ad_banner
އީރާނުން ކްލަސްޓަރ ބޮން ބޭނުންކުރާތީ އިޒުރޭލުން ޝަކުވާކުރަނީ!!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

24 މާރިޗް 2026

އީރާނުން، އިޒުރޭލަށްދޭ ކްލަސްޓަރ ބޮމުގެ ޙަމަލާތައް ހުއްޓުވައި ދިނުމަށް އެދި އިޒުރޭލުން އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި (އދ.ގައި) އެދިއްޖެއެވެ. މިހައި ތަނަށް ބަލާ އިރު، އެއްވެސް ހަތިޔާރެއް ނެތް ފަލަސްޠީނުގެ މަޢުޞޫމް ކުޑަކުދީންނާއި، މުސްކުޅިންނާއި، އަދި އެހެން ޢުމުރުފުރާތަކުގެ މީހުންގެ ބޮލަށް އެންމެ ގިނައިން ކްލަސްޓަރ ބޮން އެޅީ އިޒުރޭލުންނެވެ. އަދި ބެއިރޫތަށް އެންމެ ގިނައިން ކްލަސްޓަރ ބޮންއެޅީ ވެސް އިޒުރޭލުންނެވެ. އެކަމަކު، ދުނިޔޭގައި އެންމެ ގިނައިން ކްލަސްޓަރ ބޮންއެޅި މީހުން، މިއަދު ތިމާމެންގެ ބޮލަށް އީރާނުން ދެތިން ކްލަސްޓަރ ބޮން ވައްޓައިލުމުން، އެ ކަމާ ޝަކުވާކުރަނީއެވެ.

އިޒުރޭލުން ވަނީ ތިރީގައި ބަޔާންކޮށްފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި ކްލަސްޓަރ ބޮން، މުސްލިމުންނާ ދެކޮޅަށް ބޭނުންކޮށްފައެވެ.

1)     1973ވަނަ އަހަރު ޔޮމް ކިޕޫރު ހަނގުރާމައިގައި، އިޒުރޭލުގެ ވައިގެ ސިފައިން ވަނީ މިސްރުގެ ވައިގެ ދިފާޢީ މަޤާމުތަކަށް ހަމަލާދިނުމަށް ކްލަސްޓަރ ބޮން ބޭނުންކޮށްފައެވެ.

2)     1973ވަނަ އަހަރު ސީރިއާގެ ދިމިޝްގު ކައިރީގައި ހުރި ނޮން ސްޓޭޓް އާރމްޑް ގްރޫޕް (އެން.އެސް.އޭ.ޖީ)ގެ ތަމްރީނު ކޭމްޕްތަކާ ދެކޮޅަށް އިޒުރޭލުން ވަނީ ކްލަސްޓާ ބޮން ބޭނުންކޮށްފައެވެ.

3)     1978އާއި 1982ވަނަ އަހަރު، އިޒުރޭލުން ލުބުނާނުގެ ދެކުނުގައި ކްލަސްޓާ ބޮން ބޭނުން ކޮށްފައިވެއެވެ. އިޒުރޭލުން ސީރިއާގެ ސިފައިންނާއި އެންއެސްއޭޖީގެ ސިފައިންނާއި ދެކޮޅަށް ވެސް ކްލަސްޓަރ ބޮން ބޭނުންކޮށްފައިވެއެވެ.

4)     2006ވަނަ އަހަރު ލުބުނާން ހަނގުރާމައިގައި، ފުޅާ ދާއިރާއެއްގައި އިޒުރޭލުން ކްލަސްޓަރ ބޮން ބޭނުންކުރިއެވެ. އިޒުރޭލުގެ އަސްކަރިއްޔާއިން ގާތްގަނޑަކަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލުބުނާނުގެ ދެކުނު ސަރަހައްދަށް އެތައް ލައްކަ ޓަނުގެ ކްލަސްޓާ ބޮންއަޅައިފައިވާ އިރު، އޭގެ ތެރެއިން ބޮޑު ބައެއް އަޅައިފައިވަނީ ހަނގުރާމަ ހުއްޓައިލުމުގެ ތިންދުވަސް ކުރީންނެވެ.

5)     2025ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2026ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް އިޒުރޭލުން ލުބުނާނުގެ ދެކުނުގައި ކްލަސްޓަރ ބޮން ބޭނުންކޮށްފައިވާކަމަށް ރިޕޯޓުތަކާއި، ފޮޓޯތަކުން ހެކި ލިބިފައިވެއެވެ.

އީރާނުން، އިޒުރޭލާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކުރުމަކީ [ހަނގުރާމައިގެ ޖަރީމާއެއް]ކަމަށް އިޒުރޭލުން ބުނާ އިރު، މި ޝައިޠާނުން ފާއިތުވި ދެ އަހަރު ޣައްޒާއަށާއި، ލުބުނާނަށް ކްލަސްޓާރ ބޮން އެޅި އިރު، ހަނގުރާމައިގެ ޖަރީމާއަކަށް ނުވެއެވެ. އަނިޔާވެރި ސަޙުޔޫނީން ފާއިތުވި ދެ އަހަރު، ބޭނުން ނުކުރަނީ ކޮން ހަތިޔާރެއްތޯއެވެ! ވައިގެ ތެރޭގައި ފަލަސްތީނު މީހުންގެ ހަށިތައް ވިރިގެން އާތްވަށްވެގެން ދާފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކުރިއެވެ. އިންސާނުން ދިރިއުޅޭ އާބާދީތައް އަޅިއަށް ހަދައިލާ ފަދަ ގޮވާ ތަކެތި ބޭނުންކުރިއެވެ. އިންސާނުން ވައިގެ ތެރެއަށް ބުރަބުރައިގެން ގޮސް، ދުނިޔޭގައި އެ މީހުންގެ ވުޖޫދުގެ އެއްވެސް އަސަރެއް ނުވާވަރުގެ ކިތައްކިތައް ހަތިޔާރު ބޭނުންކުރިތޯއެވެ!

ވީމާ، ހަނގުރާމައިގެ ޖަރީމާއާއި، ޢަދުލު އިންސާފާއި، އަނިޔާވެރިކަމާ ބެހޭ ގޮތުން، އަނގަނުހުޅުވާށެވެ! ކަލޭމެން ފާއިތުވި 80 ވަރަކަށް އަހަރު މެދުއިރުމަތީގައި ހިންގި އަނިޔާވެރިކަމުގެ ބައިކުޅަބައި ވެސް އަދި ކަލޭމެން ތަޖުރިބާކޮށްފައެއް ނުވެއެވެ. ދެން ކޮން އަނގައެއްތަޅާކަށްހެއްޔެވެ؟

ކޮމެންޓު