ad_banner
އެއީ ވިސްނުމެއް ޙިކުމަތެއް ނެތް ބަޔެކެވެ.

އަލްއުސްތާޒު އަޙުމަދު މާޖިދު

23 މާރިޗް 2026

ރާފިޟީން

ޝީޢީ މުސްލިމު ޤައުމެއް ކަމުގައިވާ އީރާނުން، ހުޅަނގުގެ ޞަލީބީ-ޒައިނިސްޓް އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ ޖިހާދުގައި ބައިވެރިވުމަށް އަދި އެ ޖިހާދަށް ތާއީދު ކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދެކޮޅު އެބަ ހަދައެވެ. އީރާނަކީ [ޝީޢީ ރާފިޟީން]ކަމަށް ބުނެއެވެ. އެމީހުންނަކީ [މުސްލިމުންނެއް ނޫނޭ] ބުނެއެވެ.

މިކަމާ ގުޅިގެން ތަފާތު އެތައް ވާހަކަތަކެއް ދެއްކިދާނެއެވެ.

އެ ފަދަ އެއް ވާހަކަ ބަޔާން ކޮށްލާނަމެވެ.

މިއީ އާ ޙާލަތެއް ނޫނެވެ. ތާރީޚުގައި މީގެ ކުރީން ދިމާ ވެފައި ވާ ޙާލަތެކެވެ. މީލާދީން 1099ވަނަ އަހަރު، ޔޫރަޕުގެ ޞަލީބީން އައިސް އިސްލާމީ ދުނިޔޭގެ މުހިންމު ބިންތަކެއް ހިފިއެވެ. އައްރުހާއިން ފެށިގެން އަލްޤުދްސުއްޝަރީފާ ހަމަޔަށެވެ. އެތައް ދަހަރެއް ވާންދެން އެ މީހުން އެ ބިންތަކުގައި އަނިޔާވެރި ގޮތެއްގައި ރަސްކަންކުރިއެވެ. މުސްލިމުން މަރައި، މުސްލިމުން ފޭރި، މުސްލިމުންނާ ދެކޮޅަށް އެތައް އަނިޔާތަކެއް ހިންގިއެވެ. މިސްކިތްތައް ޚަރާބުކުރިއެވެ. ޚުދު މަސްޖިދުލްއަޤްޞާ ނުވަތަ ބައިތުލްމަޤްދިސް، އެންމެ ފުރަތަމަ އަސްތަބީލާއަކަށް، ފަހުން ފައްޅިއަކަށް ހެދިއެވެ. ނަޞާރާއިންގެ ޙައްދުފަހަނައެޅި ޢަސްކަރީ-ދީނީ އޯޑަރެއްކަމުގައި ވާ [ނައިޓްސް ޓެމްޕްލަރޒް]ގެ މަރުކަޒެއްގެ ގޮތުގައި އެ މިސްކިތްކޮޅު ބޭނުން ކުރިއެވެ. މި ދުވަސްވަރު މުސްލިމުން ނިކަމެތި ވެގެން ދިޔަ ވަރަކީ، ޝާމުކަރައިގައި އެ އިރު އޮތް އެންމެ ބާރުގަދަ މުސްލިމު، އެއް ވެރިކަންކަމުގައި ވާ ޙަލަބުގެ ރަސްގެފާނު ޞަލީބީންނާ އެކު ކުރެއްވި ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޝަހަރުގެ އެންމެ ބޮޑު މިސްކިތުގެ ގުއްބުގެ ކުރީގައި ޞަލީބީން ހަދައިފައި ފޮނުވި ބޮޑުސިންގާ ޞަލީބެއް ބަހައްޓާން މަޖުބޫރުވިއެވެ. އޭގެ ފަހުން އެތައް އަހަރެއް ވާންދެން، އެ މިސްކިތުގައި މުސްލިމުން ނަމާދުކުރަމުން ގެންދިޔައީ މި ދެންނެވި ބޮޑު ޞަލީބުގެ ދަށުގައެވެ. މިއީ ޙަލަބުގެ އާމުދަނީން ކޮންމެ އަހަރަކު ބޮޑު ބައެއް ޖިޒީއެއްގެ ގޮތުގައި ދެއްކުން ފަދަ އެތައް ޝަރުޠުތަކެއްގެ އިތުރަށް އޮތް ޝަރުޠެކެވެ.

މި ޙާލަތުގައި އިސްލާމީ ދުނިޔެ އޮއްވައި، މުސްލިމް އުންމަތް ސަލާމަތްކުރުމުގެ މުހިންމަތާއިގެން ގިނަ ބަޠަލުންތަކެއް ތެދުވެވަޑައިގަތެވެ. މޫޞަލްގެ ގަވަރުނަރު ޝަރަފުއްދީން މައުދޫދާއި، އޭނާގެ ފަހުން މޫޞަލްގެ ވެރިކަންކުރެއްވި އަތާބެގް ސުންޤޫރުލްބުރްސުޤީ އާއި، ޢިމާދުއްދީން ޒަންގީ ފަދަ ބޭފުޅުންނެވެ. ޢިލްމުވެރީން ކުރެ ޝައިޚުލްޤާޟީ އަބޫ ސަޢްދުލްޙަރާވީއާއި، ޙަލަބުގެ ޤާޟީއެއްކަމަށްވާ އަބުލްޙަސަން އިބްނުލްޚައްޝާބް ފަދަ ބޭފުޅުންނެވެ.

މީގެ ތެރެއިން، އިބްނުލްޚައްޝާބަކީ ޝީޢީ މުސްލިމެކެވެ. އޭނާ ޞަލީބީންނާ ދެކޮޅަށް އިސްލާމީ އުންމަތް ހެއިލެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއްކުރެއްވިއެވެ. އޭނާގެ މަސައްކަތްޕުޅަށް އިޖާބަ ދެއްވެވި ފުރަތަމަ މުސްލިމް ލީޑަރަކީ މޫޞަލްގެ ގަވަރުނަރު ޝަރަފުއްދީން މައުދޫދެވެ. މައުދޫދަކީ ސަލްޖޫޤީ ތުރުކީންގެ ރަސްކަމުގެ ވެރިއެކެވެ. ސުންނީ މުސްލިމެކެވެ. ދެ ބޭފުޅުން އެކުގައި ޖިހާދަށް ނުކުމެވަޑައިގަތީ، އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ [ޢަޤީދާ]ގައި މިންއަޅުއްވަމުން، ޙުކުމް ނެރުއްވަމުންނެއް ނޫނެވެ. ﷲއާއި ރަސޫލާގެ ލޯބީގައި، މުސްލިމުންގެ ޙައްޤުގައެވެ. ދެ ބޭފުޅުން ވެސް ޝަހީދުވީއެވެ. ދެ ބޭފުޅުން މެ ޝަހީދުވީ "މުސްލިމުން"ގެ އަތުންނެވެ. "ސުންނީ" އަދި "ޝީޢީ" މުސްލިމުންގެ ތެރެއިން ޞަލީބީންގެ އެކުވެރީންތަކެއްގެ އަތުންނެވެ. އެ ކަމުގައި ބައިވެރިވި ސުންނީންނަކީ ޙަލަބާއި ދިމިޝްޤުގެ ވެރީންނެވެ. ޝީޢީންނަކީ އިސްމާޢީލީ "ޙައްޝާޝީން"ނެވެ. މި މީހުންގެ އަތުން ޝަހީދުވީ ހަމައެކަނި މައުދޫދާއި އިބްނު ޚައްޝާބެއް ނޫނެވެ. މުސްލިމް އެތައް ކޮމާންޑަރުންނަކާއި އެތައް ޢިލްމުވެރީންނެކެވެ. ޝައިޚް އަލްޙަރާވީއެވެ. އަލްބުރްސުޤީއެވެ. ޢިމާދުއްދީން ޒަންގީއެވެ. އަދިވެސް އެތައް ބެއިފުޅުންނެކެވެ. އާދޭހެވެ! ޞަލީބީންނާ ދެކޮޅަށް ތެދު ވެވަޑައިގަތް ކޮންމެ މުސްލިމް ލީޑަރެއް އެ ދުވަސްވަރު ދިޔައީ ޝަހީދުކޮށްލެވެމުންނެވެ. އެ ކަން ކުރަނީ ދުނިޔޭގެ ލޯބީގައި ޞަލީބީންނާ މިލިގެން އެކުލެވިގެން (މުސްލިމުންނޭ ކިޔައިގެން) އުޅުނު ޣައްދާރުންނެވެ. އެމީހުން ސުންނީންނަށް ދައްކަނީ ޝީޢީންނަކީ ކާފަރުންކަމުގެ ތަޞްވީރެވެ. ޝީޢީންނަށް ދައްކަނީ ސުންނީނަކީ ކާފަރުންކަމުގެ ތަޞްވީރެވެ. . . . . މިއަދު ފެންނަ މަންޒަރު ވަކީން ތަފާތުތޯއެވެ؟

މި ދަންނަވާ ޙާދިސާތައް ހިނގައިފައިވަނީ މީލާދީން 1110ވަނަ އަހަރާއި 1160ވަނަ އަހަރާ ދެމެދުގެ ދުވަސްތަކުގައެވެ.

އެ ދުވަސްވަރު މުސްލިމު އުންމަތް ހަމަ މަގަށް އަޅުވައި، ޞަލީބީންނާ ދެކޮޅަށް މުޅި އުންމަތް ހެޔޮ މަގުގައި އެކަތިގަނޑަކަށް ހެއްދެވުމަށް ޓަކައި މަސައްކަތް ކުރެއްވި ޢިލްމުވެރީންގެ ތެރޭގައި ޙުއްޖަތުލްއިސްލާމް އަލްއިމާމް ޣަޒާލީ ރަޙިމަހުﷲ ތަޢާލާއާއި، ޝައިޚް ޢަބްދުލްޤާދިރު ޖީލާނީ ރަޙިމަހުﷲ ތަޢާލާއާއި، ޝައިޚް ޢަދިއްޔު އިބްނު މުސާފިރު ރަޙިމަހުﷲ ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ. މިއީ މުޅީން ވެސް ސުންނީ ޢާލިމުންނެވެ. މި ބޭފުޅުންގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، މުސްލިމުންގެ ތެރޭގައި ޞަލީބީންނާ ކުރިމަތި ލެއްވުމުގެ ޤާބިލިއްޔަތު ހުރި ވެރީންނާއި ސިފައިންގެ ޖީލެއް އުފެދުނެވެ. އެ ޖީލުގެ އެއް ކުރިބޯށްޓަކީ ސުލްޠާން ނޫރުއްދީން ޒަންގީ ރަޙިމަހުﷲއެވެ. އެމަނިކުފާނާ ބެހޭ ގޮތުން އެންމެ މަޝްހޫރު އެއް ވާހަކަ އަކީ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުޤައްދަސް ޤަބުރުފުޅު ވަގަށް ނެގުމަށް ޞަލީބީ މުޖުރިމުންތަކެއް ރޭވި މަކަރުވެރި ރޭވުމެއް ނާކާމިޔާބުކޮށްލައްވައި، އެމީހުންނަށް އަދަބުދެއްވެވި ގޮތުގެ ވާހަކައެވެ. އިސްލާމީ ތާރީޚުގައި ރިކޯޑު ކުރެވިފައިވާ ފަދައިން، އެމަނިކުފާނު އެކަން ކުރެއްވެވީ ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުވަފެންފުޅެއްގައި އެ މަނިކުފާނަށް ކުރެއްވި އަމުރުފުޅަކަށް ތަބަޢަވެވަޑައިގަތުމުގެ ގޮތުންނެވެ. މީގެ އިތުރަށް ވެސް، ސުލްޠާން ނޫރުއްދީން ޒަންގީއަށް ހުވަފެންފުޅުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނިވަޑައިގެންފައި ވެއެވެ. އެ މަނިކުފާނުގެ އަރިއަހުގައި ތިއްބެވި ޢާލިމުންނަށް ފެނިވަޑައިގަތް ހުވަފެންފުޅުތަކުގެ ވަސީލަތުން ވެސް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މަނިކުފާނަށް ކަންކަމުގައި އިރުޝާދުދެއްވައިފައި ވެއެވެ.

މި ދަންނަވަނީ އާދައިގެ ބޭފުޅެއްގެ ވާހަކައެއް ނޫނެވެ. ސުލްޠާން ނޫރުއްދީން ޒަންގީއާ މެދު މުސްލިމް ޢިލްމުވެރީން ގާތްގަނޑަކަށް އިއްތިފާޤު ވެވަޑައިގަންނަވާ ގޮތުގައި، ޚުލަފާއުއްރާޝިދޫނާއި (ރަޟިޔަﷲ ޢަންހުމް)، އުމަވީ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ އަށް ފަހު، މި އުންމަތް ދުށް އެންމެ މަތިވެރި، އެންމެ ތަޤުވާވެރި، އެންމެ ހެޔޮ ވެރިޔަކީ އެ މަނިކުފާނެވެ. އާދޭހެވެ! އެމަނިކުފާނަކީ [ޣައިބުގެ ފަރުދާގެ އެފަރާތުން] މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުހަނު ލޯބިފުޅާ އެކު އެ ބޭފުޅަކާ މުޢާމަލާތުކުރައްވަމުން ގެންދެވި ބޭފުޅެކެވެ! މިއަށްވުރެ ބޮޑު [ވެލިޑޭޝަނެއް] މުސްލިމަކަށް، މުސްލިމް ވެރިޔަކަށް ލިބޭނެތޯއެވެ؟

ސުލްޠާން ނޫރުއްދީން ޒަންގީގެ ވެރިކަމުގެ މަޤާމަކަށް، ފަހުން ވީ ޝާމުކަރައިގެ ދިމިޝްޤެވެ. އެ މަނިކުފާނު ޞަލީބީންނާ ދެކޮޅަށް ޖިހާދުކުރައްވާތާ އަހަރުތަކެއް ވީ ފަހުން، ޞަލީބީންގެ ފޯކަސް މިޞްރަށް ހުއްޓުނެވެ. އެއީ ޝާމުކަރައިގައި ސުލްޠާން ނޫރުއްދީނާ ދެކޮޅަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބުމުން އެ މީހުންނަށް ލިބުނު މާޔޫސްކަމުގެ ތެރޭގައި، އިސްތިރާޖީ ސިޔާސަތަށް ގެނައި ބަދަލެއްގެ ގޮތުގައެވެ. އިސްލާމީ ތާރީޚު ބައްލަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އެއިރު މިޞްރުގައި އޮތީ އިސްމާޢީލީ ޝީޢީންގެ ވެރިކަމެވެ. [ފާޠިމީ] ދައުލަތޭ ކިޔާ ދައުލަތެވެ. މިއީ ޚުދު ޝީޢީންގެ ތެރޭގައި ވެސް ގިނަ ބަޔަކު އެއީ މުސްލިމުން ކަމަށް ޤަބޫލު ނުކުރާ ދަރަޖަޔަށް ޙައްދުފަހަނައަޅައިފައި ތިބި ބަޔެކެވެ.

މިޞްރަށް ޞަލީބީންގެ ފޯކަސް އަމާޒު ވެގެން ދިޔަ ވަގުތު، އިސްމާޢީލީ މިޞްރުގެ ނުފޫޒު ގަދަ ބޮޑެއް ކަމުގައި ވާ ޝާވަރު، ސުލްޠާން ނޫރުއްދީން ޒަންގީގެ އަރިޔަހަށް އައެވެ. އޭނާ އަކީ ސުންނީއެކެވެ. އޭނާ ސުލްޠާން ނޫރުއްދީންގެ އަރިއަހުން އެދި ދެންނެވީ، މިޞްރުގެ އިސްމާޢީލީންނާ އެކު އެއް ސަފެއްގައި ހުއްޓިވަޑައިގެން، ޞަލީބީންނާ ހަނގުރާމަ ކުރެއްވުމަށެވެ. (މި ޝާވަރަކީ ވަރަށް މަކަރުވެރި، އަމިއްލަ އެދުމުގައި އުޅުނު، ޚާއިނެކެވެ. ނަމަވެސް އެ ވާހަކަ އިހަށް ބާއްވާނީއެވެ. އެއީ މި މައުޟޫޢަށް އެހައި މުހިންމު ވާހަކައެއް ނޫނެވެ.) މި އެދުމަށް ސުލްޠާން ނޫރުއްދީން އިޖާބަ ދެއްވިއެވެ. އެމަނިކުފާނުގެ ލަޝްކަރުގެ އެންމެ ކުޅަދާނަ ފައުޖުތަކުގެ ތެރެއިން 3000 ސިފައިން، އެމަނިކުފާނުގެ އެންމެ ވަރުގަދަ ޖެނެރަލް އަސަދުއްދީން ޝީރްކޯހގެ ވެރިކަމުގައި މިޞްރަށް ފޮނުއްވެވިއެވެ. އެ ލަޝްކަރުގައި ޅަޒުވާނެއްގެ ގޮތުގައި ޝީރްކޯހގެ ބޮޑުބޭބެ ދަރިކަލުން ޔޫސުފް ބިން އައްޔޫބު ހިމެނިވަޑައިގަތެވެ. ޔޫސުފް ބިން އައްޔޫބަކީ ކޮން ބެއިފުޅެއްކަން ގިނަ މުސްލިމުންނަށް ކިޔައިދޭކަށް ނުޖެހޭނެއެވެ! އާދޭހެވެ! އެއީ މި އުންމަތުގެ އެންމެ މަތިވެރި އެއް ފަޚުރެވެ. އިސްލާމީ އުންމަތް ކީއްކުރާންތޯއެވެ! މުޅި ދުނިޔެ ދުށް އެންމެ މަތިވެރި އެއް ވެރިޔާއެވެ! މަލިކުއްނާޞިރު އައްސުލްޠާން ޞަލާޙުއްދީން ޔޫސުފުލްއައްޔޫބީއެވެ! އިރުމައްޗާއި ހުޅަނގަށް އިސްލާމީ ދަންމަރާއި އިންސާނިއްޔަތުގެ އަލިކަން އަލުން ގެނެސްދެއްވެވި މާތް ސާހިބާއެވެ!

ސުލްޠާން ނޫރުއްދީން ޒަންގީއާއި، ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީއާ ދެ ބޭފުޅުން ވެސް، އިސްމާޢީލީ ޝީޢީންނާ އެކުގައި، އެއް ސަފެއްގައި ހުއްޓިވަޑައިގެން، އުޚުއްވަތްތެރިކަމާ އެކު، ޞަލީބީންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ތައްޔާރު ވެވަޑައިގަތެވެ. އިސްމާޢީލީންނާ ދިމާޔަށް [ކަލޭމެންނަކީ ރާފިޟީ ކާފަރުންނޭ، ކަލޭމެންނާ އެކު އަހަރެމެން ހަނގުރާމައެއް ނުކުރާނަމޭ] ވިދާޅެއްނުވެއެވެ. މިޞްރުން ޞަލީބީންނާ ދެކޮޅަށް އެހީއަށް އެދުމުން، ސުލްޠާން ނޫރުއްދީނަށް ވެސް [ކަލޭމެންނާއި ޞަލީބީންނާ ހަނގުރާމަ ކޮށް ކޮންމެ ބަޔަކު މޮޅު ވިޔަސް އެއީ އިސްލާމް ދީނަށް އޮތް ހެވެކޭ] މި ޒާތުގެ ފާސިދު، ފާސިޤު، ޖާހިލު ޖަވާބެއް ދެއްވެވުނީހެވެ. ނަމަވެސް އެހެނެއް ނުހައްދަވައެވެ. މިޞްރަކީ މުސްލިމުންގެ ބިމެއްކަން، އަދި އެ ތަނުގައި އުޅެމުން ދިޔައީ މުސްލިމުންކަން އެމަނިކުފާނަށް އޮޅިވަޑައެއްނުގަންނަވައެވެ. ޞަލީބީ އަނިޔާވެރީން މިޞުރަށް އަރައި ކަތިލާނީ މުސްލިމުންކަން، ރޭޕުކުރާނީ މުސްލިމް އަންހެން ދަރީންކަން، ޔަތީމުކުރާނީ މުސްލިމް ޅަދަރީންކަން އެ ބޭފުޅުން ހަނދުމަފުޅެއް ނުނެތެއެވެ. މިޞްރު ޞަލީބީންގެ ބާރުގެ ދަށަށް ހިނގައްޖެއްޔާ، އިސްތިރާޖީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނީ މުޅި އިސްލާމީ އުންމަތަށްކަން އެ ބޭފުޅުންނަކަށް އޮޅިވަޑައެއްނުގަނެއެވެ. އެހެންކަމުން، މިޞްރުން އައި އެހީގެ ގޮވައިލުމަށް އެ ބޭފުޅުން ވަގުތުން ދެއްވީ އީޖާބުގެ ޖަވާބެވެ.

ސުލްޠާން ނޫރުއްދީންގެ އަރިއަހުގައި ވެސް، އަދި އެ މަނިކުފާނަށް ފަހު ސުލްޠާން ޞަލާޙުއްދީންގެ އަރިއަހުގައި ވެސް، މި އުންމަތް ދުށް އެންމެ މަތިވެރި ޢާލިމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރީން، ޤާޟީން މުޝީރުން އުސްތާޛުންގެ ގޮތުގައި ތިއްބެވިއެވެ. ޢައްލާމާ އަބުލްޤާސިމް އިބްނު ޢަސާކިރު ރަޙިމަހުﷲ އާއި، ޝައިޚް ބަހާއުއްދީން އިބްނު ޝައްދާދު ރަޙިމަހުﷲ އާއި، ޢައްލާމާ އަބޫ މުޙައްމަދު އިބްނު ޤުދާމާ ރަޙިމަހުﷲ އާއި، އަލްފަޤީހް ޢީސަލްހިކާރީ ރަޙިމަހުﷲ ފަދަ ބޭފުޅުންނެވެ. މިއިން އެއްވެސް ބޭފުޅަކު، [ރާފިޟީ ކާފަރުންނާ] ގުޅުން ނުބާއްވަވާށޭ ވިދާޅުވެ، ޝީޢީ ސުންނީ ތަފާތުތައް އުންމަތް ބައިބައިކުރާ ފާރަކަށް ހައްދަވާކަށެއް ނުއުޅުއްވައެވެ.

ތެދެކެވެ! އިސްމާޢީލީ ޝީޢީންގެ ވެރިކަން މިޞްރުން ނައްތައިލެއްވެވީ ސުލްޠާން ޞަލާޙުއްދީނެވެ. ނަމަވެސް އެ ކަން ކުރެއްވެވީ ތަކުފީރުކުރެއްވުމާއި، ނަފުރަތު ފެތުރުއްވުމާއި، ބައިބައި ކުރެއްވުމުގެ ތެރެއިންނެއް ނޫނެވެ. އެކަމުގައި ބޭނުންފުޅު ކުރެއްވި އޯގާވެރިކަމާއި، އިންޞާފާއި، ޢިލްމު ފެތުރުއްވުވުމުގެ މަންހަޖެވެ.

ކުރީން ވެސް ދެންނެވި ފަދައިން، އިސްމާޢީލީ ޝީޢީންނަށް ވުރެ، އީރާނުގައި އޮތް އިޘްނާ ޢަޝަރީ ޝީޢީން ވެސް ސުންނީ ޢަޤީދާއާ ގާތެވެ. އެމީހުންގެ ޤަބޫލު ކުރުންތަކުގެ ތެރޭގައި މައްސަލަތަކެއް ނެތެކޭ ނޫނެވެ. ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް އެ މައްސަލަތަކުގެ ޙައްލަކީ އަޅުގަނޑުމެން އީރާނުގެ ނިތްކުރީގައި ކުފުރުގެ "ކަލެކްޓިވް ލޭބަލެއް" ޖެހުންތޯއެވެ؟ އެމީހުންނާ މެދު ނަފުރަތާއި ރުޅިވެރިކަން ފެތުރުންތޯއެވެ؟ ޝީޢީންނަކީ، އެމީހުންގެ ބައެއް ޤަބޫލުކުރުންތައް ނުހަނު ގޯސްވުމާ އެކުގައިމެ، އިސްލާމް ދީނުގެ ޖަމާޢަތުގެ ބަޔެއްކަމަށް މި އުންމަތުގެ ޖުމްހޫރު ޢިލްމުވެރީން ޒަމާނުއްސުރެ ކަނޑައަޅުއްވައިފައި އޮތްއޮތުން ބޮލާލައި ޖެހުންތޯއެވެ؟ ޞަލީބީ-ސަހުޔޫނީ-ނިއޯލިބަރަލް އަދި ދައްޖާލީ ބާރުތައް މުސްލިމް ޤައުމަކަށް ފަހު ޤައުމެއް ހޮވައި ތަޅައި މަރައި ރޯނާ ގަންނަވަމުން ދާ މި ދަނޑިވަޅުގައި، މުސްލިމުންގެ މެދުގައި އިތުރު ބައިބައިވުން އުފައްދައި، އުންމަތް އިތުރަށް ބަލިކަށި ކުރުމަށް ޝީޢީ-ސުންނީ ތަފާތު ހަތިޔާރަކަށް ނެގުންތޯއެވެ؟ ޝީޢީ-ސުންނީ ޢަޤީދާގެ މައްސަލަގަނޑާ މެދު ކުރެވޭ ބަހުސްތަކާ އެއްވެސް ގުޅުމެއް ނެތް، އާދައިގެ އަދި މައް އީރާނީ މުސްލިމް ކުޑަ ކުދީންނާއި ޢާންމުންގެ އެތައް ބަޔަކު ހުޅަނގުގެ ޞަލީބީ-ސަހުޔޫނީ-ނިއޯލިބަރަލް އަދި ދައްޖާލީ ލަޝްކަރުތަކުގެ ޙަމަލަތަކުން ކަތިލެވިގެން ދާން ދޫކޮށްލުންތޯއެވެ؟

ޝައްކެއް ނެތް ގޮތުގައި، މިއަދުގެ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި އީރާނަކީ [ރާފިޟީ ކާފަރުންނޭ] ބުނެ އަޑުގަދަކުރަމުންދާ މީހުންނަކީ ޖާހިލު ބަޔެކެވެ. ވިސްނުމެއް ޙިކުމަތެއް ނެތް ބަޔެކެވެ. ޢިލްމެއް ނެތް ބައެކެވެ. އިސްލާމް ދީނުގެ މައިގަނޑު ތިން ބައިގެ ތެރެއިން [އަލްއިޙްސާން]ގެ ކުލައެއް ރަހައެއް ވަހެއް ޢަމުދުން އެ ބަޔެއްގެ ކިބައިގައި ނުވާ ބަޔެކެވެ. މުސްލިމުންކަމުގައި ވުމާ އެކުގައިމެ، އެ ބަޔެއްގެ ހިތްތަކާ ހަމަޔަށް އީމާންކަމާއި އިޙްސާންކަމުގެ ޒީނަތްތެރިކަމާއި އަލިކަން އޭގެ ޙަޤީޤީ މާނައިގައި ފޯރައިފައި ނުވާ ބަޔެކެވެ.

އަޅުގަނޑުގެ އެދުމަކީ ޚުދު އެ މީހުން ތިމާމެންގެ މި [އުނިކަން] ޤަބޫލުކޮށް، ތިމާމެންގެ ނަފުސުގައި މި ދަންނަވާ [ބަލި] އެބަހުރިކަން ޤަބޫލު ކޮށް، އެ ބައްޔަށް ފަރުވާ ކުރެވޭތޯ މަސައްކަތް ފެށުމެވެ. އެ ނޫން މުސްލިމުންނަށް އޮތް ނަސޭހަތަކީ، [ބައިބައިކުރުމާއި ނަފުރަތު ފެތުރުމާއި ތަކުފީރުގެ ނުބައި މަގުގައި ހިނގައި، މި ދަނޑިވަޅު މުސްލިމުންގެ ލެއި އޮހޮރި، މުސްލިމު ޤައުމުތައް ނިކަމެތި ވެ، މުސްލިމުންނަށް ދެރަ ލިބޭނޭ މަގުން ކަންކަން ކުރާ މީހުންނާ ދުރުހެލި ވެވަޑައިގަންނަވާށޭ]އެވެ.

 

ލަފުޒެއްގެ މާނަ:

މުހިންމަތު      ނ.   މުއައްސަސާެއްގެ ނުވަތަ ކުންފުންޏެއްގެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި، ރާވައި ހިންގާ ކަނޑައަޅާ މައިގަނޑު ހަރަކާތް. mission

ކޮމެންޓު