ad_banner
ﷲގެ އެންމެ ރިވެތި އިސްމުފުޅުތައް (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

25 މާރިޗް 2026

(2025 ފެބްރުވަރީ 4ވަނަ ދުވަހުގެ އަދަދާގުޅޭ)

ﷲ ތަޢާލާގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ މާނަ ކުރުކޮށް

ﷲ ޢައްޒަ ވަ ޖައްލަގެ ރިވެތި ނަންފުޅުތައް އެނގުމަކީ ﷲއާއި އެ މީހަކާ ދެމެދުގައިވާ ގުޅުންބަދަހިވެގެންދާނެ ކަމެކެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ﷲ ދަންނަ މީހާ ދެކެ ﷲ ލޯބިވެވޮޑިގަންނަވާނެއެވެ.

· الله: މިއީ ﷲގެ ޚާއްޞަ ނަންފުޅެވެ. މި ލަފުޒަށް [ލަފްޒުލްޖަލާލަތި]އޭ ކިޔެއެވެ. މި އިސްމުފުޅުން އެނގެނީ ﷲއަކީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހުކަމެވެ. އަޅުކަންކުރުން ޙައްޤުވެގެންވާ އެހެން  އިލާހަކު ނުވާކަމެވެ.

· الرحمن (އައްރަޙްމާން):  އޯގާވެރިކަން ގިނަ ރަސްކަލާނގެ. އެކަލާނގެ ރަޙުމަތްފުޅު ހުރިހައި އެއްޗަކަށް ތަނަވަސްވެގެންވެއެވެ. މިއީ އެކަލާނގެއަށް ޚާއްޞަ ސިފަފުޅެކެވެ. އެހެން މީހަކު ކިތަންމެ އޯގާވެރި ވިޔަސް އޭނާއަށް ރަޙުމާނެކޭ ނުކިޔޭނެއެވެ.

· الرحيم (އައްރަޙީމު): ދާއިމީ ރަޙުމަތުގެ ވެރިޔާ. އެކަލާނގެ ރަހުމަތް އެކަލާނގެ އަޅުންނަށް ދުނިޔެއާއި އާޚިރަތުގައި ލައްވަވާނެއެވެ.   

· الملك (އަލްމަލިކު): ރަސްވަންތަ ރަސްކަލާނގެ. އެކަލާނގެއީ ހުރިހައި އެއްޗެއްގެ އަދި މުޅި ކައުނުގެ ވެރި ރަސްކަލާނގެއެވެ.

· القدوس (އަލްޤުއްދޫސު): ހުރިހައި އައިބުތަކަކުންނާއި އުނިސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެ. އެކަލާނގެއީ ފުރިހަމަ ރިވެތި ހުރިހައި ސިފަތަކެއްގެ ވެރިރަސްކަލާނގެއެވެ.

· السلام (އައްސަލާމު): ޚަލްޤުތަކުން އަނިޔާވެރިކަމުންނާއި އުނިކަންތައްތަކުން ސަލާމަތްކުރައްވާ ރަސްކަލާނގެ. އެކަލާނގެ ހުރިހައި ޢަމަލުފުޅުތަކަކީ ހެޔޮ ކަންކަމެވެ.

· المؤمن (އަލްމުއުމިނު): އަމާންކަންދެއްވާ ރަސްކަލާނގެ.

· المهيمن (އަލްމުހައިމިނު): ހުރިހައި އެއްޗެއް ބަލަހައްޓަވާ ރަސްކަލާނގެ. އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ.  

· العزيز (އަލްޢަޒީޒު) : އަރަހުށި ގަދަފަދަވަންތަ ރަސްކަލާނގެ. އެކަލާނގެއީ ބަލިނުކުރޭނެ ބާރުގެ ވެރިރަސްކަލާނގެއެވެ.

· الجبار (އަލްޖައްބާރު): ނިކަމެތީންގެ ކަންތައް އިޞްލާޙުކޮށްދެއްވާ މަތިވެރިވަންތަ ރަސްކަލާނގެ

· المتكبر (އަލްމުތަކައްބިރު):  މާތްކަމުގައި މަސީލެއްނެތް މަޚްލޫޤުންގެ ސިފަތަކާ ދުރުހެލިވެވޮޑިގެންވާ ރަސްކަލާނގެ.

· البارئ (އަލްބާރީ): އެންމެހާ ދިރޭ ތަކެތި ނެތުމުގެ ތެރެއިން އުފައްދަވާ ރަސްކަލާނގެ .

· المصور (އަލްމުޞައްވިރު): ޚަލްޤުތައް އެންމެ ރިވެތި ސޫރައިގައި އެންމެ ރިވެތި ބައްޓަމުގައި ޚަލްޤުކުރައްވާ ރަސްކަލާނގެ.

· الخالق (އަލްޚާލިޤު): ފުރިހަމަ ކުޅަދުންވަންތަކަމާ އެކު  ހުރިހައި އެއްޗެއް ނެތުމުގެ ތެރެއިން އީޖާދުކުރައްވާ ރަސްކަލާނގެ.

· الغفار (އަލްޣައްފާރު): ފާފަތައް ގިނަގިނައިން ފުއްސަވައިދެއްވާ ރަސްކަލާނގެ.  

· القهار (އަލްޤައްހާރު):  ހުރިހައި މަޚްލޫޤާތުތަކެއް ބަލިކުރައްވާ ބާރުވެރިވަންތަ ރަސްކަލާނގެ

· الوهاب (އަލްވައްހާބު): އެއްވެސް މުޤާބިލަކާ ނުލައި ދެއްވާ ރަސްކަލާނގެ.

· الرزاق (އައްރައްޒާޤު): މަޚްލޫޤާތުތަކަށް ބޭނުންވާ ހުރިހައި އެއްޗެއް ރޯދިކުރައްވާ ރަސްކަލާނގެ

· الفتاح (އަލްފައްތާޙު): އެކަލާނގެ އަޅުންނަށް ހެވާއި ނަޞްރާއި ވިސްނުމާއި ފިކުރުކުރުމުގެ ދޮރު ހުޅުއްވައިދެއްވާ ރަސްކަލާނގެ.

· القابض (އަލްޤާބިޟު): އެކަލާގެ އިރާދަފުޅާއި ޙިކުމަތްފުޅާ އެއް ގޮތަށް ކަންކަން މަނާކުރައްވާ އަދި ނުތަނަވަސްކުރައްވާ ރަސްކަލާނގެ.

· الباسط (އަލްބާސިޠު): އެކަލާނގެ އިރާދަފުޅާ ޙިކުމަތްފުޅާ އެއް ގޮތަށް ރިޒުޤު ތަނަވަސްކޮށް ދެއްވާ ރަސްކަލާނގެ.

· الخافض (އަލްޚާފިޟު):  އެކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވާ ގަދަރު ދެރަކުރައްވާ  ރަސްކަލާނގެ.

· الرافع (އައްރާފިޢު): އެކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވާ ގަދަރު އުފުއްލަވާ  ރަސްކަލާނގެ.

· المُعِز (އަލްމުޢިއްޒު):  އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޢިއްޒަތް ދެއްވާ ރަސްކަލާނގެ

· المُذل (އަލްމުޛިއްލު): އެކަލާނގެ ޢަދުލުވެރިކަމާއި ޙިކުމަތްވަންތަކަން ފާޅުކުރެއްވުމަށް ޓަކައި އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވާ ރަސްކަލާނގެ.  

· السميع (އައްސަމީޢު): ކިތަންމެ މަޑުވިޔަސް ހުރިހައި އަޑުތަކެއް މޮޅަށް އައްސަވައިވޮޑިގެންވާ ރަސްކަލާނގެ.  

· البصير (އަލްބަޞީރު): ވަންހަނާވެގެންވާ އެއްޗެއްސާއި ފާޅުވެގެންވާ އެއްޗެއްސަށް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެ.  

· الحَكَم (އަލްޙަކަމު): އެކަލާނގެ އަޅުންގެ މެދުގައި ޙައްޤާއި އިންސާފުން ނިޔާ ކަނޑައަޅުއްވާ ރަސްކަލާނގެ.

· العدل (އަލްޢަދްލު): ކޮންމެ އެއްޗެއް އޭއްޗެއް އޮންނަންވާ ތާނގައި ބާއްވަވާ ޢަދުލުވެރިކަމާ އެކު ހުރިހައި ކަމެއް ހިންގަވާ ރަސްކަލާނގެ.  

· اللطيف (އައްލަޠީފު): އޯގާވަންތަކަމާއި ވަންހަނާކަމާ އެކު އެކަލާނގެ އަޅުންނާ އެކު ވޮޑިގެންވާ ރަސްކަލާނގެ.  

· الخبير (އަލްޚަބީރު): އެންމެހައި ކަންކަމުގެ ޙަޤީޤަތްތަކާއި ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.  

· الحليم (އަލްޙަލީމު): ވަގުތުން ޢުޤޫބާތް ދެއްވުމަށް ކުޅަދުންތަކަމާ އެކުގައި ވެސް  ޢުޤޫބާތް ދެއްވުމަށް އަވަސްވެވޮޑިނުގަންނަވާ ކޯފާ މަޑު ރަސްކަލާނގެ

· العظيم (އަލްޢަޡީމު): މަތިވެރިކަމުގެ ގޮތުން އެ ހިސާބަށް ވާޞިލުނުވެވޭ ފަދަ މަތިވެރިކަމުގެ ވެރި  ރަސްކަލާނގެ  

· الغفور (އަލްޣަފޫރު): ފާފަފުއްސެއްވުން ގިނަގުނަ ރަސްކަލާނގެ.  

·  الشكور (އައްޝުކޫރު):  މަދު ޢަމަލުތަކަށް ގިނަ ސަވާބު ދެއްވާ ރަސްކަލާނގެ.

·  العلي (އަލްޢަލިއްޔު): ހުރިހައި އެއްޗަކަށް ވުރެ އެކަލާނގެ ޒާތުފުޅާއި ސިފަފުޅުތައް މަތިވެރިވެގެންވާ ރަސްކަލާނގެ.  

· الكبير (އަލްކަބީރު): އެކަލާނގެ ޒާތުފުޅާއި ޢަމަލުފުޅުތަކުގައި މަތިވެރިވެގެންވާ ރަސްކަލާނގެ. އެކަލާނގެ ފިޔަވައި އެހެން ކޮންމެ އެއްޗަކީ ދެރަ ނިކަމެތި އެއްޗެކެވެ.  

· الحفيظ (އަލްޙަފީޡު):  އެކަލާނގެ ޚަލްޤުތަކުންނަށް ރައްކައުތެރިކަން ދެއްވައިގެން އެ އެއްޗެހީގެ ކަންކަން ހިންގަވައި ބަލަހައްޓަވާ ރަސްކަލާނގެ.

· المقيت (އަލްމުޤީތު): ޚަލްޤުތަކުންނަށް ކާންދެއްވާ އެ މީހުންނާ ހަމައަށް ކާއެއްޗެހި ފޯރުކޮށްދެއްވާ ރަސްކަލާނގެ.

· الحسيب (އަލްޙަސީބު): އަޅުތަކުން ފުދުންތެރިކޮށްދެއްވާ ރަސްކަލާނގެ. އެކަލާނގެ އަޅުތަކުންނަށް ކާންދެއްވުމުގައި ޖާމިނުވެވޮޑިގެންވެއެވެ.  

· الجليل (އަލްޖަލީލު): ޤަދަރު މަތިވެރި ކީރިތިވަންތަ ރަސްކަލާނގެ.

(ނުނިމޭ)

ކޮމެންޓު