އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
23 މާރިޗް 2026
މިޞްރުގައި ޤިބްޠީއަކާއި ޔަހޫދީއަކާ ދެމެދުގައި ހިނގި އަރައިރުމެއްގައި ޔަހޫދީމީހާ މޫސާގެފާނުގެ ކިބައިން ވާގިވެރިކަމަށް އެދުނު ހިނދު މޫސާގެފާނު ޤިބްޠީ މީހާގެ މޭމަތީގައި އަތްޕުޅުން ބޮނޑިއެއް އެޅުއްވިއެވެ. އެ ޤިބްޠީ މީހާ ވަގުތުން މަރުވިއެވެ. މޫސާގެފާނުގެ ވަރުފުޅުގަދަކަން އެނގިވަޑައިގަތީ އެ ހިސާބުންނެވެ.
މި މަންޒަރު އޭގެ އަނެއް ދުވަހު ވެސް ތަކުރާރުވިއެވެ. އެ ޔަހޫދީމީހާ މިޞްރުގެ އެހެން ޤިބްޠީއަކާ އެކު އަރައިރުންގަނޑެއް ހިންގީއެވެ. މޫސާގެފާނަށް އެ ހިސާބަށް ވަޑައިގެންނެވުމުން ޔަހޫދީ މީހާ މުސާގެފާނުގެ އަރިހުން ވާތްގަށް އެދުނެވެ. މިފަރުދާ ނިމުނީ އިއްޔެ ހިނގި ކަންތައްތައް ބޭޒާރުކޮށް މިޞްރުގެ ދައުލަތުގެ އަމްނާބެހޭ އިދާރާއަށް މަސްއަލަ ހުށައެޅުމުންނެވެ. މިޞްރު ސަރުކާރުން މޫސާގެފާނު ހިފައި ހައްޔަރުކުރުމުގެ މަސައްކަތް ފެށުމުންނެވެ. އެ ހިސާބުން މޫސާގެފާނު ފިއްލެވިއެވެ. ރައްކައުތެރިކަމާއި ހުޝިޔާރުކަން މަތީގައި ހުންނަވައިގެން ޙަރަކާތްތެރިވެވަޑައިގަންނަވާން ފެށްޓެވިއެވެ.
މޫސާގެފާނަށް ކުރެއްވުނު ޢަމަލަކީ ރަނގަޅު ޢަމަލެއް ނޫންކަން އިޙްސާސްކުރެއްވުނެވެ. ވަގުތުން މާތްﷲއަށް ތައުބާވެވަޑައިގެން އިސްތިޣްފާރުކުރެއްވިއެވެ. މާތް ﷲ މި ވާހަކަ ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَٰذَا مِنْ عَمَلِ ٱلشَّيْطَٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ ﴿١٥﴾ قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ [1] - އަދި އެރަށުގެ أهل ވެރިން، غافل ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު موسىގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މި ކަންތައް މިވީ شيطانއާގެ عملގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطانއާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوةތެރިޔެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفسއަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.))
މާތްﷲ އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވިކަން އިޙްސާސްކުރެއްވުނު ހިނދު އެކަލޭގެފާނު މާތްﷲއަށް ކަށަވެތިވެވަޑައިގަތީ މުޖުރިމުންނާ އެކުގައި ނޫޅުއްވުމަށެވެ. އެއީ މާތް ﷲ އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކަށް ވަފާތެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އެކަލޭގެފާނު މާތްﷲއަށް ދެންނެވިއެވެ. ((قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ [2]- އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާޔަށް نعمة ދެއްވައިފައިވާތީ، ފަހެ، ދުވަހަކު ވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މި އަޅާ ނުވާހުށީމެވެ.))
މޫސާގެފާނުގެ މި ކަށަވެތިވެވަޑައިގަތުމަކީ މުޠުލަޤު ޢަހްދުކަށަވަރެކެވެ. މީގެ ފަހުން ދުވަހަކު ވެސް މުޖްރިމަކަށް އެހީތެރިވެވަޑައިނުގަންނަވާނެކަމަށް ވެވަޑައިގެންނެވި ކަށަވެތިވެވަޑައިގަތުމެކެވެ. ކުށްކުރާ މީހުންނަށް ވާގިވެރިވެވަޑައިނުގަންނަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދެކެވެ. މިއީ ހުރިހައި ބާވަތެއްގެ ޖަރީމާތަކަކުން ބަރީއަވެވަޑައިގަތުމެކެވެ. އަނިޔާވެރިކަމާއި ހައްދުފަހަނަޅައި ދިޔުމުގެ ހިތިކަމާ އެކުގައި ވެސް މެއެވެ. ރުޅީގެ ތެރޭގައި ވެސް މެއެވެ. މިއީ އެކަލޭގެފާނުގެ ދުޢާފުޅު މާތް ﷲ ޤަބޫލުފުޅުކުރެއްވީތީއެވެ. އެއީ އެކަލޭގެފާނަށް މާތް ﷲ ދެއްވި ބާރާއި ޢިލްމާއި ޙިކުމަތުގެ ނިޢުމަތަށް ވަފާތެރިވެވަޑައިގަތުމުގެ ގޮތުން ކަށަވެތިވެވަޑައިގަތް ކަށަވެތިވެވަޑައިގަތުމެކެވެ. މޫސާގެފާނުގެ ވާހަކަ އައްސަވާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ ﴿١٨﴾ فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسَۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ ﴿١٩﴾ وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّٰصِحِينَ ﴿٢٠﴾ فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ ﴿٢١﴾[3] - ފަހެ، އެކަލޭގެފާނު އެ ރަށުގައި ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظارކޮށްކޮށް ހުންނެވިއެވެ. ފަހެ، އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީ ދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާ ވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށް އެދި ގޮވައިލިއެވެ. موسى ގެފާނު އޭނާއަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ. (18) ފަހެ، އެ ދެ މީހުންގެ عداوةތެރިޔަކުކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވި ހިނދު، އެމީހާ ބުންޏެވެ. އޭ موسىގެފާނެވެ! ކަލޭގެފާނު އިއްޔެ މީހަކު މެރުއްވި ފަދައިން، ތިމަން ވެސް މެރުއްވުމަށް ގަސްދުކުރައްވަނީތޯއެވެ؟ ބިމުގައި جبّارއަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި إصلاحކުރާ މީހުންގެ ތެރެއިން ވެވަޑައިގަތުމަކަށް ވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. (19) އަދި އެ ރަށުގެ އެންމެ ދުރު ފަރާތުން މީހަކު ދުވަމުން އައިސް ދެންނެވިއެވެ. އޭ موسى ގެފާނެވެ. ހަމަކަށަވަރުން، ރަށުގެ ބޮޑުން ކަލޭގެފާނު قتلކުރުމަށް އެބަ ސައްލާކުރެތެވެ. ފަހެ، ކަލޭގެފާނު (މި ރަށުން) ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންވަނީ ކަލޭގެފާނަށް نصيحةތެރިވާ މީހުންގެ ތެރެއިންނެވެ. (20) ފަހެ، އެކަލޭގެފާނު ބިރުވެރި حالގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެ ރަށުން ނުކުމެވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!))
މޫސާގެފާނުގެ ޢަމަލުފުޅުތަކުން އެނގެނީ ސަނާކިޔައިގެން ވިޔަސް، އަތްތިލަބަޑިތަޅައިގެން ވިޔަސް، ބަހުން ވިޔަސް، ޢަމަލުން ވިޔަސް އަނިޔާވެރިކަމާއި އަނިޔާވެރިންނާ އެކުގައި ވުމަކީ އެ ކަމަށާއި އެ މީހުންނަށް ކުރެވޭ ތާއީދެކެވެ. އެއީ ބާޠިލު ފިކުރަކަށް ދެވޭ ހިތްވަރުދިނުމެކެވެ. ވަގުންނާއި އާންމު މުދާ ކާ މީހުން ވަންހަނާކުރުމާއި އެމީހުންގެ މި ނުބައި ޖަރީމާތައް ފޮރުވައި އެ ކަންކަމުގައި މަތިޖެހުމަކީ އަދި އާންމު މިނިވަންކަމުގެ ނަމުގައި ޖަރީމާތަކާއި ނުބައި ޢަމަލުތައް ހިންގުމަކީ ޝަރުޢު ވެސް ޢުރުފު ވެސް އަދި ޤާނޫނު ވެސް ހުއްދަކުރާ ކަންތައްތަކެއްނޫނެވެ.
ބާޠިލާއި އަނިޔާވެރިކަމާއި ޖަރީމާތަކުގެ ސަފުގައި ހުއްޓި ނުހުރުމަކީ ﷲގެ ނިޢުމަތަށް ޝުކުރުވެރިވުމެކެވެ. މި ކަންކަމަށް ތާއީދުކުރުމަކީ ﷲއަށް އުރެދުމެކެވެ. އެއީ ﷲގެ ނިޢުމަތަށް ހަރާންކޯރުވުމެކެވެ.
އަނިޔާވެރިކަން ދުރަށްލުމަށާއި ޢަދުލުއިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސީ މަގުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިސްލާމީ އަސްލު އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަނީ އެކަލާނގެ މަތިވެރި ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރައްވައިފައެވެ. އެއީ އެކަލާނގެ އެކަލާނގެ އަޅުންނަށް ޙަރާންކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( يا عبادي إنِّي حرَّمتُ الظُّلمَ على نَفسي وجعلتُهُ بينَكم محرَّمًا فلا تَظالموا [4]- އޭ ތިމަންރަސްކަލާނގެ އަޅުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކލާނގެ ތިމަންރަސްކަލާނގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރެއްވީމުއެވެ. އަދި އެ ކަން ތިޔަބައިމީހުންގެ މެދުގައި ޙަރާން ކަމެއްކަމުގައި ލެއްވެވީމުއެވެ. ފަހެ ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ!)) އަނިޔާވެރިކަމާ ދުރުހެލިވެވޭނެ ގޮތް ބަޔާންކޮށްދެއްވައި ލޮބުވެތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((انصُر أخاكَ ظالِمًا أو مَظلومًا. قيلَ: يا رَسولَ اللهِ، هذا أنصُرُه مَظلومًا، فكَيفَ أنصُرُه إذا كانَ ظالِمًا؟ قال: تَحجُزُه تَمنَعُه؛ فإنَّ ذلك نَصرُه[5] -ތިބާގެ އަޚާ ޒާލިމުގެ ޙާލުގައްޔާއި މަޒުލޫމުގެ ޙާލުގައި އޭނާއަށް ވާގިވެރިވެ ނަޞްރުދޭށެވެ! ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! މަޒުލޫމު ޙާލުގައި އޭނާއަށް ނަޞްރުދޭން އެނގެއެވެ. އެހެނަސް އޭނާ ޒާލިމުގެ ޙާލަތުގައި ވާ އިރު އޭނާއަށް ނަޞްރުދޭނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިބާ އޭނާގެ އަނިޔާވެރިކަމަށް ހުރަސްއަޅާށެވެ! ނުވަތަ އެ ކަން މަނާކުރާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށް ނަޞްރުދިނުމެވެ.))
މޫސާގެފާނުގެ ބަސްފުޅު ((رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ [6]- އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާޔަށް نعمة ދެއްވައިފައިވާތީ، ފަހެ، ދުވަހަކު ވެސް ކުށްވެރީންނަށް ވާގިވެރިވާ މީހެއްކަމުގައި މި އަޅާ ނުވާހުށީމެވެ.)) މިއީ ކޮންމެ މުއުމިނަކަށް އޮތް މެސެޖެކެވެ. ދުވަހަކު ވެސް ބާޠިލުގެ ނުވަތަ އަނިޔާވެރިކަމުގެ ނުވަތަ ޖަރީމަތައް ހިންގާ އެ ކަންކަމަށް ވާގިވެރިވާ ފޭލިގެތަކުގެ މީހަކަށް އެއްވެސް މުއުމިނަކު ނުވުމަށް ގޮވައިލައްވައި ދެއްވައިފައިވާ އަގު ބޮޑު ނަސޭހަތެކެވެ. ކުރީން ވެސް ބަޔާންކުރި ފަދައިން އެ ފަދަ މީހުންނަށް ސަނާކިޔުމާއި މަތިވެރިކުރުމާއި އެ މީހުންނަށް ވާގިވެރިވުމާއި އެ މީހުން ޙިމާޔަތްކުރުމަކީ އެމީހުންނަށް ވާގިވެރިވުމެކެވެ. އެ މީހުންނާ އެއްބައިވުމެކެވެ. އެ މީހުންނަށް ވެވޭ އެހީވުމެކެވެ. އެ މީހުން ގާތްތިމާގެ މީހުންކަމުގައި ވިޔަސް ރަޙުމަތްތެރީންކަމުގައިވިޔަސް އެ މީހުންނަށް އެހީގެ އަތްދިއްކޮށްލައިގެން ނުވާނެއެވެ. ޙައްޤުކަން ބޮޑީ ޙައްޤަށް ތަބާވުމެވެ.
ދެތިން ލަފުޒެއްގެ މާނަ:
ކަށަވެތިކަން ނއނ. (1) ޒިންމާދާރުކަމާއި ޝައުޤުވެރިކަމާ އެކު، ކަމެއް ކުރުމުގެ ސިފަ (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވަޢުދު. commitment
މަޒުލޫމު ނ. އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލި ދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން ނުވަތަ މަރުވުންކަމަށް ވެސް ވެދާނެއެވެ. Victim
މުޖުރިމު ނ. ބޮޑު ކުށްވެރިޔާ criminal
މަރުޖާ: