އައްޝައިޚު އިބްރާހީމް އަޙުމަދު
26 މާރިޗް 2026
(2026 ފެބުރުވަރީ 25ވަނަ ޢަދަދާ ގުޅޭ)
އަދިވެސް ރަސޫލާގެ އަރިހުން ރިވާވެގެންވެއެވެ. عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قَالَ: بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ إِذِ اشْتَدَّ عَلَيْهِ الْعَطَشُ ، فَوَجَدَ بِئْرًا ( فَنَزَلَ فِيهَا ) ، فَشَرِبَ فَخَرَجَ ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ ، فَقَالَ الرَّجُلُ : لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي بَلَغَ مِنِّي ، فَنَزَلَ الْبِئْرَ فَمَلَأَ خُفَّهُ ثُمَّ أَمْسَكَهُ بِفِيهِ حَتَّى رَقِيَ ، فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ . فَقَالُوا : يَا رَسُولَ اللَّهِ ، وَإِنَّ لَنَا فِي الْبَهَائِمِ لَأَجْرًا ؟ قَالَ : فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ[1] މާނައީ: "އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މީހަކު މަގެއްގެ މަތީން ހިނގާފައި ދަނިކޮށް ފެންބޮވައިގަނެގެން ހޯދަނިކޮށް އެތަނުން ފެންވަޅެއް ފެނުމުން އެވަޅަށް ފައިބާ ފެންބޮއިގެން ވަޅުން އެރިތަނާ ފެންބޮވައިގެންފައިވާ ކުއްތާއެއް އެވަޅުގެ ކައިރީގައިވާ ވިނަތަކުގައިވާ ފެނުގެ އަސަރުގައި ދޫހާކާތީ ފެނިގެން އޭނާ އަމިއްލަ ނަފުސަށް ބުންޏެވެ. ތިމަން ފެންބޮވައިގަތުމުން ވެފައިހުރި ވަރު މިކުއްތާއަށްވެސް މިއޮތީ ވެފައެވެ. ދެން މީނާ އެވަޅަށް ފައިބައި އޭނާގެ ޚުއްފު ފުރެންދެން ފެންއަޅައިގެން އޭގައި އަގައިން ހިފައިގެން ވަޅުން އަރައި އެއްކަލަ ކުއްތާއަށް ފެންބޯން ދީފިއެވެ. ފަހެ އެކަމަށްޓަކައި ﷲގެ ޙަޟުރަތުން އޭނާއަށް ޝުކުރުވެރިވެ އޭނާގެ ފާފަ އެކަލާނގެ ފުއްސަވާ ދެއްވިއެވެ. ފަހެ މިހިނދު އަޞްޙާބުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންމެނަށް މިޖަނަވާރުގެ ސަބަބުންވެސް ޘަވާބު ލިބޭނެތޯއެވެ؟ އެހިދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ދިރޭ ކޮންމެ އެއްޗަކަށް ހެއުކޮށް ހިތުމުންވެސް ޘަވާބު ލިބޭނެއެވެ."
އަދިވެސް ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ. عَنْ أَبِي يَعْلَى شَدَّادِ بْنِ أَوْسٍ ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ ، وَلْيُرِحْ ذَبِيحَتَهُ[2] މާނައީ: "އަބީޔަޢުލާ ޝައްދާދު ބިން އައުސު ރަސޫލާގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ހުރިހައި ތަކެއްޗަށް އިޙްސާންތެރިވެ އުޅުމަށް އަންގަވައިފައެވެ. ފަހެ ތިޔަބައިމީހުން އެއްޗެއް ކަތިލާނަމަ އެކަތިލާ އެއްޗަކަށް އިޙްސާންތެރިކޮށް ހިތާށެވެ! އަދި ހަމަ އެފަދައިން އެއްޗެއް ޛަބަޙަ ކުރާނަމަވެސް އިޙްސާން ތެރިކޮށް ހިތުމާއެކު ޛަބަޙަ ކުރާށެވެ! އަދި އެކަމަށް ބޭނުންކުރާ ވަޅި ތޫނުކުރާ ހުށިކަމެވެ. އަދި ޛަބަޙަ ކުރެވޭ އެއްޗަށް އޯގާތެރިކޮށް ހިތާށެވެ!"
ހަމަކަށަވަރުން އިސްލާމްދީނަކީ އިންސާނާގެ އަގު މަތިވެރި ކުރައްވާ އޭނާގެ ޙުރުމަތް ދިރިހުރި ޙާލުގައި އޭނާގެ ޙާޟިރުގައްޔާ ނެތްތަނުގައިވެސް އިތުރު ކުރައްވާ ދީނެކެވެ. އަދި ހަމަ އެފަދައިން އޭނާ މަރުވެ ދިޔަނަމަވެސް އޭނާގެ ޙުރުމަތް އެގޮތުގައި ލަހައްޓަވާ ދީނެކެވެ. އޭނާގެ ޙާޟިރުގައި އޭނާއަށް ހުތުރުބަސްތައް ގޮވުމާ އޭނާއަށް ވިޔާނުދާ ބަސްތަކުން މުޚާޠަބު ކުރުމާ އޭނާ ނިކަމެތި ކޮށްލުމާ އޭނާއަށް މަލާމާތް ކުރުން މަނާކުރެއްވިއެވެ. އަދި އޭނާގެ މުދަލާ އަބުރާ ލޭ ހުރުމަތްތެރި ކުރެއްވިއެވެ. ފަހެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سِبَابُ الْمُسْلِمِ فُسُوقٌ وَقِتَالُهُ كُفْرٌ[3] މާނައަކީ މުސްލިމަކަށް ނުބައިބަސްތަކުން ގޮވުމަކީ ފާސިޤު ކަމެވެ. އޭނާޔާ ހަނގުރާމަކުރުމަކީ ކުފުރުގެ ތެރެއިން ވާ ކަމެކެވެ." އޭނާ ނެތްތަނުގައި އޭނާގެ މައްޗަށް ޖާސޫސްކޮށް ހެދުން ޙަރާމްވުމާއި އޭނާގެ ޢައުރައަށް ތަބާވުން ޙަރާމް ވުމާއި އޭނާއަށް ޣީބަބުނުން ޙަރާމް ކުރެއްވިއެވެ. ފަހެ މާތް ﷲ ވަޙީ ކުރެއްވިއެވެ. وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ[4] މާނައީ: " އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ!" އަދި މީސްތަކުންގެ ޡަމީރަށްޓަކައި އޭނާއާމެދު ކުށް ހީކުރުން ޙަރާމް ކުރެއްވިއެވެ. ފަހެ މާތްﷲ ވަޙީ ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ[5] މާނައަކީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ." ފަހެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. قَالَ رَسُولُ اللَّهِ ﷺ : إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلَا تَحَسَّسُوا وَلَا تَجَسَّسُوا وَلَا تَحَاسَدُوا وَلَا تَدَابَرُوا وَلَا تَبَاغَضُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا .[6]މާނައީ: " ތިޔަބައިމީހުން ކުށްހީތަކާ ދުރުވާށެވެ! ފަހެ ހަމަކަށަވަރުން ހީއަކީ ވާހަކަ ދޮގުކުރަ ކަމެކެވެ. އަދި ތިޔބައިމީހުން މީހުންނަށް ލިބިފައިވާ ނިޢުމަތާމެދު ކަންބޮޑުނުވާށެވެ. އަދި މީހުންނަށް ޖާސޫސް ނުކުރާށެވެ! އަދި ޙަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! އަދި އެކަކު އަނެކަކު ދެކެ ރުޅި އައިސްފައި ނުތިބޭށެވެ! އަދި ތިޔަބައިމީހުންނީ ﷲގެ އަޅުންކަމުގައިވާ ޙާލު އަޚުން ކަމުގައި ވާށެވެ!." އަދި އޭނާގެ ޣައިބުގައި އޭނާ ފަޟީޙަތް ކުރުމަށް މަސައްކަތް ކުރުމަކީވެސް ޙަރާމްކަމެކެވެ. އޭނާ މަރުވެ ދިޔުމަށްފަހު އޭނާގެ ނުބައިވާހަކަ ދެއްކުމަކީ ޙަރާމްކަމެކެވެ. އަދި މީހަކު މަރުވެ ދިޔުމަށްފަހު އޭނާގެ ކަށިގަޑެއް ޤަޞްދުގައި މުގުރުމަކީ ދިރިހުރިޙާލުގައި މުގުރުމެކޭ އެއްފަދަ ކަމެއް ކަމުގައި ލެއްވިއެވެ. މިނޫނަސް އިންސާނާގެ އަގު އުފުލިގެންވާ ކަމުގެ ޙުކުމްތައް ދަމަހައްޓަން ޖެހެއެވެ.
އިސްލާމީ ސިޔާސީ ނިޒާމަކީ ބޮޑާކަމާ ކިބުރުވެރިކަމުން ދުރުކުރާ ނިޒާމެކެވެ. އަދި މީސްތަކުންނަށް މަކަރާ ޙީލަތް ހެދުމުން ދުރުކުރާ ނިޒާމެކެވެ. މިހެންވެ އިސްލާމް ދީނާއި ސިޔާސަތާމެދު ވާހަކަ ދައްކަވަމުން ހުޅަނގުގެ މަޝްހޫރު މުފައްކިރު ގޮސްޓާފު ލޮބޯން ވިދާޅުވަނީ "މީލާދީން 17 ވަނަ ޤަރުނުގައި ސްޕޭނުން ޢަރަބިން ބޭރު ކުރިއިރު 3 މިލިޔަން ޢަރަބީން ޤަތުލު ކުރިއެވެ. އެހެންނަމަވެސް ޢަރަބިން ސްޕޭން ފަތަޙަ ކުރިއިރު ސްޕޭން މީހުންނަށް ދީނުގެ މިނިވަންކަން ދީފައި ވެއެވެ. ޖިޒުޔަ ދިނުން ނޫން އެހެން އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ."[7] ޢުރުވަތު ބުނުއްޒުބައިރުގެ އަރިހުން ރިވާވެގެން ވެއެވެ. ހިޝާމް ބުނު ޙަކީމަށް އަންބާޠުގެ ބަޔަކު އަވީގައި ކޮޅަށް ތިއްބާ ޝާމްކަރައިން ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ތިޔަބޭކަލުން ތިޔަހެން ތިޔަތިއްބެވީ ކީއްވެތޯއެވެ؟ އެބަޔަކު ދެންނެވިއެވެ. ތިމަންމެން މިތިބީ ޖިޒުޔަ ނުދައްކައިގެން ހައްޔަރު ކޮށްފައެވެ. އެހިދު ހިޝާމް ވިދާޅުވިއެވެ. ރަސޫލާ މިފަދައިން ޙަދީޘް ކުރެއްވި އަޑު ތިމަންކަލޭގެފާނު އެހިކަމަށް މިތާގައި ހެކިވަމެވެ. إنَّ الله يُعذِّبُ الَّذين يُعذِّبُونَ النَّاسَ فِي الدُّنْيَا[8] މާނައީ: "މީސްތަކުންނަށް ދުނިޔޭގައި ( ޙައްޤަކާ ނުލައި) ޢަޛާބު ދައްކާ މީހުންނަށް އާޚިރަތުގައި ﷲ ޢަޒާބު ދައްކަވާނެއެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. މިދުވަސްވަރު އެތާގެ އަމީރަކީ ޢުމައިރު ބިން ސަޢުދެވެ. ދެން އެކަލޭގެފާނު ޢުމައިރުގެ އަރިއަހަށް ވަޑައިގެން މިވާހަކަ ދައްކަވާ އެބައިމީހުން ދޫކޮށް ލެއްވުމަށް އެދިވަޑައިގަތުމުން އަމީރު އެބައިމީހުން ދޫކޮށްލެއްވިއެވެ. މިއީ އިސްލާމީ ސިޔާސަތެވެ. އިސްލާމްދީނުގައި ސިޔާސަތޭ ބުނުމުން އަޚްލާޤުގެ ރީތި ސިފަތައް ހިމެނެންޖެހެއެވެ.
ޞަލީބީ ހަނގުރާމައިގައި އިސްލާމުންގެ ތިންހާސް މީހުން އަސީރު ކުރުމަށްފަހު ރިޗާޑް ދަ ލަޔަންހާޓު އެބައިމީހުންނަށް އަމާންކަން ދިނުމަށްފަހު އެހުރިހައި މީހުން ޤަތުލުކުރިއެވެ. މިޔާ ޚިލާފަށް މުސްލިމުން ތަތާރުންގެ މައްޗަށް ނަޞްރު ހޯދުމަށްފަހު ތަތާރުންގެ ރަސްރަސްކަލުން އިސްލާމްވެ މުސްލިމުންގެ ތެރެއިން އެމީހުން އަސީރު ކުރި މީހުން ދޫކޮށްލިއެވެ. އަދިޔަހޫދީންނާ ނަޞާރާއިންކުރެ ހައްޔަރު ކުރެވިފައި ތިބި މީހުން ހިފެހެއްޓިއެވެ. އެހިނދު ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ތަތާރުންގެ އަމީރުގެ އަރިއަހަށް ގޮސް މުސްލިމުންގެ ޒިންމާގައި ތިބި ޔަހޫދީންނާ ނަޞާރާއިން ދޫކޮށްދިނުމަށް އެދިވަޑައިގަތެވެ. ދެން ތަތާރުން އެބައިމީހުން ދޫކޮށްލިއެވެ. ހަމަ އެހެންމެ މުސްލިމުންގެ ތެރޭގައި ސަލާންޖަހާ އުޅުނު ޔަހުދީންގެ މީހަކަށް ބައިތުލް މާލުން މަހުން މަހަށް އެއްޗެއް ދިނުމަށް ޢުމަރުގެފާނު ކަނޑައަޅުއްވާ އެކަން ޢާމިލުންނަށް އެންގެވިއެވެ. އެކަލޭގެފާނު ވިދާޅުވަނީ "މީނާއާއި މިފަދަ ޙާލަތުގައިވާ އެހެންމީހުންނަށް ބަލާށެވެ!"
އިސްލާމީ ސިޔާސީ ނިޒާމުގައި އިސްލާމްދީނަށް ނުވަންނަ މުސްލިމުންނާމެދު ރިވެތި ގޮތުގައި މުޢާމަލާ ކުރެއްވިއެވެ. އެކަމަކު އެއީ އެބައިމީހުން މުސްލިމުންގެ މައްޗަށް ޢަދާވާތްތެރި ނުވާހާ ހިނދަކުއެވެ. ފަހެ މާތް ﷲ ވަޙީ ކުރެއްވިއެވެ. لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ،[9] މާނައީ:"ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރީންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."
އިސްލާމްދީނުގައި ސިޔާސަތު އޮތްގޮތުގެ ސިފަތަކަށް ބަލާއިރު ޢަޤީދާގެ ސިފަވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެހެންވީމާ އިސްލާމީ ދައުލަތެއް ބިނާވުމުގެ ސިޔާސަތެއް ކަމުގައި ވަކި ދަރިފަސްކޮޅެއް ނުވަތަ ޖޯގްރަފީ ގޮތުން ވަކި ސަރަޙައްދެއް މިލްކު ވެގެން ވުމަށްވުރެ ބޮޑަށް ދައުލަތުގެ ރައްޔިތުންގެ ގުޅުން ކަމުގައިވާ ޢަޤީދާގެ ސިފަޔަށް އިސްކަމެއް ދެވިފައި ވެއެވެ. އެންމެހާ އިސްލާމުން އެއްބައިވަންތަ ކުރުވާ ޙަޤީޤީ ސިފައަކީ ޢަޤީދާގެ ސިފައެވެ. އެއީ ޤައުމަކަށް ކުލައަކަށް ދަރިފަސްކޮޅަކަށް ބެލުމެއްނެތި މުސްލިމުން އެއްބައިވަންތަ ކުރުވި ސަބަބެވެ. އަދި މިއީ އިންސާނީ ކަރާމާތް ގުޅުވައިދިން އަސާސްވެސް މެއެވެ. އެހެންވީމާ ޢަޤީދާގެ މިގުޅުމަކީ ނަސަބުގެ ގުޅުމަށްވުރެވެސް މާވަރުގަދަ ގުޅުމެކެވެ. މިކަން ބަޔާން ކުރައްވާ ﷲ ވަހީ ކުރައްވައިފައި ވެއެވެ. لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ [10] މާނައަކީ "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެ ރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ."
އިސްލާމްދީނާއި ސިޔާސަތުގެ މައްޗަށް ނަޒަރު ހިންގާއިރު މީގައި ފާހަގަވާ އަނެއްކަމަކީ މިސިޔާސަތަކީ ޝާމިލު ފުރިހަމަ ސިޔާސަތެއްކަމެވެ. މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا[11] މާނައަކީ" މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."
މިފުރިހަމަކަން ދަލީލުކޮށްދެނީ އޭގައި ޝާމިލުކަމެއް އޮތުމަށެވެ. އެއީ މީސްތަކުންނަށް ހުރިހައި ޙާލަތެއްގައި ބޭނުންވެފައިވާ ޝަރީޢަތް ޝާމިލުވެފައި ވުމެވެ. އެއީ ހުރިހައި ޒަމާނަކާ ހުރިހައި ތަނަކާ ހުރިހައި ޙާލަތަކުން ހުސްވެފައި ނުވާ ޙާދިޘާތަކާ ކަންކަމާ ގުޅުން ހުރި ޝަރީޢަތެކެވެ. އޭގައި ފަރުދުން ޝާމިލުވެފައި ވެއެވެ. އޭގައި ޢާއިލާތައް ޝާމިލު ވެފައި ވެއެވެ. އޭގައި މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ތަފާތު ގުޅުންތައް ކަމުގައިވާ ވިޔަފާރިއާ ކުއްޔަށް ދިނުމާ ހިބަކުރުމާ އަދިއެނޫންވެސް އެހެނިހެން ގުޅުންތައް ޝާމިލު ވެފައިވެއެވެ. އަދި ހުރިހައި ކުށަކާ އޭގެ ޢުޤޫބާތްތައް ޝަރުޢީ ގޮތުން މިންވަރު ކަނޑައެޅިފައިވާ ޙައްދު ކަނޑައެޅިފައިވާ ކުށްތައް ޝާމިލުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ތަޢުޒީރުތައްވެސް ޝާމިލުވެފައި ވެއެވެ. މިޒަމާނުގައި މިޔަށްކިޔަނީ ޖިނާއީ ތަޝްރީޢުތަކެވެ. އަދި މީގައި ޙާކިމާއާއި މަޙްކޫމާ ދެމެދު އޮންނާންވާ ވާޖިބުތައް ޝާމިލުވެފައި ވެއެވެ. އަދި ރައްޔިތުން (މަޙްކޫމުންނާ) ޙާކިމާ (ވެރިޔާ) އަށް އޮންނަންވާ ވާޖިބުތައްވެސް ޝާމިލުވެފައިވެއެވެ. އަދި މިދެފަރާތުގެ ގުޅުން ރޭވިފައި އޮންނާނެ ނިޒާމު ޝާމިލުވެފައި ވެއެވެ. އަދި ހަނގުރާމައާ ޞުލްޙައިގެ ޙާލަތުގައި ބައިނަލްއަޤްވާމީ ދައުލަތްތަކުގެ ގުޅުން އޮންނަންވީ ގޮތް ޝާމިލު ކުރައްވައިފައި ވެއެވެ.
އިސްލާމް ދީނުގެ ސިޔާސަތުގައި އެސިޔާސަތުގެ އަހުލުވެރީންނަށް އަންގަވަނީ ހަމަހަމަކަމާއި ޢަދުލުވެރިކަމާ އެކު އެސިޔާސަތު ގެންގުޅުމަށެވެ. ފަހެ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ [12]ۚ މާނައީ: " ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރީންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ." މިއާޔަތުގައި ﷲ އަމުރުކުރައްވަނީ މީސްތަކުންގެ މެދުގައި ޢަދުލުވެރި ވުމަށެވެ. ވަކިކުލައަކަށް ވަކި އުންމަތަކަށް ވަކި ދަރިފަސްކޮޅަކަށް ބެލުމެއްނެތި ޢަދުލުވެރި ވެ އުޅުމަށެވެ. ރަސޫލާzގެ ޢަމަލު ފުޅުތަކުގައި ދައްކުވައިދިނީ މިސިޔާސަތެވެ. އަދި މުހާޖިރުން ނާއި އަންޞާރުންގެ ކިބައިން ހާމަވެގެން ދިޔައީ މިސިޔާސަތަށް ޢަމަލު ކުރުމުގެ ސިފައެވެ. މާތްﷲ އެކަލާނގެ ރަސޫލާއަށް ވަރަށް ޞަރީޙަކޮށް އަންގަވަނީ މިގޮތަށް ޢަދުލުވެރި ވުމަށެވެ. ﷲ ވަހީ ކުރެއްވިއެވެ. وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ[13] މާނައީ: "އަދި އަހުރެންނަށް أمر ކުރައްވައިފައިވަނީ، ތިޔަބައިމީހުންގެ މެދުގައި عدل ވެރިގޮތުގައި ކަންތައްކުރުމަށެވެ." އަދި ހަމަ އެހެންމެ ﷲ ވަނީ މުއުމިނުންނަށް ޢަދުލުވެރިވުމަށް އަމުރު ކުރައްވައިފައެވެ. ފަހެ އެކަލާނގެ ވަހީ ކުރެއްވިއެވެ. اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰۖ [14] މާނައަކީ ތިޔަބައިމީހުން عدل ވެރިވާށެވެ! އެ ގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ[15] މާނައީ: "ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ." ހަމަ އެހެންމެ ﷲ އަމުރު ކުރައްވަނީ ( ޤައުލިއްޔަ ކަންތައްތައް) ބުނާބުނުންތަކުގައި ޢަދުލުވެރިވުމަށެވެ. ފަހެ އެކަލާނގެ ވަހީ ކުރެއްވިއެވެ. وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ [16] މާނައީ: "އަދި ތިޔަބައިމީހުން ބަސްބުނާ ނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدلއަށް (ތެދަށް) ބުނާށެވެ!" (ނުނިމޭ)
މަރުޖާ:
[1] މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ ، ޞަޙީޙުލްބުޚާރީ ، ޙަދީޘް ނަންބަރު 6009
[2] މުސްލިމު ބުނު ޙައްޖާޖު، ޞަޙީޙު މުސްލިމު ޙަދީޘް ނަންބަރު
[3] މުސްލިމު ބުނު ޙައްޖާޖު، ޞަޙީޙު މުސްލިމު ޙަދީޘް ނަންބަރު 64
[4] ސޫރަތުލްޙުޖުރާތު 12
[6] މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ ، ޞަޙީޙުލްބުޚާރީ ، ޙަދީޘް ނަންބަރު 6064
[7] ޚާލިދު ބުނު ޢަލިއްޔު ބުނު މުޙައްމަދު، ފިޤްހުއްސިޔާސަތުއްޝަރުޢިއްޔާ، ޞ40
[8] މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ ، ޞަޙީޙުލްބުޚާރީ ، ޙަދީޘް ނަންބަރު 6064
[9] ސޫރަތުލްމުމްތަޙިނާ: 8
[10] ސޫރަތުލްމުޖާދަލާ :22
[11] ސޫރަތުލްމާއިދާ :3
[12] ސޫރަތުއްނިސާ 58
[13] ސޫރަތުއްޝޫރާ 14
[14] ސޫރަތުލްމާއިދާ 8
[15] ސޫރަތުއްނަޙްލު 90
[16] ސޫރަތުލްއަންޢާމު 152