ad_banner
އީރާނުގެ ކަރުގައި ހިފާ އިރު، އީރާނު ވެސް މަޑަކުންނެއް ނޯންނާނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

21 މާރިޗް 2026

އީރާނުގެ ވެރިކަން ބަދަލުކުރާން ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ އަޚުލާގާ ޚިލާފަށް އެމެރިކާގެ ފުރިހަމަ ބައިވެރިވުމާ އެކު އިސްރާއީލުން އީރާނަށް ދިން ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، ކުރީން އެމެރިކާއިން ލާފާކުރި ގޮތަށް ޚިލާފަށް އީރާނުން ރައްދު ޙަމަލާތައްދިނެވެ. ސީދާ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށެވެ. އެ ތަންތަނަށް ވަރަށް ބޮޑެތި ގެއްލުންތައް ވެސް ދީފިއެވެ. އިޒްރޭލަށް ލިބޭ ގެއްލުންތައް އެ މީހުން ވަރަށް ބޮޑަށް ސިއްރުކުރާން މަސައްކަތްކުރެއެވެ. ސަބަބަކީ އެ ފަދަ ޚަބަރުތައް އާންމުވުމަކީ އިސްރާއީލުގެ ދެމިއޮތުމަށް އޮތް ނުރައްކަލަކަށްވާތީއެވެ. އެހެނީ ދުނިޔޭގެ އެތަންމިތަނުން މީހުން ގެނެސްގެން ފަލަސްތީނުގެ ބިމުގައި އެ މީހުން ދައުލަތެއް އުފައްދައިގެން އުޅެނީ އެއީ ކަލާނގެ އެ މީހުންނަށް ވަޢުދުކުރެއްވި ބިމެކޭ ކިޔައިގެން ދޮގު ބުހުތާނުތައް ހަދައިގެންނެވެ. އަދި އިސްރާއީލަށް ގެއްލުމެއް ދެވޭނެ އެއްވެސް ބާރެއް މި ދުނިޔޭގައި ނުވާނެކަމުގެ ދަޢުވާކުރަމުންނެވެ. އަދި އެ މީހުންނަކީ ފަންނިއްޔާތާއި ދިފާޢީ ނިޒާމު އެންމެ ކުރިއަރައިފައިވާ ގައުމުކަމަށް އެ ބިމަށް ގެނެސް ވަޒަންވެރިކުރުވި ޔަހޫދީންނަށް ވިސްނައިދީގެންނެވެ.

މި ދަޢުވާތައް މިހެން އޮއްވައި އީރާނު ފަދަ، ދުނިޔޭން އެކަހެރިކޮށްފައިވާ ދައުލަތަކުން އިސްރާއީލަށް ހަތިޔާރުން ގެއްލުންދޭކަން އިސްރާއީލުގެ ރައްޔިތުންނަށް އެނގުމަކީ އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ. މި އިތުބާރު ގެއްލިއްޖެ ނަމަ، އެ ތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ގެނެސް ވަޒަންވެރިކުރުވައިފައި ތިބި ގިނަ ބަޔަކު އެ ތަން ދޫކޮށް ދިޔުމުގެ ބިރު އޮންނާނެތީއެވެ. ނަމަވެސް، އިޒްރޭލަށް ލިބޭ ގެއްލުންތައް ހާމަކުރުމަކީ ޖިނާއީކުށަކަށް ހަދައި މީހުންނަށް އަދަބުދެމުން ގެންދިޔަސް ކޮންމެވެސް ވަރަކަށް އެ ކަން އެބަ ހާމަވެއެވެ.

އީރާނުން ހަމައެކަނި އިޒްރޭލަށް ޙަމަލާދެނީކީ ނޫނެވެ. މެދުއިރުމަތީގެ ތެޔޮ ބޭރުކުރާ އެންމެ މުހިންމު ކަނޑުއޮޅި ވެސް އީރާނުންވަނީ ބަންދުކޮށްފައެވެ. އެއީ ޙުރުމޫޒް ކަނޑުއޮޅިއެވެ. އަދި މި ކަނޑުއޮޅި ހުރަސްކުރާން މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް ޙަމަލަދޭނެކަން އީރާނުންވަނީ އިޢުލާނުކޮށްފައެވެ. ފަހުން ވަނީ ޗައިނާގެ ޔުއާން އިން ފައިސާ ދައްކާ ކޮންމެ އުޅަނދަކަށް އެ ކަނޑުއޮޅީން ދަތުރުކުރެވޭނެކަން އީރާނުން ވަނީ އަންގައިފައެވެ. އެއީ އިޒްރޭލާއި އެމެރިކާގެ އުޅނދުތައް ފިޔަވައެވެ.

އީރާނުން މި އެޅި ފިޔަވަޅަކީ އެމެރިކާއަށް، އެ މީހުންގެ ބާރާއި ޖާހަށް، އުނިކަން އަންނާނެ ކަމެއްކަމަށްވާތީ، މި ކަން އީރާނުން ކުރިޔަނުދޭން، އެމެރިކާގެ އަސްކަރީ ބާރާ އެކު، އެ ސަރަހައްދުން ބޯޓުފަހަށް ދަތުރުކުރެވޭނެކަން އެމެރިކާއިން އެންގިއެވެ. ނަމަވެސް އެމެރިކާއަކަށް އެ ސަރަހައްދާ ކައިރިވާކަށް ނުކެރުނެވެ. އެހެންކަމުން ދުނިޔޭގެ ހުރިހައި ގައުމުތަކަކަށް އެމެރިކާއިން ގޮވައިލައިފައިވަނީ ބާރުގެ ބޭނުންކޮށްގެން ހުރުމޫޒު ކަނޑުއޮޅި ހުޅުވައިލުމުގައި ދުނިޔޭގެ ގައުމުތަކުން އެހީތެރިވުމަށެވެ.

އެމެރިކާގެ މި ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުން ބައިނަލްއަގުވާނީ ހަ ބާރަކުން ވަނީ އެ ކަނޑުއޮޅީން އަމާންކަމާ އެކު ބޯޓުފަހަރު ވަދެ ނުކުމެވުމުގައި އެހީތެރިވެދޭން ތައްޔާރަށް ތިބިކަން އަންގައިފައެވެ. ނަމަވެސް ދެ ގައުމަކުން ބުނެފައިވަނީ މި ފަދަ އިސްނެގުމަކަށް ޢަމަލުކުރެވެނީ ހަނގުރާމަ ހުއްޓުމަށް ފަހުކަމަށެވެ.

އިނގިރޭސިވިލާތާއި ފަރަނަސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ޖަޕާނުން ބުރާސްފަތިދުވަހު ބުނެފައިވަނީ [ހުރުމޫޒު ކަނޑުއޮޅީން އަމާންކަމާ އެކު ދަތުރުކުރުން ކަށަވަރުކުރުމަށް ޓަކައި އެކަށީގެންވާ އެއްބާރުލުން ދޭން ތައްޔާރަށް] ތިބިކަން އަންގައިފައެވެ. އަދި މި ފަދަ ކަމެއްގައި ބައިވެރިވާން ރާވާން ތައްޔާރަށް ތިބި ގައުމުތަކަށް މަރުޙަބާ ވެސް ވަނީ ކިޔައިފައެވެ. އަދި ދާދި ފަހުން އެ ކަނޑުއޮޅިން އީރާނުގެ އެންގުމަށް ނުބަލައި ދަތުރުކުރި ހަތިޔާރު ނެތް ވިޔަފާރި އުޅަނދަކަށް އީރާނުން ޙަމަލާދިންދިނުން އެ ގައުމުތަކުން ހަރުކަށި ޢިބާރާތުން ކޮށްވެރިވެސް ކޮށްފައިވެއެވެ.

ނަމަވެސް ބުރާސްފަތިދުވަހުގެ ފަހުގެ ވަގުތެއްގައި އިޓަލީވިލާތާއި ޖަރުމަނުވިލާތުން ބުނެފައިވަނީ އެ މީހުން އެއްބަސްވެފައިވާނީ އަސްކަރީ އެހީތެރިކަމެއް މިހާރުން މިހާރަށް ދޭކަށެއްނޫނެވެ. ނަމަވެސް އެ މީހުން އެއްބަސްވީ، ހަނގުރާމަ ހުއްޓުމަށް ފަހު، ބޭނުންވެދާނެ ހުރިހައި ގައުމަކަށް ވެސް މަންފާކުރާނޭ އެ ފަދަ އެހީތެރިކަމަކަށް އިސްނަގާން ތައްޔާރަށް އޮންނާނެކަމަށެވެ.

މި އެއްބަސްވުން އައިސްފައިމިވަނީ އީރާނުން މި ކަނޑުއޮޅި ބަނދުކުރުމުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރި ދަތުރުތައް ވާގިނެތިފައިވާ ވަގުތެއްގައެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލާއި ގޭހުގެ 20 އިންސައްތަ ވިލާތަށާއި އޭޝިއާއަށް ބޭރުކުރާ މުހިންމު ދޮރޯއްޓެވެ.

އީރާނަކީ މުޅި ތާރީޚުގައި ވެސް ދުވަހަކު ވެސް އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރި ބަޔެއް ނޫނެވެ. ނަމަވެސް ހުސްވި ފެބުރުވަރީ މަހު 28ވަނަ ދުވަހު އީރާނުގެ ވެރިކަން ބަދަލުކުރާށޭ ކިޔައިގެން އީރާނަށް ޙަމަލާދިނުމާ ގުޅިގެން އީރާނުން ވަނީ ރައްދުގައި އިޒްރޭލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދައަށް ޙަމަލަދީ އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއްދީފައެވެ.

ދާދި ފަހުން އީރާނުގެ ތެޔޮކާރުޚާނާތަކަށް އިސްރާއީލުން ދިން ޙަމަލާގެ ރައްދުގައި އީރާނުންވަނީ ޤަޠަރާއި ސުޢޫދީ ޢަރަބިއްޔާގެ ތެލުގެ މަރުކަޒުތަކަށް ޙަމަލާދީފައެވެ.

އީރާނުގެ މި ރައްދު ޙަމަލާއާ ގުޅިގެން ޤަޠަރަށް ގެއްލުންތަކެއް ލިބުމާ ގުޅިގެން ޤަޠަރުން ބުނެފައިވަނީ މުސްލިމުންނަކީ އަވަށްޓެރީންނަށް ޙަމަލާދޭނެ ބަޔެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ޤަޠަރާއި ސުޢޫދީ ޢަރަބިއްޔާގެ ބިމުން އީރާނަށް (އަވައްޓެރީންނަށް) ޙަމަލާދޭން އެމެރިކާއަށް ހުއްދަދިނުމަކީ، މުސްލިމުން ކުރާނެ ކަމެއް ނޫންކަން ގަބޫލުކުރާކަށް ޤަޠަރުން ބޭނުމެއް ނުވިއެވެ.

ފަހުން އެމެރިކާއިން ވަނީ، އީރާނުގެ ތެޔޮވަޅުތަކަށް ޙަމަލާދިނުމުގައި އެ މީހުން ބައިވެރިނުވާކަމަށާއި އެއީ އިޒްރޭލުން ބަސްނާހައި ދިން ޙަމަލައެއްކަމަށް ބުނެ ދޮގުވެސް ހަދައިފައެވެ.  ނަމަވެސް އެމެރިކާގެ ރުހުންނެތި އިސްރާއީލުން އެ ފަދަ ކަމެއް ނުކުރާނެކަން އެންމެންނަށް ވެސް އެނގޭނެއެވެ.

އީރާނުން އެންމެ ފަހުން ބުނެފައިވަނީ އީރާނުގެ ތެލުގެ ސިނާޢަތަށް ދެން އިތުރު ޙަމަލާއެއް ދީފި ނަމަ، މޫނަކަށްތޫނަކަށް ނުބަލައި މުޅި މެދުއިރުމަތީގެ ހުރިހައި ގައުމެއްގެ ސިނާޢަތަށް ޙަމަލަދީ ހަލާކުކޮށްލާނެކަމަށެވެ. އެހެނީ އެމެރިކާއިން އީރާނަށް އެއްވެސް ޙަމަލާއެއް ދެވޭނީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައި ހުރި މަރުކަޒުތައް މެދުވެރިކޮށްގެންނެވެ. އީރާނަށް ޙަމަލާދޭން މެދުއިރުމައްޗަށް ޖަމާކުރި ހަނގުރާމަމަތީ މަނަވަރުތައް ވެސް މިހާރު ވަނީ އީރާނަ ދުރަށް ޖައްސައި މެދުއިރުމަތީގެ އެކި ގައުމުތަކުގެ ކައިރި ހިސާބުތަކަށް ގެންގޮސްފައެވެ.

އީރާނުގެ ވެރިކަން ބަދަލުކުރުމަށް ޓަކައި އެމެރިކާއިން މިހައިތަނަށް ބޭނުންކުރި ހުރިހައި އިސްތިރާޖެއް މިހާރު ވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން، އެ މީހުންގެ މިހާރުގެ އަމާޒަކީ ތެލާއި ގޭހުގެ މަރުކަޒުތައް ހަލާކުކޮށް އީރާނު ކަނު އަނދިރީގެ ތެރެއަށް ފޮނުވައިލާށެވެ. އޭރުން ރައްޔިތުންނަށް ދިރިއުޅޭން އުނދަގޫވެގެން މަގުތަކަށް ނުކުމެ، ވެރިކަން ވައްޓައިލާނެކަމަށެވެ. ނަމަވެސް މި ފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އީރާނުން މުޅި އެ ސަރަހައްދު އަލިފާނަށް ހަދައިލާނެއެވެ.

ހަގީގަތަކުގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ޙަމަލާދިނީ މެދުއިރުމަތީގެ ނަގައިކިޔާ އެ ބުނާ [ސުންނީ] މުސްލިމު ގައުމުތަކާ މަޝްވަރާކުރުމަށް ފަހު އެ މީހުންގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންވީމާ، އަވައްޓެރީންނެއްކަމަކު އީރާނުގެ ކަރުގައި ހިފާ އިރު، އީރާނު ވެސް މަޑަކުންނެއް ނޯންނާނެއެވެ.

ކޮމެންޓު