އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
20 މާރިޗް 2026
ޢީދު މުބާރަކު!
އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ޢީދާ މެދު ބަލާ އިރު އަޅުގަނޑުމެންނަށް ފެންނަނީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިސްލާމްދީނުގައި ހިމެނޭ ދެ ޢީދު، މަތިވެރި ދެ ކިޔަމަންގަތުމަކާ ގުޅުއްވައިފައިވާ ތަނެވެ. ޢީދުލްފިޠުރި ގުޅިފައިވަނީ ރަމަޟާންމަހުގެ ފަރުޟު ރޯދަހިފުމާއެވެ. އަޟްޙާ ޢީދު ގުޅިފައިވަނީ ޙައްޖުގެ މަނާސިކުތަކާއެވެ. ކީއްވެގެންތޯއެވެ؟ އެއީ ދަސްކުރުމަށް ޓަކައެވެ. އުފަލާއި ބާއްޖަވެރިކަން އޮންނާނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ގޮތަށް އެކަލާނގެ އަމުރުކުރައްވައިފައިވާ އަޅުކަމެއް އަދާކުރެވުމުންނެވެ.
މުއުމިނު އަޅާ ފިޠުރު ޢީދު ދުވަހު އުފާވަނީ ރޯދަހިފުން ނިމުނީމައެއްނޫނެވެ. ހައިހޫނުކަމުގައި ހުންނަންޖެހޭ ވަގުތުތައް ނިމުނީމައެއް ނޫނެވެ. އެހެނަސް އޭނާ އުފާކުރަނީ މާތް ﷲ އޭނާއަށް ހިފާން އަމުރުކުރެއްވި ރަމަޟާންމަހުގެ ފަރުޟު ރޯދަ ﷲގެ ވަޖުހުފުޅު އަދައިގެން ހިފުމުގައި ﷲގެ ތައުފީޤު ލިބުނީތީއެވެ.
މުސްލިމުންގެ ޢީދުތަކަކީ މުސްލިމުން އީޖާދުކޮށްގެން ފާހަގަކުރާ މުނާސަބަތުތަކެއް ނޫނެވެ. އެއީ ރައްބާނީ ޢީދުތަކެކެވެ. މި ޢީދުތައް މި ދުވަސްތަކުގައި ފާހަގަކުރުމަށް އެންގެވީ މާތް ﷲއެވެ. މި ޢީދުތަކުގައި އުފާފާޅުކުރުމުގައި އުޑުތަކުގެ އަހުލުވެރީން ވެސް ބައިވެރިވެތެވެ. ރަމަޟާންމަހުގެ ރޯދައާއި ޤިޔާމު ފުރިހަމަކުރި ﷲގެ އަޅުތަކުންނާ މެދު ﷲތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާނެތެވެ. އަދި އެކަލާނގެ މަލާއިކަތުން ހެކިކުރައްވައި އެ މީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.
ޢީދުގެ މާތްކަމުގެ ތެރޭގައި ޢީދުތައް ތަކުބީރާއި ނަމާދުން ފާހަގަކުރާން ފެށުން ވެއެވެ. ޝައިޠާނާ ބަލިކުރެވުނީތީއެވެ. ހަވާނަފުސުގެ މައްޗަށް ގަދަވެގަނެވުނީތީއެވެ.
މި ޢީދުތަކުގައި ﷲ ތަޢާލާ ހަނދުމަކުރުމާއި އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުކުރުމާއި ރިވެތި ގޮތުގައި އަޅުކަންކުރުމުގައި އެކަލާނގެ އެ މީހުންނަށް ދެއްވި މަދަދާއި ވާގިވެރިކަން ހަނދުމަކުރުން ވެއެވެ.
ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ނިޢުމަތަށް ޝުކުރުކުރުމުގެ ތެރޭގައި ޢީދުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުންނާއި ރަޙުމަތްތެރީންނާއި ގާތްތިމާގެ މީހުން ބައިވެރިކުރުންވެއެވެ. މާތްﷲ އަންގަވައިފައިވާ ގޮތަށް އެ ދުވަސްތަކުގައި ޒީނަތްތެރިވުމާއި އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި ތަހުނިޔާ ބަދަލުކުރުން ވެއެވެ.
ބަރަކާތްތެރި ފިޠުރުޢީދުގެ ފަލްސަފާއިން ފެންނަނީ އެއީ ރަމަޟާންމަހުގައި ފަރުޟު ރޯދަހިފުމުގައި ތައުފީޤުދެއްވި މީހުންނަށް ލިބިގެންވާ އުފަލެއްކަމެވެ. އެއީ ޠާޢަތުގެ މަތީގައި ދެމިހުރުމަށާއި ހެޔޮ ޢަމަލުތަކުގެ ރޭހުގައި ވާދަކުރުމަށް ޓަކައި އަލުން ނުކުންނަ ނުކުތުމެކެވެ.
ގިނަ ބަޔަކަށް ކުށް ގޮތަކުން ހީވެފައި އޮންނަ ގޮތުގައި ޢީދަކީ ކުޅިވަރު ކުޅުމާއި މަޖާކުރުމެވެ. އެހެނަސް އިސްލާމީ މަފުހޫމުގައި ޢީދަކީ އަޅުކަމުގެ ދުވަހެކެވެ. ޞާލިޙު ޢަމަލުތަކުގެ މިޙުރާބުގޭ ތެރެއިން ފެށޭ ކަމެކެވެ. ޢީދު ދުވަހަކީ ރަމަޟާން މަހުގައި އެ މީހާ ކުޅަ ޞާލިޙު ޢަމަލުތައް ޤަބޫލުކުރެއްވުނު މީހާއަށް އުފާވެރި ދުވަހެކެވެ. އެ ޢަމަލުތައް ޤަބޫލުނުކުރެއްވުނު މީހާއަށް ހިތާމަހުރި ދުވަހެކެވެ.
މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ޢީދު ދުވަހު ހިކި ރޮށިކޮޅެއް ފަރިއްކުޅުއްވާން އިންނަވަނިކޮށް ބަޔަކުމީހުންނަށް ފެނިގެން ދެންނެވިއެވެ. ((އޭ އަމީރުލްމުއުމިނީނޭވެ! ޢީދުދުވަހުގައި ހިކި ރޮށިކޮޅެއްތޯއެވެ؟ އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. މިއަދު ޢީދު ލިބިގެންވަނީ ކޮން ބަޔަކަށް ކަން އެނގޭހެއްޔެވެ؟ އެއަށްފަހު ވިދާޅުވިއެވެ. މިއަދުގެ ޢީދަކީ އިއްޔެގެ ރޯދައާއި ޤިޔާމު ޤަބޫލުކުރެވުނު މީހުންގެ ޢީދެކެވެ. އޭނާގެ ޢަމަލާއި އޭނާގެ ޝުކުރާއި އޭނާގެ ހެޔޮޢަމަލުތައް ޤަބޫލުކުރެވުނު މީހާގެ ޢީދެކެވެ. އޭނާއަށް ފާފަ ފުއްސަވައިދެއްވުނު މީހާގެ ޢީދެކެވެ. މިއަދަކީ އަހުރެމެންނަށް ޢީދެކެވެ. މާދަމާއަކީ ވެސް ޢީދެކެވެ. ﷲ ތަޢާލާއަށް ނުއުރެދޭ ކޮންމެ ދުވަހަކީ އީދުދުވަހެކެވެ.)) ))[1]
ޢީދުގެ މާނައަށް ވިސްނައިލުން
ޢީދު މި ލަފުޒު އައިސްފައިވަނީ عود އިންނެވެ. އެއީ ރުޖޫޢަވުމެވެ. އެނބުރި އައުމެވެ.[2] ޢީދުދުވަހަކީ މަތިވެރި ހަދާނެއް އައުކުރާ ދުވަހެކެވެ. ޢީދު ދުވަހަކީ އެއްވުމެއް ބޭއްވޭ ކޮންމެ ދުވަހެކެވެ. އުފާވެރިކަމެއް އޮންނަ ކޮންމެ ދުވަހަކީ ޢީދު ދުވަހެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا [3]- مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيدއެއް ކަމުގައި ވުމަށެވެ.))
ޢީދުދުވަސް ފާހަގަކުރުން
ޢީދުދުވަހަކީ އާދައިގެ ދުވަހެއްނޫނެވެ. އެއީ ޚާއްޞަ ދުވަހެކެވެ. އެއީ މާތް ﷲ މުސްލިމުންނަށް އިޙުޔާކޮށް ފާހަގަކުރުމަށް ދެއްވި ޚާއްޞަ ދުވަހެކެވެ. މި ދުވަސް ފާހަގަކުރާން ޖެހޭނީ އިސްލާމީ ޞޫރައިގައެވެ. އިސްލާމްދީނާ އަރައިރުންވާ ފަދަ ކަންކަމާ ދުރުހެލިވެގެންނެވެ. އިސްލާމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭނީ އެ ދުވަހުގެ އިޙުތިފާލުގައި މި އަންނަ ކަންތައްތައް ހިމަނައިގެންނެވެ.
1- އަޅުކަމުގެ ދުވަހެއް: ޢީދުދުވަހަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމަށް ޓަކައި މާތް ﷲ ލެއްވި ދުވަހެކެވެ. އެ ދުވަސް ފަށަން ޖެހޭނީ ޢީދު ނަމާދުންނެވެ. މެންދުރުވުމުގެ ކުރީން މި ނަމާދު ކުރެވިދާނެއެވެ. މި ނަމާދަށް ދާންވާނީ މަޑުމައިތިރިކަމާއި މަޑުމޮޅިކަމާ އެކުގައެވެ. ހިނައިގަނެ ފެންވަރައި ޒީނަތްތެރިވެގެންނެވެ. ޢީދުވިލޭރެއަށް ހިނައިގަތުމަކީ ވެސް ސުންނަތްކަމެކެވެ. ޢީދުދުވަހަށް ޓަކައި ހިނައިގަތުމަކީ ވެސް ސުންނަތެކެވެ. އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން ސުންނަތް ވެގެންވެއެވެ. ހުވަދުލުމާއި މީރުވަސް ދުވާ އެއްޗެހީގެ ބޭނުން ކުރުމަކީ އިސްލާމީ އަދަބެކެވެ. ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، އިސްލާމްދީން މަނާކުރަނީ އެ ކަމުގައި ބޮޑާކަމާއި، ކަންދެއްކުމާއި، އޭނާއަށް ވުރެ ތިމާގެ މަތިވެރިކަން ދެއްކުމާއި، ތިމާވަންތަކަން އިސްކުރާ ކަންތައްތައް ހިމެނޭ ކަންތައްތައް ކުރުމެވެ.
2- ކައު ރަސޫލާصلى الله عليه وسلم ޙަދީސްކުރައްވައިފައިވާގޮތުގައި ތަހުލީލު، ތަޙްމީދު، ތަކުބީރަކީ ޢީދު ޒީނަތްތެރިކޮށްދޭ ކަމެކެވެ.
3- ކީރިތި ރަސޫލާ r ޢީދު ނަމާދަށް ދިޔުމަށާއި ޢީދުނަމާދަށް ފަހު ގެއަށް އެބުރިދާންވީ ގޮތާ ބެހޭ ގޮތުން އިރުޝާދުދެއްވައިފައި ވެއެވެ. މި އިރުޝާދުތަކުގައި އެކަލޭގެފާނު އަޅުގަނޑުމެންނަށް ޢީދު ނަމާދަށް ދާ މަގާއި ޢީދު ނަމާދުކޮށްގެން ގެއަށް އެނބުރި އަންނަ މަގު ތަފާތުކުރުމަށް އަންގަވައެވެ. ސުންނަތް ގޮތަކީ އެއީއެވެ. މި ކަމުގެ ސިއްރަކީ ހެޔޮ ރަނގަޅު ގޮތުގައި ރޯދަހިފި މީހުންނަށް ތަހުނިޔާ ވިދާޅުވުމަށް ތަފާތު މަގުތަކުގައި މަލާއިކަތް ބޭކަލުން ތިއްބަވާނޭތީއެވެ. ތަފާތު މަގުތަކުން ގޮސް އައިސްވުމުން އެމީހުންނަށް ލިބޭ ތަހުނިޔާ އިތުރުވާނެތީއެވެ. މަލާއިކަތް ބޭކަލުންގެ ތަހުނިޔާއަކީ ހެޔޮ ދުޢާއެވެ.
4- މާކުސް ރަނގަޅު ކުރުމަށް ލިބޭ ފުރުޞަތު: ބައެއް ފަހަރަށް ދަރިވަރުންނަށް އިމްތިޙާނުގައި ލިބޭ ދަރަޖަ ދަށްވުމުން މާކުސް ރަނގަޅު ކުރުމަށް ފުރުޞަތު ދެވޭ ތަން ފެނެއެވެ. މިއީ އިސްލާމީ ފިކުރެއްކަން ކަށަވަރެވެ. މާތް ﷲ އަޅުގަނޑުމެންނަށް ފަރުޟު ކުރައްވައިފައިވާ އަޅުކަންތައް އަދާކުރާ އިރު، ވަރަށް ގިނަ ފަހަރަށް އުނިކޮށް އެ ކަންކަން ކުރެވެއެވެ. މި ފަދަ އަޅުކަންތަކުގައި ހެދޭ ކުށްތަކާއި ޖެހޭ ކުނި މިލަތައް ފިލުވައިލުމަށް ޓަކައި ކައްފާރާތައް ލައްވައިފައިވެއެވެ. މިސާލަކަށް ބަލާ ނަމަ ކުށުސަޖިދައަކީ ނަމާދުކުރާ އިރު ކުރެވޭ ކުށްތަކުން އެ ނަމާދު ސާފުކޮށް ޠާހިރުކޮށް ދެއްވުމަށް ޓަކައި ލައްވައިފައިވާ ކަމެކެވެ. ރޯދައަށް ބަލާ އިރު އޮތީ ފިޠުރު ޒަކާތެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ((فرض رسولُ اللهِ ﷺ زكاة الفطرِ طُهرَةً للصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَ الصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ [4]- ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި، މިސްކީނުންނަށް ހަމުދަރުދީވެ، އެހީތެރި ވުމަށްޓަކައެވެ. ޢީދު ނަމާދުގެ ކުރީން އެ ޒަކާތް އަދާކޮށްފި ނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރި ނަމަ ފަހެ އެއީ ޞަދަޤާތްތަކުގެތެރެއިން ޞަދަޤާތެކެވެ.))
ﷲގެ އިނާމު ދެއްވުން އޮންނާނީ ޢީދުނަމާދަށް ފަހުގައިކަމަށް ވާތީ މި ޒަކާތް ޢީދު ނަމާދުގެ ކުރީން އަދާކޮށްގެން މެނުވީ ރޯދައިގެ މާކުސް ރަނގަޅުވެގެން ނުދާނެއެވެ. ކީރިތި ރަސޫލާ rގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((صومُ شهرِ رمضانَ معلَّقٌ بين السَّماءِ والأرضِ ولا يُرفعُ إلّا بزكاةِ الفطرِ[5] – ރަމަޟާން މަހުގެ ރޯދަ އުޑާ ބިމާ ދެމެދުގައި ހިފެހެއްޓެވިގެން ވެއެވެ. ފިޠުރު ޒަކާތުން މެނުވީ އެ ޢަމަލު ﷲގެ ޙަޟުރަތަށް އުފުލިގެން ނުދާނެތެވެ.)) މި ބަސްފުޅުން އެނގޭގޮތުގައި ފިޠުރުޒަކާތަކީ ރޯދަވެރިޔާ އިށީންނި އިމްތިޙާނުގެ ނަތީޖާއާ ހަމައަށް ވާޞިލުވުމަށް ޓަކައި ވަރަށް މުހިންމު ބަހާއެކެވެ. ﷲގެ ޙަޟުރަތަށް އެ ޢަމަލަށް ވާޞިލުނުވެވިއްޖެ ނަމަ މާކުހެއް ނުލިބޭނެތެވެ. ޖަވާބު ކަރުދާސް ނުލިބި އެ ކަރުދާސް މާކު ނުކުރެވޭނެތީއެވެ.
5- ވަފާތެރިވުން: ރަމަޟާން މަސް އައިސް ހިނގައްޖެއެވެ. ވިދުވަރެއް ފަދަ ކަހަލަ ގޮތަކަށެވެ. އެ މަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެން އެ މަހުގައި ކުރި ޢަމަލުތަކުގެ ފައިލުތައް ހިފައިގެންނެވެ. އަޅުގަނޑުމެން ކުރި ނަމާދުތަކާއި، ހިފި ރޯދަތަކާއި، ކުރި ޞަދާޤާތްތަކާއި، ފޯރުވި ހެޔޮ ފޯރުވުންތަކާއި، ކިޔެވި ޤުރްއާން ކިޔެވުން ފަދަ ހެޔޮ އަމަލުތަކުގެ ފައިލުތައް ހިފައިގެންނެވެ. ފުރުޞަތުގެ ބޭނުން ހެޔޮކޮށް ކުރި މީހާއަށް ހުރި ބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހާއަށް ﷲގެ ޙަޟުރަތަށް ދެވޭ އިރު ނަޖާވުން ލިބޭނެއެވެ.
6- ހަރޯދަ: ރަމަޟާން މަސް ދިޔުމުން އަޅުގަނޑުމެންގެ ގާތަށް ޢިއްޒަތްތެރި އެހެން މެހުމާނަކު އަތުވެއްޖެއެވެ. ރަމަޟާން މަހަށް ވަފާތެރި ޔާރަކަށް އަޅުގަނޑުމެން ނުވާނަންހެއްޔެވެ؟ ވަފާތެރިކަމަކީ އިސްލާމްދީނުގެ މާތް ޚުލުޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަފާތެރިކަން ނެތް މީހެއްގެ ޚުލުޤުވެރިކަމެއް ނެތެވެ. މާތް ﷲ ރުއްސުންލެއްވި އަބީ އައްޔޫބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. ((مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ[6] - ރަމަޟާންމަހު ރޯދަ ހިފައި އެއަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދައެވެ.)) މޮޅު އިތުރުވެގެންވަނީ މި ހަ ރޯދަ ވަޅުޢީދު ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ.
7- ޒިޔާރަތްކުރުމާއި ގުޅުން ވާޞިލުކުރުން: އިސްލާމީ ޢީދުގެ އިޖުތިމާޢީ ގިއުގަނޑަށް ބަލާ އިރު ޢީދުގެ ފަލްސަފާއަކީ މީހުންނަށް ޢީދުގެ ސަލާންގަލާމާއި ތަހުނިޔާ ކިޔުމަށް ޓަކައި ޒިޔާރަތްކުރުމެވެ. ގާތްތިމާގެ މީހުންނަށާއި ރަޙުމަތްތެރީންނަށް ޒިޔާރަތްކޮށް ހާލުބަލައި ހެދުމަކީ ހުރިހައި ވަގުތެއްގައި އެ ކަމަށް ދީން ގޮވައިލާ ކަމެކެވެ. މި ކަމުގެ ސަބބުން އިސްލާމީ އުޚުއްވަތްތެރިކަން ބަދަހިވެގެންދާނެތީއެވެ. ޢީދުގައި މިއީ މާ ބޮޑަށް އެދެވިގެންވާ ކަމެކެވެ. މާތް ﷲ ރަޙްމަތްލެއްވި ޖަޢުފަރުއްޞާދިޤު ވިދާޅުވެފައިވާ ގޮތުގައި (ރަށުގައި ތިބޭއިރު އަޚުންގެ މެދުގައި ގުޅުން ވާޞިލުކުރުމަކީ ޒިޔާރަތްކުރުމެވެ. ދަތުރުމަތީގައި ނަމަ ސިޓީބިޓީ ފޮނުވުމެވެ.) މި ޒަމާނަށް ބަލާއިރު މިއަދު ސިޓީބިޓީ ފޮނުވާކަށް ނުޖެހެއެވެ. ފަންނިއްޔަތުގެ ސަބަބުން މިއަދު މި ކަން މި ވަނީ މާ ގާތުގައެވެ. މީސްމީޑިޔާގެ ޒަރީޢާއިން އަޑާއި ފޮޓޯއާއި މަންޒަރުން އެބަ ޒިޔާރަތްކުރެވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން އަޘަރުގައި އައިސްފައިވާ ގޮތުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((ތިޔަބައިމީހުން މާތް ﷲއަށް ޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކުރާށެވެ! މާތްﷲ އަށް ޓަކައި އެކަކު އަނެކަކާ އެކު އިށީންނާށެވެ! މާތްﷲ އަށް ޓަކައި އެއްޗެހި ދޭށެވެ! މާތްﷲ އަށް ޓަކައި ނުދީ ހިފަހައްޓާށެވެ! މާތްﷲގެ ދުޝްމަނުންނާ އެކަހެރިވާށެވެ! އަދި ﷲގެ ވަލީވެރީންނާ އެކު ގުޅުން ވާޞިލުކުރާށެވެ!)) އެކަކު އަނެކަކަށް ޒިޔާރަތްކުރުމަކީ ލޯބީގެ ގަހަށް ފެންދެވޭނޭ ކަމެކެވެ. ދެބަސްވުންތައް މަރައިލެވޭނޭ ކަމެކެވެ.
8- ޢީދު ދުވަހަށް އިރު މި ވަނީ އަރައިފައެވެ. ތެދުވެރި ހިނިތުންވުމަކުންނާއި ކުލުނުވެރި ލޯތްބަކުން ތިބާގެ ތުންފަތަށް އިރު އަރުވާށެވެ! ގާތްތިމާގެ މީހުންގެ މެދުގައި ގުޅުންތައް ވާޞިލުކުރާށެވެ! ރަޙުމަތްރީންނާ އެކު ތަހުނިޔާ ބަދަލުކޮށް އެމީހުންނަށް ހެޔޮދުޢާ ކުރާށެވެ! ދެބަސްވުންތަކާއި ނުނިޔަތްލުންތައް މާތް ﷲއަށް ޓަކައި މިއަދު ނައްތައިލާށެވެ!
މަރުޖާ:
[1] - نهج البلاغة، ج 4، ص 760، رقم 424.
[2] - القاموس المحيط، ص 635 (حرف العين).
[3] - سورة المائدة : 114
[4] - سنن أبي داود ١٦٠٩و سنن الدارقطني ٢/٣٢٧
[5] - الترغيب والترهيب ٢/١٥٧
[6] - أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في «السنن الكبرى» (٢٨٦٢)، وابن ماجه (١٧١٦)، وأحمد (٢٣٥٦١)