ad_banner
ފިޠުރު ޒަކާތުގެ އަހަންމިއްޔަތު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 މާރިޗް 2026

الله سبحانه وتعالى ފިޠުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރްޟުކުރެއްވި އަހަރެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ((فَرَضَ رَسولُ اللَّهِ صَلّى اللهُ عليه وسلَّمَ زَكاةَ الفِطْرِ صاعًا مِن تَمْرٍ، أوْ صاعًا مِن شَعِيرٍ على العَبْدِ والحُرِّ، والذَّكَرِ والأُنْثى، والصَّغِيرِ والكَبِيرِ مِنَ المُسْلِمِينَ، وأَمَرَ بها أنْ تُؤَدّى قَبْلَ خُرُوجِ النّاسِ إلى الصَّلاةِ. [1] ރަސޫލާ r މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅުފިރިހެނަކާއި އަންހެނެއްގެ މައްޗަށް، ކޮންމެ ބޮޑުމީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ފިޠުރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟު ކުރެއްވިއެވެ. އަދި މީސްތަކުން ޢީދުނަމާދަށް ނުކުތުމުގެ ކުރީން މި ޒަކާތް އަދާކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.)) މި ޙަދީސުން އެނގޭ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯ ގްރާމެވެ. ޙަނަފީންގެ ރައުޔުގައި އެއީ 3.8 ކީލޯގްރާމެވެ. 

ފިޠުރު ޒަކާތުގެ ޙިކްމަތް

މާތްﷲ ފިޠުރުޒަކާތް ފަރުޟުކުރެއްވީ މަތިވެރި މަޤްޞަދުތަކަކަށް ޓަކައެވެ. އޭގެ ތެރޭގައި މިއަންނަ ހިކްމަތްތައް ވެއެވެ.

1.         ފަޤީރުންނަށް ތަނަވަސް ކޮށްދިނުމާއި، އެމީހުންގެ ބޭނުންތައް ފުއްދައި ދިނުން. ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. (( أَغْنُوهُم عَنْ المَسْألَةِ فِى هذا اليوم[2]-  ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރިކޮށްދޭށެވެ!))

2.         ރަމަޟާންމަހު ހިފި ރޯދައިގައި ޖެހިފައިވާ ލައްތައް ފިލުވުން. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވިއެވެ. (( فرض رسولُ اللهِ زكاة الفطرِ طُهرَةً للصائمِ من اللغوِ والرفثِ وطُعْمَةً للمساكينِ من أدّاها قبلَ الصلاةِ فهي زكاةٌ مقبولَةٌ ومنْ أدّاها بعدَ الصلاةِ فهيَ صدقةٌ منَ الصدقاتِ [3]- ﷲގެ ރަސޫލާ ފިޠުރުޒަކާތް ފަރްޟުކުރެއްވީ ރޯދަވެރިޔާ ރޯދަހިފިއިރު ދައްކާފައިވާ ބޭކާރު ވާހަކަތަކުންނާއި ހަޑިހުތުރު ބަސްތަކުން އޭނާގެ ރޯދަ ޠާހިރުކޮށްދެއްވުމަށާއި ، މިސްކީނުންނަށް ހަމްދަރްދީވެ އެހީތެރިވުމަށްޓަކައެވެ.ޢީދު ނަމާދުގެ ކުރީން އެ ޒަކާތް އަދާކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. ޢީދު ނަމާދަށްފަހު އެ ޒަކާތް އަދާކުރިނަމަ ފަހެ އެއީ ޞަދަޤާތްތަކުގެތެރެއިން ޞަދަޤާތެކެވެ. )) 

3.         އަތްމަތިދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ތަމްރީނު ދިނުން. އެއީ އޭނާގެ އަތަކީ އަބަދުވެސް ހޭދަކުރާ އަތަކަށް ވުމަށްޓަކައެވެ. އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް ހޭދަކުރާ މީހަކަށް ވުމުގެ ފޮނިކަން ޙާޞިލު ކުރުމަށްޓަކައެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (( اليَدُ العُلْيا خَيْرٌ مِنَ اليدِ السُّفْلى [4]- ދަށުގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ. )) އިބްނު ޢުމަރު މާނަކޮށްދެއްވި ގޮތުގައި ދަށުގައި އޮންނަ އަތަކީ ސަލާންޖަހާ އަތެވެ. މަތީގައި އޮންނަ އަތަކީ ސަލާންޖަހާ މީހާއަށް އެއްޗެހި ދޭ އަތެވެ.

4.         ރަމަޟާން މަހުގައި ހިފަން އެންގެވި ރޯދަ ހިފުމުގައި ތައުފީޤު ދެއްވިކަމަށް ޓަކައި މާތްﷲއަށް ޝުކްރު ދެންނެވުން. މާތްﷲ ވަޙީ ކުރެއްވިއެވެ. (( يُرِيدُ ٱللَّـهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّـهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ[5] - اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ. ))

5.         މީސްތަކުންގެ ޚާޢްޞަކޮށް މިސްކީނުންނާއި ފަޤީރުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމާއި ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުން. ޢީދަކީ އުފާފާޅުކުރުމުގެ ދުވަހަކަށް ވާތީ ފަޤީރުން އެ ދުވަހު ބޭރަށް ނުކުމެ ސަލާންޖަހަން އުޅުމަކީ މި އުފާވެރިކަމާ އަރާރުންވާނެ ކަމެކެވެ. ރަސޫލާ r އިރްޝާދު ދެއްވައިފައި ވަނީ އެދުވަހު ފަޤީރުން ފުދުންތެރި ބަޔަކަށް ހެދުމަށެވެ. އެމީހުން ސަލާންޖަހަން ގޭގެއަށް ނުދާވަރު ކޮށްދިނުމަށެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (( أغنوهُمْ عن الطَّوافِ في هذا اليومِ [6]- ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާންޖަހަން ނުކުމެއުޅުމުން ފުދުންތެރިކުރާށެވެ!))

6.         ރަމަޟާން މަހު ހިފި ރޯދައިގައި ހުރި އުނިކަންކަން ފޫބެއްދުން : ވަކީޢު ބުނުލް ޖައްރާޙު ވިދާޅުވިއެވެ. ރޯދަވެރިޔާ ފިޠުރުޒަކާތް ދިނުމަކީ  ނަމާދު ކުރާމީހާ  ކުށު ސަޖިދަ ކުރުންފަދަ ކަމެކެވެ. ނަމާދުގައި ހެދޭ ކުށް ރަނގަޅު ކުރުމަށް ޓަކައި ކުރާން އަންގަވައިފައިވާ ކަމަކީ ކުށުސަޖިދަ ޖެހުމެވެ.  ރޯދަހިފާއިރު ކުރެވޭ ކުށްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް  ލިބިގެންވަނީ ފިޠުރު ޒަކާތެވެ. 

ފިޠުރުޒަކާތް ވާޖިބުވާ މީހުން

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ކަމުގައި ކިރުބޯ ކުއްޖެއް، ކުޑަކުއްޖެއް، ބާލިޣުވެފައިވާ މީހެއް، ބާލިޣުނުވާ މީހެއް،  ބޮޑުމީހެއް، އަންހެނެއް، ފިރިހެނެއް، ރޯދަ ހިފި މީހެއް، ނުހިފާ މީހެއް ތަފާތެއް ނުވެއެވެ.

ތިމާގެ އަމިއްލަ ނަފްސުގެ މަތިން ފިޠުރުޒަކާތް ނެރުން ވާޖިބުވާ ފަދައިން، ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތިން ފިޠުރުޒަކާތް ނެރުމަކީ ތިމާގެ މައްޗަށް ވާޖިބުކަމެކެވެ.

އެމީހުންނަކީ، އަނބީންނާއި ދަރީންނާއި މައިން ބަފައިންނާއި، އަދި މިނޫންވެސް މިފަދަ މީހުންނެވެ. މި އެންމެންގެ މަތީން ފިޠުރުޒަކާތް ދެވެންނެތްނަމަ، ދިނުމަށް ކުޅަދާނަވެގެންވީ ބަޔަކުގެ މަތީން ފިޠުރު ޒަކާތް ދިނުން ވާޖިބު ވާނެއެވެ. ފިޠުރު ޒަކާތް ދިނުމުގައި އެންމެ އިސްކުރާނީ އަމިއްލަ ނަފްސެވެ. ދެން އަނބީންނެވެ. ދެން ޅަދަރީންނެވެ. ދެން ބައްޕައެވެ. ދެން މަންމައެވެ. ދެން ބޮޑެތި ދަރީންނެވެ. ދެން މިނޫން މީހުންނެވެ.

ޢީދުވިލޭރޭ ވިހޭކުއްޖާގެ ކިބައިން ފިޠުރުޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ފަރާތުންވެސް ފިޠުރު ޒަކާތް ދޭކަށް ނުޖެހޭނެއެވެ.

 ފިޠުރުޒަކާތް ދެވޭނީ މުދަލުޒަކާތް ދިނުން ހުއްދަ މީހުންނަށެވެ. އެހެނީ އެއީވެސް ޒަކާތެކެވެ. މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބު ބުނާގޮތުގައި ފިޠުރު ޒަކާތް ކާފިރަކަށް ނުދެވޭނެއެވެ. އެކަމަކު ޙަނަފީ މަޛްހަބު ބުނާ ގޮތުގައި ޒިންމީއަކަށް ދެވިދާނެއެވެ. އެއީ މަކްރޫހަ ކަމެކެވެ. ހާޝިމީވަންހައިގެ މީހަކަށް ފިޠުރުޒަކާތެއް ނުދެވޭނެއެވެ.[7]

އެތައް މީހެއްގެ ފިޠުރުޒަކާތް އެއްފަޤީރަކަށް ދެވިދާނެއެވެ. ހަމަ އެފަދައިން އެކެއްގެ ފިޠުރު ޒަކާތް އެތައް ފަޤީރުންނަކަށް ވެސް ދެވިދާނެއެވެ.[8]

ފިޠުރުޒަކާތަށް ނެރުން ވާޖިބުވާ ތަކެތި

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ އޮއްޓަރުހުރި ގޮވާމުގެ ތެރެއިން އެ މީހަކު  އެ އަހަރު އާދަވެގެން ކާން ގެންގުޅުނު އެއްޗަކުންނެވެ. އެއީ، ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް ފަދަ ތަކެއްޗެވެ. ޒަކާތަށް ނެރެވޭ ތަކެއްޗަކީ ޢައިބުތަކުން ސަލާމަތް ވެގެންވާ ތަކެތި ކަމުގައިވުން ލާޒިމެވެ. މިތަކެތި އަގުކޮށް އޭގެ އަގަށްވާ ފައިސާވެސް ޒަކާތަށް ނެރެވިދާނެއެވެ.[9]

ޙަނަފީން ވިދާޅުވާގޮތުގައި ފިޠުރު ޒަކާތަށް ނެރެވޭނީ ގޮދަނާއި ހިމަގޮދަނާއި ކަދުރާއި ހިކިމޭބިސްކަދުރެވެ. ޒަކާތަށް ދޭންޖެހޭނީ ބައި ޞާޢެވެ. އެއީ ގާތްގަނޑަކަށް 3.8 ކީލޯގްރާމެވެ. ޙަނަފީން ވިދާޅުވާގޮތުގައި އޭގެ އަގު ނެރުންވެސް ހުއްދަވާނެއެވެ. އެހެނީ ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ [ أَغْنُوهُم عَنْ المَسْألَةِ فِى هَذَا الْيَوْمِ - ތިޔަބައިމީހުން މިއަދު އެބައިމީހުން ސަލާން ޖެހުމުން ފުދުންތެރި ކޮށްދޭށެވެ.] އަގުދިނުމުންވެސް ފުދުންތެރި ކުރުވޭނެއެވެ.

މާލިކީން  ވިދާޅުވާ ގޮތުގައި ފިޠުރުޒަކާތަށް ނެރެންޖެހޭނީ، އެ ރަށެއްގެ ބަޔަކު އާންމު ގޮތެއްގައި އެ އަހަރު ކައިއުޅުނު އެއްޗެކެވެ. އެއީ ނުވަ ބާވަތެކެވެ. އެއީ ގޮދަން ނުވަތަ ހިމަގޮދަން ނުވަތަ ޒުވާރި ނުވަތަ ކުދިބަތް ނުވަތަ ދުކުން ނުވަތަ ބިންބި ނުވަތަ ކަދުރު ނުވަތަ ހިކި މޭބިސްކަދުރު ނުވަތަ ހިކި ޗީޒެވެ. މި ބާވަތްތަކުގެ ތެރެއިން ޒަކާތަށް ނެރޭނީ އާންމުކޮށް ކައިއުޅުނު އެއްޗެކެވެ. މިބާވަތްތައް ހިމެނޭނަމަ އޭގެތެރެއިން އެންމެ ރަގަނޅު އެއްޗެކެވެ. ފިޠުރުޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ހަތަރު މުއްދެވެ.

ޝާފިޢީން ވިދާޅުވާގޮތުގައި ޒަކާތަށް ނެރެންޖެހޭނީ އެރަށެއްގެ ބަޔަކު އެއަހަރު ތެރޭގައި ކައިއުޅުނު އެއްޗެހީގެ ތެރެއިން އެންމެ ރަނގަޅު އެއްޗެކެވެ. ހިމަގޮދަނަށްވުރެ ގޮދަނަށް އިސްކަންދެވޭނެއެވެ. ކަދުރަށްވުރެ ބޮޑަށް އިސްކަންދެވޭނީ ހިމަގޮދަނަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ޞާޢެކެވެ. އެއީ ގާތްގަނޑަކަށް 2.4 ކީލޯގްރާމް ހަނޑުލެވެ. 

ޙަންބަލީން ވިދާޅުވާގޮތުގައި ޒަކާތް ދޭންޖެހޭނީ ގޮދަނުން ނުވަތަ ހިމަގޮދަނުން ނުވަތަ ކަދުރުން ނުވަތަ ހިކިމޭބިސްކަދުރުން ނުވަތަ ހިކި ޗީޒުންނެވެ. މިބާވަތްތައް ނެތްނަމަ އެރަށުގެ ބަޔަކު ކައިއުޅޭ އެއްޗެކެވެ.

ފިޠުރު ޒަކާތް އަގުކޮށް ފައިސާއިން ދެއްކުން

ފިޠުރުޒަކާތް ފައިސާއިން ދެއްކުމުގެ ޙުކްމަކީ ކޮބައިހެއްޔެވެ؟ ޒަކާތަށް ނެރެން ޖެހޭނީ ފުށާއި ، ހަނޑުލާއި ގޮދަންފަދަ އޮއްޓަރުހުރި ކާއެއްޗެހި ހެއްޔެވެ؟ ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވިއެވެ. ((ރަސޫލާ r ފިޠުރިޒަކާތް ފަރްޟުކުރެއްވިއިރު ކާތަކެތި ނެރެން އަމުރުކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަކޮށް ދެއްވުމަށް ޓަކައެވެ. އެ ދުވަސްވަރު ގެންގުޅެނީ ރަނުގެ ނުވަތަ ރިހީގެ ފައިސާއެވެ. އެއީ މީސްތަކުންގެ ގާތުގައި ވަރަށް ލޮބުވެތި އެއްޗެކެވެ. ގިނަ ބަޔެއްގެ އަތުގައި ނަޤްދު ފައިސާ ނުވެސް ހުރެއެވެ. އެ ދުވަސްވަރު ފަޤީރުންނާއި މިސްކީނުން ނަޤްދު ފައިސާ ހޯދާކަށް ބޭނުމެއް ވެސް ނުވެއެވެ. އެމީހުން ބޭނުން ވަނީ ކާއެތިކޮޅެކެވެ. ރަސޫލާ ޖަމަލާއި ބަކަރި ގެންގުޅޭ މީހުންނަށް ޗީޒު ނެރުން ހުއްދަކުރެއްވީ އެމީހުންނަށް އެކަން ކުރާން ފަސޭހަވާނެތީއެވެ. ނަޤްދު ފައިސާއިން ޒަކާތްދައްކަން އެންގެވިނަމަ އޭގެ އަގަށް އަންނަ ބަދަލާއެކު ޒަކާތުގެ މިންވަރު އުނިވެ އިތުރުވާނެއެވެ. މިއާ ޚިލާފަށް ޞާޢެއްގެ މިންވަރު ކަމަށް ހަމަޖެއްސެވުމުން އޭގެ މިންވަރަކަށް ބަދަލެއް ނާންނާނެއެވެ. ޢަދްލުވެރިކަމާ ގާތީ މި ގޮތެވެ. ))

ޑރ. ޙުސާމުއްދީން ޢައްފާން ވިދާޅުވިއެވެ.

ޖުމްހޫރުން ( މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީން) ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަށް ނެރެން ޖެހޭނީ (ހަނޑޫ، ގޮދަން، ގޮދަންފުށް، ޒުވާރި ފަދަ) ކާއެއްޗެއްސެވެ. އޭގެ އަގަށް ޖެހޭ މިންވަރު ނެރުން ހުއްދަވެގެން ނުވެއެވެ.

އެހެނަސް ޙަނަފީން ވިދާޅުވާ ގޮތުގައި އޭގެ އަގު ނެރުން ހުއްދަވާނެއެވެ. ޝާފިޢީންގެ ރައުޔުތަކުގެ ތެރޭގައި ވެސް މި ރައުޔު ހިމެނެއެވެ. މިއީ އަލްޙަސަނުލް ބަޞްރީއާއި ،ޢުމަރު ބިން ޢަބްދުލްޢަޒީޒާއި، އައްޘައުރީއާއި  ބައެއް ޞަޙާބީންގެ ރައުޔެވެ. މި ބޭކަލުންގެ ދަލީލުތަކަކީ :- 

1-        ޒަކާތުގައި އަޞްލަކީ މުދަލެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( خُذْ مِنْ أَمْوَالِهِمْ صَدَقَةً[10] - އެއުރެންގެ މުދަލުން ކަލޭގެފާނު  ޞަދަޤާތް ނަންގަވާށެވެ! )) އަޞްލުގައި މުދަލަކީ މީހެއްގެ އަތުގައި ހުންނަ ފައިސާއެވެ. މީހެއްގެ އަތުގައި ހުންނަ އެއްޗެއްސަށް މުދަލޭ ކިޔަނީ މަޖާޒީކޮށެވެ. ރަސޫލާ r އެ ގޮތަށް ޙަދީސް ކުރެއްވީ މީސްތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމަށެވެ. ބުރަ ދުރަށް ލެއްވުމަށް ޓަކައެވެ.

2-        ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީން ވަނީ އަގު ނަންގަވައިފައެވެ. ޠާވޫސްގެ އަރިހުން ރިވާވެގެންވާ ގޮތުގައި މުޢާޛުގެފާނު ޔަމަނުގެ މީހުންނަށް ވިދާޅުވިއެވެ. " ޒުވާރިއާއި ހިމަގޮދަނުގެ ބަދަލުގައި ތިޔަބައިމީހުންގެ ފޭރާން ވެސް ގެންނާށެވެ. އެކަން ތިޔަބައިމީހުންނަށް ލުއި ފަސޭހަވާނެއެވެ. އަދި މަދީނާގެ މުހާޖިރުންނަށް އެ ތަކެތި މާ ރަނގަޅުވާނެއެވެ. "[11]  އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި باب العرض في الزكاة ގެ ދަށުގައި މި ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. މުޢާޛުގެފާނު އެ ގޮތަށް ޢަމަލު ކުރެއްވިކުރެއްވުން ރަސޫލާ r ވަނީ ޤަބޫލުކުރައްވައި ތަޤްރީރުކުރައްވައިފައެވެ.

3-        ރަސޫލާ r ވަނީ އަގަށް ރިޢާޔަތް ކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވައިފައިވަނީ ކަދުރުގެ ޞާޢެއް ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ ވާހަކައެވެ. އެހެނަސް ގޮދަނާ ބެހޭ ގޮތުން ޙަދީސް ކުރެއްވީ ގޮދަނުގެ ބައި ޞާޢެވެ. އެއީ އެ ޒަމާނުގައި ގޮދަނުގެ އަގު ބޮޑުކަމުންނެވެ. މިއިން އެނގެނީ އެކަލޭގެފާނު އަގަށް ބައްލަވައިފައިވާ ކަމެވެ. " ގޮދަނުގެ ބައި ޞާޢު" މިއީ ވަރަށް ގިނަ ޙަދީސްފުޅުތަކުގައި އައިސްފައިވާ  ޞީޣާއެކެވެ. އެހެންކަމުން އެއީ ޟަޢީފު ބަހެކޭ ނުބުނެވޭނެއެވެ.

4-        ފިޠުރު ޒަކާތުގެ މަޤްޞަދަކީ ފަޤީރުން ފުދުންތެރިކޮށް ދިނުމެވެ. މި ޒަމާނަށް ބަލާއިރު ފަޤީރުން ފުދުންތެރިކޮށް ދެވޭނީ ފައިސާއިންނެވެ. މި ޒަމާނަށް ބަލާއިރި ފަޤީރުންނަށް ފައިދާ ބޮޑުވާނީ ފައިސާދިނުމުންނެވެ. މިއަދު ފަޤީރު މީހާއަށް ޒަކާތުގެ ގޮތުގައި ލިބޭ ހަނޑޫކޮޅު ވިއްކައިލަން ބާޒާރަށް ދިޔުމުން ވިޔަފާރިވެރިޔާ އެއަށް  ރަނގަޅު އަގެއް ވެސް ނުދޭނެއެވެ. [12]

ފިޠުރުޒަކާތް ނެރޭންވީ ވަގުތާއި ނެރޭންވީ މިންވަރު

ފިޠުރުޒަކާތަށް ނެރުން ވާޖިބުވެގެންވަނީ، ކޮންމެ ފަރުދެއްގެ މަތީން ޞާޢެއްގެ މިންވަރެވެ. އެއީ،  ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ.[13] އޭގެ އަގު ނެރުނަސް ފުދޭނެއެވެ.[14]

ފިޠުރުޒަކާތް ނެރުން ވާޖިބުވުމުގެ ވަގުތަކީ، ފިޠުރު ޢީދު ވިލޭރެއަށް އިރު އޮއްސުމެވެ. ޢީދުނަމާދުގެ ކުރީން އެ ޒަކާތް ނެރުން ސުންނަތްވެގެން ވެއެވެ. ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުދުވަހުގެ ކޮންމެ ވަގުތެއްގައި ކުރިއަސް ރަނގަޅުވާނެއެވެ. ޢުޛުރަކާނުލައި ޢީދު ނަމާދަށްވުރެ ފަސްކުރުމަކީ މަކްރޫހަ ކަމެކެވެ. ޢީދު ދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާނދެން ފަސްކުޅައުމަކީ ޙަރާމް ކަމެކެވެ. އެކަމަކު އެއީ ވާޖިބެއްކަމުގައިވާތީ ޤަޟާކުރާން ޖެހޭނެއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރުޒަކާތް ނެރުން ހުއްދައެވެ. މިއީ މި ޒަމާނުގެ ގިނަ ފަތުވާ ވިދާރާތަކުގެ ރައުޔެވެ.

 

މަރުޖާ:

[1]-   أخرجه البخاري (١٥٠٣)، ومسلم (٩٨٤)، وأبو داود (١٦١١)، والترمذي (٦٧٦)، والنسائي (٢٥٠٣)، وابن ماجه (١٨٢٦)، وأحمد (٥٣٣٩) و الدارقطني في ((سننه)) (٢٠٩٢)

[2]-   أخرجه البيهقي (٧٨١٤)  وابن عدي في ((الكامل)) (٧/ ٥٥)، والدارقطني في ((سننه)) (٢١٣٣) 

[3]  - سنن أبي داود ١٦٠٩و  سنن الدارقطني ٢/٣٢٧

[4]  - أخرجه البخاري (١٤٢٩)، ومسلم (١٠٣٣) ، والبيهقي (٨١٣٣)

[5]  - البقرة : 185

[6]  - أخرجه البيهقي (٧٨١٤)  وابن عدي في ((الكامل)) (٧/ ٥٥)، والدارقطني في ((سننه)) (٢١٣٣) 

[7]-   މިޒަމާނުގައި ބައިތުލްމާލިން އެމީހުންނަށް އެއްޗެއް ނުލިބޭތީ ފިޠުރު ޒަކާތް ހުއްދަވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަލްފިޤްހުލް އިސްލާމީ ވަ އަދިއްލަތުހޫގެ 2048 ވަނަ ޞަފްޙާ ބައްލަވާ

[8]-   މިއީ ޝާފިޢީ މަޛްހަބުގެ ރައުޔާ ތަފާތު ރައުޔެކެވެ. ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ފިޠުރުޒަކާތްވެސް މުދަލުޒަކާތް ދޭންޖެހޭ މީހުންގެ 6ބާވަތަކަށް ދޭން ޖެހޭނެއެވެ.

[9]-   ޙަނަފީ މަޛްހަބު

[10]  - التوبة : 103

[11]  - رواه يحيى بن آدم في كتاب الخراج.

[12]  -  އިތުރަށް ބައްލަވަން ބޭނުންފުޅުވާ ބޭފުޅުން كتاب الإمام المحدث أحمد بن محمد الغماري ގެ ފޮތް (تحقيق الآمال في إخراج زكاة الفطر بالمال) ބެއްލެވުން ރަނގަޅުވާނެ

[13]-   ބައެއް ޤައުއުމުތަކުގައި މިމިންވަރަކީ 2.25 ކީލޯ ކަމަށްވެސް ބަލައެވެ.

[14]- މިއީ ޙަނަފީ މަޛްހަބާއި މިޒަމާނުގެ ޢިލްމުވެރިންގެ ރައުޔެވެ. ޖުމްހޫރުންގެ ބަހަކީ ފިޠުރު ޒަކާތަށް ދޭންޖެހޭނީ އަންގަވާފައިވާ ފަދައިން ކާއެއްޗެއްސެވެ.މި ބަޙުސް  މަތީގައި ވާނީ ކުރެވިފައެވެ.

ކޮމެންޓު