އަބާ މުޙަންމަދު
24 މާރިޗް 2026
އެމެރިކާގެ ޖާސޫސީ އިސް އޮފިޝަލެއްކަމުގައިވާ އަދި އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ވެރިޔާ ޖީ ކެންޓު އިސްތިއުފާދިނުމުން އަންގައިދިނީ ކޮން ކަމެއްތޯއެވެ؟ މިއީ އެމެރިކާ ސަރުކާރުގެ އިދާރިއްޔަތުގެ އެތެރެ ބައިބައިވެފައިވާކަން ސާބިތުކޮށްދިން ކަމެކެވެ.
ކެންޓު އިސްތިއުފާ ދެމުން ބުނެފައިވަނީ މި ހަނގުރާމައެއްކުރާނެ އެއްވެސް އިންސާފުވެރި ރަނގަޅު ސަބަބެއް އޭނާއަށް ނުފެންނަކަމަށެވެ. އޭނާ ބުނާ ގޮތުގައި އީރާނުގެ އެއްވެސް ނުރައްކަލެއް އެމެރިކާއަކަށް ނެތެވެ. އަދި އެމެރިކާއަށް ޙަމަލާދެވޭ ވަރުގެ ހަތިޔާރެއް ހަދާން އީރާނުން މަސައްކަތްކުރާކަމުގެ އެއްވެސް ހެތްކެއް ނެތެވެ. މީގެ އިތުރަށް އެމެރިކާއިން މި އަރައިރުމުގެ ސަބަބެއްކަމަށް ބުނާ ނިޔުކުލިޔަރުހަތިޔާރު އީރާނުން އުފާއްދާން އުޅޭކަމުގެ އެއްވެސް ހެތްކެއް ވެސް ނެތެވެ. އެހެންކަމުން މި ހަނގުރާމައަކީ އެމެރިކާ ކުރާންޖެހޭނެ ހަނގުރާމައެއްކަމަށް ގަބޫލުނުކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެމެރިކާގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުއްލިއަކަށް މި ފެށި ހަނގުރާމައަކީ އެމެރިކާގެ ބޭނުމަށް ޓަކައި ކުރާ ހަނގުރާމައެއް ނޫނެވެ. މިއީ އިޒްރޭލުގެ ބޭނުމަށް ޓަކައި އިޒްރޭލަށް ޓަކައި ކުރާ ހަނގުރާމައެކެވެ. މި ކަން އެމެރިކާގެ ދިފާޢީ ވަޒީރު ކުރީން ދީފައިވާ ބަސްދީގަތުންތަކުން ވެސް އެނގެއެވެ. އޭނާ ބުނެފައިވަނީ ޝީޢީ ސުންނީއަކީ އެ މީހުންނަށް މުހިންމު ނަންތަކެއް ނޫންކަމަށާއި [މުސްލިމުން]ނޭ ބުނެފި ނަމަ، އެއީ އެ މީހުންގެ ދުޝްމަނުންކަމަށެވެ.
އެހެންވީމާ، އީރާނާ ދެކޮޅަށް އެމެރިކާއިން މި ކުރާ ހަނގުރާމައަކީ އިސްލާމީ އުންމަތް ހިންދެމިލިޔަ ނުދިނުމަށް ޓަކައި ކުރާ ހަނގުރާމައެއްކަމަށް ގަބޫލުކުރާންޖެހެއެވެ. އީރާނަކީ ޢިލްމީ ގޮތުން އެންމެ ބޮޑަށް ކުރިއަރާން މަސައްކަތްކުރާ އިސްލާމީ ގައުމެވެ. 47 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް އީރާނުންވަނީ ޢިލްމީގޮތުން ކުރިއެރުންތަކެއް ހޯދައިފައެވެ. އެ ގައުމުގެ 90 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. އަންހެނުންގެ ތެރޭގައި ވެސް ވަރަށް މޮޅު އިންޖިނޭރުންނާއި ޑޮކްޓަރުންނާއި ސައެންސްވެރީން ވަނީ އުފައްދައިފައެވެ. އަހަރަކު ގާތްގަނޑަކަށް ދެ ލައްކަ ފަންސާސް ހާސް އިންޖިނޭރުންނާއި ސައެންސްވެރީން އެ ގައުމުން ޚިދުމަތަށް ނެރެއެވެ. އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ޙަމަލާތައް އެ ގައުމުގެ ޢިލްމުވެރީންނާއި ސައެންސްވެރީންނަށް އަމާޒުކުރަނީ ޢިލްމީ ކުރިއެރުން ނައްތައިލުމަށް ޓަކައެވެ. އިގުތިސާދީ ޞިނާޢަތްތައް ހަލާކުކޮށްލުމަށް ޓަކައެވެ.
މި ދެންނެވި ބަހުގެ އެންމެ އަލިގަދަ އެއް ހެތްކަނީ އީރާނުގެ މަދަނީން ދިރިއުޅޭ މުޅިއަވަށެއް ހަލާުކޮށްލައިގެން އީރާނުގެ ޕްރޮފެސަރ ޑރ. ސަޢީދު ޝަމްޣަދާރީއާއި އޭނާގެ މުޅި ޢާއިލާ އިއްޔެ ޝަހީދުކޮށްލައިފައިވާކަމެވެ. އޭނާއަކީ އީރާނުގެ ޔުނިވަރސިޓީ އޮފް ސައެންސް އެނޑް ޓެކްނޯލެޖީގެ، އިލެކްޓރިކަލް އިންޖިއަނީރިންގެ ޕްރޮފެސްރެކެވެ.
އެހެންވީމާ، މިހާރު އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ދެމުން މިގެންދާ ޢުދުވާނީ ޙަމަލާތަކަކީ [ގްރޭޓަރ އިޒްރޭލު] އުފެއްދުމަށް ހުރަކަށް ވަނީ ހަމައެކަނި އީރާނުކަމަށްވާތީ އީރާނު ގިއްގަޅުވައިލުމަށް ޓަކައި ފެށި ޙަމަލާތަކެކެވެ. އެ މީހުން ބޭނުންވާ މީހަކު ވެރިކަމަށް ގެނައުމަށް ޓަކައި ފެށި ހަނގުރާމައެކެވެ. އީރާނުގެ އިސްވެރީން ޝަހީދުކޮށްލީ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކޮށްލާނެ ކަމަށެވެ. އަދި ރައްދު ޙަމަލާ ދިނުމުގެ ގާބިލުކަން އީރާނަށް ނޯންނާނެކަމަށް ބަލައި ހަތިޔާރު އުފައްދާ މަރުކަޒުތަކަށް ޙަމަލަދިނީ އެހެންވެގެންނެވެ.
ނަމަވެސް އެމެރިކާ ހީކުރި ގޮތާ ޚިލާފަށް އީރާނަކުން އަމާނެއް ނުދިނެވެ. ރައްދުގައި އިޒްރޭލުގެ ވެރިރަށް ތައްލުއަބީބާއި ސިނާއީ ރަށް ހައިފާއަށް ހަމާލާދީ ސުންނާފަތިކޮށްލިއެވެ. އަދި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި، އީރާނަށް ޙަމަލާދޭން ބޭނުންކުރާ މަރުކަޒުތަކަށް ޙަމަލާދީ އެ ތަންތާނގެ ބާރު ކަނޑުވައިލީއެވެ. އީރާނުގެ ތެލުގެ ސިނާއަތަށް އެމެރިކާއިން ޙަމަލާދިނުމުން ބަދަލުގައި އެމެރިކާގެ މަރުކަޒުތައް ހުރި ގައުމުތަކުގެ ތެލުގެ މަރުކަޒުތަކަށް ޙަމަލާދީ ގެއްލުންތަކެއް ދިނީއެވެ. މިހާރު ޓުރަންޕަށް އެ އުޅޭނީ މި ހަނގުރާމައިން ނުކުންނާނެ ގޮތެއް ނޭނގިގެންނެވެ.
ލަފާކުރެވޭ ގޮތުގައި އެންމެ ފަހުން އެމެރިކާއިން އިޒުރޭލަށް އަންގާނީ [ކަލޭމެން ހަނގުރާމަ ނިންމައިލާށެވެ. އަހަރެމެންނަށް ވާ ވަރު ކޮށްދީފީމެވެ.] އިޒްރޭލުން މި ހަނގުރާމަ ނިންމުމަށް ޓަކައި ނިޔުކްލިޔަރު ހަތިޔާރު ބޭނުންކުރާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ނަމަވެސް ނިޔުކުލިޔަރު ހަތިޔާރު ބޭނުންކޮށްފި ނަމަ ހަމައެކަނި ގެއްލުންވާނީ އީރާނަކަށް ނޫނެވެ. އީރާނާ އިންވެގެން ހުރި މުސްލިމު އެހެން ގައުމުތަކަށް ވެސް މި ކަމުގެ ނުރައްކާ ވަކި ކުޑައެއް ނުވާނެއެވެ. މި ފަދަ ގޮތެއް ދިމާވެއްޖެ ނަމަ، ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އުތުރު ކޮރެއާއިން ދެކުނު ކޮރެއާ ހިފާން އުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޗައިނާއިން ތައިވާނު އަތްދަށުލާން ނޫޅޭނެ ކަމެއް ވެސް ނޭނގެއެވެ. އޭރުން ނުސީދާ ގޮތެއްގައި ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުނީއެވެ. މިއީ މިހާރުގެ ޙާލަތަށް ބަލާ އިރު ނިމުތުކުރެވޭ ގޮތެކެވެ.
ކޮންމެއަކަސް މި ޙާލަތަށް ހިނގައްޖެ ނަމަ، އެމެރިކާއާއި އިޒްރޭލުގެ އެކުވެރި ޢަރަބި ގައުމުތަކަކަށް ވެސް ސަލާމަތެއް ނޯންނާނެއެވެ. އިސްރޭލުގެ މައިގަނޑު ބޭނުމަކީ ވެސް އެމެރިކާ ފަހަށް ޖައްސައިލައި ދުނިޔޭގެ [ސުޕަރ ޕަވަރ]އަކީ އެ މީހުންކަމަށްވެ އެ މީހުން އުންމީދުކުރާ [ގްރޭޓަރ އިޒްރޭލު]ގެ ތަޞައްވުރު ހަގީގަތަކަށް ހަދައިލުމެވެ. ސޫރިއާއާއި އުރުދުނާއި އީރާނުގެ ބައެއް އެއީ އިޒްރޭލުކަމަށް ހަދައިލުމެވެ. ނަމަވެސް ހިތާމައަކީ، ޢަރަބި މުއްސަނދި ގައުމުތައް އަދިވެސް ހޭލާން ނޫޅޭކަމެވެ. އިޒްރޭލާއި އެމެރިކާއަކީ އެކުވެރީންކަމަށް ބަލައި އީރާނަކީ ދުޝްމަނުންކަމަށް ބަލައިގެން އެ ތިބެނީ އެމެރިކާއާއި އިޒްރޭލަށް ފައިސާ ދީގެން އީރާނު ގިއްގަޅުވައިލެވިއްޖެ ނަމަ، އެ މީހުންގެ ވެރިކަން ޙިމާޔަތްކުރެވޭނެކަމަށް ދެކިގެންނެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން ޢަރަބި ގައުމުތަކާ ގުޅިގެން އުޅެނީ އެ މީހުންނަށް ހެޔޮއެދިގެންނޫންކަމެއް ޢަރަބި ގައުމުތަކަކަށް ނުވިސްނެއެވެ. މިހާރު ވެސް މި ހަނގުރާމަ[ކޮށްދިންކަމުގެ] އުޖޫރައެއްގެ ގޮތުން އެތައް ބިލިޔަން ޑޮލަރަކަށް ސުޢޫދީ ޢަރަބިއްޔާއިން ހޯދާން އެމެރިކާއިން ވަނީ އެދިފައެވެ.
އެމެރިކާގެ ޓުރަންޕު ދާދިފަހުން މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، މިހާރު އީރާނުގެ ހުރިހައި ހަތިޔާރެއް ހަލާކުކޮށްލެވިއްޖެ ކަމަށެވެ. އީރާނުގެ ވެރީން ނައްތައިލެވިއްޖެކަމަށެވެ. ދެން ވެރިކަމަށް އަންނާނެ މީހަކު ވެސް ނުވާނެކަމަށެވެ. އަނެއްކޮޅުން އިޒްރޭލުން އުންމީދުކުރަނީ އެމެރިކާ ފަހަށް ޖައްސައިލައި ދުނިޔޭގެ ސުޕަރ ޕަވަރއަކަށް އެ މީހުން ވާށެވެ. މި ވާހަކަ އިޒްރޭލުގް ވެރީންގެ އަނގައިން ބޭރުވެސްވެއްޖެއެވެ. ދެން ދުނިޔޭގެ [ސުޕަރ ޕަވަރ]އަށް ވާނީ ތިމަންނާމެންނޭ ވެސް ބުނެފިއެވެ.
ނަމަވެސް އީރާނުން ދައްކަނީ މުޅީން އެހެން މަންޒަރެކެވެ. މިސައިލުގެ ރާޅުތަކުން އިޒްރޭލު ކޮށިއަރުވައިލައިފިއެވެ.
މި ކަން މިހެން އޮތް ނަމަވެސް ދާދި ފަހުން ޢަރަބި ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ކުށްވެރިކުރީ ހަމައެކަނި އީރާނެވެ. އީރާނުން ޢަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަޙަތުތަކަށް ޙަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގި ޢުދުވާނެއްކަމަށް ސިފަކޮށްފައިވެއެވެ. އަދި އީރާނު ހުއްޓުވައިދިނުމަށް އދ.ގެ ކިބައިން ވެސް އެދިފައިވެއެވެ. ނަމަވެސް އެއްވެސް ހައްޤުން ކަމަކާ ނުލައި އީރާނަށް ޙަމަލާދީ އީރާނުގެ ވެރީންނާއި އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލި ވާހަކައަށް އެ ބަޔާނުގައި އިޝާރާތްކޮށްފައެއް ވެސް ނެތެވެ.
މިއީ މިއަދުގެ އިސްލާމީ އުންމަތުގެ ޙާލަތެވެ. މި ދަނޑިވަޅުގައި ވެސް މަޒުހަބީ ތަޢައްޞުބުގައި އީރާނުގެ ވެރީން ތަކްފީރުކޮށް އިޒްރޭލާއި އެމެރިކާއަށް ތާއީދުކުރާ [މުސްލިމުން] ދުނިޔޭގައި އުޅޭކަމީ އިސްލާމީ އުންމަތުގެ އަދުގެ ނިކަމެތި ޙާލަތު އަންގައިދޭ ވަރަށް އަލިގަދަ ދަލީލެކެވެ.
ތާރީޚު ދައްކާ ގޮތުގައި [ސުލްޠާން ނޫރުއްދީން ޒަންގީއާއި، ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީއާ ދެ ބޭފުޅުން ވެސް، އިސްމާޢީލީ ޝީޢީންނާ އެކުގައި، އެއް ސަފެއްގައި ހުއްޓިވަޑައިގެން، އުޚުއްވަތްތެރިކަމާ އެކު، ޞަލީބީންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ތައްޔާރު ވެވަޑައިގަތެވެ. އިސްމާޢީލީންނާ ދިމާޔަށް [ކަލޭމެންނަކީ ރާފިޟީ ކާފަރުންނޭ، ކަލޭމެންނާ އެކު އަހަރެމެން ހަނގުރާމައެއް ނުކުރާނަމޭ] ވިދާޅެއްނުވެއެވެ. މިޞްރުން ޞަލީބީންނާ ދެކޮޅަށް އެހީއަށް އެދުމުން، ސުލްޠާން ނޫރުއްދީނަށް ވެސް [ކަލޭމެންނާއި ޞަލީބީންނާ ހަނގުރާމަ ކޮށް ކޮންމެ ބަޔަކު މޮޅު ވިޔަސް އެއީ އިސްލާމް ދީނަށް އޮތް ހެވެކޭ] މި ޒާތުގެ ފާސިދު، ފާސިޤު، ޖާހިލު ޖަވާބެއް ދެއްވެވުނީހެވެ. ނަމަވެސް އެހެނެއް ނުހައްދަވައެވެ. މިޞްރަކީ މުސްލިމުންގެ ބިމެއްކަން، އަދި އެ ތަނުގައި އުޅެމުން ދިޔައީ މުސްލިމުންކަން އެ މަނިކުފާނަށް އޮޅިވަޑައެއްނުގަންނަވައެވެ. ޞަލީބީ އަނިޔާވެރީން މިޞުރަށް އަރައި ކަތިލާނީ މުސްލިމުންކަން، ރޭޕުކުރާނީ މުސްލިމް އަންހެން ދަރީންކަން، ޔަތީމުކުރާނީ މުސްލިމް ޅަދަރީންކަން އެ ބޭފުޅުން ހަނދުމަފުޅެއްނުނެތެއެވެ. ޞަލީބީންގެ ބާރުގެ ދަށަށް މިޞްރު ހިނގައްޖެއްޔާ، އިސްތިރާޖީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނީ މުޅި އިސްލާމީ އުންމަތަށްކަން އެ ބޭފުޅުންނަކަށް އޮޅިވަޑައެއްނުގަނެއެވެ. އެހެންކަމުން، މިޞްރުން އައި އެހީގެ ގޮވައިލުމަށް އެ ބޭފުޅުން ވަގުތުން ދެއްވީ އީޖާބީ ޖަވާބެވެ.]
މިއީ އޭރުގެ އިސްލާމުންގެ ހަގީގަތެވެ. ނަމަވެސް މިއަދުގެ ޙާލަތަކީ ޙަންބަލީ، ޝީޢީ ނުވަތަ މި ނޫން ވެސް މަޒުހަބީ ތަޢައްޞުބުގައި މުސްލިމުންނާ ދެކޮޅަށް މުސްލިމުންނަށް މި އެހީތެރިވެވެނީ ޔަހޫދީންނާއި ނަޞާރާއީންނަށެވެ. މިއީ މަޒުހަބީ ފިތުނައިގައި މުސްލިމުން ބައިބައިކުރާންވީ ޙަލަތެއް ނޫނެވެ. މިއީ މުސްލިމުން އެއްބައިވެ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަކޮށް ފަލަސްތީނު މިނިވަންކުރާންވީ ވަގުތެވެ. ހުރިހައި މުސްލިމު ގައުމުތައް އީރާނަށް އިޖާބަދީފި ނަމަ އިޒްރޭލު ގިއްގަޅުވައިލުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް ގިނަ މުސްލިމުން ތިބީ ޣާފިލުކަމުގެ ގަދަ ނިދީގައި ޣަރަޤުވެފައެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.