އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
14 މާރިޗް 2026
މާތްﷲ ރަޙްމަތްލެއްވި އިބްނު ޤުތައިބާގެ މަޝްހޫރު ފޮތް "عيون الأخبار" އަކީ އަދަބާއި ޢިލްމުތަކުގެ ކަންޒުތަކުން ވަރަށް މުއްސަނދި ކަންޒެކެވެ. ވަރަށް ގިނަ މީހުން މި ބަގީޗާއަށް ވަދެއެވެ. މުނިފޫހިފިލުވުމަށެވެ. ވަސްމީރު މާމެލާމެލީގެ ޢަބީރުތަކުން ނޭފަތްބެއްދުން ނައްތައިލުމަށް ޓަކައެވެ. މި ބުސްތާނުން ރަހަ ތަފާތު މޭވާތައް ބިނުމަށް ޓަކައެވެ. އެއީ ޙިކުމަތްތެރި ބަސްތަކާއި ވަޢުޒުތަކާއި ނަސޭހަތްތަކާއި އަދަބިއްޔާތުތަކާއި ޅެންތަކާއި ފިކުރުތަކުން މީހުންގެ ނަފްސުތައް ފުދުންތެރިކޮށްދޭ ބުސްތާނެކެވެ.
ރަމަޟަންމަހުގެ މި ބަރަކާތްތެރި މޫސުމުގައި މި ފޮތުގެ ޒުހްދިއްޔާތުގެ ބަގީޗާއިން ޙިކުމަތާއި ވަޢުޒުގެ ބަސްކޮޅެއް ކިޔައިލަމާތޯއެވެ؟ ރޯދަކުރުކޮށްލުމަށް ޓަކައެވެ.
- ޔަޒީދުއްރައްޤާޝީ އޭނާގެ އަމިއްލަ ނަފުސާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. އޭ ޔަޒީދޭވެ! ތިބާއަށް ހަލާކު ހުށްޓެވެ! ތިބާގެ ކިބައިން ރޯދަ ހިފައިދޭނީ ކާކުހެއްޔެވެ؟ ތިބާގެ ކިބައިން ނަމާދު ކޮށްދޭނީ ކާކުހެއްޔެވެ؟ ތިބާއަށް ފަހު ތިބާގެ ވެރި ރަސްކަލާނގެ ރުއްސެވުން ތިބާއަށް ހޯދައިދޭނީ ކާކުހެއްޔެވެ؟ އެއަށްފަހު ވިދާޅުވިއެވެ. މަރުގެ މިވާދަށް މަޑުކޮށްގެން ތިބި މީހުންނޭވެ! އެބައިމީހުންގެ ގޮވެތިކަމުގައި ކަށްވަޅު ވެފައިވާ މީހުންނޭވެ! އަޅޭ! ތިބާ ނުރޯނަންހެއްޔެވެ؟ މިހެން ވިދާޅުވެ ބިންމައްޗަށް ވެއްޓިވަޑައިގެންފުމަށް ދާންދެން ކީރިތި ފުޅުކުރެއްވިއެވެ.
- ސައްޔާރު ބުނު ޖަޢުފަރު ވިދާޅުވިއެވެ. ތިބާގެ އަޚަކީ އޭނާގެ ބަސްތަކުން ތިބާއަށް ނަސޭހަތް ލިބުމުގެ ކުރީން އޭނާ ފެނުމުން ތިބާއަށް ނަސޭހަތް ލިބޭ މީހާއެވެ.
- މާތް ﷲ ރަޙްމަތްލެއްވި ޙަސަނުލްބަޞްރީ އެއް ދުވަހަކު މީސްތަކުންނަށް ނަސޭހަތްދެއްވާންވެގެން ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެކަލޭގެފާނުގެ ވަށައިގެން ތިބި އެންމެން އަޑުންއަޑު ނަގައި ރުޔެވެ. އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔައީ އަންހެނުންގެ ރުއިން ފަދަ ޢަޒްމެއްނެތް ރުއިމެކެވެ. ޔޫސުފުގެފާނުގެ އަޚުން ދެއްކި ކަހަލަ ބަހަނާއެކެވެ. އެކަލޭގެފާނުގެ އަޚުން ޢިޝާ ވަގުތުގައި، ބައްޕަގެ އަރިހަށް ރޮމުން އައޫއެވެ.
- މާލިކު ބުނު ދީނާރު އެކަލޭގެފާނުގެ މުޞްޙަފު ގެއްލިގެން ބައްލަވައިލެއްވި އިރު އެންމެން އެކަމާ ދެރަވެގެން ރޮނީއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޞްޙަފު ވަގަށް ނެގީ ކާކުހެއްޔެވެ؟ އޭނާ ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. އިއްޔެ ނޫން އިހަށް ދުވަހު އަހުރެން ތަރާވީޙު ނަމާދުކުރީ އަވަށްޓެރި މިސްކިތެއްގައެވެ. މިސްކިތުން ފޭބިއިރު ފައިވާނެއް ނެތެވެ. މިއީ އަހުރެންގެ ފައިވާން ގެއްލުނު ހަތަރުވަނަ ފަހަރެވެ. އެ ދުވަހު ގެއަށް އައީ ހުސްފަޔާއެވެ. އެއަށް ފަހު ގަނެގެން މި އުޅެނީ މީހުންނަށް ރީތިނުވާނެ އަގު ހެޔޮ ފައިވާނެކެވެ.
- އިބްނުލްޙަވާރީ ވިދާޅުވިއެވެ. އެއް ދުވަހަކު އަބޫ ސުލައިމާނުއްދާރާނީ ކީރިތިކުރައްވަނިކޮށް ދުށީމެވެ. އަހުރެން ދެންނެވީމެވެ. ކީރިތިފުޅުކުރައްވަނީ ކޮން ކަމަކާ ހެދިތޯއެވެ؟ ވިދާޅުވިއެވެ. އަހުރެންނަށް މި ރޮވެނީ އުފަލެއްނެތް ކަންބޮޑުވުމަކާ ހެދިއެވެ. ނިމުމެއްނެތް މުއްދަތަކާ ހެދިއެވެ.
- ޝާމުކަރައިގެ ދައިރު ޙަރްމަލާއިން ރާހިބަކާ ބައްދަލުވިއެވެ. އޭނާ މާ ގިނައިން ރޮނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. އޭ މިހިރަ މުސްލިމު މީހާއެވެ! އަހުރެން މި ރޮނީ އަހުރެންގެ ޢުމުރުން ގެއްލިގެން ދިޔަ ދުވަސްތަކަށް ޓަކައެވެ. ހެޔޮ ޢަމަލެއް ނުކުރެވި ފާއިތުވެ ދިޔަ ދުވަސްތަކާ ހެދިއެވެ. ދުވަސްތަކެއް ފަހުން އަހުރެން އެ މީހާއާ ބެހޭ ގޮތުން ސުވާލުކުރުމުން ބުންޏެވެ. އޭނާ އިސްލާމުވެ ހަނގުރާމަކޮށް ރޯމަނުންގެ ރަށެއްގައި ޝަހީދުވެއްޖެއެވެ.
- އިބްނުލްޙަވާރީ ވިދާޅުވިއެވެ. އެއް ދުވަހަކު އަބޫ ސުލައިމަނުއްދާރާނީގެ އަރިހަށް ދިޔަ އިރު އޭނާ އިންނެވީ ކީރިތިފުޅުކުރައްވާށެވެ. ކަލޭގެފާނު ކީރިތިފުޅު ކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ވިދާޅުވިއެވެ. އޭ އަޙްމަދެވެ! ރޭގަނޑު އަނދިރިވެ ލޯތައް ނިދުމުން، ކޮންމެ ލޯބިވެރިއަކު އޭނާގެ ލޯބިވެރިއާ އެކު މުނިފޫހިފިލުވުމަށް ޓަކައި ފައި ދަމައިލަތެވެ. އެ މީހުންގެ ލޯތަކުން ފައިބާ ކަރުނަތައް އެމީހުން ކޯތާފަތް މައްޗަށް އޮހައިން ފަށައެވެ. އެ ވަގުތު ﷲ ޖައްލަ ޖަލާލުހޫ ތަޖައްލީވެ ވޮޑިގަންނަވާ ވަޙީކުރައްވަތެވެ. ތިމަންރަސްކަލާނގެ ކަލާމްފުޅުން ލައްޒަތާއި އަރާމުލިބިގަންނަ މީހާ ތިމަންރަސްކަލާނގެ ޢިނާޔަތުގައި ލައްވަމެވެ. ފަހެ ތިބާ ތިޔަ ރޮނީ ކޮން ކަމަކާ ހެދިހެއްޔެވެ؟ ލޯބިވެރިއާ އޭނާގެ ލޯބިވެރިޔާއަށް ވޭނާއި ކެކުޅުން ދޭ ވާހަކަ ބުނީ ކާކު ހެއްޔެވެ؟ ތިމަންރަސްކަލާނގެ ޒާތުފުޅު ގަންދެއްވާ ވަޙީކުރައްވަމެވެ. ޤިޔާމަތްދުވަހުން ތިމަންރަސްކަލާނގެ ވަޖްހުފުޅު އެބައިމީހުންނަށް ދައްކަވާހުށީމެވެ.
- އިސްލާމީ މަޝްހޫރު ޅެންވެރިޔާ ޚަންސާއު ވިދާޅުވިއެވެ. އަހުރެންގެ އަޚާ ޞަޚްރު ޤަތުލުވުމުން އަހުރެން އެ ކަމަށް ޓަކައި ރޮއިހެދީމެވެ. މިއަދު އަހުރެން މި ރޮނީ އޭނާ ނަރަކައިގައި ވާނެތީއެވެ.
- ޢުމަރު ބުނު ޛައްރި އޭނާގެ ބައްޕައަށް ވިދާޅުވިއެވެ. ބައްޕަ ވާހަކަފުޅުދައްކަވާ އިރު، މީސްތަކުން ރޮއެވެ. އެކަމަކު އެހެން މީހުން ވާހަކަދައްކާ އިރު އެ މީހުންނެއް ނުރޮއެވެ. އޭނާ ވިދާޅުވިއެވެ. ލޯބިވާ ދަރިފުޅާއެވެ! އޭނާގެ ދަރިއަކު މަރުވެގެން ރޯ މިހާއާ މީހުން ރޮއްވާންވެގެން ޖަނާޒާއަށް ކުއްޔަށް ގެންނަ އަންހެނާ ވަރަށް ތަފާތުވާނެއެވެ.
- މާތްﷲ ނަބީބޭކަލަކަށް ވަޙިކުރެއްވި ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ. ތިބާގެ ހިތުން ޚުޝޫޢަތްތެރިކަން، ތިބާގެ ހަށިގަނޑުން ބޯލެނބުން، ތިބާގެ ލޮލުން ކަރުނަތައް ތިމަންރަސްކަލާނގެއަށް ހިބަކުރާށެވެ. އެއަށްފަހު ތިބާ ތިމަންރަސްކަލާނގެއަށް ދަންނަވާށެވެ! އެ ހިނދު ތިމަންރަސްކަލާނގެ ތިބާގެ ގާތުގައި ވޮޑިގެންވާނަމެވެ.
- މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ލޯތައް ﷲ ހަނދުމަކުރުމުން ފުރައިލާށެވެ!"
- އަލްފުޟައިލު އޭނާގެ ދަރިވަރަކަށް ވިދާޅުވިއެވެ. ﷲ ދެކެ ލޯބިވާކަމަށް ބުނެ ރޭގަނޑު ނިދާ މީހަކީ ދޮގުވެރިއެކެވެ. ލޯބިވެރިއާ އޭނާގެ ލޯބިވެރިޔާއާ އެކު އެކނިވެ އެކަހެރިވާނީ ރޭގަނޑު އަނދިރިވީމާ ނޫންހެއްޔެވެ؟ އެކަލާނގެ ރޭގަނޑު ދަމުނަމާދުކުރާ މީހުންނަށާއި ރޭއަޅުކަންކުރާ މީހުންނަށް ތަޖައްލީވެވޮޑިގަންނަވާނެއެވެ. އެ ވަގުތުގައި ނިދީގެ ލައްޒަތުގައި އޮންނަ މީހާއަށް ﷲ ބައްލަވާވޮޑިއެއްނުގަންނަވާނެތެވެ. އެކަލާނގެ ވަޙީކުރައްވާނެއެވެ. ތިބާ ތިމަންރަސްކަލާނގެއާ އެކުގައި ވާށެވެ! ތިމަންރަސްކަލާނގެއާ ވާހަކަދައްކާށެވެ! ތިބާގެ ގާތުގައި ތިމަންރަސްކަލާނގެ ވޮޑިގެންވާނަމެވެ.
- ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((عينان لا تمسُّهما النّارُ عينٌ بكت من خشيةِ اللهِ، وعينٌ باتت تحرسُ في سبيلِ اللهِ [1]- ދެ ލޮލެއްގައި ނަރަކައިގެ އަލިފާން ނުބީހޭނެއެވެ. އެއީ ﷲދެކެ ބިރުން ރުއި ލޮލާއި ﷲގެ މަގުގައި ނުނިދައި ފާރައަށް ހުރި ލޮލެވެ.
- ލޮބުވެތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( سَبْعَةٌ يُظِلُّهُمُ اللَّهُ يَومَ القِيامَةِ في ظِلِّهِ، يَومَ لا ظِلَّ إِلّا ظِلُّهُ - ﷲގެ ހިޔާވަހިކަންނޫން ހިޔާވަހިކަމެއް ނެތް ޤިޔާމަތްދުވަހުގައި ﷲ ހަތް މީހަކަށް ހިޔާވަހިކަން ދެއްވާނެއެވެ. އޭގެތެރޭގައި ހިމެނޭ އެކަކީ: رَجُلٌ ذَكَرَ اللَّهَ في خَلاءٍ فَفاضَتْ عَيْناهُ – މީހުންނާ އެކަހެރިވެ ﷲ ހަނދުމަކުރުމުން އޭނާގެ ދެލޮލުން ކަރުނައޮހި ފޭބި މީހާއެވެ.))
ބައެއް ލަފުޒުގެ މާނަ:
މިވާދު ނ. (1) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ކަނޑައަޅާ ކަނޑައެޅުން. (2) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ދޭ ނުވަތަ ލިބޭ ފުރުޞަތު. appointment
[1] - أخرجه الترمذي (١٦٣٩)، وابن أبي عاصم في ((الجهاد)) (١٤٦) واللفظ لهما، والبيهقي في ((شعب الإيمان)) (٧٩٦) خرجه البيهقي في ((شعب الإيمان)) (٧٧٥)، وابن أبي عاصم في ((الجهاد)) (١٤٦)، وأبو نعيم في ((حلية الأولياء)) (٥/ ٢٠٩)