އަބާ މުޙަންމަދު
18 މާރިޗް 2026
ބައެއް މީހުންނަކީ އެބައިމީހުންގެ އަމިއްލަ ވަގުތީ ފައިދާއަށް ޓަކައި ގައުމީ ކިތަންމެ ބޮޑު މަސްލަހަތެއް ވެސް ގުރުބާންކޮށް އަމިއްލަ ވަގުތީ މަސްލަހަތު އިސްކުރާން ފަސްޖެހޭނެ ބަޔެއް ނޫނެވެ. އަދު ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ތިމަތިމާމެންގެ ޢަދުއްވުން އެ ކަމެއް ކުރާތީ އެ ކަމެއް ގަބޫލުނުކުރާ އުސޫލަކީ އެންމެ އިހުޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި އޮތް ކަމެކެވެ. މި ކަމުގެ އެންމެ އަލިގަދަ ދަލީލަކީ ކައު އިތުރު ރަސޫލާ މުޙަންމަދު r ރަސޫލުކަމާއިގެން ފޮނުއްވާނެކަން ކުރީއްސުރެ ދެނެ ތިބި މީހުންނަށް، މުޙަންމަދުގެފާނަކީ އެއީ ޙައްގު ރަސޫލާކަން އެނގެނުކަމުގައި ވިޔަސް އީމާންނުވެ ދެކޮޅުހަދަމުން ދިޔައީ ޢަދާވާތްތެރިކަމާއި ބޮޑާކަމާއި [އީގޯ]ގެ ބޮޑުކަމުންނެވެ. އެހެންކަމުން މި ޒަމާނުގައި މި ކަން މި ބީދައިން އޮތުމަކީ މާ ބޮޑަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރާކަށް އުނދަގުލެއް ނުވާނެއެވެ.
މި ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ކުރިމަތި މި ފަދަ ކަމަކީ ސުޢޫދީ ޢަރަބިއްޔާއިން، ފ. އަތޮޅުގައި ތަރައްގީކުރާން އުޅުނު ޒަމާނީ ސިޓީ ތަރައްގީކުރުމަށް ހުރަސްއެޅިއެޅުމެވެ. އެއީ ފަހުގެ ޒަމާނެއްގައި ދިވެހި ގައުމަށް ބަޔަކު އިގުތިސާދީ ގޮތުން ދިން އެންމެ ބޮޑު ގެއްލުމެވެ. އެހެނީ އެ މަޝްރޫޢު ފ. އަތޮޅުގައި ހިންގުނު ނަމަ، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ސިޓީއެއް ފ. އަތޮޅުގައި އޮތީހެވެ. މާލޭގައި އުޅޭ ގިނަ މީހުން އެ ތަނަށް ބަދަލުވީހެވެ. ތަރައްގީވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބުވީހެވެ.
ނަމަވެސް އެ ކަން ކުރާން އުޅުނީ ތިމާމެންގެ ދުޝްމަނުންކަމަށްވާތީ އެ ކަން ހުއްޓުވާން ރައްޔިތުންނަށް ވިސްނައިދިނީ [ފ. އަތޮޅު ވިއްކައިލަނީ]ކަމުގެ ލޭބަލުގައެވެ. ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ހުތުރުކޮށް މުޢާމަލާތްކޮށް އެ ބޭފުޅުން ކޯފާއިސްކުރުވައިގެންނެވެ. މި ކަން މި ހެން ކުރި އިރު، އެ މަޝްރޫޢަކީ ހަގީގަތުގައި ރާއްޖޭގެ އިގުތިސާދީ އިޖުތިމާޢީ ޙާލަތަށް މުހިންމު މަޝްރޫޢެއްކަމަށް އެ މީހުންނަށް ވެސް އެނގެއެވެ. އެ ކަން އެ މީހުން ވެސް ގަބޫލުކުރެއެވެ. މި ކަން ސާބިތުވީ، އެ މީހުންގެ ދުޝްމަނުންގެ ވެރިކަން ނިމި، އެ މީހުންގެ މިތުރުންގެ ވެރިކަމުގައި، އަލުން އެ މަޝްރޫޢު ލިބޭތޯ މަސައްކަތްކޮށްފައިވާތީއެވެ. ނަމަވެސް ފުރުޞަތަކީ އަބަދު ދޮރުގައި ޓަކިދޭނެ އެއްޗަކަށް ނުވާތީ އެ ފުރުޞަތު ގެއްލުނީއެވެ. ސުޢޫދީ ޢަރަބިއްޔާގެ ގޮނޑުދޮށުގައި އެ ސިޓީ އެ ތަރައްގީވެ ނިމެނީއެވެ.
ހުޅުލެއާއި މާލެއާ ދެމެދު ބުރިޖެއްއަޅާން ފެށުމުން އެ ކަން ކުރާން އުޅުނީ ތިމާމެންގެ ދުޝްމަނުންކަމަށް ވާތީ، ރާޅާއަޅާކުދީންގެ ބޮލަށް ވަދެގެން އެ ކަން ހުއްޓުވާން އުޅުނީ، އެ ބުރިޖުގެ ފައިދާ ނޭނގޭތީއެއް ނޫނެވެ. ތިމާމެންނަށް ނުވެ އޮތް ކަމެއް އެހެން ބަޔަކު ކުރާތީ އެ ކަން ހުއްޓުވާން ވެގެންނެވެ.
ހދ. ކުޅުދުއްފުށީގައި އެއަރުޕޯޓެއް ބިނާކުރާން ސަރުކާރުން މަސައްކަތް ފެށުމުން ވެސް ތިމާވެށި ހަލާކުކުރަނީއްޔޭ، ކުޅި ހިއްކަނީއްޔޭ ކިޔައި ރައްޔިތުންގެ ބޮލަށް ވަދެގެން އެ ކަން ހުއްޓުވާން އުޅުނީ ކުޅުދުއްފުށީގައި އެއަރުޕޯޓެއް އެޅުމުން އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ފައިދާ ނުވިސްނޭތީއެއް ނޫނެވެ. ތިމާމެން ނޫން ބަޔަކު އެ ކަން ކުރާތީ ހުއްޓުވާށެވެ. ޙަސަދައާއި ނޭއްގާނީކަމެވެ.
މާލޭ ބަންޑާރަ މިސްކިތް (މަސްޖިދުއްސުލްޠާން މުޙަންމަދު ޝަމްސުއްދީން) މަރާމާތުކޮށް އެ ތާނގައި ޒަމާނީ ބޮޑު މިސްކިތެއް ޢިމާރާތްކުރާ ވާހަކަ އިޢުލާނުކުރުމާ އެކު، ކުއްލިއަކަށް އެއީ ގައުމީ ތާރީޚީ ތަރިކައެއްކަމަށް މާނަކޮށް އެ ކަން ހުއްޓުވާން އުޅެނީ، އެއީ ގައުމީ ތަރިކަމެއްނޫންކަން ނޭނގޭތީއެއް ނޫނެވެ. އެހެން ބަޔަކު ކުރާތީ އެ ކަން ހުއްޓުވާށެވެ. ޙަސަދަވެރިކަމާއި ނޭއްގާނިކަމެވެ.
މިހާރު، ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކަށް ކުރާ ހޭދަ ކުޑަކޮށް އެއް ދުވަހެއްގައި ތިން އިންތިޚާބު ބާއްވާން ސަރުކާރުން މަސައްކަތް ފެށުމުން އެ ކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އޮޅުވައިލައި ރައްޔިތުން ލައްވައި ނޫނެކޭ ބުނުވޭތޯ މަސައްކަތްކުރަނީ، އެއް ދުވަހެއްގައި ތިން އިންތިޚާބު ބޭއްވުމަކީ ހުރިހައި ގޮތަކުން ވެސް ފައިދާ ހުރި ކަމެއްކަން ނޭނގޭތީއެއް ނޫނެވެ.
ތިން އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް މަސައްކަތްކުރާ ބައެއް މީހުން ފާޅުކޮށްފައި ހުރި ޝުޢޫރުތައް ބަލައިލުމުން ސަހަރޯއޭ ހިތަށް އެރިއެވެ. އެއް ޝިޢާރެއްގައި ލިޔެފައިވާ ގޮތުން ޑިމޮކްރެސީގެ އިންޖީނަކީ އިންތިޚާބުކަމަށްވާތީ ރައްޔިތުން އަބަދު ވެސް އުޅޭން ޖެހޭނީ އިންތިޚާބެއްގެ ތެރޭގައިކަމަށް ދޭހަވާ ގޮތަށް ޝުޢޫރު ފާޅުކޮށްފައިވެއެވެ. މި ބުނެވެނީ ކީކޭތޯއެވެ؟ ރައްޔިތުންނަށް އެ ބައިމީހުންގެ ކުރިއެރުމާއި ތަރައްގީއަށް ޓަކައި މަސައްކަތެއް ކޮށްލާނެ ވަގުތެއް ނުދީ އަބަދު އިންތިޚާބުތަކުގައި ކޮށިއަރުވައިފައި ބާއިތިއްބައިގެން ތިމަތިމާމެން އޭގެ ފައިދާ ހޯދާން އަޒުމުކަނޑައަޅައިފައިވާ މިންވަރު ނޫން ކަމެއް މި ޝިޢާރުން ދޭހަވޭތޯއެވެ؟
މި އިންތިޚާބާ ދެކޮޅަށް ލިޔެފައިވާ އެހެން ޝިޢާރެއްގައިވާ ގޮތުން، [ރައްޔިތުންނަށް ފައިސާ ލިބެނީ އިންތިޚާބުންނެވެ. އެހެންވީމާ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވީމާ ލިބޭ އެއްޗެއް މަދުވާނެއެވެ.] މި ބުންވެނީ ކީކޭކަމަށްތޯއެވެ؟ މި ހިތްވަރުދެވެނީ އިންތިޚާބުތަކުގައި ރިޝްވަތުހޯދާން ނޫންތޯއެވެ! އެހެނީ އިންތިޚާބުތަކަކީ ރައްޔިތުންނަށް ފައިސާ ލިބޭ އެއްޗެއް ނޫނެވެ.
އަނެއްކޮޅުން ބޮޑު ތިން އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ، ދުއިސައްތަ މިލިޔަން ރުފިޔާ ސަލާމާތްކުރެވި، އެ ފައިސާއިން ރައްޔިތުންނަށް ބޭނުން އެހެން ކޮންމެވެސް މަޝްރޫޢުތަކެއް ހިންގިދާނެއެވެ. އަދި ގިނަ މީހުން ރިޔާސީ އިންތިޚާބުގައި ވޯޓުދޭން ނުކުންނާތީ، އެ އިންތިޚާބާ އެކު އެކީގައި އަނެއް ދެ އިންތިޚާބު ބާއްވައިފި ނަމަ، ވޯޓުދޭ މީހުންގެ ޢަދަދު ގިނަވެ، ޑިމޮކްރެސީ ހަރުދަނާވުމަށް މަގުފަހިވާނެއެވެ.
މި ކަންކަން އެ މީހުންނަށް ވެސް އެނގެއެވެ. މި ކަން މިހެން ކުރާން އެ މީހުން ވެސް ބޭނުންވެއެވެ. ނަމަވެސް އަމިއްލަ ވަގުތީ މަސްލަހަތަކަށް ޓަކައި އެހެން ބަޔަކު އެ ކަން ކުރާތީ އެ ކަމަށް ހުރަސްއަޅަނީއެވެ. މި ކަން އެނގެނީ، މި މީސްމީހުންގެ ބޮޑުން ވެސް މީގެ ކުރީން ވަނީ ގިނަ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމާއި ފައިދާގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ. ނަމަވެސް މިއަދު އެހެން ބަޔަކު އެ ކަން ކުރާން އުޅޭތީ އެ ކަމަށް ހުރަސްއަޅާން ބޭނުންވަނީއެވެ. ހަގީގަތުގައި މި ކަމުގެ ފައިދާއެއް އެ ކަން ކުރާ ބަޔަކަށް ވަކި ލިބެނީކީ ނޫނެވެ. ލިބޭ ފައިދާއެއް އޮތީ ރައްޔިތުންނަށާއި މުޖުތަމަޢަށެވެ. ވީމާ، ވޯޓަށް ހުރަސްއަޅަނީކީ ވެސް އެ ކަމުގެ ފައިދާއެއް ނެތިގެންނެއް ނޫނެވެ. ތިނ އިންތިާޚބު އެއް ދުވަހެއްގައި ބޭއްވުމަކީ ބޭނުންތެރި މުހިންމު ކަމެއްކަން އެ މީހުންނަށް ވެސް އެނގެއެވެ. ނަމަވެސް މި ކަމަށް ހުރަސްއަޅަނީ، ތިމާމެންނަށް ނުވެ އޮއްވައި އެހެންބަޔަކުކުރާތީ އޮންނަ ޙަސަދައެވެ. ގިނަ އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަން އެ ކަމާ އިދިކޮޅަށް ކެންޕޭނުކުރާ މީހުންނަށް ވެސް އެނގެއެވެ. ނަމަވެސް އެހެން ބަޔަކު ކުރާތީ ހަމަ ދެކޮޅުހަދަނީއެވެ. މިއި ދެރަ ކަމެކެވެ.