ad_banner
އެމެރިކާގެ ނިމުން ބަންނަ މާވަޑިޔާ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

28 މާރިޗް 2026

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު އީރާނާ ދެކޮޅަށް ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަން ވަނުމަކީ މުޙައްލިލުންގެ ރައުޔުގައި އިސްތިރާޖީ ހަރުދަނާ ވިސްނުމެއްގެ ނަތީޖާއެއްނޫނެވެ. އެއީ އޭނާގެ ސިޔާސީ ހެއްލުންތެރިކަމުގެ ސީދާ ރިވެލިވުމެކެވެ. މި ހެއްލުންތެރިކަމުގެ ސަބަބުން ރަނގަޅަށް ހިސާބުނުޖަހައި ހުޅުވައިލި އާހިތައެއްގެ ތެރެއަށް ގެނބުމެކެވެ. މި ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތަކާ މެދު މާ ބޮޑު ރޭވުންތަކެއް ނެތެވެ. އަދި މި އަރައިރުމުގެ ތެރެއިން ބޭރަށް ނުކުންނާނެ ގޮތަކާ މެދުވެސް ވިސްނައިފައެއް ނުވެއެވެ. ހަނގުރާމައަކީ ޝިޢާރުތަކަކުން ކުރެވޭނެ އެއްޗެއް ނޫންކަން ޓްރަމްޕަކަށް ނޭނގެއެވެ. އަދި އެއީ ރައްދުއަޑުތަކާ އެއް ގޮތަށް ކުރެވޭނެ ކަމެއް ނޫންކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.

'އެމެރިކާއަކީ އެންމެ ބާރުގަދަ ގައުމެވެ. އެމެރިކާއަކީ އެންމެ ވަރުގަދަ އިޤްތިޞާދެވެ. އެމެރިކާއާ ކުރިމަތިލެވޭނެ އެއްވެސް ބާރެއް ދުނިޔެއަކު ނެތެވެ.' މި ފަދަ ޚިޔާލީ ފޮލާތަކުން ހަނގުރާމައެއް ނުކުރެވޭނެއެވެ. ހަނގުރާމަކުރެވޭނީ ސާފު އިސްތިރާޖީ ޢަޤީދާއަކުންނެވެ. މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ވަގުތުގައި ވެސް ފެންނާން އޮތް ކަމެއްނޫނެވެ. ހަތަރު ދުވަހުން ނިންމައިލާން ބުނެ ބައިސާކެނޑި ހަނގުރާމައަށް މިހާރު ކިތައް ހަތަރު ދުވަސް ވެއްޖެތޯއެވެ؟

އެމެރިކާގެ ރައީސް ޓުރަންޕު އީރާނާ ދެކޮޅަށް މި ހަނގުރާމަ ފެށީ ވޮޝިންގްޓަންގެ ޒަމާންވީ އެކުވެރީންނާ މަޝްވަރާނުކޮށެވެ. އެމީހުންގެ އިޖުމާޢަކާ ނުލައެވެ. ނޭޓޯގައި ހިމެނޭ [ބޮޑެތި ބާރުތަކުން]  ޓުރަންޕު – ނަތަންޔާހޫ ހަނގުރާމައާ ދެކޮޅުހަދާކަން އިޢުލާންކުރުމަށް އަވަސްވެގަތެވެ. ހުރްމުޒު ކަނޑުއޮޅި ހުޅުވުމަށް މަސައްކަތްކުރުން ފަދަ ޙައްސާސް ކަންކަމުގައި ބައިވެރިނުވާނެކަމަށް ދަނީ ބުނަމުންނެވެ. އެމެރިކާގެ ބައިވެރީން ބުންޏެވެ. [މިއީ އަހުރެމެންގެ ހަނގުރާމައެއް ނޫނެވެ.] މި ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ޢަސްކަރީ އެއްބާރުލުމުގައި ރެނދުއަޅައިފައިވާ މިންވަރު ސާފުކޮށް އެނގެއެވެ. އަދި ސިޔާސީ ގޮތުން  ވޮޝިންގްޓަން އެކަނިވެރިވެ އެކަހެރިވަމުންދާ މިންވަރު ވެސް ފެނެއެވެ.

މި ކަންތައްތަކުގެ ކުރިމަތީގައި ޓުރަންޕު މިހާރު ވަނީ  އޭނާގެ ރޭވުންތަކާ މުޅީން ތަފާތު ޙާލަތެއްގެ ކުރިމަތީގައެވެ. ކައިރީގައި ހުރީ އިޔަހޫދި ނަތަންޔާހޫ އެކަންޏެވެ. ޓުރަންޕު ހީކުރީ އޭނާގެ ބޮޑާކަމާއި އެމެރިކާގެ ޖަބަރޫތުކަމުގައި އޭނާއަށް ބައިނަލްއަޤްވާމީ ނިޒާމުގެ ގަވައިދުތައް ބޮލާލައިޖަހައިފައި އަދި ޢާލަމީ މުއައްސަސާތަކަށް ކޮޅުފައިންއަރައިފައި އީރާނު ބަލިކޮށް ނައްތައިލެވިދާނެކަމަށެވެ. ނަމަވެސް އީރާނާ ކުރިމަތިލުމުގައި ކުރިއަށް ދިޔުމަށް ޓަކައި އޭނާއަށް މިހާރު ވަނީ މި  ގަވައިދުތަކާއި މި މުއައްސަސާތައް ނެތުމުން އޭނާއަށް ބޭނުންވާ ސިޔާސީ ފުރާޅު ނެތިއްޖެކަން ވިސްނިފައެވެ.  

އެމެރިކާގެ އެތެރެއަށް ބަލާ އިރު އެތެރޭގެ ގަޑުބަޑުކަން މާ ބޮޑެވެ. ޙާލަތު މާ ތައުގީދެވެ. ދެ ޕާޓިގެ ދެމެދުގައި އޮތް ޒަމާންވީ ވާދަވެރިކަމަށް ވުރެ ސިޔާސީ ބައިބައިވުން މާ ފުންވެއްޖެއެވެ. ނިރުބަވެރިކަމާ ދެކޮޅަށް ޙަރަކާތްތެރިވާ އެމެރިކާގެ ގައުމީ މަރުކަޒުގެ ޑިރެކްޓަރު  އިސްތިޢުފާދެއްވިދެއްވުމަކީ އާދައިގެ ކަމެއްނޫނެވެ. މިއިން ދޭހަވަނީ އެމެރިކާގެ ދާޚިލީ ގައުމީ އަމްނާއި ސަލާމަތާ ބެހޭ ނިޒާމަށް ލޮޅުން އަރައިފައިވާ މިންވަރެވެ. މީގެ އިތުރަށް އެމެރިކާގެ ސިޔާސީ އެންމެ ބޮޑު ދެ ޕާޓީއިން ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ފިއްތަމުންދާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. ކޮންގްރެސްގެ އެންމެ ބޮޑު އަށް ގުރޫޕުން ވައިޓްހައުސްއަށް ކުރާ އިތުބާރު ވަނީ ގެއްލިފައެވެ. މި އަށް ގުރޫޕުން ބުނާ ގޮތުގައި އެ މީހުންނަށް އިރާނު ހަނގުރާމައަށް ތާއީދުކުރެވުނީ ވައިޓްހައުސްއިން ދިން ނުބައި މަޢުލޫމާތުތަކުގެ މައްޗަށެވެ.

އިޤްތިޞާދަށް ބަލާ އިރު ހަނގުރާމައިގެ ޚަރަދު މިހާރުވަނީ އެމެރިކާގެ ބިޔަ އިޤްތިޞާދަށް ބުރައަކަށް ވެފައެވެ. ހަކަތައިގެ އަގުވަނީ ބޭރުގައި އުފުލެމުންދާ ގޮތަށް އެތެރޭގައި ވެސް އުފުލިފައެވެ. ބޭރުން އެތެރެކުރެވޭ މުދާ އެތެރެކުރުމަށް ވަނީ ބުރޫއަރައިފައެވެ. އެތެރޭގެ މުވާޞަލާތީ އަގުތައް ދަނީ އުފުލެމުންނެވެ. މިހުރިހައި ބަހާތަކަކީ އެމެރިކާގެ އާންމު ރައްޔިތު މީހާއަށް އޭގެ ނުބައި އަސަރު ރިވެލިވަމުންދާ ކަމެކެވެ. މި ކަންކަމާ ހުރެ، ޓުރަންޕުގެ މަޤްބޫލުކަން ދަނީ ކަންފަތިވެ އުތުވެމުންނެވެ. އޭނާގެ ސިޔާސީ އެސެޓްތަކާއި އުޞޫލުތައް ދަނީ ހުސްވަމުންނެވެ.

ތާރީޚަކީ މީސްތަކުންނަށް ދަރުސްތަކެއް ދެމުންދާ ދާލައެކެވެ. ބޮޑެތި ގައުމުތައް އެހެން އޮވެފައި ކުއްލިއަކަށް ވެއްޓިގެންނެއް ނުދާނެތެވެ. އެ ފަދަ ބޮޑެތި ރަސްކަންތަކާއި އިމްބަރާޠޫރިއްޔަތުތައް ވެއްޓެމުންދާނީ މެދުނުކެނޑި ހިނގަމުންދާ އަރައިރުންތަކާއި ކުރިމަތިލުންތަކުގައި ޖާނަށް ބަރުދާސްތުނުކުރެވޭ މިންވަރަށް މަޑުމަޑުން އޮހެރެމުންދާ ލޭތަކުންނެވެ. އަޅުގަނޑުމެންނަށް ފެނިފައިވަނީ ސޮވިއެޓްޔުނިއަނެވެ. މި ބިޔަ އިއްތިޙާދު ވެއްޓިގެން ހަލާކުވެގެން ދިޔައީ އެންމެ ދުވަހަކުންނޫނެވެ. މި ގޮތަށް މަޑުމަޑުން ލޭ ފޭބުމުގެ ގަދަ އޮއިވަރެއްގައި ޖެހުމުގެ ސަބަނުންނެވެ. ފެށުނީ ފިނިހަނގުރާމައިންނެވެ. އަފްޣާނިސްތާނުގެ ޗަސްބިންތެރެއަށް ވަދެ ފައިދަމައި ނުގެނެވިގެންނެވެ. އެއާ އެކު އެތެރޭގެ އަރައިރުންތަކާއި ކޯޅުންތަކުންނެވެ. މި ދިޔަ ސައްތައިގެ ނުވަދިހައިގެ ތެރޭގައި ދުނިޔެއަށް އަލްވަދާޢު ކިއީއެވެ. ބައިބައިވެ ރޫޅިގެން ދިޔައީ އެތައް ގައުމުތަކަކަށެވެ. ކިބަވެގެން ދިޔައީ އެތައް ފޮތިތަކަކަށެވެ. މި ކަމާ ވިދިގެން ދުނިޔޭގެ އެއްތަނޑީގެ ބާރަކަށް އެމެރިކާވީއެވެ.

މިއަދު ހިނގަމުންދާ ކަންތައްތަކަށާއި އެ ތަޖުރިބާއަށް ބަލާ އިރު މަލަތައް ވަރަށް އެއް ގޮތެވެ. [ޖިއޯ ސިޔާސީ - އިޤްތިޞާދީ – އައިޑިޔަލޮޖީ]ގެ ސިންދަފާތު ދުރުމިންތަކެކެވެ. މި ތިން ޢުންޞުރުން ބޭރަށް  ފިއްތާ ވަރަށް ވުރެ އެތެރެއަށް އޮބާ މިންވަރު މާ ބޮޑެވެ. މި ކަމުގެ ސަބަބުން ސާފު އުދަރެހެއް ނެތް ހުޅުވިފައިވާ ކޯޅުންތަކެއްގެ ތެރެއަށް އެމެރިކާ ދަނީ ވެއްޓެމުންނެވެ.

މި ފަރުދާގެ އެންމެ ނުރައްކާތެރި މަންޒަރަކީ  ލޭ ފައިބަމުންދަނީ ހަމައެކަނި އެމެރިކާގެ ގަޔަކުންނޫނެވެ. މެދުއިރުމައްޗަށް ދަނީ އާންމުވަމުންނެވެ. އަތްގަދަކުރުމުގެ ވިސްނުމަކާ އެކު އީރާނު ހަނގުރާމަ ކުރިއަށް ގެންދާ ގެންދިޔުމުގެ ސަބަބުން އެމެރިކާގެ ގަޔަށް އަރަމުންދާ މިސައިލްތަކާއި ޑްރޯންތައް ގާތިލު ހަމަލާތަކަކަށް ވެގެންނުދާނެހެއްޔެވެ؟ އީރާނު ނައްތައިލައިފައި އެ ގައުމުގެ ވެރިކަމަށް ޓުރަންޕު އިސްވާން އީރާނުން އެދޭނެހެއްޔެވެ؟ ގައުމުގެ ޒަޢާމަތު ނައްތައިލައިގެން ބިނާރުތައް ފުޑުފުޑުކޮށްލައިގެން ގައުމުގެ ރައްޔިތުން ނައްތައިލެވޭނެހެއްޔެވެ؟ އެމެރިކާއަށް ވުރެ ފަޚުރުވެރި ޒަމާންވީ ތާރީޚަކާއި ތަހުޒީބަކާއި ޙަޟާރަތެއް ނައްތައިލެވިދާނެ ހެއްޔެވެ؟

އެމެރިކާއިން މިއަދު ގެންގުޅޭ ސިޔާސަތުތަކުން އުފައްދައިފައިވާ ތައުގީދީ ވެށި ދިގު ރާސްތާއަކަށް ދެމިގެންދާ ޗަސްބިމަކަށް ވެގެން ހިނގައިދާނެއެވެ. ބޮޑެތި އެހެން ބާރުތައް ނެތިގެން ދިޔަ ގޮތަށް  އެމެރިކާ ފުޑުފުޑުވެގެން ނުދާނެހެއްޔެވެ؟

 

ބައެއް ލަފުޒުގެ މާނަ:

ރައުޔު      ނ.    ކަމަކާ މެދު ދެކޭ ގޮތް ނުވަތަ ޚިޔާލު

ރައްދުއަޑު   ނ.    ބާރަށް ގޮވައިލީމާ އެ އަޑު ތަންތާންގައި ޖެހިފައި އެނބުރި އަންނަ އަޑު

ރިވެލި      ނ.    ހިޔަނި.  ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި. ކަނޑުގެ ބާނިތަކަށް އަލީގެ ސަބަބުން އެޅިފައި ހުންނަ ދަޅަ.

ބައިސާ     ނ.    ފޮނިކެނޑުމުގެ ގޮތުން ދައްކާ ވާހަކަ

އާހިތަ      ނ.    އާދަޔާ ޚިލާފު ތަޖުރބާ ލިބޭ ހާދިސާ

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި

ކޮމެންޓު