ad_banner
އީރާނާ އެކު ޞުލްޙަ ގާއިމުކުރުމެއް ނެތެވެ. - ޓުރަންޕު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 މާރިޗް 2026

އެމެރިކާއާއި އިޒްރޭލުން ބޭއިންސާފުން އީރާނަށް އަރައިގަނެ އެންމެ ނުރައްކާތެރި ހަތިޔާރުން ޙަމަލާދީ ޖަރީމާ ހިގަމުންދާ އިރު،  މި ޢުދުވާނަށް ނިމުންއައުމުގެ ކޮޅުމައްޗެއް އަދިއެއް ނުފެނެއެވެ. މި ޒަމާނުގެ ފިރުއައުނުކަމަށް ހެދިގެން އުޅޭ ޓުރަންޕަށްވިއްޔާ މި ހަނގުރާމަ ކުރާނީ އިތުރެވެ. ނަމަވެސް މިއީ އެމެރިކާގެ ބޭނުމަކަށް ހިންގާ ޢުދުވާނެއް ނޫނެވެ. މިއީ އިސްރާއީލު އެދިގެން އިސްރާއީލުގެ ބާރަށް ގޮންޖަހާނެ އެއްވެސް ބާރެއް ދުނިޔޭގައި އޮތަނުދިނުމަށް ޓަކައި ކުރާ ހަނގުރާމައެވެ. މި ޙަމަލާތަކުން އެމެރިކާއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ.

ނަމަވެސް އެމެރިކާގެ ޢުދުވާނު ގެންދަނީ ފުޅާކުރަމުންނެވެ. އެމެރިކާއާއި އިޒުރޭލުން، އީރާނުގެ ނަތާންޒްގައި ހުންނަ ނިޔުކުލިއަރު ފައްކާކުރާ މަރުކަޒު ވައިގެމަގުން ބުރާސްފަތިދުވަހު ވަނީ ރޭޑުކޮށްފައެވެ. މި ޙަމަލަ އެ މަރުކަޒަށް އަމާޒުވިކަން އީރާނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އީރާނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމެރިކާގެ މި ޙަމަލާގެ ސަބަބުން ރޭޑިއޯ އެކްޓިވް މާއްދާއެއް އެ ތަނުން ނީރުމުގެ (ލީކުވުމުގެ) އެއްވެސް ނުރައްކަލެއް ނެތެވެ. އަދި އެ މަރުކަޒާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަކަށް ވެސް މި ފަދަ ކެމިކަލެއްގެ ނުރައްކަލެއް ނެތެވެ.

އަނެއްކޮޅުން ޢިރާޤުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ އަސްކަރީ އެކުވެންޏަށް އީރާނުން ދިން ޙަމަލާއެއްގެ ސަބަބުން ވަރަށް ބޮޑަށް އެ މަރުކަޒުގައި ވަނީ އަލިފާންރޯވެފައެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހައްގުން ކަމަކާ ނުލައި ޢުދުވާނީ ޙަމަލާ ދޭން ފެށި ފަހުން އީރާނުން މި ފަދަ އެތައް ޙަމަލައެއް ތަކުރާރުކޮށް ވަނީ އަވައްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދީފައެވެ.

އަނެއްކޮޅުން ޓުރަންޕު ބުނަނީ އީރާނާ އެކު ހަނގުރާމަހުއްޓުމުގެ އެއްބަސްވުމަކަށް ދާކަށް އޭނާ ބޭނުމެއް ނުވާކަމަށެވެ. [ކަލޭމެންނަށް ވެސް އެނގޭނެ ކަލޭމެންނަށް އަދަބީ ގޮތުން ނުވަތަ ބަހުން އަނެއްކޮޅަށް އުނދަނގޫކޮށް ގެއްލުންކުރާ ބަޔަކާ އެކީ ސުލްޙައިގެ އެއްބަސްވުމަކަށް ނުދެވޭނެކަން.] ރިޕޯޓަރުންނާ ވާހަކަދައްކަމުން ޓުރަންޕު ބުނެފައިވެއެވެ. ޓުރަންޕުގެ މަސްމަގު މި ގޮތަށް ބަހައްޓަމުން ގެންދާ އިރު، އެތައް މިލިއަން މުސްލިމުންނެއް މެދުއިރުމަތީގައި ފިޠުރު ޢީދު ފާހަގަކުރަމުން ގެންދާ އިރު، އީރާނާއި ލުބުނާނަށް އެމެރިކާއާއި އިޒްރޭލުން ދެމުންގެންދާ ޙަމަލާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަނީއެވެ. ފިޠުރު ޢިދު ފާހަގަކުރަމުން ގެންދިޔުމުގެ އިތުރަށް އީރާނުން އެ މީހުންގެ ނައުރޫޒު ޢީދުގެ އާ އަހަރު ވެސް ފާހަގަކުރަމުން ގެންދަނީއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އެމެރިކާއާ ދެކޮޅަށް ވެސް ޚިޔާލުތައް އިތުރުވާން ފަށައިފައެވެ. ދުނިޔޭގެ އިންސާފާއި ތަވާޒުނު ހިފެހެއްޓުމުގެ ބޭނުމުގައި ސްވިޓްޒަލޭންޑުންވަނީ އެމެރިކާއަށް ހަތިޔާރު ވިއްކުން މި ދަނޑިވަޅުގައި މަޑުޖައްސައިލައިފައެވެ.

ފެންނަ ފެނުމުގައި މި ޢުދުވާނުގައި އެމެރިކާ ބޭނުންވާ މަގުސަދު ހާސިލުނުވުމުގެ ސަބަބުން އެމެރިކާވަނީ މާޔޫސްވެފައެވެ. އަދި މި ހަނގުރާމައިން ނުކުންނާނޭ ގޮތެއް ވެސް ޓުރަންޕަށް ވަނީ މިހާރު ނުވިސްނިފައެވެ. ނަމަވެސް އެ މީހުން ބަލިވީކަމަށް ބަލައި ހަނގުރާމަހުއްޓާކަށް ވެސް އެމެރިކާ ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން އީރާނުން ތިބީ ދެ އަހަރު ވިޔަސް މި ޢުދުވާނަށް ރައްދުދިނުމުގައި ދޫނުދޭން އަޒުމު ކަނޑައަޅައިގެންނެވެ. ވީމާ، މި ހަނގުރާމަ އަވަހަށް ނިމިދާނެކަމުގެ ކޮޅުމައްޗެއް އަދި ފެންނާކަށް ނެތެވެ.

ކޮމެންޓު