ad_banner
އިޒުރޭލުން އަމާންދިނުމާ ކައިރިއަށް - ޙިޒުބު ﷲގެ މުޖާހިދުން ފަލަސްޠީނުގެ އުތުރުން ގެލީލީއަށް ވަނުން

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

29 މާރިޗް 2026

މެދުއިރުމަތީގައި ހަމަނުޖެހުންތައް، ނުރައްކާތެރި އައު ހަރުފަތަކަށް އުފުލިފައިވާ އިރު، ހިޒްބު اللهގެ މުޖާހިދުން ފުރަތަމަ ފަހަރަށް އިޒްރޭލުން ގަދަބަދަވިކަމުން ފޭރިގަނެގެން، އެ މީހުންގެ ބިންކަމަށް ހަދައިގެން އުޅޭ، ފަލަސްޠީނުގެ ސަރަހައްދުގެ ތެރެއަށް ވަދެ، ހަރަކާތްތެރިވެ ކުރިއަރަމުންދާކަމަށް ދުނިޔޭގެ ޞައްޙަ މަސްދަރުތަކުން އެބަ މަޢުލޫމާތުދެއެވެ. މިއީ އެމެރިކާއާއި އިޒްރޭލުން އެއްވެސް ހައްގުންކަމަކާ ނުލައި އީރާނުގެ ބިން ފޭރިގަނެ، އެ ބިމުގެ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަތުމަށް ޓަކައި ފެށި ޢުދުވާނުން އެމެރިކާއާއި އިޒްރޭލު ވަރަށް ބޮޑަށް ބޭޒާރުވެ ނާކާމިޔާބީއަކާ ކުރިމަތިލަމުންދާކަމުގެ އަލިގަދަ ހެތްކެކެވެ.

ކުރީގެ އެތައް ރިޕޯޓެއްގައިވާ ގޮތުން ހަތިޔާރު އެޅި ފައުޖުތަކުން އުތުރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ގެލީލީއަށް ޙިޒުބުﷲގެ މުޖާހިދުން ވަނީ ވަދެފައެވެ. މުޖާހިދުން ވަދެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ކިރިޔާތު ޝުމޯނާއާއި މެޓޫލާ ކައިރީގައިވާ ސަރަހައްދުތައް ހިމެނެއެވެ. އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޖާހިދުން ވަނީ ފަލަސްޠީނުގެ ބިންތަކުގައި، ހިޒުބު اللهގެ ދިދަ ވެސް ނަގައިފައެވެ.

އެކި މަސްދަރުތަކުން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އިޒުރޭލުގެ ޑިފެންސް ފޯހާއި ހޯމް ފްރަންޓް ކޮމާންޑް ހިމެނޭ ގޮތަށް އިޒުރޭލުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އުތުރުގެ ސަރަޙައްދުން ވަގުތުން މީހުން ނުކުތުމަށް އަމުރުކޮށްފައެވެ. ވީޑިއޯ ފުޓޭޖުތަކުން ދައްކާ ގޮތުގައި، ދެކުނަށް ދަތުރުކުރާ ހަލިމަގުތައް ވަނީ ފުރިބާރުވެފައެވެ. އަދި އިތުރު ޙަމަލާތަކެއް އަތުވެދާނެކަމުގެ ބިރަށް ޓަކައި އާންމުން ދަނީ ފިލައި ރައްކާވާން މަސައްކަތްކުރަމުންނެވެ.

އިޒުރޭލުގެ މަޝްހޫރު ޓީވީ ޗެނެލެއްކަމަށްވާ [ޗެނަލް 13]އާއި، އެހެން މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، [ކޮމާންޑް އެންޑް ކޮންޓްރޯލް] ނިޒާމުތަކަށް ބުރޫއެރުމާއި، އެތައް ތަނެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ޙާލަތު ވަނީ [އިންތިހާއަށް ސީރިއަސް] ވެފައެވެ. އަލްޖަޒީރާގެ މައިދާނީ ރިޕޯޓަރުން ވެސް ވަނީ ބިންމަތީގައި ގަދަފަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށް އިޝާރާތްކޮށް އެ ކަން ކަށަވަރުކޮށްދީފައެވެ. އަސްކަރީ މުޙައްލިލުން ބަޔާންކުރާ ގޮތުގައި، މިއީ އިޒުރޭލުން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނު ބިމުގެ ސަރަޙައްދުގެ ތެރެއަށް މިހާ ބޮޑަށް މިހައި ތަނަށް ހިޒުބު اللهއިން ވަދެފައިވާ ފުރަތަމަ ފަހަރެވެ. މިއީ ސަރަޙައްދީ އިމުގެ ހަމަނުޖެހުންތަކުން ނެއްޓި، ބިމުގެ ހަނގުރާމައަކަށް ބަދަލުވަމުންދާކަމުގެ އިޝާރާތެކެވެ. އީރާނުގެ މަދަދާއި އަދި ތާއީދާއެކު ހަނގުރާމަ ކުރާ ހިޒްބު اللهއަކީ ޒަމާނުއްސުރެ މި ސަރަޙައްދުގެ އެންމެ ބާރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެއް ބާރެވެ.

ބިމުގެ ހަނގުރާމައެއްގައި ޙިޒުބުﷲއަށް ވުރެ އިޒްރޭލު ސިފައިން މޮޅުވުމަކީ ވަރަށް އެކަށީގެންނުވާ ކަމެކެވެ. ސަބަބަކީ ސަހުޔޫނީންނަކީ ވަރަށް ބިރުގަންނަ ބަޔަކަށް ވާއިރު، ޙިޒުބުﷲގެ އިޢުތިޤާދަކީ އެ މީހުން މި ފަދަ ހަނގުރާމައިގެ މައިދާނެއްގައި މުސްލިމުންގެ ދުޝްމަނުންގެ އަތުން ޝަހީދުވުމަކީ ނިޢުމަތެކެވެ. އެހެންކަމުން މި ހަނގުރާމައިގައި އިޒްރޭލާއި އެމެރިކާ ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.

މި ބޭއިންސާފު ހަނގުރާމައިގެ ސަބަބުން އެމެރިކާއާއި އިޒްރޭލަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ޚާއްޞަކޮށް އިޒްރޭލަށް، އިޒުރޭލުގެ އާންމުންނަށް ލިބެމުންދާ ގެއްލުންތަކާ ހުރެ ރައްޔިތުން ވަނީ ރުޅިގަދަވެފައެވެ. އިޒްރޭލުގައި ނަތަންޔާހޫ އިސްތިއުފާދީ އަވަސް އިންތިޚާބެއް ބާއްވާން ގޮވައިލައި ބޮޑެތި މުޒާހަރާތައްކުރަމުން އެބަ ގެންދެއެވެ. އަނެއްކޮޅުން އެމެރިކާގައި ޑޮނަލްޑު ޓުރަންޕަށް އިތުބާރު ނެތްކަމުގެ ވޯޓެއްނަގާން ގާނޫނުހަދާ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ޓަކައި އެ ކަމަށް ތައްޔާރުވަމުންދާ އިރު، މި ޕެޓިޝަނުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން މިހައި ތަނަށް ސޮއިކޮށްފައިވާކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިނގިރޭސިވިލާތުގެ ކަށަވަރުނުވާ ބައެއް މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ފަހުގެ ޙަމަލާއެއްގައި ނަތަންޔާހޫވަނީ މަރުވެފައެވެ. މި ކަން އިޒްރޭލުން ވަރަށް ބޮޑަށް ސިއްރުކުރަމުންދަނީ އިސްތިރާޖީ ގޮތުން ލިބިދާނެ ގެއްލުމަކަށް ޓަކައިކަމަށް ވެސް ވެދާނެއެވެ.

ކޮމެންޓު