އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
15 މާރިޗް 2026
ﷲ ތަޢާލާ ކީރިތި ފޮތުގައި ވަޙީކުރެއްވިއެވެ. ((إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ ﴿١﴾ وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ ﴿٢﴾ لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ ﴿٥﴾ [1]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ. (1) އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (2) . ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (3) ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާ އެކު، ހުރިހާ أمرފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. (4) އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ (5) .))
މި އާޔަތްތަކުގައި ﷲ ތަޢާލާގެ މަތިވެރި ބަސްފުޅުތައް ބަޔާންކޮށްފައި މި ވަނީ ސީދާ ބިމާއި މަތިވެރިވެގެންވާ މަލާއިކަތުންނާ ގުޅިފައިވާ މާތް ރޭގެ ވާހަކައެވެ. އެއީ ކައު ރަސޫލާ rގެ ހިތްޕުޅަށް ޤުރްއާން ބާވައިލެއްވުމުގެ ބަރަކާތްތެރި އިޙްތިފާލު ބޭއްވޭ ރެއެވެ. އެ ފަދަ އެހެން ރެއެއް އެއްވެސް ޒަމާނެއްގައި ބިމަކަށް ނާންނާނެއެވެ. އެއީ މި ދަންނަވާ ސަބަބުތަކަށް ޓަކައެވެ.
1- އެ ރެއަކީ الله سُبحانه وتعالى އެކަލާނގެ ރަސޫލާ محمد صلَّى الله عليه وسلم ގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވި ޝަރަފުވެރި ރެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.))
2- އެ ރޭ ކުރެވޭ އަޅުކަންތަކާއި ޞާލިޙު ޢަމަލުތަކުގެ ސަވާބު ﷲ Uގެ ޙަޟުރަތުގައި އެއްހާސް ރޭގެ އަޅުކަންކުރުމާ އެއްވަރުވެގެންވެއެވެ. އެއީ މީހަކު 83 އަހަރާއި ހަތަރު މަހު އަޅުކަންކުރުމާ އެއްވަރު ރެއެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ- ليلةالقدر ވިލޭރޭ، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ.))
3- މާތް ﷲ އެ ރޭ ކުރިއަށް އޮތް އަހަރުގައި އެކަލާނގެ އަޅުތަކުންނަށް ދެއްވާން މިންވަރުކުރައްވައިފައިވާ ރިޒުޤުތަކާއި އަޖަލުތަކާއި ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި ބާއްޖަވެރީންނާއި އަބާއްޖަވެރީން ކަނޑައަޅުއްވާނެއެވެ. އަދި އެކަލާނގެ އެ ރޭ މަލާއިކަތުންނަށް މި މިންވަރުތައް ލިޔުއްވުމަށް އަމުރުކުރައްވާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (( إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ [2]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذارކުރައްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ.))
4- ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމާއި އަމްނާއި ރައްކައުތެރިކަން މުޅި ބިމަށް އާންމުވެގެންދާނޭ ރެއެކެވެ. މާތް ﷲ މި ރޭ ސިފަކުރައްވަނީ އެއީ ((سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ - އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށް ދާނދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.)) މި ރެއަކީ އިރުއޮއްސޭ ހިސާބުން ފެށިގެން ފަތިސްވެއްޖައުމަށް ދާންދެން މުއުމިނުންނަށް އަމާން ރައްކައުތެރި ރެއެކެވެ. މިރޭ ދިރުވަމުންދާ ކޮންމެ މުއުމިނަކަށް މި ސަވާބު ލިބޭނެއެވެ.
5- މި ރޭ ﷲ Yއަށް އަޅުކަންކުރާން ތިބި މުއުމިނުންނަށް ﷲގެ އިޒުނަފުޅާ ލައިގެން މަލާއިކަތްބޭކަލުން ސަލާންކުރައްވާނެއެވެ. އެ ބޭކަލުން ﷲގެ އަޅުންނަށް ހެޔޮދުޢާކޮށްދެއްވާނެއެވެ.
6- މި ރޭ ޖިބްރީލުގެފާނުގެ އަމުރުވެރިކަމުގައި މަލާއިކަތުންގެ ފައުޖުތައް ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. މި ރޭ ބިމަށް ފައިބާވަޑައިގަންނަވާ މަލާއިކަތުންގެ އަދަދު ގިނަކަމުން މި ބޮޑު ބިން ނުތަނަސްވެގެންދާނެއެވެ. ކީރިތި ރަސޫލާ صلَّى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( إنَّ الملائكةَ تلك الليلةِ في الأرضِ أكثرَ من عددِ الحصى[3] -އެ ރޭ ބިމަށް ފައިބާވަޑައިގަންނަވާ މަލާއިކަތުންގެ އަދަދު ބިންމަތީގައި ހުންނަ ގައުކޮޅުތަކަށް ވުރެ ގިނަވާނެއެވެ.))
7- ލައިލަތުލްޤަދްރި ވިލޭރެއަކީ ފާފަތައް ފުއްސަވާ ރެއެވެ. ކުރީ އަހަރު ކުރެވިފައިވާ ހުރިހާ ފާފަތަކެއް މި ރޭ އިޙުޔާކުރުމުގެ ސަބަބުން ފުއްސަވައިދެއްވާނެތެވެ. ކައު ރަސޫލާ صلَّى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( مَن قامَ لَيْلَةَ القَدْرِ إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ[4] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖުހުފުޅު އަދައިގެން ލައިލަތުލްޤަދްރި ވިލޭރޭ ޤިޔާމުކޮށް އިޙުޔާކުރި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެއެވެ.))
ލައިލަތުލްޤަދްރީގެ ނަން
ރަމަޟާންމަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ނަމަކަށް ކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެއް އެ މަހުގައި ލެއްވުން ހިމެނެއެވެ. އެއީ މާތްﷲގެ ޙަޟުރަތުގައި ޤަދަރު މަތިވެރި ވެގެންވާ ރެއެކެވެ. އެ ރެއަށް މި ނަން ދެއްވީ މާތްﷲއެވެ.
އެ ރެއަށް [ލައިލަތުލްޤަދްރި]އޭ ކިޔުނީ ކީއްވެގެންތޯއެވެ؟ ދަންނަ ބޭކަލުން ވިދާޅުވަނީ އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ:-
1. އެއީ މާތްﷲ ހުރިހައި ކަމެއް މިންވަރުކުރައްވައި ކަނޑައަޅުއްވާ ރޭކަމުގައިވާތީއެވެ.
2. އެއީ ޝަރަފުވެރި މަތިވެރި ރެއަކަށް ވާތީއެވެ. މިރޭ ޝަރަފުވެރި ރެއަކަށް ވީ އެ ރޭގައި ކީރިތި ޤުރްއާން ބާވައިލައްވައިފައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((إِنَّا أَنْزَلْنَاهُ فِى لَيْلَةُ الْقَدْر - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ލައިލަތުލްޤަދްރި ވިލޭރޭ ޤުރްއާން ބާވައިލެއްވީމެވެ.)) ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ދުނިޔޭގެ އުޑަށް ބާވައިލެއްވީ ރަމަޟާންމަހުގެ ލައިލަތުލްޤަދްރި ވިލޭރޭގައެވެ. އެއަށްފަހު ކީރިތި ރަސޫލާ rގެ މައްޗަށް ޤުރްއާން ތަފާތު މުނާސަބާތަކާއި ޙާދިސާތަކާ ގުޅޭ ގޮތުން މަޑުމަޑުން ބާވައިލައްވަމުން ގެންދެވިއެވެ. ރަސޫލުﷲގެފާނު މައްޗަށް ޤުރްއާން ބާވާލައްވާ ނިމުނީ 23 އަހަރުގެ ތެރޭގައެވެ.
މި ރޭގެ މާތްކަން
ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާން ކޮށްދެއްވަމުން މާތްﷲ އަންގަވަނީ އެ ރޭ ނުހިމެނޭ އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެ ރޭގައި އަޅުކަން ކުރުމާ އެއްވަރުކަމަށެވެ. ސަވާބާއި އަޖުރުގެ ގޮތުންނެވެ. އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރުމަކީ 30 ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެކެވެ. 30 ހާސް ދުވަހަކީ 83 އަހަރާއި 4 މަސް ދުވަހެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރި ވިލޭރޭގައި އަޅުކަން ކުރެވިއްޖެ ނަމަ މުޅި ޢުމުރުގައި އަޅުކަންކުރުމާ އެއް ފަދައެވެ. (ނުނިމޭ)