އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
25 މާރިޗް 2026
ޔޫރަޕުގެ ގައުމުތައް ބިނާވެފައިވަނީ ގިނަ ގައުމުތައް ގުޅިގެން އެއްބަޔަކު އަނެއް ބަޔަކާ ޙިއްސާކޮށްގެން ކަންކަން ނިންމުމުގެ އުޞޫލުގެ މައްޗަށެވެ. އަމިއްލައަމިއްލައަށް ކަންކަން ނިންމުމުގެ އުސޫލުގެ މައްޗަކަށް ނޫނެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ސުލްޙައާއި ގައުމުތަކާއި މުޖުތަމަޢުތަކުގެ މެދުގައި އޮންނަ އަމާން ވުޖޫދުގެ މައްޗަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ފަށައިފައިވާ ޢުދުވާނުން އެމެރިކާއަށް ނުކުންނާން ނޭނގިގެން އުޅޭ އިރު، މި ކަމުގެ ތެރެއަށް ވިލާތުގެ ބާރުތައް ވައްދާން ޓުރަންޕު ބޭނުންވެގެން އެ ކަމަށް ދަޢުވަތުދިނެވެ. ނަމަވެސް ކުރިމަގުގައި ކަންތައް ދިމާވެފައިވާ ގޮތުން މި ކަމުގެ ތެރެއަށް ސީދާ ވަންނާކަށް ވިލާތުގެ ގިނަ ގައުމުތަކުން ބޭނުމެއް ނުވިއެވެ.
[އީރާނުގައި މިހާރު މި ހިނގާ ހަނގުރާމައިގެ ވޭދަނައިގައި އަދި އެއް ފަހަރު، މީގެ އިތުރަށް ވެސް ސުވާލުކުރި ނަމަ ވެސް، ސްޕޭނުން ބުނާނީ ސްޕޭނު ސަރުކާރުން ބުނެފައިވާ ގޮތަށެވެ. އަދި އަޅުގަނޑު ވެސް ބުނާނީ މުޅި އިސްޕޭނުގެ މުޖުތަމަޢުގެ އެންމެން ފުރަތަމަ ދުވަހުން ފެށިގެން މި ހަނގުރާމައާ ދެކޮޅުކަމަށެވެ. އަޅުގަނޑުމެން މި ހަނގުރާމައަކަށް ތާއީދެއް ނުކުރަމެވެ. އަދި ގަބޫލުކުރަނީ އެއީ ޣައިރުގާނޫނީ ހަނގުރާމައެއްކަމަށެވެ. ނަސީބު ދެރަކަމުން މި ހަނގުރާމައިގެ ހަމައެކަނި ނަތީޖާއަކީ އިންސާނީ ފުރާނައިގެ އަގެއްނޫނެވެ. ނުވަތަ ރެފެޔުޖީން އިތުރުވުމެއް ނޫނެވެ. އަދި ހަނގުރާމަ ކުރެވޭ ގައުމުގެ ރައްޔިތުން ވިއްސިވިހާލިވުމެއްނޫނެވެ. އެ ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންގެ އިގުތިސާދަށް ލިބޭ ބޮޑު ގެއްލުން ވެސް އަޅުގަނޑުމެން އެބަ ތަޖުރިބާކުރަމެވެ.] މި ދަންނަވައިލީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި ބައިވެރިވެދޭން ޓުރަންޕު އެދުމުން އެ ކަމުގައި ސްޕޭންވިލާތުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ޚިޔާލުފުޅުހުރި ގޮތެވެ.
ޓުރަންޕުގެ އެދުމަށް ޔޫރަޕުގެ އެހެން އިސްވާރުން އިޖާބަނުދެއްވައި ޓުރަންޕުގެ ބޮލާލައި ޖެއްސެވީ ކީއްވެގެންބާވައެވެ. އަދި ޓުރަންޕު ވެރިކަމަށް ދެވަނަ ފަހަރަށް އައި ފަހުން ޔޫރަޕުގެ ގައުމުތަކާ އޮންނަ ގުޅުން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ފެނެއެވެ. މިއީ ޓުރަންޕުގެ އެދުމަށް ޔޫރަޕުން އެދެވޭ އިޖާބައެއް ނުދިން ސަބަބަކަށް ވެދާނެބާވައެވެ!
އަނެއްކޮޅުން ހޯމަދުވަހު ޓުރަންޕު އިޢުލާނުކުރި ގޮތުގައި މި ވޭތުވެ ދިޔަ ދުވަސްތަކުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް އެބަ ހިނގައެވެ. އަދި ދެ ފަރާތުން ވެސް ހަނގުރާމަ ފުޅާކޮށްފައިވާ ދަނޑިވަޅެއްގައި ޓުރަންޕު ބުނެފައިވަނީ ހަނގުރާމަ ހުއްޓައިލުމަށް ޓަކައި ދެ ފަރާތުން ވެސް [އެއްބަސްވުމުގެ މައިގަނޑު ނުކުތާތައް] ފާހަގަކޮށްފައިވާކަމަށެވެ. އަދި ޓުރަންޕު ބުނާ ގޮތުން މި [ޑީލު] ވަރަށް އަވަހަށް ނިމި، ހަނގުރާމަ ހުއްޓުމަކަށް އަންނާނެއެވެ.
ނަމަވެސް ތެހެރާނުން ޓުރަންޕުގެ މި ދަޢުވާއަށް ކަނޑައެޅިގެން އިންކާރުކުރެއެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި މީގެ 25 ދުވަސް ކުރީން އިރާނަށް ބޮންއަޅާން ފެށި ފަހުން އެމެރިކާއާ އެކީ އެއްވެސް ވާހަކަދެއްކުމެއް އީރާނަކުން ނުބާއްވައެވެ.
އީރާނާ އެކު ވަރަށް ކާމިޔާބު ވާހަކަތަކެއް ދެކެވެމުން އެބަ ދާކަމަށް އެތައް ބައިވަރު ވަސީލަތްތަކެއް ބޭނުންކޮށްގެން ޓުރަންޕު ފުރަތަމަ އިޢުލާނުކުރީ ހޯމަދުވަހުއެވެ. މީސްމީޑިއާގެ މަންސައެއްގައި މި ވާހަކަ އިޢުލާނުކުރަމުން ބުނެފައިވަނީ އަދި ފަސް ދުވަހަށް ހަނގުރާމަ ދިގުދެމިގެން ހިނގައިދާނެކަމަށެވެ. އަދި [ވަރަށް ރަނގަޅު ވަރަށް އުފެއްދުންތެރި، ވަރަށް މޭވާވެތި ވާހަކަތަކެއް] މި ދިޔަ ދުވަސްތަކުގެ ތެރޭގައި ދެއްކިފައިވާކަމަށް ފްލޮރިޑާގެ ޕާމް ބޯޗުގައި ހުރެ ވާހަކަދައްކަމުން، ޓުރަންޕުގެ މެދުއިރުމަތީގެ މަންދޫބު ދްޓީވް ވިޓުކޮފް ބުނެފައިވެއެވެ. އޭގެ ކުރީ ދުވަހު، ޓުރަންޕުގެ އިތުބާރުކުރެވޭ މިތުރު އަދި ދަނބިދަރި ޖަރެޑް ކުޝްނާ ބުނެފައިވަނީ [ވަރަށް ވަރަށް ވަރުގަދަ ވާހަކަތަކެއް] އީރާނާ އެކު ކާމިޔާބުކަމާ އެކު ދެއްކިފައިވާކަމަށެވެ.
އެކަމަކު ހުސްވި ހަފުތާ ބަންދުގައި އީރާނަށް ޓުރަންޕު އިންޒާރުކޮށްފައިވަނީ ހުރުމޫޒު ކަނޑުއޮޅި ހުޅުވައި އެ ތަނުން ވިޔަފާރި އުޅނަދުތައް މިނިވަންކަމާ އެކު ދަތުރުކުރެވޭ ގޮތް ނަހަދައިފި ނަމަ، އީރާނުގެ އިންޖީނުގެތަކަށާއި ހަކަތައިގެ މުޅި ބިނާރަށް [ހަމަލަދީ އެ ތަންތަން ވުޖޫދުން ފޮހެލާނެ]ކަމަށެވެ. އަނެއްކޮޅުން އީރާނުން ބުނެފައިވަނީ އެ ފަދަ ޙަމަލާއެއް އީރާނަށް ދީފި ނަމަ، މުޅި މެދުއިރުމަތީގެ ބިނާރު ހަލާކުކޮށްލާނެކަމަށެވެ. މި މުގާބިލާގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.
ނަމަވެސް ވަރަށް އަވަހަށް ހަނގުރާމަ ހުއްޓިދާނެކަމަށް ޓުރަންޕު ބުނެފައިވާތީ ތެލުގެ އަގު ތިރިވާން ވެސް ވަނީ ފަށައިފައެވެ.
މީގެ ކުޑަ ދުވަސްކޮޅަކާ ހަމައަށް ޔޫރަޕުގެ ގައުމުތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޓުރަންޕު އަޅައިފާނެ ފިޔަވަޅެއް ނޭނެގޭތީއެވެ. ޔުކުރޭނު މައްސަލައިގައި ޔޫރަޕުގެ ގައުމުތަކަށް ޓުރަންޕު ބިރުދައްކާތާ އަހަރެއް ހައި ދުވަސްވެއްޖެއެވެ.
ޓުރަންޕު ބިރުދައްކަމުން ގެންދިޔައީ ޔޫކުރޭނު މައްސަލައިގައެވެ. ގްރީންލޭންޑް މައްސަލައިގައެވެ. މިހާރު މި ބިރުދައްކަނީ ޙުރުމޫޒާއި އީރާނުގެ މައްސަލައިގައެވެ. އެހެންކަމުން އެމެރިކާ ބޭނުން ހައި ކަމެއް ކުރުމުގައި، ޔޫރަޕަށް އެއްވެސް ފައިދާއެއް ނެތް ކަމެއްގައި، ޓުރަންޕާ އެހީވާން ޔޫރަޕު ބޭނުން ނުވުމަކީ ޠަބީޢީ ކަމެކެވެ. މިއީ ވެސް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި ޙުރުމޫޒު ކަނޑުއޮޅި ގަދަކަމުން ހުޅުވުމުގައި ޔޫރަޕުގެ އެއްބާރުލުން ޓުރަންޕަށް ނުލިބޭ ސަބަބަކަށް ވެދާނެއެވެ.
ކޮންމެއަކަސް މި ހަނގުރާމަ ހުއްޓޭތޯ ދުނިޔޭގެ އެކި ދިމަދިމާއިން މަސައްކަތްކުރާތީ މިހާރު އެބަ ފެނެއެވެ. ނަމަވެސް އީރާނުން މިރޭ ތައްލުއަބީބަށް ވަރަށް ވަރުގަދަ ޙަމަލާތަކެއް މިރޭ ވެސް ދެމުން އެބަ ގެންދެވެއެވެ. މިރޭ ދިން ވަރުގަދަ ޙަމަލާތަކެއްގައި ތައްލުއަބީބުގައި ހުރި ވަރަށް ބޮޑު އިމާރާތެއްވެއްޓުމުގެ ސަބަބުން އިމާރާތުގެ ދަށުގައިވި މީހުން ސަލާމަތްކުރުމުގެ ކަންތައް އިޒްރޭލުން މިހާރު ވެސް ހިނގަމުން އެބަދެއެވެ.