެވެ. އަދީލް ގޯތި ތެރެއަށް ވަންއިރު ހައިމާ އިނީ ދޮރާ ދިމާއަށް ފުރަގަސް ދީގެންނެވެ. ހައިމާ އެހައި ގިނަ ވަގުތު ފޯން ބިޒީކޮށްގެން ފޯނުން ވާހަކަދައްކާތީ އަދީލްގެ ހިތުގައި ޝައްކު އުފެދުނެވެ. ހައިމާ ދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި މަޑުކޮށްލައިގެން ހުއްޓައި އެ އިވުނު ވާހަކަތަކުން އަދީލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދީލް އޮފީހުން ނިކުމެގެން އައި އިރު ހުރީ ހައިމާ އެހެން ފިރިހެނަކާ ގުޅުން އޮންނަނީކަމަށް ވިސްނައި ހިތްހަމަނުޖެހިފައެވެ. އެހެން ނަމަވެސް ހައިމާގެ ވާހަކަ އަޑުއިވުމުން އަދީލްގެ ހިތަށް ފިނިކަން ލިބުނެވެ. ވާހަކަ ދައްކަނީ ރައްޓެއްސަކާ ކަމަށް ޔަގީންވުމުންނެވެ.
ހައިމާ ވާހަކަދައްކަމުން ދަނީ ފިރިހެނަކާ ނޫނެވެ. ހިތަށް ލިބުނު ފިނިކަން ހައިރާންކަމަށް ބަދަލުވެއްޖެއެވެ. ހައިމާ ވާހަކަ ދައްކަނީ ޖަޒްލާގެ ދޮންމަންމަ ސާހިރާއާއެވެ. އެ ނަން އަޑުއިވުމުން އަދީލް ކުޑަކޮށް އެއް ފަރާތްވެލައިފައި އެ ދައްކަމުން ގެންދާވާހަކަ އަޑުއިވޭތޯ މަޑުކޮށްލިއެވެ. ސާހިރާއާއި ހައިމާއަކީ ރައްޓެހީން ބާއެވެ؟
[ޖަޒްލާގެ ބައްޕަ ހެޔޮ ހާލުގައި ހުއްޓައި ސާހިރާ ތިޔަ މުދާތައް ހޯދާ! އެހެން ނޫނީ ފަހުން ނުލިބިދާނެ.] ހައިމާ ބުނާ އަޑުއިވުނެވެ. އަނެއްކާ އެ ކޮޅުން ބުނީ ކީކޭ ކަމެއްނޭނގެއެވެ. ހައިމާ ރުޅިވެރިކަމާ އެކު އަނެއްކާ ބުނި ޖުމްލަ އަދީލަށް އިވުނެވެ.
[ވަޓް؟ ޖަޒްލާ ވެސް ދޭތަ؟] އެ ހިސާބުން ހައިމާއަށް ދަތުރުގެ ވާހަކަ އެނގުނީކަން އަދީލަށް ޔަގީންވިއެވެ. އަދީލް ޖަޒްލާގެ ބައްޕަ ފަރާތުން ބަދަލުހިފާން އުޅުނު ގޮތަށް ވުރެ ނުބައި ރޭވުމެއް ހައިމާއާއި ސާހިރާ ގުޅިގެން ރާވައިފާނެކަމަކަށް އަދީލް ހިއެއްނުކުރެއެވެ. ނަމަވެސް އެމީހުންގެ ރޭވުން މާ މަކަރުވެރިއެވެ. ހައިމާ އެހުރީ ޖަޒްލާއަށް ކޮންމެ ފަދަ ބޮނޑިއެއް ވެސް ދޭން ތައްޔާރަށެވެ.
މަޑުމަޑުން އަދީލް އެ ގެއިން ނިކުތީ ފަހުން އަންނާނީއޭ ހިތަށް އަރައިފައެވެ. ހައިމާ އެ ހުރީ މާ ބޮޑަށް ރުޅިއައިސްފައެވެ. އަދީލަށް ހައިމާގެ މަކަރުވެރިކަން އެނގޭން ފެށީ އެ ދުވަހުން ފެށިގެންނެވެ. އަދީލް ބޭނުންވީ ދުވަސްކޮޅަކު ހައިމާއާއި ސާހިރާ ކުރާކަންތައް ބެލުމަށެވެ. އޮފީހަށް އެނބުރި ގޮސް ކޮފީ ބުއީ ކެބިންގައި އިނދެއެވެ. އޭގެ ބައިގަޑި އިރު ފަހުން އަދީލް ހައިމާއަށް ގުޅިއެވެ.
[ހަލޯ. ހައިމާ. ހާދަވަރަކަށް ގުޅައިފީމޭ. މިއަދު މާގިނައިން ނިދާ ދުވަހަކީތަ؟] އަދީލް އެހެން އެހުމުން ހައިމާ އާފުރިލިއެވެ.
[އާނ. މިއަދު ޑިއުޓީ ވެސް ނެތީމާ ރަނގަޅަށް ނިދައިލީ.] ހައިމާ ނިދިއަޑަކުން ވާހަކަ ދެއްކިއެވެ. އަދީލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހައިމާ ހީވަނީ އެނދުގައި ނިދާން އޮވެ ފޯނު ނެގިހެންނެވެ. އަދީލް ވިޔަފާރި ދަތުރެއްގައި ބޭރަށްދާ ވާހަކަ ބުނުމުން ހައިމާ އެހެން ހެއްޔޭ ބުންޏެވެ. އަދީލް ހުރީ ބަސްހުއްޓިފައެވެ. އެއްކަލަ ރުޅި އަންނަ ހައިމާގެ ރުޅިގަނޑު ކޮބައިބާއޭ އެ ވަގުތު ހިތަށްއެރިއެވެ. އެކަހަލަ އެއްވެސް ކަމެއް ނުވުމުން އަދީލް ހިތަށް އެރިއެވެ. ހައިމާގެ ޕްލޭނެއް އޮތްކަން ޔަގީނެވެ. އެހެން ނޫން ނަމަ ހައިމާ އެހާ މަޑަކުން ނުހުންނާނެއެވެ. (ނުނިމޭ)