ad_banner
ޝީއީންނަކީ ކޮބައިހެއްޔެވެ؟ - މި ސުއާލަށް ދެވޭ ކުރު ޖަވާބެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

26 މާރިޗް 2026

1.   ޝީއީން - ނަމުގެ މައްޗަށް އަވަސް ކަޅިއެއް

ޝީއީން، މި ނަމުގެ އަސްލު ގުޅެނީ "شيعة علي" ("ޝީޢަތު ޢަލީ"، އަލީގެފާނުގެ ޕާޓީ)، މި އިބާރާތާއެވެ. މި އިބާރަތް އިޝާރަތްކުރަނީ އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅު (ހިޖުރީ ސަނަތުން ފުރަތަމަ ގަރުނުގެ ކުރީކޮޅު) ދިމާވި ހާދިސާއަކާއެވެ. އިސްލާމީ ތިންވަނަ ޚަލީފާ މާތްﷲ ރުއްސުންލެއްވި އުޡްމާނުގެފާނު ޝަހީދުކޮށްލެވުމާ ވިދިގެން އިސްލާމީ އުންމަތުގެ ތެރޭގައި އުފެދުނު ސިޔާސީ ބޮޑު ދެބައިވުމެއް އުފެދުމުގެ ހާދިސާއާއެވެ. އެ ބައިވުމުގެ އެއް ކޮޅުގައި ހުންނެވީ ހަތަރުވަނަ ޚަލީފާ މާތްﷲ ރުއްސުންލެއްވި، އަލީގެފާނެވެ. އަނެއްކޮޅުގައި ހުންނެވީ މާތްﷲ ރުއްސުންލެއްވި މުއާވިޔަތުގެފާނެވެ. އުމަވީ ދައުލަތުގެ މުއައްސިސެވެ. މި ސިޔާސީ ދެބައިވުމުގައި މާތްﷲ ރުއްސުން ލެއްވި އަލީގެފާނަށް ތާއީދުކުރި މީހުންނަށް "شيعة علي" (އަލީގެފާނުގެ ޕާޓީ)އޭ ކިޔުނެވެ.

މި ދެންނެވި ހާދިސާ ފެށުނު އިރު، ޝީއީންނަކީ ދީނީ ފިރުގާއެއް، ޖަމާއަތެއް، ނޫނެވެ. އެއީ ސިޔާސީ ބަޔެކެވެ. ނަމަވެސް، ފަހުން، އިސްލާމީ އުންމަތުގެ ތެރޭގައި ހިމެނުނު ދީނީ ޖަމާއަތަކަށް އެ މީހުން ބަދަލުވިއެވެ. އެ ބަދަލުވުން ގުޅިފައި އޮންނަނީ އެ މީހުންގެ އަގީދާގެ މަޒުހަބަކާއި އަދި ފިގުހުގެ މަޒުހަބެއް ވެސް އުފެދުމާއެވެ. ފަހުން، މީގެ ކުރު ތަފުސީލެއް ދެވޭނެއެވެ. މި ތަނުގައި މި ވަގުތު ހަނދާންކޮށްލާން ޖެހެނީ މި އަގަދީ އަދި ފިގުހީ މަޒުހަބަކީ ސުންނީ އަގީދާގެއާއި ފިގުހުގެ މަޒުހަބުތައް ފަދަ މަޒުހަބެއްކަމެވެ.

ފަހުން، ޝީއީންނަށް ތަފާތު ނަންނަން ކިޔުނެވެ. ޝީއީން އަމިއްލައަށް އެމީހުންނަކީ ޠާލިބީންނޭ، ޢަލަވީންނޭ އަދި ފާތިމީންނޭ ވެސް ކިޔައި އުޅެއެވެ. މީގެ ތެރެއިން ފުރަތަމަ ދެ ނަން ގުޅެނީ އަލީ ބިން އަބީ ތާލިބާއެވެ. ތިންވަނަ ނަން ގުޅެނީ އެކަލޭގެފާނުންގެ އަނބިކަނބަލުން ފާތުމަތުގެފާނާއެވެ. މި ނަންތަކުން އިޝާރަތްކުރަނީ އެ މީހުންނަކީ (ސިޔާސީ ގޮތުން) އަލީގެފާނުންނަށް ތާއީދުކޮށް، އެކަލޭގެފާނަށް ތަބާވާ މީހުންކަމުގައެވެ.

މި ތިން ނަމުގެ އިތުރަށް ޝީއީންނަށް އިމާމީންނޭ، އިޘްނާ އަޝަރީންނޭ، ސަބްޢީންނޭ ވެސް ކިޔެއެވެ. އިމާމީންނޭ ކިޔެނީ އެ މީހުންގެ އަގީދާ ނިޔާކުރާ ގޮތުން ކީރިތި ރަސޫލާ (ސ)އަށް ފަހު ވެރިކަން އޮންނާން ޖެހެނީ، އެކަލޭގެފާނުންގެ ދަރިކަނބަލުން، ފާތުމަތުގެފާނާއި އެ ކަމަނާގެ ފިރިކަލުން އަލީގެފާނުންގެ ދަރިފަސްކޮޅުގެ ތެރޭގައެވެ. އެ ދަރިފަސްކޮޅުން ވަޑައިގަތް ބާރަ ބޭކަލުންނަކީ އެ މީހުންގެ އިމާމުންކަމުގައި، (ދީނީ އަދި ސިޔާސީ ލީޑަރުންކަމުގައި) އެ މީހުން ގަބޫލުކުރެއެވެ. އޭގެ ތެރެއިން ބާރަވަނަ އިމާމު ވަނީ ގެއްލިފައެވެ. އެހެންވެ، އެ މީހުން ގަބޫލުކުރާ ގޮތުގައި ފަހު ޒަމާނުގެ ދުވަސްވަރުގައި މި އިމާމު ފާޅުވާނެއެވެ. އޭނާ ފާޅުވެއްޖައުމަށްދާންދެން، ދެން ހުންނާނީ އޭނާ ތަމްސީލުކުރާ ރޫހާނީ އަދި ސިޔާސީ ލީޑަރެކެވެ. އިޘްނާ ޢަޝަރަ (ބާރަ)އަށް ނިސްބަތްކޮށް އިޘްނާ ޢަޝަރީންނޭ ކިޔަނީއެވެ. އަދި، މި އިމާމުންގެ އަދަދު ހަތް އިމާމުންނަށް ކުރުކޮށްލާ މީހުންނަށް ސަބްޢީންނޭ (ސަބްޢަ - ހަތެއް) ކިޔެއެވެ. އަދި ހަމަ މީހުންނަށް އިސްމާއީލީންނޭ، ޙައްޝާޝީންނޭ، ވެސް ކިޔެއެވެ. ޝީއީންގެ މައިގަނޑު މި ދެ ބައިގެ ތެރެއިން (އިޘްނާ ޢަޝަރީންނާއި ސަބްޢީންގެ ތެރެއިން) ތަފާތު އެކިއެކި ފިރުގާތައް އުފެދުނެވެ. ޒައިދީންނާއި ގަރާމިތާއިންނާއި ސަބްއީންނާއި އަލަވީންނާއި ނުސައިރީންނާއި ދުރޫޒުންނާއި ބާބީން ފަދަ ފިރުގާތަކެވެ. މި ފަދަ ބައެއް ފިރުގާތަކަކީ ފަހުން މުޅިން ވަކި ދީނެއްގެ ގޮތުގައި ބެލެވިފައި އޮންނަ ފިރުގާތަކެކެވެ. (މިސާލަކަށް އަލަވީންނާއި ދުރޫޒުންނާއި ބާބީން ފަދަ ފިރުގާތަކެވެ.) މިއާ ޚިލާފަށް [ޝީޢީނގެ ތެރޭގައި ހިމެނޭ] ޒައިދީންނަކީ އަޒުހަރުގެ ފަތުވާއެއްގައި ބުނެފައިވާ ފަދައިން ސުންނީންގެ ތެރޭގައި ހިމަނައިލެވިދާނެ ބަޔެކެވެ. (ޒައިދީ އިމާމުވެރި އިލްމުވެރިންގެ ބައެއް ފޮތްތައް - ތަފްސީރު އަދި ފިގުހުގެ ބައެއް ފޮތްތައް) މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ވެސް ކިޔަވައިދެވެއެވެ.) އިމާމު މުހައްމަދު އަލީ އައްޝައުކާނީގެ ފަތުހުލްޤަދީރާއި ހަމަ އޭނާގެ ފިޤުހުއްސުއްނާ ފަދަ ފޮތްތަކެވެ.)

މަތީގައި ދެންނެވުނު ނަންތަކުގެ އިތުރަށް، ޝީއީންނަށް އެ މީހުންނާ އިދިކޮޅު މީހުން، ރާފިޟީންނޭ ކިޔައެވެ. އެއީ ޝީއީން، އާންމު ގޮތެއްގައި، ގަބޫލުކުރާ ގޮތުގައި ކީރިތި ރަސޫލާ (ސ)އަށް ފަހު، ވެރިކަން އެންމެ ހައްގު ވަނީ އަލީގެފާނަށެވެ. އެހެންވެ، އެކަލޭގެފާނުންގެ ކުރީގެ ތިން ޚަލީފާގެ ވެރިކަމަކީ ހައްގު ވެރިކަމެއްކަން އެ މީހުން ބަލައެއް ނުގަނެއެވެ. މި ބަލައިނުގަތުން، އާދެ، އިންކާރުކުރުން - ރަފަޟަ (އިންކާރު ކޮށްފި) – މި ކަމާއި ރާފިޟީންގެ ނަން ގުޅުވައިލެވެނީއެވެ. މި ގަބޫލުކުރުމުގައި ޒައިދީން ތަފާތެވެ. އެ މީހުން އެ ވެރިކަން ބަލައިގަނެއެވެ. ނަމަވެސް، އެ މީހުން ގަބޫލުކުރަނީ ކީރިތި ރަސޫލާ (ސ)އަށް ފަހު، މުސްލިމުންގެ ތެރެއިން އެންމެ މާތް ބޭކަލަކީ އަލީގެފާނު ކަމެވެ.

2.     ޝީއީންގެ އަގީދާއާއި ފިގުހުގެ މައްޗަށް އަވަސް ކަޅިއެއް

ޝީއީންގެ އަގިދާއާއި ފިގުހޭ ބުނާ އިރު މިތާގައި އިޝާރާތްކުރަނީ އިޘްނަ އަޝަރީންގެ އަގީދާއާއި ފިގުހުގެ ވާހަކައަށެވެ.

ޝީއީންގެ އަގީދާގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ހަ ނުކުތާއަކާ ގުޅެއެވެ.

ފުރަތަމަ ނުކުތާއަކީ ތައުހީދެވެ. މާތްﷲގެ އެއްކައުވަންތަކަމެވެ. ސުންނީންނޭ އެއް ފަދައިން، ޝީއީން ވެސް މާތް ﷲ ވޮޑިގެންވާކަމާއި އެކަލާނގެ އެއްކައުވަންތަކަމާއި އަދި އެކަލާނގެ 'ޘުބޫތީ' ސިފަފުޅުތައް ގަބޫލުކުރެއެވެ. ޘުބޫތީ ސިފަފުޅުތަކޭ ބުނާ ބަހުގެ މުރާދަކީ އެކަލާނގެ ޒާތުފުޅާ ވަކި ނުވާ، އާދެ، ސާބިތުކޮށް ހުންނަ ސިފަފުޅުތަކުގެ ވާހަކައެވެ. މިސާލަކަށް، ދެނެވޮޑިގަތުމާއި ކުޅަދުންވަންތަކަމާއި އިރާދަފުޅު ފަދަ ސިފަފުޅުތަކެވެ.

އިލާހީ ސިފަފުޅުތަކުގެ ވާހަކަ ދައްކާއިރު، ހަނދާނުގައި ބަހައްޓާންޖެހޭ ނުކުތާއެއް ފާހަގަކޮށްލާން ގަސްދުކުރަމެވެ. ސިފަފުޅުތަކުގެ ވާހަކަތަކުގެ ޚިލާފުތައް ގުޅެނީ ކޮންކަމަކާތޯ ހަނދާންކޮށްލާން ޖެހެއެވެ. ސުންނީ އަގަދީ މަޒުހަބުތަކުގައި ވެސް މި ކަމުގައި ތަފާތުތަކެއް އޮވެއެވެ. ސަލަފީ މާނަކުރުމާއި އަޝްއަރީ މާނަކުރުމާއި މާތުރީދީ މާނަކުރުމާއި މުއުތަޒިލީ މާނަކުރުމުގައެވެ. މި ތަފާތުތައް ގުޅޭ މައިގަނޑު ސަބަބަކީ ލަފުޒުތަކުގެ މާނަ ދެނެގަންނަ ގޮތެވެ. ލަފުޒެއްގެ މާނަ ގުޅެނީ އިންސީނީ ތަޖުރިބާއާއެވެ. މިސާލަކަށް ފޮތެކޭ ބުނުމުން ހިތަށް ވަކި އެއްޗެއް ގެނެވެއެވެ. ފޮތުގެ ސޫރަ ހިތުގައި ކުރަހައިލެވެއެވެ. ހަމަ އެހެންމެ ދެނެގަތުމޭ ބުނުމުން ވެސް އޭގެ މާނަ ހިތަށް ގެނެވެއެވެ. ނަމަވެސް، އެ މާނަ ގުޅެނީ އިންސާނީ ތަޖުރިބާއާއެވެ. އިލާހީ ދެނެވޮޑިގަތުމުގެ އެންމެ ފަހުގެ ހަގީގަތް ހިތަށް ތަސައްވުރުކުރުން އިންސާނާގެ އުފެދުން ނިޔާކުރާ ގޮތުން ނުކުރެވެއެވެ. އޭނާގެ ސިކުނޑިއަކީ އޭގެ ކުޅަދާނަކަމަށް ހައްދެއް އޮންނަ އެއްޗެކެވެ. އެހެންވިމާ ލާނިހާއީ ދެނެގަތުން ހިތަށް ތަސައްވުރު ނުކުރެވެނީއެވެ. މި ސަބަބަށްޓަކައި މުއުތަޒިލީން އިލާހީ ދެނެގަތުން މާނަކުރަނީ އެކަލާނގެ ދެނެވޮޑި ނުގަންނަވާ އެއްޗެއް ނެތްކަމޭ ބުނެއެވެ. އެހެން ބުނަނީ ފަހަރެއްގައި ވެސް އެ ސިފަފުޅަށް އިންކާރުކުރާތީއެއް ނޫނެވެ. އެ ސިފަފުޅުގެ ތަސައްވުރު، އިންސާނީ ދެނެގަތުމެގެ ތަސައްވުރާ ދުރުކުރުމުގެ ނިޔަތުގައެވެ. އާދޭޙެވެ! ތަޝްބީހަކުރުން، (އެއްގޮތް ކުރުން)، މި ކަމާ ދުރުވުމަށް ޓަކައެވެ. މިއާ ޚިލާފަށް، ސަލަފީން މި މާނަކުރަނީ ލަފުޒަށް ރިއާޔަތްކޮށްގެންނެވެ. އިންސާނުންނަށް ދެނެގަތުން އެނގެއެވެ. ނަމަވެސް، އިލާހީ ދެނެވޮޑިގަތުމުގެ ފުރިހަމަކަން ހިތަށް ތަސައްވުރެއް ނުކުރެވެއެވެ. އެހެންވެ، ސަލަފުން މި ފަދަ ސިފަފުޅުތައް މާނަކުރުމުގައި ބުނަނީ އެ ދެނެވޮޑިގަތުން ގުޅިފައި އޮންނަނީ އިލާހީ ދެނެވޮޑިގަތުމާ އެކަށޭނަ، މުނާސިބު، ސިފައަކަށެވެ.

އިލާހީ ސިފަފުޅުތަކުގެ ވާހަކަދައްކާ އިރު، އެކަލާނގެ އަދުލުވެރިކަމުގެ މައްޗަށް ޚާއްސަ ސަމާލުކަމެއް ޝީއީން ދެއެވެ. އެކަލާނގެއީ އަދުލުވެރި ރަސްކަލާނގެކަމާއި އެއްވެސް އެއްޗަކަށް އަނިޔާވެރިވެވޮޑިނުގަންނަވާނެކަން، ހަމަ ސުންނީނޭ އެއް ފަދައިން، ގަބޫލުކުރެއެވެ.

ޝީއީންގެ އަގީދާގެ ދެވަނަ ނުކުތާއަކީ ނަބީކަމެވެ. މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތްﷲ ނަބީބޭކަލުން ފޮނުއްވިކަމެވެ. އަދި އެ ނަބީބޭކަލުންނަކީ އިސްމަތްތެރި - އެއްވެސް ކުށްފާފައެއްނުކުރައްވާ ބޭކަލުންކަމުގައި - ސުންނީންނެކޭ އެއްފަދައިން، ޝީއީން ވެސް ގަބޫލުކުރެއެވެ. މީގެ އިތުރަށް، ސުންނީންނެކޭ އެއްފަދައިން، މުހައްމަދުގެފާނަކީ (ސ) ޚާތިމުއްނަބިއްޔީން، އެންމެ ފަހުގެ ރަސޫލާކަމަށާއި އަދި އެކަލޭގެފާނަކީ ވެސް އިސްމަތްތެރި ރަސޫލުބޭކަލެއްކަމުގައި ގަބޫލުކުރެއެވެ. ހަމަ އެހެންމެ، ކީރިތި ގުރުއާނަކީ އެކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވުނު ފޮތެއްކަމާއި އެ ފޮތް ތަހުރީފު ނުކުރެވޭކަމާއި - އެއްވެސް ބަދަލެއް ގެނެވިފައި ނުވާކަމާއި - އެ ފޮތަކީ އެކަލޭގެފާނުންގެ ދެމިހުރި މުއުޖިޒާތްކަން ވެސް، ހަމަ ސުންނީންނޭ އެއްފަދައިން، ޝީއީން ވެސް ގަބޫލުކުރެއެވެ.

ޝީއީންގެ އަގީދާގެ މައިގަނޑު ނުކުތާތަކުގެ ތެރެއިން ތިންވަނަ ނުކުތާ ގުޅެނީ އިމާމުވެރިކަމާއެވެ. އާދޭހެވެ! ކީރިތި ރަސޫލާއަށް ފަހު، އިސްލާމީ އުންމަތުގެ ވެރިކަން އޮންނާން ޖެހޭނީ ކޮން ބަޔެއްގެ އަތްމަތީކަމާއެވެ. މި ގޮތުން، މަތީގައި ބަޔާންކުރެވުނު ފަދައިން، އެ ކަން އޮންނަން ޖެހޭނީ ކީރިތި ރަސޫލާގެ ދަރިފަސްކޮޅުގައިކަން ސުންނީންނާ ޚިލާފަށް، ޝީއީން ގަބޫލުކުރެއެވެ. މި އިމާމުންނަށް ވެސް ޝީއީން އިސްމަތުގެ ދަރަޖަދެއެވެ. މިއީ އަގީދާގެ މައްސަލައަށް ބަލާ އިރު ސުންނީނާއި ޝީއީންގެ ދެމެދުގައި އޮންނަ މައިގަނޑު ތަފާތެކެވެ.

ޝީއިންގެ އަގީދާގެ މައިގަނޑު ނުކުތާތަކުގެ ތެރެއިން ހަތަރުވަނަ ނުކުތާ ގުޅެނީ އާޚިރަތް ދުވަހަށް އީމާން ވުމާއެވެ. ސުންނީންނެކޭ އެއް ފަދައިން، އާޚިރަތް ދުވަހަކީ ހަގީގަތެއްކަމާއި އެ ދުވަހުން މީސްތަކުންގެ އަމަލުތަކުގެ ހިސާބު ބެއްލެވޭނޭކަމާއި އޭގެ މައްޗަށް ބިނާކޮށް ސުވަރުގޭގެ ނިއުމަތް ނޫނީ ނަރަކައިގެ އަޒާބު ދެވޭނޭކަން ޝީއީން ވެސް ގަބޫލުކުރެއެވެ.

ޝީއީންގެ ފިގުހީ މައްސަލަތަކުގެ ތެރެއަށް ބަލައިލާ އިރު، މައިގަނޑު ގޮތެއްގައި، ގިނަ ކަންކަމުގައި ސުންނީނާ އެއް ގޮތެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ހައްޖުގެ ކަންކަމަކީ ސުންނީންނޭ އެއްފަދައިން ޝީއީންގެ ވެސް ދިނީ އަސާސީ ކަންކަމެވެ. (ޝީއީންގެ ތެރެއިން އުފެދުނު ބައެއް ފިރުގާތަކުގައި - އަލަވީންނާއި ނުސައިރީންނާއި ދުރޫޒުން ފަދަ ފިރުގާތަކުގައި – މި ކަންކަމުގެ ބޮޑު ތަފާތުތަކެއް ހުރެއެވެ.)

ޝީއީންނާއި ސުންނީންގެ ދެމެދުގައި ފިގުހީ ގޮތުން އޮންނަ އެންމެ ބޮޑު ތަފާތަކީ މުތުއާ ކައިވެނީގެ - ވަގުތީ ކައިވެނީގެ - މައްސަލައެވެ. ސުންނީން އެ ކަން ހަރާންކުރާ އިރު ޝީއީން އެކަން ހުއްދަކުރެއެވެ. ދެ ފަރާތުގެ މި ކަމުގެ ހެކިތަކަށް ބަލައިލާ އިރު، ބުނެވޭނީ ސުންނީންގެ ހެކިތައް ވަރުގަދަ ކަމަށެވެ. 

3. ޝީއީ ސުންނީންގެ އަދުގެ މައްސަލަ: ދީނީ ކަމެއްހެއްޔެވެ؟ ނޫނީ ސިޔާސީ ކަމެއްހެއްޔެވެ؟

ސުންނީންނާއި ޝީއީންގެ އަދުގެ ދެކޮޅުވެރިކަމުގެ މައްސަލައަށް ބަލައިލާ އިރު، މިސުރުގެ މުފައްކިރެއްކަމުގައިވާ ފަހުމީ ހުވައިދީގެ 'އަލްޢަރަބު ޥަ އީރާން'، މި ފޮތުގައި ބަޔާންކުރާ ގޮތުން، މި ކަން ބޮޑަށް ގުޅެނީ ދީނީ ތަފާތުތަކެއް އޮތުމަށް ވުރެ ބޮޑަށް ސިޔާސީ ވާދަވެރިކަމާއެވެ. އޭނާ ބަޔާންކުރައްވާ ގޮތުގައި އީރާނާއި ސުޢޫދީ އަރަބިއްޔާ ފަދަ ބައެއް އަރަބި ގައުމުގެ ސިޔާސީ ޚިލާފުތައް، ރަނގަޅުކުރުމަށް ޓަކައި ދީނީ ތަފާތުކަމުގެ ވާހަކަތައް އާންމުންގެ ކުރި މައްޗަށް ހުށަހަޅައި، ކޮންމެ ބައެއްގެ ވެސް ސިޔާސަތަކީ ރަނގަޅު ގޮތްކަން ދެއްކުމަށް ޓަކައެވެ.

މި ވާހަކައަށް ހެކި ލިބޭ ކަންކަން ވެސް އެބަ ހުއްޓެވެ. އީރާނުގެ އިސްލާމީ އިންގިލާބުގެ ކުރީން، މާނައަކީ 1979ގެ ކުރިން، އީރާނާއި ސުޢޫދީ ޢަރަބިއްޔާގެ ގުޅުން ވަރަށް ވެސް ރަނގަޅެވެ. އޭރު ޝީއީ ސުންނީންގެ ދީނީ ތަފާތުތަކުގެ ވާހަކަތަކެއް ފާހަގައެއްނުކުރެވެއެވެ. ނަމަވެސް، އީރާނުގެ މި ދެންނެވި އިންގިލާބަށް ފަހު، މި ފަދަ އިންގިލާބެއް ސުންނީންގެ ތެރެއަށް ވެސް އަތުވެދާނެކަމުގެ ބިރު އުފެދި، އެ ކަން ހުއްޓުވުމުގެ ގޮތުން ސުންނީ/ޝީއީ ދީނީ ތަފާތުތަކުގެ ވާހަކަތައް ނެގި، އީރާނާއި އިރާގުގެ ހަނގުރާމަ ވެސް ކުރާން މެދުވެރިވިއެވެ. މި ހަނގުރާމައިގެ ނަތީޖާ ވަރަށް ވެސް ހިއްޗެވެ. އަރަބި ދުނިޔޭގައި އޭރު އޮތް އެންމެ މުއްސަނދި އަދި ބާރުވެރި އެއް ގައުމުކަމުގައިވި އިރާގު ފުނޑުފުނޑުވެ ބައިބައިވާން މި ދެންނެވި ހަނގުރާމަ ސަބަބަކަށް ވިއެވެ. ހިތާމައަކީ އަދިވެސް މި ފަދަ ކަންކަމުން މުސްލިމުން އިބުރަތް ލިބިނުގަންނަކަމެވެ.

އަދިވެސް، އެހެން ހެތްކެކެވެ. ސުންނިންގެ މިހާރުގެ ދީނީ އަދި ސިޔާސީ ޖަމާއަތެއްކަމަށްވާ އަލްއިޚްވާނު އަލްމުސްލިމޫން، މިހާރު އޮތީ އަރަބި ދުނިޔޭގައި ވެސް، ނިރުބަވެރި، އިރުހާބީ، (ޓެރަރިސްޓުންގެ) ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިފައެވެ. އަދި، އެ މީހުންގެ އަގީދާއަކީ ވެސް ރަނގަޅު ނޫން އަގީދާއެއްކަމުގައި ނިންމައިފައެވެ. އާދޭހެވެ! ސިޔާސީ ޚިޔާލުގެ ތަފާތު ކަންކަމުގައި ދީނީ ކުލަޖެއްސެނީއެވެ. މިސުރުގެ ޖަލުތަކުން އިޚުވާނުންގެ މެންބަރުން ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު މިނިވަންކުރެވުމުން، ވަރަށް ގިނަ ބަޔަކު ގަލްފުގެ އަރަބި ގައުމުތަކުގައި ކިޔަވައިދޭން އުޅުނެވެ. އޭގެ ތެރޭގައި މަޝްހޫރު ސުންނީ އިލްމުވެރީންކަމުގައިވާ މަރުހޫމު މުޙައްމަދު ޤުޠުބާއި މަރްހޫމު ޔޫސުފު އަލްގަރުޟާވީ ހިމެނެއެވެ. އެ ދުވަސް ވަރު، އިޚުވާނުންނަކީ އިރުހާބީންނަކަށް ނުބަލައެވެ.

މަތީގައި ދެންނެވިފައިވާ ހުވައިދީގެ ފޮތުގައި ބަޔާންކުރެވިފައިވާ ފަދައިން، އީރާނަކީ އަރަބިންގެ އަވައްޓެރި ގައުމެކެވެ. އެކަމަކީ ފިލައިގެން ނުދާނޭ ހަގީގަތެކެވެ. އެހެންވެ، ބުއްދިވެރި ގޮތަކީ ދެބައި މީހުން ވެސް، ސުންނީނައި ޝީއީން ވެސް، އެއް ގަލަކަށް އެރުމަށްޓަކައި މަސައްކަތްކުރުމެވެ. އަދި، މުސްލިމުންގެ ގޮތުގައި، އަވައްޓެރިންގެ ގޮތުގައި، އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުންދިނުމުން އެއްކިބާވެ ތިބެ، އެކުގައި އުޅުމުގެ މަގުފަހިކުރެވޭތޯ ބެލުމެވެ.

ކޮމެންޓު