އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
27 މާރިޗް 2026
ފާއިތުވެގެންދާ ދުވަސްތައް ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ ފަނާވަމުންދާ އަޖަލުތަކުން ޢިބުރަތް ޙާޞިލުކުރާ މީހަކު ވޭހެއްޔެވެ؟ ދުވަސްތައް ފާއިތުވަމުންދެއެވެ. ޢުމުރުތަކުގެ ޞަފުޙާތައް މެޅެމުންދެއެވެ.
އާދަމުގެދަރިޔާއެވެ! ތިބާއަކީ ދުވަސްތަކެއްގެ ބޮނޑިއެކެވެ. ވޭތުވެގެންދާ ކޮންމެ ދުވަހަކާއެކު ތިބާގެ ނަފުސުން ބައެއް އުނިވެގެންދެއެވެ. އުނިވެގެންދިޔަސް ފަނާވެގެން ނުދެއެވެ. މި ބައިތައް ތިބާގެ ހެޔޮ ޢަމަލުތަކުގެ ނުވަތަ ނުބައި ޢަމަލުތަކުގެ ޞަފުޙާތަކުގައި ރެކޯޑުކުރެވެއެވެ.
އަޅުގަނޑުމެންނަށް ހީވަނީ ޢުމުރުން ދުވަސްވުމުން ބޮޑުވާހެންނެވެ. އެހެނަސް ރޭފަނާއަށް ބަލާ އިރު ދަނީ ހުލިވަމުންނެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ ޢުމުރުން ތަޅައި ވައްޓައިލެވޭ ދުވަހެކެވެ. ޢުމުރަކީ ކަނޑައެޅިފައިވާ ދުވަސްތަކެކެވެ. ފާއިތުވަމުންދާ ކޮންމެ ހިނދުކޮޅަކީ އޭނާގެ އަޖަލުން އުނިވަމުންދާ ހިނދުކޮޅެކެވެ. ދުނިޔެއާ ދުރުކޮށް އާޚިރަތާ ކުއްތަންކުރުވާ ހިނދުކޮޅެކެވެ. އާދަމުގެދަރިޔާއަކީ އޭނާ އުފަންވާ ހިސާބުން ފެށިގެން ގުނާނަ ކާއިނެކެވެ.
ނިކަމެތި އިންސާނާއޭވެ! ތިބާއަށް ތިބާގެ ޢުމުރުން ލިބިގެންވާ ވަގުތުކޮޅަކީ ތިބާ ތިބާގެ ވެރި ރަސްކަނގެއަށް ކިޔަމަންގަތުމުގައި ތިބާ ހޭދަކުރި ވަގުތުކޮޅެވެ. މުދަލަކުން ދަރިއަކުން ތިބާއަށް މަންފާއެއް ނުކުރާނެ ދުވަހަށް ޓަކައި ތިބާ ރައްކައުކުޅަ ހެޔޮ ޢަމަލުތަކެވެ.
ވޭތުވެދިޔަ ރަމަޟާން މަހުގައި އަހުރެމެން އުޅެމުން އައީ އެ މަހުގެ ޚައިރާތާއި ބަރަކާތުގެ ތެރޭގައެވެ. ބާއްޖަވެރިކަން ހޯދަމުން ދިޔައީ އެ މަހުގެ ރޭތައް ދިރުވައި އެ މަހުގެ ދުވަސްތަކުގައި ރޯދަހިފައިގެންނެވެ. ހެޔޮކަންތައްތައް ކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް މިސްކިތްތައް ފުރައިލުމުންނެވެ. މުންކަރާތްތަކާ ދުރުހެލިވެ އުރެދުންތަކާ އެކަހެރިވުމުން ހިތަށް ފިނިކަން ލިބުނެވެ. ރަމަޟާންމަސް ހަމަ އައުމާއެކު މުސްލިމު މުޖުތަމަޢަށް ތަހާރަތާއި ސާފުތާހިރުކަމުގެ ޖައްވެއް ހިޔާ އަޅައިފިއެވެ. ﷲއަށް ބިރުވެތިވެ އީމާންކަމުގެ މާޙައުލެއް ވަށައިލައިފިއެވެ. ހެޔޮކަންތައް ކުރުމަށް މައިދާނަށް ނުކުމެއްޖެއެވެ. ހެޔޮ ޢަމަލުތަކާއި އިޙުސާންތެރިކަމުގެ ފޭލިގެތަކަށް އެންމެން ވަދެއްޖެއެވެ. ފާޙިޝްކަންތައްތަކާއި ނުބައި ޢަމަލުތަކުގެ ބާޒާރު ކަސާދަވެއްޖެއެވެ. މި މަސް ވެގެންދިޔައީ ތަޤްވާވެރީންނަށް މުނިފުހިފިލުވުމުގެ ބަގީޗާއަކަށެވެ. ޣާފިލުވެގެންވާ މީހުންނަށް ކަސްތަޅަކަށެވެ. މިސްކިތްތައް އަޅުވެރީންގެ ނަމާދުތަކާއި ޒިކުރުކުރުންތަކާއި ތަސްބީޙަ ތަޙުމީދުތަކުން އާރާސްތުވެ ހިތްތައް މަޑުމޮޅިވެގެން ދިޔައެވެ.
މިއަދު ރަމަޟާން މަސް ނިމުމުން އަހުރެމެން އެ މަހަށް އަލްވަދާޢުކިޔައިފީމެވެ. ރޯދައާއި ޤިޔާމު ފުރިހަމަކުރުމަށް ފަހު އެ މަހުގެ ބައްތިތައް ނިވިއްޖެއެވެ. ތަރާވީޙުގެ ބައްދަލުވުންތަކެއް ނެތެވެ. ކުރީގެ އާދަކާދަތަކަށް އެނބުރި އަތުވެއްޖައީމެވެ. އެ ދުވަސްތަކަށް ﷲގެ ސަލާމާއި ރަޙުމަތް ހުށްޓެވެ. ދަހިމީހާ ވެސް ދީލަތިވި ދުވަސްތަކަށް ބަރަކާތް ހުށްޓެވެ. ޤުރްއާން ކިޔަވާ ތިލާވަތުކުރުމުގެ ދުވަސްތަކަށް ނިޔާމަ ދަތުރެކެވެ. ވާދަވެރިކަމުގެ މައިދާން ބަންދުކޮށްފިއެވެ. ކަންނެތް މީހާ ވެސް އަޅުކަންކުރުމުގައި ހީވާގިވި ދުވަސްތައް ވަޅުލައިފީމުއެވެ.
ފާއިތުވި ދުވަސްތަކުން ޢިބުރަތް ޙާޞިލެއްނުކުރާނުހެއްޔެވެ؟ އެ މަހުގައި ހެޔޮކަންތަކާއި ނުބައި ކަންތައް ވަނީ ކޮށްފައެވެ. މި ކަންތައްތަކަށް ބަލައި ރަމަޟާނީ ހިސާބުކޮށްލަމާހެއްޔެވެ؟ ގެއްލުމާއި ފައިދާ ކަނޑައިލީމާ ބާކީ އޮތީ އަރަނި ބާވައެވެ! ނުވަތަ ދަރަނި ބާވައެވެ! އަރަނީގެ މިންވަރު އިތުރުވި މީހާއަށް ބާއްޖަވެރިކަން ހުށްޓެވެ. ދަރަނީގެ މިންވަރު އިތުރުވި މީހާ ގަދައަޅައި މަސައްކަތްކޮށް މި ދަރަނި ކަނޑައިލެވޭތޯ މަސައްކަތްކުރުން ހުށްޓެވެ.
ރަމަޟާންމަހުގައި ކުރެވުނު ހެޔޮކަންތަކުގެ ސަވާބާއި ދަރުމަ ﷲގެ ޙަޟުރަތުގައި ރައްކައުކުރެވޭނެތެވެ. މި ސަވާބަށް ބޭނުންވާ ދުވަހު އޭނާގެ އަތުގައި ހިފާނެތެވެ. އޭނާ ސަލާމަތުގެ ގޮވައްޗަށް ގެންދާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا [1] - ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމެއް حاضرކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ!)) އޭނާގެ ކަށްވަޅުގައި މުނިއަވަސްފިލުވައިދޭނެ އެކުވެރިއަކަށް ވާނެތެވެ. މަޙުޝަރުދުވަހުން އޭނާއަށް ހިޔާވަހިކަންދޭނެ ހިޔާގަނޑަކަށް ވާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ[2] - ދެން އެއުރެންނަށް ގޮވައިލެވޭނެތެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިފައެވެ.))
އޭނާއަށް ދުނިޔެމަތީގައި ހިތްހަމަޖެހުން ލިބިގެންވެއެވެ. ޙަޤީޤީ ބާއްޖަވެރިކަން ވެއެވެ. ލުއިފަސޭހަ މަޢީޝަތެއް ވެއެވެ. ﷲގެ ހެޔޮ ތައުފީޤާއި މަދަދާއި ރައްކައުތެރިކަން ލިބިގެންވެއެވެ. މީސްތަކުންގެ ލޯބިވެއެވެ. މިއަށް ވުރެ ބޮޑު ކާމިޔާބީއަކީ ޝައިޠާނާގެ މައްޗަށް އޭނާއަށް ގަދަވެގަނެވިފައިވާ ގަދަވެގަތުމެވެ. އޭނާގެ ހެއްލުންތަކަށް ނުހެއްލި ﷲގެ ހިދާޔަތާއި ރިޢާޔަތުގައި އޭނާ ލެއްވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ [3] - ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ.)) އެހެން ބަސްފުޅެއްގައިވެއެވެ. ((ذَٰلِكَ بِأَنَّ ٱللَّهَ مَوْلَى ٱلَّذِينَ ءَامَنُوا۟ وَأَنَّ ٱلْكَٰفِرِينَ لَا مَوْلَىٰ لَهُمْ[4] - އެއީ إيمانވި މީހުންނަށް އެހީތެރިވެ، نصر ދެއްވާ ފަރާތެއްކަމުގައި اللَّه ވޮޑިގެންވާކަމުންނެވެ. އަދި، كافرވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ.))
މިއާ ޚިލާފަށް ﷲއަށް އުރެދުނު މީހާއަށް މި އުރެދުމުގެ ސަބަބުން އަރާމުކޮޅެއް ލިބިދާނެއެވެ. އެއީ ވަގުތީ ކަމެއްކަން އޭނާ ހަނދާނެއް ނުހުންނާނެތެވެ. އެއީ ބޮޑު މުޞީބަތެއްކަމެއް ނޭނގޭނެތެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ގެއްލުން ހުރި ކަމެއްކަން ނުވިސްނޭނެތެވެ. ދުނިޔޭގައި އޭނާއަށް މި ކަމުގެ ހިތި ފެންނާނެތެވެ. ހިތްހަމަނުޖެހުމާއި ހިތް ކިލަނބުވުން ލިބޭނެތެވެ. މީސްތަކުންގެ ކުރިމަތިގައި އޭނާގެ ގަދަރުވެއްޓިގެންދާނެތެވެ. ޢިލްމާއި ޙިލްމުން މަޙްރޫމުވާނެތެވެ. މާތްﷲ އެކަލާނގެ އަޅުންނަށް ނަސޭހަތްދެއްވައި ބަސްވަޙީކުރެއްވިއެވެ. ((فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ [5] - ފަހެ، އެކަލާނގެ أمرފުޅާ خلافވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذابއެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!))
އާޚިރަތްދުވަހުގައި މި ނުބައި ޢަމަލު އޮންނާނީ އޭނާގެ ފަތުގައި ލިޔެވި ފުރޭފުކުރެވިފައެވެ. އޭގެ ޖަޒާ އޭނާއަށް ފުރިހަމައަށް ލިބޭނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدَۢا بَعِيدًا [6]- ކޮންމެ نفسއެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفسއެއް ކުޅަކަމެއް حاضرކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެ ދުވަހުން) އެ نفسއެއް ކުޅަ ނުބައިކަމަކާއި، އެ نفسއަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ.)) ﷲއަށް އުރެދުނު މީހާ އެ ދުވަހުން ދެރަވެ ހިތާމަކުރަމުން ބުނާނެތެވެ. ((وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا [7]- އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާ މެދު، ކުށްވެރީން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއް ވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عملތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.))
މިއީ އުރެދުނު މީހާގެ ޙާލެވެ. އޭނާ މި ކުށަށް ތައުބާ ނުވިނަމައެވެ. މާތްﷲއަށް ތެދުވެރިކަމާ އެކު ތައުބާވި މީހާއަށް މާތްﷲ އޭނާގެ ނުބައި ޢަމަލުތައް ފުއްސަވާދެއްވާނެތެވެ. އެކަލާނގެއީ އޯގާވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ. އެހެންކަމުން އެންމެ ރަނގަޅު މީހަކީ ކުށެއް ހަމަ ކުރެވޭ އިރަށް މި ކުށަށް ތައުބާވާ މީހާއެވެ. މި ކުށުގެ ޢަޒާބުން ސަލާމަތްކޮށްދެއްވުމަށް އެދި ދަންނަވާ މީހާއެވެ.
އާޚިރަތްދުވަހުގެ މަންޒަރުތަކުން މަންޒަރެއް ބަޔާންކޮށްދެއްވަމުން ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((يُؤتى بأنعَمِ أهلِ الدُّنيا مِن أهلِ النّارِ يَومَ القيامةِ، فيُصبَغُ في النّارِ صَبغةً، ثُمَّ يُقالُ: يا ابنَ آدَمَ، هل رَأيتَ خَيرًا قَطُّ؟ هل مَرَّ بك نَعيمٌ قَطُّ؟ فيَقولُ: لا واللهِ يا رَبِّ، ويُؤتى بأشَدِّ النّاسِ بُؤسًا في الدُّنيا مِن أهلِ الجَنَّةِ، فيُصبَغُ صَبغةً في الجَنَّةِ، فيُقالُ له: يا ابنَ آدَمَ، هل رَأيتَ بُؤسًا قَطُّ؟ هل مَرَّ بك شِدَّةٌ قَطُّ؟ فيَقولُ: لا واللهِ يا رَبِّ، ما مَرَّ بي بُؤسٌ قَطُّ، ولا رَأيتُ شِدَّةً قَطُّ [8]- ނަރަކައިގެ އަހުލުވެރީންގެ ތެރޭގައި ހިމެނޭ ދުނިޔެމަތީގައި އެންމެ ނިޢުމަތް ބޮޑު މީހަކު ޤިޔާމަތްދުވަހުން ގެނެސް ނަރަކައިގެ އަލިފާންގަނޑަށް ގަންބައިލެވޭނެއެވެ. އެއަށްފަހު ބުނެވޭނެއެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާއަށް ހެޔޮކަމެއް ދުވަހަކު ވެސް ލިބިފައިވޭހެއްޔެވެ؟ ތިބާއަށް ނިޢުމަތެއް ލިބިފައިވޭ ހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެތެވެ. މި އަޅާގެ ވެރިރަސްކަލާނކޮ! އިބަރަސްކަލާނގެ ގަންދީ ދަންނަވަމެވެ. ނޫނެކެވެ. އަދި ސުވަރުގޭގެ އަހުލުވެރީންގެ ތެރޭގައި ހިމެނޭ ދުނިޔެމަތީގައި އެންމެ ބަދުނަސީބުވެރި މީހަކު ޤިޔާމަތްދުވަހުން ގެނެސް ސުވަރުގޭގެ ނިޢުމަތްތަކުގެ ތެރެއަށް ގަންބައިލެވޭނެއެވެ. އެއަށްފަހު ބުނެވޭނެއެވެ. އޭ އާދަމުގެދަރިޔާއެވެ! ތިބާއަށް ބަދުނަސީބު ކަމެއް ދުވަހަކުވެސް ލިބިފައިވޭހެއްޔެވެ؟ ތިބާއަށް ދަތިކަމެއް ކުރިމަތިވެފައިވޭހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެތެވެ. މި އަޅާގެ ވެރިރަސްކަލާނކޮ! އިބަރަސްކަލާނގެ ގަންދީ ދަންނަވަމެވެ. ނޫނެކެވެ. މި އަޅާއަށް ބަދުނަސީބު ކަމެއް ކުރިމަތިވެފައެއް ނުވެއެވެ. އަދި މިއަޅާ ދަތިކަމެއް ދެކެފައެއް ވެސް ނުމެވޭމެއެވެ.)) ޢަޒާބުގެ ތެރެއަށް އެންމެ ފަހަރަކު ގަންބައިލެވުމުން ދުނިޔެ މަތީގައި އޭނާއަށް ލިބުނު ހުރިހައި ނިޢުމަތްތަކެއް ހަނދާނުން ނެތިގެން ދިޔައީއެވެ. އޭނާ ނަރަކައިގައި ތާއަބަދަށް ލެއްވުމުން ވާނީ ކިހިނެއްހެއްޔެވެ؟
ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެއެވެ. އެ ދީލަތި މެހުމާނު އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔައިފިއެވެ. އަޅުގަނޑުމެންގެ ޞާލިޙު ސަލަފުންނަކީ ރަމަޟާންމަހުގެ ޢަމަލުތައް ފުރިހަމަ ކުރެއްވުމަށް ގަދައަޅުއްވާ މަސައްކަތްޕުޅު ކުރެއްވި ބޭކަލުންތަކެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ[9] -އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާ މެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقاتގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭ މީހުންނެވެ.)) މި އާޔަތުގެ މާނަ ސައްޔިދާ ޢާއިޝަތުގެފާނަށް ދޭހަވެވަޑައިގެންނެވި ގޮތް ރަނގަޅުނުވެގެން ކައު ރަސޫލާ އެ ކަމަނާއަށް ވިދާޅުވިއެވެ. (لا يا بنتَ الصِّدِّيقِ، ولكنَّهم الَّذين يصومون ويُصلُّون ويتصدَّقون وهم يخافون ألّا يُقبل منهم أولئك الَّذين يُسارعون في الخيراتِ [10] – ނޫނެކެވެ! އޭ އައްޞިއްދީޤުގެ ދަރިކަނބަލުންނޭވެ! އެހެނަސް އެއީ ނަމާދުކޮށް ރޯދަހިފައި ޞަދަގާތްދީ އުޅޭ މީހުންނެވެ. އެމީހުންގެ ޢަމަލުތައް ޤަބޫލުފުޅުނުކުރައްވަވާފާނެތީ ބިރުން އެމީހުން ހެޔޮކަންތައްތައް ކުރުމުގައި އަވަސްވެގަނެތެވެ.)) މާތް ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީޠާލިބުގެފާނު ވިދާޅުވިއެވެ. ((ކަމެއް ކުރުމަށް އަހަންމިއްޔަތުދޭ ވަރަށް ވުރެ ބޮޑަށް އެ ކަމެއް ޤަބޫލުކުރައްވައިތޯ ދޭ އަހަންމިއްޔަތު ބޮޑުކުރާށެވެ! ﷲ ޢައްޒަ ވަ ޖައްލަގެ މި ބަސްފުޅު އަޑެއް ނާހަމުހެއްޔެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ: إِنَّمَا يَتَقَبَّلُ اللّهُ مِنَ الْمُتَّقِينَ[11] - اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރީންގެ ކިބައިންނެވެ.))
މާތް ﷲ ރުއްސުންލެއްވި ފަޟާލަތު ބުނު ޢުބައިދު ވިދާޅުވިއެވެ. [އަހުރެންގެ ކިބައިން ﷲ ތަޢާލާ ރެވި އޮށްޓަރެއްގެ މިންވަރު ޤަބޫލުކުރެއްވިކަން އެނގުމަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް ވުރެ ލޮބުވެތިކަން ބޮޑު ކަމެކެވެ. އެހެނީ މާތް ﷲގެ ބަސްފުޅަކީ: إِنَّمَا يَتَقَبَّلُ اللّهُ مِنَ الْمُتَّقِينَ - اللَّه قبول ކުރައްވާކަން ކަށަވަރީ تقوىވެރީންގެ ކިބައިންނެވެ." ﷲ ޤަބޫލުކުރެއްވިކަމުގެ ދަލީލަކީ ހެޔޮކަމަކަށް ފަހު ހެޔޮކަމެއް ކުރުމެވެ. އުރެދުންތަކާ ދުރުހެލިވުމެވެ.
މިސްކިތަށް ޖަމާޢަތަށް ދެވުނު މީހާ އެ ކަން މަތީގައި ދެމިހުރެވޭތޯ ބަލާށެވެ. ރަމަޟާން މަހުގައި ޞަދަޤާތްކުރެވުނު މީހާ ޞަދަޤާތްދިނުން ހުއްޓައިނުލައި ކުރިއަށް ގެންދެވޭތޯ ބަލާށެވެ.
ރޭގަނޑުގެ ޤިޔާމު ކުރެވުނު މީހާ އެހެން މަސްމަހުގައި ވިތުރިއާއި ދަމުނަމާދުކުރުމަށް ވަގުތުކޮޅެއް ހުސްކުރާށެވެ. ކައު ރަސޫލާ صلى الله عليه وسلمއަށް ދެންނެވުނެވެ. ފަރްޟު ފަސްނަމާދަށް ފަހު އެންމެ މާތް ނަމަދަކީ ކޮބައިތޯއެވެ. ޙަދީސްކުރެއްވިއެވެ. ((أفضَلُ الصَّلاةِ بَعدَ الفَريضةِ صَلاةُ اللَّيلِ [12] - ފަރްޟުނަމާދަށް ފަހު އެންމެ މާތް ނަމާދަކީ ރޭގަނޑުގެ ނަމާދެވެ.)) ރޭގަނޑުގެ ނަމާދުގެ ތެރޭގައި ވިތުރި ހިމެނެއެވެ. އެންމެ މަދުވެގެން ވިތުރީގެ އެއް ރަކުޢަތް ކޮށްލާށެވެ! ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( يا أهلَ القُرآنِ، أوْتِروا؛ فإنَّ اللهَ وِترٌ يُحِبُّ الوِترَ [13] - ޤުރްއާނުގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ވިތުރިކުރާށެވެ! ފަހެ ހަމަކަށަވަރުން ﷲއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވިތުރިކުރުމަށް ލޯބިވެވޮޑިގަންނަވަތެވެ.)) އިމާމު އަޙުމަދު ފަދަ މި އުންމަތުގެ އިސް އިމާމުން ވިދާޅުވާ ގޮތުގައި ތިން ރޭ ވިދިވިދިގެން ވިތުރިއަޅައިފި މިހަކީ ނުބައި މީހެކެވެ. އޭނާގެ ހެކިބަސް ޤަބޫލެއްނުކުރެވޭނެތެވެ.
ރަމަޟާންމަހުގެ ރޯދައިގެ ފޮނިމީރުކަން ދެކެފައިވާ މީހާ ސުންނަތް ރޯދަތައް ހިފުމަށް ސަމާލުކަން ދޭނެތެވެ. ކީރިތި ރަސޫލާ ވަނީ ކޮންމެ ހަނދުމަހެއްގެ 13 ، 14 އަދި 15ވަނަ ދުވަހު (މެދު ފޮއި) ރޯދަހިފުމަށާއި ކޮންމެ ހަފުތާއެއްގެ ހޯމަދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފުމަށް ހިތްވަރުދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވައިފައިވާ ގޮތުގައި ކެރިކުޅަދާނަވެގެންވާ މީހާ ދެ ދުވަހުން އެއްދުވަހު ރޯދަ ހިފާންވީއެވެ. އެއީ އެންމެ މާތް ރޯދައެވެ. ދާވޫދުގެފާނު ރޯދަފުޅު ހިއްޕަވައިފައިވަނީ މި ގޮތަށެވެ. މީގެ އިތުރަށް ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފުމާއި މުޙައްރަމު މަހުގެ ތާސޫޢާ ދުވަހާއި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ސުންނަތްކަން ގަދަ ރޯދަތަކެކެވެ.
ރަމަޟާންމަހާ ވިދިގެން ޝައްވާލުމަހުގެ ހަ ރޯދައަކީ ގަދަވެގެންވާ ސުންނަތެކެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَن صامَ رَمَضانَ ثُمَّ أتبَعَه سِتًّا مِن شَوّالٍ كانَ كَصيامِ الدَّهرِ ރަމަޟާންމަހު ރޯދަހިފައި އެއަށް ފަހު އެ ކަމާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ.)) ކޮންމެ ހެޔޮކަމަކީ އެ ފަދަ ދިހަ ހެޔޮކަންކަމުގައިވާތީ ރަމަޟާންމަހު ރޯދަހިފުމަކީ ދިހަ މަސް ދުވަހު ރޯދަ ހިފުމެވެ. އެއަށް ފަހު ޝައްވާލު މަހުގައި ހަ ދުވަހު ރޯދަހިފުމަކީ ދެ މަސް ދުވަހު ރޯދަހިފުމެވެ. އެހެންކަމުން އޭނާއަށް ބާރަ މަސް ދުވަހު ރޯދަ ހިފުނީއެވެ.
ރަމަޟާންމަހު ކޮންމެ މުސްލިމަކު ވެސް ﷲގެ ޙަޟުރަތަށް ގޮސް ދުޢާކުރެތެވެ. ރޯދަވީއްލާ ވަގުތު އޭނާ ކުރާ ދުޢާއަކީ އިޖާބަކުރައްވަނިވި ދުޢާއެކެވެ. ރަމަޟާންމަހުގައި ދުޢާކުރުންމަތީ ހުރިގޮތަށް އެހެން މަސްމަހުގައި ވެސް ދުޢާކުރުން ގިނަކުރާށެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ((وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ[14] - އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.)) މި ބަސްފުޅުން އެނގޭ ގޮތުގައި ދުޢާކުރުމަކީ އަޅުކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( الدُّعاءُ هو العِبادةُ [15] - ދުޢާކުރުމަކީ ހަމަ އަޅުކަމެވެ.)) ދުޢާކުރުމުގައި އަޅުކަމުގެ ތިން ރުކުން ހަމަވާތީއެވެ. އެއީ ﷲ ދެކެ ފުރިހަމައަށް ލޯބިވުމާއި އެކަލާނގެ ޒާތުފުޅު މަތިވެރިކުރުމާއި އެކަލާނގެއަށް ބިރުވެތިވުމެވެ. ތިބާ ﷲގެ ޙަޟުރަތަށް އަތްއުފުލަނީ ތިބާއަށް ހުރިހާ ހެޔޮކަމެއްގެ ވެރި ފަރާތަކީ ﷲކަން އެނގޭތީއެވެ. އުޑުތަކާއި ބިމުގެ ޚަޒާނާތައް ވަނީ އެކަލާނގެ ކުޅަދުންވަންތަކުގެ ދަށުގައިކަން އެނގޭތީއެވެ. އެކަލާނގެއަކީ ދީލަތިވަންތަ ރަޙީމުވަންތަ ކަލާނގެކަން އެނގޭތީއެވެ. އެކަލާނގެއަށް ދުޢާކުރާ އިރު އާދޭސް ދެންނެވުމަށް ލޯބިކުރައްވަތެވެ. އެކަލާނގެ ޙަޟުރަތުން ކަންކަމަށް ނޭދޭމީހާ ދެކު ކޯފާވެވޮޑިގަންނަވަތެވެ. އެހެންކަމުން ދުޢާއަކީ މުއުމިނާއަށް ލިބފައިވާ އެންމެ ބާރުގަދަ ހަތިޔާރެވެ.
ހަމައެކަނި ރަމަޟާންމަހުގައި ﷲ ދަންނަ މީހާއަކީ ރަމަޟާން މަހަށް އަޅުކަންކުރާ މީހެކެވެ. ރަމަޟާންމަހުގެ ވެރިރަސްކލަނގެއަށް އަޅުކަންކުރާ މީހެއްނޫނެވެ. ރަމަޟާން މަހުގައި އެކަނި "ރައްބާނީ"އަކަށްވާކަށް މާތް ﷲ އެދިވޮޑިއެއްނުގަންނަވައެވެ. ރަމަޟާންމަސް ނިމުމުން އޭނާ ރައްބާނީކަމުން ޝައިޠާނީކަމަށް ބަދަލުވެއެވެ. ﷲގެ ނިޢުމަތްތައް ނުއަތަށް ފުރޮޅައިލައެވެ. މިހެންވެ ސަލަފުން ވިދާޅުވަނީ [ތިބާ ރައްބާނީއަކަށް ވާށެވެ! ރަމަޟާނީއަކަށް ނުވާށެވެ!]
ބައެއް ލަފުޒުގެ މާނަ:
ރޭފަނާ ނ. ކަން ހުރި ގޮތް
ގުނާނަ ނ. (1) ކަމެއް ފެށުމާ ހަމައަށް ތިރިއަށް ގުނާ ގުނުން. (2) ކަމެއް ފެށުމާ ހަމައަށް އޮންނަ ވަގުތު. (3) މަތީ ޢަދަދަކުން ފެށިގެން ސުމަކާ ހަމައަށް ދުވަސްތައް ނުވަތަ ވަގުތު ގުނާގުނުން.
އަރަނި ނ. (1) ލޭންދޭނުކުރުމުގައި އަންނާން އޮތް ބައި. (2) ޚަރަދަށް ވުރެ ލިބެ ބައި އިތުރުވާ އިތުރުވުން. profit
ފުރޭފު ނ. ލިޔާ ލިޔުން. document
މަރުޖާ:
[1] - آل عمران : 30
[2] - الأعراف : 43
[3] - العنكبوت : 69
[4] - محمد : 11
[5] - النور : 63
[6] - آل عمران : 30
[7] - الكهف : 49
[8] - أخرجه مسلم (٢٨٠٧) و ابن ماجه (٤٣٢١)، وأحمد (١٣١١٢)، وابن أبي شيبة (٣٤٤٠٠)
[9] - النور : 60
[10] - أخرجه الترمذي (٣١٧٥) وابن ماجة (٤١٩٨)، وأحمد (٢٥٢٦٣)
[11] - المائدة : 27
[12] - أخرجه مسلم (١١٦٣)، والترمذي (٤٣٨)، والنسائي (١٦١٣)، وأحمد (٨٥٣٤)
[13] - أخرجه النسائي (١٦٧٥)، وأحمد (٨٧٧) وابن ماجه (١١٦٩) والترمذي (٤٥٣)
[14] - غافر: 60
[15] - أخرجه أبو داود (١٤٧٩)، والترمذي (٢٩٦٩)، وابن ماجه (٣٨٢٨)، وأحمد (١٨٣٥٢)