ad_banner
މަންޒިލް (1)

އަސްމާ އަބޫބަކުރު

22 މާރިޗް 2026

ޙަޔާތުގައި އެންމެ އުފާވެރި ދުވަހަކީ ދިރިއުޅުން ތިމާ އަމިއްލައަށް ބައްޓަން ކުރާ ދުވަހެވެ. އެދުވަސް ގެނައުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނެއެވެ. މީހަކު ބުނާގޮތަށް ހަދައިގެން ދިރިއުޅުމެއް ނޫޅެވޭނެއެވެ. ރަނގަޅު ހެޔޮލަފާ ދިރިއުޅުމަކަށް ދެމީހުންގެ ހިއްސާ ވެސް އެއްވަރުވާނެއެވެ. ޖަޒްލާގެ ދިރިއުޅުން ބައްޓަން ކުރުމުގައި ދެމީހުންގެ ހިއްސާ އެއްވަރެއް ނުވިއެވެ. ކޮންމެ ފަހަރަކު ވެސް ތިލަފަތުގެ އެއްކޮޅަށް ބަރުވެއެވެ.  

އެނދުމަތީ ލޯމަރާލައިގެން އަމިއްލަ ނަފްސާމެދު ވިސްނުމުގައި ޖަޒްލާއޮތެވެ. ޖަޒްލާ އަކީ ރީތި އެހާމެ ވިސްނުން ތޫނުކުއްޖެކެވެ. އެކަމަކު ޢުމުރުން ވިހިއަހަރުގައި ޖެހި ޙަޔާތުގެ ގޮށް މޮހެވޭމަންޒަރު ޖަޒްލާއަށް ފެންނަން ފަށައިފިއެވެ. ޖަޒްލާގެ މަޤްސަދަކީ ކިޔަވައިގެން ރީތިނަމާއެކު ގައުމަށް ޚިދުމަތް ކުރުމެވެ. އެކަމަކު އެ ހުވަފެން ޙަގީގަތަކަށް ހެދޭ ހިސާބާ ގާތަށް ވެސް ނުދެވުނެވެ. ކޮލެޖު ދުވަސްވަރު ކޮންމެ އަންހެންކުއްޖަކަށް ލިބެނީ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ފަރާތުން ރައްޓެހިވުމަށްލިބޭ ދަޢުވަތެކެވެ. އެއާއިދިކޮޅަށް ޖަޒްލާ އަށް ލިބުނީ ކައިވެނީގެ ދަޢުވަތެވެ.

އެދުވަހު ވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ދޮންމަންމަ އައިސް އެންގީ އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ކުދީން ކުޑައިރު މައިންބަފައިން ވަކިވުމަކީ އެކުދީންގެ މުސްތަގުބަލް ހަލާކު ކުރަން މައިންބަފައިން ޖަހާ މަޅިއެކެވެ. ޖަޒްލާގެ މައިންބަފައިން ވަކިވީ ޖަޒްލާގެ ކުށަކުން ނޫނެވެ. މައިންބަފައިން މެދުގައި ޖެހުނު މައްސަލަ ޙައްލަކާ ހަމައަށްނުގޮސް އެކަކު އަނެކަކު ކުށްވެރި ކުރަމުންނެވެ. އެންމެފަހުން ޖަޒްލާ ހުންނަން ޖެހުނީ ބައްޕަގެ ގާތުގައެވެ. ދޮންމަންމަގެ އޯގާވެރިކަމުގެ ވަކިތަކުގެ ދަށުގައެވެ.  

ދޮންމަންމަ ކުރާއަމުރަށް ޖަޒްލާ އަށް އޮތީ ކިޔަމަންވުމެވެ. އެކަމުގައި އަމިއްލަ ނަފުސް ދިފާޢުގައި އެއްޗެއް ބުނުމުގެ ޖާގައެއް އެ ދޮންމަންމަ ނުދިނެވެ. ބައްޕަ އަޑުއެހީ ދޮންމަންމަގެ ބަސްތަކެވެ. ޖަޒްލާގެ މައުސޫމް މޫނުމަތީގެ ކުލަވަރު ވެސް އެ ބައްޕައަށް ނުފެނުނެވެ. ދޮންމަންމަ ބޭނުންވީ ވީހާ އަވަހަށް ޖަޒްލާ އެގެއިން ނެރުމެވެ. އެކަން ނުލާހިކު ރީތި ގޮތަކަށް ނިމިގެން ހިނގައްޖެއެވެ.

އަދީލް، ޖަޒްލާގެ ކައިވެންޏަށް އެދުނީ ރައްޓެހީން ބުނި ދެރަބަހަކަށެވެ. އެކަމެއް ނުވާނޭ ބުނާކޮންމެ ކަމެއް ކުރުމަކީ އަދީލުގެ މޮޅުކަމެވެ. ޖަޒްލާ ކޮލެޖަށް ދާ މަގުމަތީ ތިބެފައި އަދީލް ގްރޫޕް ގެންދިޔައީ ބެޓް ކުރަމުންނެވެ.

"އެ މަންޖެ ސެޓެއް ނުވި އޯ ރައުޝާނަކަށް. އޭނާ ހުންނަނީ އެ މަންޖެ ފެންނައިރަށް މޮޔަވެފައި." އަޙްމަދު އަދީލަށް ބަލާލާފައި ބުންޏެވެ.

"އަހަރެންނަމަ އެއްފަހަރުން ސެޓް ކުރާނަން." އަދީލް އަޑަށް ބާރުލަމުން ބުންޏެވެ.

"އަދީލް. ކަލޭ ކޮންމެހެން ބައިސާކަނޑާނެ ކަމެއް ނެތް." ނާޒިމް އަދީލާ ދިމާއަށް ބުނެލީ އަދީލް ދެރަކޮށްލުމުގެ ގޮތުންނެވެ. އަދީލްގެ ޢާއިލާ އަކީ ތަނަވަސް ޢާއިލާއެކެވެ. ކޮންމެ ކަމަކަށް މައިންބަފައިންގެ ގާތުގައި އެދުނަސް އެކަމެއް ކޮށްދެއެވެ. ބޭނުން ވަރަކަށް ފައިސާދެއެވެ. ބައްޕަގެ ވިޔަފާރީގައި އަދީލްގެ ބައިވެރިވުން އޮންނާތީ އަދީލް ބުނިމަކެއް ބުނިގޮތަކަށް ނިމޭނެކަން އަދީލަށް ޔަގީނެވެ.  

ޖަޒްލާގެ ޢާއިލާ އަދީލަށް އެނގެއެވެ. ދޮންމަންމެ ނުފޫޒު އޮތްމިންވަރު ވެސް އަދީލަށް އެނގެއެވެ. ރައްޓެހީންގެ ބަސް އިއްވުމާއެކު އަދީލް ދިޔައީ ޖަޒްލާގެ ދޮންމަންމަގެ ރުހުން ހޯދާށެވެ. އެހިސާބުން ޖަޒްލާ އާއި އަދީލް ކައިވެނީގެ ކަންކަން ހަމަޖެހުނެވެ. އަވަސް އަރުވާލާފައި ކުރެވުނު ކައިވެންޏެއްކަމަކު ޖަޒްލާ ބޭނުންވީ ދިރިއުޅުން އެންމެ ރީތިގޮތުގައި ކުރިއަށް ގެންދާށެވެ. އަދީލްގެ މަންމަ އާއި ބައްޕަގެއިތުރުން އަންހެން ކޮއްކޮއެއް ހުރެއެވެ. ވަރަށް ހަމަޖެހޭ ޢާއިލާއެކެވެ. ޖަޒްލާ އަށް ހިތްހަމަޖެހުން ލިބެންފެށިއެވެ. ދޮންމަންމަގެ ހަރުކަށި ބަސްތަކުން ސަލާމަތް ވެވުނީތީ ޖަޒްލާ އުފާވިއެވެ. އެހެންނަމަވެސް އަދީލްގެ ގޮތެއްޖަޒްލާ އަކަށް ނޭނގެއެވެ.

ޅަޢުމުރުގައި ޒިންމާ ނަގަން ޖެހިފައިވުމަކީ ޖަޒްލާއަށް އުނދަގޫ ކަމަކަށް ވީ ނަމަވެސް ކަންކަން ދަސްކުރުމުގައި އަދީލްގެ މަންމަގެ އެހީތެރިކަން ލިބެއެވެ. އަދީލްގެ އަންނައުނު ދޮވެ އިސްތިރި ކުރުމަކީ ވެސް ކުޑަކަމެއް ނޫނެވެ. ހެދުން އެޅުމުގައި އަދީލަކީ ވަކިގޮތަކަށް އުޅޭ މީހެކެވެ. ކޮންމެ ވަގުތަކު ބޭނުންވާ ކެއުން ތައްޔާރަށް ހުރުމާއި އަންނައުނު އަލަމާރީގައި ތައްޔާރުކޮށްފައި ބަހައްޓަން ޖެހުމުން ޖަޒްލާ އަށް ބުރަކަމަކަށްވިއެވެ. އެކަމަކު އެކަންކަން ދަސްކުރަށް ޖަޒްލާ ކެތްތެރިކަމާއެކު މަސައްކަތްކުރިއެވެ.

ކޮލެޖަށް ދާން ތައްޔާރުވެގެން ޖަޒްލާ ނިކުންނަން އުޅެނިކޮށް އަދީލް އަލަމާރި ހުޅުވަމުން ޖަޒްލާ އަށް ގޮވިއެވެ.

"މިއަދު ލާން ބޭނުމީ ކާކީކުލައިގެ ގަމީސް. އެ ގަމީސް އިސްތިރިކުރޭ އަވަހަށް." އެވަގުތު ގޭގައި މަޑުކޮށްފިނަމަ ޖަޒްލާ ގަޑިޖެހޭނެއެވެ.

"ކޮލެޖަށް ދާ ގަޑި ކައިރިވެއްޖެ. އަލަމާރީގައި އިސްތިރިކޮށްފަ ތި ހުރިހާ ގަމީހުން މިއަދު ގަމީހެއް ލާބަލަ" ޖަޒްލާ އެހެން ބުނުމުން އަދީލް ހިތްހަމަ ނުޖެހުނެވެ.

"އަހަރެން ބޭނުންވާ އެއްޗެއް އަހަރެންލާނީ. ކޮލެޖަށް ދިއުމަށްވުރެ ފިރިމީހާގެ ކަންކަން ކޮށްދިނުން އެންމެ އިސްވާނީ" ޖަޒްލާ އާއިދިމާއަށް އަދީލް ނުރުހިފައި ބުންޏެވެ. ޖަޒްލާ އަށް ޖެހުނީ އިސްތިރިކުރަން ހުންނާށެވެ. އަދީލް ބޭނުންގޮތަކަށް ނޫނީ ކަމެއް ނުވާނެއެވެ. އަދީލްގެކަންތައް ހުންނަ ގޮތުން ކޮލެޖަށް ދިއުމަށް ހުރަސް އެޅެން ފެށިއެވެ.

"ހަލޯ" ޒައިނާގެ ކޯލެއް އައުމުން ޖަޒްލާ ފޯނު ނެގިއެވެ.

"ޖަޒްލާ މިއަދު ވެސް ކޮލެޖަށް ނާންނަ ދުވަހެއްތަ؟" ޒައިނާ ކަންބޮޑުވެފައި އަހައިލިއެވެ.

"އާނ. ކޮލެޖަށް ދާ ގަޑި ޖެހޭއިރުކޮންމެ ވެސް ކަމެއް ކުރަން އެބަޖެހޭ، އެހެންވެ ނުދެވެނީ." ޖަޒްލާ ފޯން ކުރުކޮށްލިއެވެ. 

ޖަޒްލާ ކޮލެޖަށް ދާ ގަޑީގައި ނުފޮނުވަން ވެގެން އަދީލް ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ކަމެއް އެގަޑީގައި ކުރަން ޖައްސައެވެ. އަދީލްގެ މަޤްޞަދެއް ޖަޒްލާ އަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އަދީލް ޖަޒްލާ އަކަށް އަޅައިނުލާ ކަމެވެ. އަދި އަދީލް ހިތުގައި ޖަޒްލާ އަކަށް މަގާމެއް ވެސް ނެތްކަމެވެ. ކޮންމެ ރެއަކު ރީތިވެގެން ގެއިން ނިކުމެގެން ގޮސް ގެއަށް އަންނަނީ އެހާލަހުންނެވެ. ޖަޒްލާ އެއްޗެއް އެހިއަސް އަދީލް ނުބުނެއެވެ.

"ދިރިއުޅުމެއް އުޅޭ ހިތް ނުވާއިރު ކީއްކުރަން ކުރި ކައިވެންޏެއް." އެއްދުވަހު ޖަޒްލާ އަދީލާ ދިމާއަށް ބުންޏެވެ.

"ރައްޓެހިންގެ ދެރަބަހަކަށް." އަދީލް ރީތިވާން ލޯގަނޑު ކައިރީ ހުރެ ބުންޏެވެ.

ކައިވެންޏަކީ ކުޅޭ ކުޅޭ ކުޅިވަރެއް ހެއްޔެވެ؟ ރައްޓެހީން ބުނެގެން އެކަން ކޮށްފައި އަދީލް އުޅޭނެ ގޮތަކަށް އުޅެންވީއެވެ. ޖަޒްލާ އަކީ ގޭގައި އުޅޭ ގެންގުޅޭ ނޯކަރެކޭ އެއްގޮތެވެ. އެ ގޮތުގައި ޖަޒްލާ އުޅެމުން ގެންދިޔައެވެ. އަދީލް ބޭރަށް ދާއިރު ޖަޒްލާ އެއްވެސް ތާކަށްނުގެންދެއެވެ. ދެތިން މަސްވީއިރު ޖަޒްލާ އަށް ހެދުމެއް ވެސް ގަނެދީފައި ނުވެއެވެ. ޖަޒްލާ ވަޒީފާ އަކަށް ދާކަށް އަދީލް ގަބޫލެއް ނޫނެވެ. ކޮލެޖަށް ދާކަށް ގަބޫލެއް ނޫނެވެ.  އަދީލްގެ މަންމައަށް އެކަން ފާހަގަވެގެން ޖަޒްލާގޮވައިގެން ބައެއްފަހަރު ބޭރުން ކެއުމަށް ދިއުމާއި ވިޔަފާރިކޮށްލަން ގެންދަން ވާނެކަމަށް ބުނުމުން އެއްރޭ ބޭރަށް ދާން ތައްޔާރުވާން އަދީލް ބުންޏެވެ. އަދީލް ޖަޒްލާ ގޮވައިގެން ދިޔައީ ގޭކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. އެތަނުގައި ކާންތިބިއިރު ޖަޒްލާއާ ދިމާއަށް އަންހެން ކުއްޖަކު މާވަރަކަށް ބަލާކަން ފާހަގަކުރެވުނެވެ. ޖަޒްލާ ވެސް އެކުއްޖަކު ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ. އެރޭ ގެއަށް އައިސް އަދީލް ޖަޒްލާ ގެއަށް ލާފައި އެބައަންނަމޭ ބުނެފައި ބޭރަށް ހިނގައްޖެއެވެ.

އަދީލް ހައިމާގެ ގެއަށްދިޔައިރު ހައިމާ ގެއަކު ނެތެވެ. އަދީލް ގުޅާއިރަށް ފޯނު ކަނޑާލައެވެ. އަދީލް އެގެއިން ނިކުންނަނިކޮށް ހައިމާ އައިސް ގެއަށް ވަނެވެ. އަދީލް އަށް ހައިމާގެ މޫނު ފެނުމުން ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން ދެނެގަތެވެ. ހައިމާ ރުޅި އަތުވެއްޖެނަމަ އަދީލް ގެންދާނީ ސައިކަލް ބުރެއްޖަހާށެވެ. އެއްވެސް ބަޔަކު ނޫޅޭހިސާބަށް ގޮސް ސައިކަލް މަޑުކޮށްލީ އާދައިގެ މަތީން ހައިމާގެ ރުޅިގަނޑު ފިނިކުރާށެވެ.

"މިހާރު ޖަޒްލާ ގޮވައިގެން ތަންތަނަށް ވެސް ދާން ފެށީތަ؟.މާގިނަ ދުވަހެއް ނުވެ ވަކިވާނަމޭ ބުނެ އެކަމެއް ވެސް ނުވިއެއްނު؟" އަދީލަށްވީގޮތް އެނގުނީ ދެނެވެ.

"ހައިމާ. އެއީ މަންމަ ކިޔާވަރުން ކުރިކަމެކޭ. ހައިމާ އަށް އެނގޭނެ އަހަރެން ލޯބިވަނީ ހައިމާ ދެކެކަން." އަދީލް ހައިމާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެން ބޭނުމެއް ނޫން އަދީލް އޭނަޔާ އެކު ފެންނާކަށް. އަހަރެންގެ ހިތަށް ތަދުވެޔޭ އަދީލް އެހެންމީހަކާއެކު ފެނުނީމާ" ހައިމާ ރުޅިއައިސްގެން އަދީލާ ދިމާއަށް ހަޅެއްލަވަމުން ދިޔައެވެ.

"އަދީލް މަސައްކަތްކުރަނީ ތި އަހަރެން މޮޔަ ހައްދަން. އަހަންނާ މެރީކުރާކަށް އަދީލެއް ނޫޅޭ" ހައިމާ އަދީލަށް ފުރަގަސްދީފައި ބުންޏެވެ.

"މާދަމާ ރަންކިޔަން ތިގެއަށް ފޮނުވާނަން. އަދި ވީ އެންމެ އަވަހަކަށް ކޯޓަށް ފޯމް ލާނަން."

"މަށެއްނޫޅެން ދެއަންތބަށް އިންނާކަށް. ފުރަތަމަ އޭނާ ވަރިކުރޭ" ހައިމާ އޭރު ހުރީ އަދީލްގެ ގިރުވާނުގައި ހިފާފައެވެ. ހައިމާ ދެކެ އަދީލް ވަރަށްލޯބިވއެވެ. އެކަމަކު ހައިމާ އުޅޭގޮތް އަދީލަށް ކަމަކު ނުދެއެވެ. އަދީލްގެ ގަޔަށް ބޮލަށް އަރާ އަންހެނަކު ކަމަކު ނުދެއެވެ. އަދީލް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. (ނުނިމޭ)

ކޮމެންޓު