ad_banner
ދީނާއި ސިޔާސަތުގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ނަޒަރެއް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

15 މާރިޗް 2026

ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. ]ދީނާއި ސިޔާސަތަކީ އެކަތި އަނެކައްޗާ އެއްވެސް ގުޅުމެއް ނެތް ދެ އެއްޗެކެވެ. ޑިމޮކުރަސީގެ ވެރިކަމުގެ އުސޫލަކީ މިއެވެ. އިންސާނީ ހައްގުތައް ލިބިދިނުން އޮތީ ވެސް ދީނާއި ސިޔާސަތު ވަކިކޮށް މި ދޭތީން ކުރެ ކޮންމެ އެއްޗެއް ވެސް އޭގެ ޖަގަހައިގައި ބޭއްވިގެންނެވެ. ދީނުގެ ޖަގަހައަކީ އަޅުކަމުގެ ތަންތަނެވެ. މިސްކިތާއި ފައްޅިއެވެ. ސިޔާސަތަކީ މީހުންގެ ޖަމާއީ ހަޔާތް ހިންގާނޭ ސިޔާސަތުތައް ކަނޑައަޅާ ގޮތެވެ. ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކެވެ. މި ކަމާ ދީނަކާ ގުޅެމެއް ނެތެވެ.[

މިއީ ހަމަ ކަން އޮތް ގޮތް ތޯއެވެ؟ ނުވަތަ ކަން އޮންނާން ޖެހޭނޭ ގޮތް ތޯއެވެ؟ މި ލިޔުމުގައި އަލި އަޅުވައިލާން ބޭނުންވަނީ މި ކަމުގެ މައްޗަށެވެ. އިސްލާމް ދީނުގެ މައްޗަށް ތަރުކީޒުކޮށް، ދީނާއި ސިޔާސަތާއި ދެމެދުގައި އޮންނަ ނުވަތަ ނޯންނަ ގުޅުމުގެ މައްޗަށެވެ.

ދީނާއި ސިޔާސަތުގެ ވާހަކަ ދައްކާ އިރު އެންމެ ފުރަތަމަ ބަލައިލާން ބޭނުންވަނީ ބައެއް 'ސެކިޔުލަރ' (ލާދީނީ) ގައުމުތަކުގައި ސިޔާސަތާއި ދީނުގެ ގުޅުން އޮންނަ ގޮތުގެ މައްޗަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކާއި އިރުމަތީގެ ބައެއް ގައުމުތަކުގެ މައްޗަށް ވެސް މެއެވެ.

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ޔޫ.އެސް. (އެމެރިކާ)އަށް ބަލައިލަމާތޯއެވެ؟ އެމެރިކާގައި %73 މީހުން، އެމީހުންގެ ހުވިއްޔަތު (އައިޑެންޓިޓީ) ކަނޑައަޅައިލުމުގައި، އެ މީހުންނަކީ ނަސާރާއިންކަމުގައި ބުނެއެވެ. އަދި، އެމެރިކާގެ އާބާދީގެ 40% އާއި %53 ގެ ދެމެދުގެ އަދަދެއްގެ މީހުން، ރައީސެއްގެ ގޮތުގައި، ލާއިލާހީ (އިލާހަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ، އެތިސްޓިކް) ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެކަމުގައި ބުނެއެވެ. އަދި، އެމެރިކާގެ އާބާދީގެ %56 މީހުން ދެކޭ ގޮތުގައި ދީނީ އަސަރު މުޖުތަމައުން ފިލައިދިޔުމަކީ މުޖުތަމައުއަށް ލިބޭ ގެއްލުމެކެވެ. އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް %60  މީހުން ގަބޫލުކުރާ ގޮތުގައި، އެމެރިކާގެ ކޮންގުރެސްގެ މެންބަރުންގެ ގޮތުގައި ތިބޭން ޖެހޭނީ ދީނީ ވަރުގަދަ އަގީދާއެއްގެ މަތީގައި ތިބޭ ބަޔެކެވެ. އެމެރިކާގެ ކޮންގުރެސްއަކީ މާލީ ގޮތުންނާއި ގާނޫނުތައް ހެދުމުގެ ގޮތުންނާއި ދިފާއީ ކަންކަން ހިންގުމުގެ ގޮތުން ވެސް އެތައް ބާރުތަކެއް ލިބިފައި އޮންނަ ސިޔާސީ މުއައްސަސާއެކެވެ.

މީގެ އިތުރަށް، އެމެރިކާގެ ރިއާސީ ނޫނީ އަދިވެސް އެހެން، އާންމު އިންތިޚާބުތަކުގައި، ދީނަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ކަން އެންމެ ސާފުކޮށް ފެނިފައިވަނީ އެމެރިކާގައި 2009ވަނަ އަހަރާއި އަދި 2013 އަހަރު އޮތް ރިޔާސީ އިންތިޚާބުގައެވެ. މި ދެއިންތިޚާބުގައި ވާދަކުރެއްވި އެއް ކެންޑިޑޭޓަކީ ބަރާކު ޙުސައިން އޮބާމާއެވެ. އޭނާގެ ބައްޕައަކީ މުސްލިމަކަށްވުމާއި އަދި އޭނާގެ ދެވަނަ ނަމަކަށް އާންމުކޮށް މުސްލިމުންނަށް ކިޔައި އުޅޭ އަރަބި ނަމެއް އޮތުމުން، އޭނާއަކީ މުސްލިމެއް ކަމުގައި ބެލެވުނެވެ. އަދި މިއީ އޭނާ ވެރިކަމަށް އައުމަށް އޮތް ހުރަހެއް ކަމަށް ވެސް ވިއެވެ. އެހެންވެ، ތަކުރާރުކޮށް، ވިދާޅުވެ، އޮބާމާއަށް ސާބިތުކޮށްދެއްވާން ޖެހިވަޑައިގަތީ އޭނާއަކީ މުސްލިމެއް ނޫންކަމެވެ. އޭނާއަކީ ގަވާއިދުން، ކަނީސާއަށް ވަޑައިގަންނަވާ، ނަސާރާ ދީނުގެ އަހުލުވެރިއެއްކަމެވެ. މިއިން އެނގެނީ ކޮން ކަމެއް ތޯއެވެ؟ ދީނާއި ސިޔާސަތާއި އޮންނަ ވަރުގަދަ ގުޅުމެވެ. ސެކިޔުލަރ އެމެރިކާގައި ވެސް، އެތަނުގެ ގިނަ ބަޔެއްގެ ދީންކަމުގައިވާ ނަސާރާ ދީނުގެ މީހެއް ނޫން މީހަކަށް، ވެރިކަމަށް އައުމަކީ ދަތިކަމެއްކަމުގައެވެ. މި ގުޅުން ނެތް ނަމަ، އަދި، އެމެރިކާގެ ގިނަ ބަޔަކަށް ދީނަކީ މުހިންމު އެއްޗަކަށްނުވާ ނަމަ، ބަރާކު ޙުސައިން އޮބާމާއަށް، އޭނާއަކީ ނަސާރާ ދީނުގެ އަހުލުވެރިޔެއްކަން، ތަކުރާރުކޮށް، ސާބިތުކޮށްދެއްވާން ޖެހިވަޑައިގަތީސްތޯއެވެ؟

ދެން އިނގިރޭސި ވިލާތަށް ބަލައިލަމާ ތޯއެވެ؟ އިނގިރޭސި ވިލާތް، (ޔޫ.ކޭ.)ގައި ގާތްގަނޑަކަށް، އެތާގެ އާބާދީގެ %60 މީހުންނަކީ ނަސާރާއިންކަމުގައި ބުނެއެވެ. އަދި، އުތުރު އަޔަރލެންޑު ފަދަ، ޔޫ.ކޭ.ގެ ބައެއް ސަރަހައްދުތަކުގައި، މި އަދަދު %90އަށް ވުރެ މައްޗަށް ދެއެވެ. ގާނޫނީ ސިފައެއްގައި ލިޔެވިފައި ނެތަސް، އެއްވެސް ތަނެއްގެ ރަސްކަލަކަށް ނޫނީ ރަނިކަމަނާއަކަށް އެތަނެއްގެ މައި ދީން ކަމުގައި ބެލެވޭ ދީނުގެ މީހެއް ނޫނީ ނާދެވޭނޭކަމަށް ބުނެވެއެވެ. މި އުސޫލުގެ މަތީން، އިނގިރޭސި ތަޚުތަށް ވެސް، ނަސާރާ ދީނުގެ އެންގިލިކަން މަޒުހަބުގެ މީހެއް ނޫން މީހަކަށް ނާދެވޭނޭކަމަށް ބެލެވެއެވެ. ތުންތުން މަތީން ދެކެވޭ ވާހަކަތައް ބުނާ ގޮތުން، ލޭޑި ޑަޔަނާ 'އަވަހާރަވުމުގައި' ނުވަތަ 'އަވަހާރަކޮށްލުމުގައި' އެ ކަމަނާގެ މުސްތަގުބަލުގެ ފިރިކަލުންނަކީ މުސްލިމަކަށްވުން ސަބަބަކަށް ވެއެވެ. އާދޭހެވެ! މުސްތަގުބަލުގެ އިނގިރޭސި ރަސްގެފާނު، އަމީރު ވިލިޔަމްސްގެ ދޮންބައްޕާފުޅަކީ މުސްލިމަކަށްވުމީ އިނގިރޭސީންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވަނީއެވެ. ރާވާއިގެން، ގަސްދުގައި، ޑަޔަނާ އަވަހާރަކޮށްލުމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ބެލިޔަސް، މި ވާހަކައިން، އެތައް ބަޔެއްގެ ގަބޫލުކުރާ ގަބޫލުކުރުމަކަށް، އިޝާރަތްކުރެއެވެ. އިނގިރޭސި ރަސްކަމުގެ އާއިލާ ވާން ޖެހޭނީ ނަސާރާއިންގެ އެންގިލަކަން މަޒުހަބުގެ މީހުންކަމުގެ ގަބޫލުކުރުމަށެވެ.

މީގެ އިތުރަށް، 2011ގައި، ކިންގްސް ޖޭމްސް ބައިބަލް ލިޔެވުނުތާ 400ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އިހުތިފާލެއްގައި، އޭރުގެ އިނގިރޭސި ބޮޑުވަޒީރު، ޑޭވިޑް ކެމަރަން ވިދާޅުވީ އިނގިރޭސިވިލާތަކީ (ޔޫ.ކޭ. އަކީ)، ނަސްރާނީ ދައުލަތެއްކަމެވެ. އަދި، އިނގިރޭސީންގެ

ހަޔާތުގެ އަގުތައް، ގިޔަމުތައް (ވެލިޔުސްތައް)، ނެގިފައިވަނީ ބައިބަލް – އެބަހީ ތައުރާތާއި، އަދިވެސް، އިހުގެ އަހުދުގައި ހިމެނޭ މުގައްދަސް ފޮތްތަކާއި އަދި އިންޖީލުން ވެސް – ކަމެވެ. މި ހަގީގަތް ފާޅުކުރުމާ މެދު އެއްވެސް އިނގިރޭސި މުވާތިނަކު ޖެހިލުންވެ، ބިރުގަނެގެން ނުވާނޭކަން ވެސް، ޑޭވިޑް ކެމެރަން ވިދާޅުވިއެވެ. އިނގިރޭސިންގެ މުޖުތަމައީ ހަޔާތުގައި ދީނީ ޝިއާރު ފާޅުކުރުމާއި ދީނުގެ ރަސްމުތައް ފެނުމަކީ ވަރަށް ވެސް އާންމު ކަމެކެވެ. އިނގިރޭސި އާންމު އެކި އިހުތިފާލުތައް ދީނީ ރަސްމުތަކުން ފެށުމަކީ އާންމުކަމެކެވެ. އާދޭހެވެ! އިނގިރޭސި މުޖުތަމައީ ހަޔާތުގައި ދީނާއި ސިޔާސަތް ވަނީ އެއްވެ އެކުވެފައެވެ. މި ދެކަމަކީ ފަހަރެއްގައި ވެސް، ކޮންމެ އެއްޗެއް އޭގެ ޖަގަހައިގައި ބޭއްވިފައި އޮންނަ އެއްޗަކަށް ނުވެއެވެ.

ދެން، ބައެއް އިރުމަތީ ގައުމުތަކަށް ބަލައިލަމާތޯއެވެ؟ ސެކިޔުލަ ޑިމޮކުރަސީއޭ ބުނެ، އެ ފަދައިން ސިފަކުރެވޭ ބައެއް ގައުމުތަކެވެ. އެންމެ ފުރަތަމަ އިޒުރޭލެވެ. އިޒުރޭލުގެ ހުވިއްޔަތަކީ ވަރަށް ވެސް އާދަޔާޚިލާފު ގޮތަކަށް އޮންނަ ހުވިއްޔަތެކެވެ. ދީނާއި ގައުމިއްޔަތާއި އެކުވެ، މި ދެބައި، އޭގެ ތެރެއަށް ވިރިފައި އޮންނަ ހުވިއްޔަތެކެވެ. އެހެންވީމާ، ޔަހޫދީއެކޭ ބުނުމުން އޭގައި ދެ މާނަ އެކުލެވެއެވެ. ދީން ކަނޑައަޅާ މާނައަކާއި އަދި ނަސްލު ކަނޑައަޅާ މާނައެކެވެ. ބައެއް ފަހަރު، މި ދެމާނަ އެއްކޮށް ވެސް ނެގެއެވެ. އަނެއް ބައި ފަހަރު، ހަމަ އެކަނި ނަސްލަށް ނިސްބަތްކޮށް، ޔަހޫދީއޭ ބުނުމުން، ވަކި ނަސްލަކަށް އިޝާރަތްކުރެވޭ މާނަ ދޭހަކުރެވެއެވެ. މިހެން ވުމުން، ދީނާއި ގައުމިއްޔަތު އެހެން އެއްވެސް ތަނެއްގައި، އެއްވެ އެކުނުވާ ދަރަޖައަކަށް ލައިމެހިފައި އޮތުމުން، އިޒުރޭލުގައި ދީނާއި ސިޔާސަތު އޮންނަނީ އެކުވެ އެއްވެފައެވެ. ދީނީ އެތައް ސިޔާސީ ޕާޓީތަކެއް އޮވެއެވެ. އަދި، ވެރިކަމުގައި، މި ޕާޓީތަކުގެ ނުފޫޒު ވަރަށް ވެސް ބޮޑެވެ. އިޒުރޭލުގެ ކަނީސަތުގައި، ރައްޔިތުންގެ މަޖުލިހުގައި، ދީނީ އެތައް މެންބަރުންނެއް ތިއްބަވައެވެ. އެކިއެކި ވުޒާރާތަކުގެ ވަޒީރުންގެ ގޮތުގައި ދީނީ ޕާޓީތަކުގެ މެންބަރުން ތިއްބަވައެވެ. އިޒުރޭލުގެ ދިފާއީ މުއައްސަސާތައް ފަދަ، އެކިއެކި މުއައްސަސާތަކުގައި، ލަފާ ދިނުމުގެ ގޮތުން، ރައްބާނީން (ޔަހޫދީ ދީނުގެ ދީނީ ބޮޑެތި އިލްމުވެރިން)، ތިއްބަވައެވެ. އިޒުރޭލުގެ އެތައް ގާނޫނުތަކެއް، ޚާއްސަ ގޮތެއްގައި ކައިވެންޏާއި ވަރީގެ ގާނޫނުތައް، ބިނާވެފައި އޮންނަނީ 'ހަލަކާ'ގެ މައްޗަށެވެ. ޔަހޫދީ ދީނުގެ ދީނީ ޝަރީއަތުގެ މައްޗަށެވެ. އިޒުރޭލުގެ ބޮޑުވަޒީރެއްކަމުގައިވި ރަބީން އަވަހާރަކޮށްލީ، ޔަހޫދީ ގައުމިއްޔަތާއި ޚިލާފުވެވަޑައިގެންކަމަށް ގަބޫލުކުރި، ޔަހުދީ ދީނުގެ ދީންވެރި މީހެކެވެ. އޭނާ އެ ކަމަށް ހެކި ލިބިގަތީ، ޔަހޫދީ ދީނުގެ އިލްމުވެރިންގެ ވެސް ހިތްވަރުދިނުމާ އެކު، ޔަހުދީ ދީނީ ފޮތްތަކުންނެވެ. ލިޔުންތަކުގައި ރަބީންގެ ގާތިލު ސިފަކުރެވިފައިވަނީ ޔަހޫދީ ދީނުގެ ހައްދުފަހަނައަޅައިފައިވާ މީހެއްގެ ގޮތުގައެވެ. މީނާގެ އަމަލާ ގިނަ ބަޔަކު އެއްބަސްނުވިކަމުގައި ވިޔަސް، އޭނާގެ ދީން ކުށްވެރިކޮށް، ޔަހޫދީ ދީނަކީ ހަރުކަށި ފިކުރުގެ ދީނެއްކަމުގައި ބަލައި، މުޖުތަމައުން އޭނާ ބޭރުކޮށެއް ނުލެވެއެވެ.

ދެން އަޅުގަނޑުމެންގެ އަވައްޓެރި އިންޑިޔާއަށް ބަލައިލަމާތޯއެވެ؟ އިންޑިޔާގެ ސިޔާސީ ޕާޓީތަކުގައި، އެކި ދަރަޖައަށް، ހިންދީ ދީނީ ކުލަ ޖެހިފައި ވެއެވެ. މީގެ އިތުރަށް، ހިންދީ ބޮލީވުޑު ފިލްމުތަކުގައި ވެސް ހިންދީ ދީނީ ކުލަޖެހިފައި ވެއެވެ. ހިންދީ ފިލްމީ ޑިރެކްޓަރަކު ބުނެފައިވާ ގޮތުން، އެއްވެސް ފިލްމެއްގެ ތަސްވީރުކުރުން، އެ ކަމަށް އޮންނަ އެމީހުންގެ އިލާހަށް ޝުކުރުއަދާނުކޮށެއް ނުފެށޭނެއެވެ. އަދި އިންޑިޔާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ހިންދީ ދީނީ ކުލަ، މިހާރު ވެރިކަން ކުރާ ޕީ.ޖޭ.ޕީ. ޕާޓީގައި ވަކިން ގަދައެވެ. އެ ޕާޓީގެ އުސޫލުތައް ބިނާވެފައި އޮތީ ހިންދީ ދީނީ ގައުމިއްޔަތުގެ މައްޗަށެވެ. އާދޭހެވެ! އިންޑިޔާގެ ގައުމިއްޔަތުގެ އަސާސަކީ ހިންދީ ދީންކަމުގެ މައްޗަށެވެ. އިންޑިޔާގެ މި ޒަމާނުގެ ބައްޕަކަމުގައި ބެލެވޭ މަހާތުމާ ގާނދީ އަވަހާރަކޮށްލެވުނީ ކީއްވެތޯއެވެ؟ ހިންދީ ދީނީ ގައުމިއްޔަތާ ދުރުވެވަޑައިގެންކަމަށް ގަބޫލުކުރާ އެތައް ބަޔަކު ތަމްސީލުކުރި ހިންދީ ދީންވެރި މީހެކެވެ. ލިޔުންތަކުގައި މި މީހާ ސިފަކުރެވެނީ ހިންދީ ދީނުގެ ހައްދުފަހަނައަޅައިފައިވާ މީހެއްކަމަށެވެ. ނަމަވެސް، ފަހުގެ ބައެއް ލިޔުންތަކުން، ބީ.ޖޭ.ޕީ.އަށް ނިސްބަތްވާ މީސްމީހުން، ގާނދީގެ ގާތިލަކީ އަދި އެ ކަން ރޭވުމުގައި ބައިވެރިވި މީހުންނަކީ ބަތަލުންކަމުގައި ގަބޫލުކުރާކަން ވެސް ފެނެއެވެ. މީގެ އިތުރަށް، ބީ.ޖޭ.ޕީ. ފަދަ ދީނީ އަގީދާތަކުގެ މައްޗަށް ބިނާވާ ގައުމިއްޔަތްތައް ދެކެނީ، އެހެން ދީންތަކަކީ އެމީހުންނަށް އޮތް ނުރައްކަލެއް ކަމުގައެވެ. މިސާލަކަށް، ބީ.ޖޭ.ޕީ.އިން ދެކޭ ގޮތުގައި، މުސްލިމުންނަކީ އެ މީހުންގެ ދީނަށް އޮތް ނުރައްކަލެކެވެ. އެހެންކަމަށް ވުމުން، މުސްލިމުންނާ އިދިކޮޅު ފިޔަވަޅުތައް، އެ ޕާޓީއިން އަޅަމުން ދެއެވެ. މިސާލަކަށް، ބީ.ޖޭ.ޕީ.އިން، އިސްނަގައިގެން، މީސްމީހުނަށް ރަށްވެހިކަން ދިނުމާ ބެހޭ ގޮތުން ފާސްކުރެވުނު ގާނޫނެވެ. އިންޑިޔާގެ ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި ހިންގާ ހަރަކާތްތަކެވެ. އަދި، ޕީ.ޖޭ.ބީ.ގެ ސަރުކާރުތަކުގެ ތާއީދާ އެކު، ގެރި ކަތިލުމުގެ ތުހުމަތުގައި، ހިންދީ އެކިއެކި ފަރުދުން އަމިއްލައަށް، މުސްލިމުންނަށް ހަމަލާދީ މުސްލިމުން މެރުމުގެ ހާދިސާތަކެވެ. ދާދި ފަހުން، ބީ.ޖޭ.ޕީ.ގެ ވެރިޔަކު، އަޟުޙާ ޢީދުގައި، މުސްލިމުން އުޟުޙިއްޔާ ކަތިލުމުގެ ބަދަލުގައި، މުސްލިމުންގެ ދަރީން ކަތިލުމަށް ގޮވައިލި ގޮވައިލުމުން ވެސް މި ކަން ފެނިގެންދެއެވެ.

މަތީގައި ބަޔާން ކުރެވިދިޔަ މިސާލުތަކުގައި މުޅިން ވެސް ގެނެސް ދެވިފައިވަނީ، ['ސެކިޔުލަރ' (ލާދީނީ) ޑިމޮކުރަސީ]ގެ ގޮތުގައި ސިފަކުރެވޭ ދައުލަތްތަކުގެ ވާހަކައެވެ. މަތީގައި ބަޔާންކުރެވި ދިޔަ ބަޔާނުން ފެންނަ ގޮތުގައި، މި ދައުލަތްތަކުގައި ހަގީގަތުގައި ކަންކަން ހިނގަނީ ދީނާއި ސިޔާސަތު ވަކިކުރެވިގެންނެއްނޫނެވެ. ދެން، އިސްލާމް ދީނާއި ސިޔާސަތުގެ މައްޗަށް ބަލައިލަމާތޯއެވެ؟

މި ވާހަކަތަކަށް ދިޔުމުގެ ކުރީން، މުހިންމު ނުކުތާއެއް ފާހަގަކޮށްލާން ޖެހެއެވެ. 'ސެކިޔުލަރިޒިމް'ގެ މާނައެވެ. ސެކިޔުލަރިޒަމް ނުވަތަ، ދިވެހި ބައެއް ލިޔުންތަކުން ފެންނަ އިބާރަތް ބޭނުންކުރާ ނަމަ، 'އަލްމާނިއްޔަތު'، މި ލަފުޒު ތަފާތު މާނަތަކުގައި ބޭނުންކުރެވެއެވެ. ދީނާއި ދުނިޔޭގެ ކަންތައް ވަކިކުރުމުގެ މާނައެވެ. ދީނީ ކަންތައްތައް ބިނާވަނީ ވަހީގެ މައްޗަށް ކަމަށްވާއިރު، ދުނިޔޭގެ ކަންތައްތައް ބިނާވާން ޖެހޭނީ ބުއްދީގެ ބާރުގެ މައްޗަށް ކަމުގެ މާނައެވެ. ދީނީ ކަންކަން ހިންގުމުގެ މުއައްސަސާއާއި ދުނިޔަވީ ކަންކަން ހިންގުމުގެ މުއައްސަސާގެ ބާރުތައް ވަކިކުރުމެވެ. އާދެ، ހުޅަނގުގައި، މީގެ މާނައަކީ ކަނީސާގެ ބާރުތަކާއި ސަރުކާރުގެ ބާރުތައް ވަކިކުރުމެވެ. މީގެ އިތުރު، ކުޑަ ނަމަވެސް، ތަފުސީލެއް ބޭނުން ވެއެވެ. މައްސަލަ ރަނގަޅަށް ފަހުމްވެދިޔުމަށް ޓަކައެވެ.

ފަރަންސޭސި އިންގިލާބަށް ބަލައިލުމުން، މި ދެންނެވި ދެ މުއައްސަސީ ބާރުގެ ދަށުގައިވީ ބާރުތައް ވަކިކުރުން ސާފުކޮށް ފެނިގެން ދެއެވެ. ފަރަންސޭސި އިންގިލާބު ކުރީން، ހުޅަނގުގެ އެތައް ގައުމުތަކެއްގައި ކަންތައް އޮތް ފަދައިން، ކަނީސާއަށް ތަފާތު ބާރުތަކެއް ލިބިފައި އޮތެވެ. ތައުލީމުގެ މަންހަޖު ކަނޑައަޅައި ތައުލީމު ދިނުމުގެ ބާރެވެ. ޓެކްސް ނެގުމުގެ ބާރެވެ. ރޯމުގެ ޕޯޕު، ފަރަންސޭސި ކަނީސާއަށް ބާރު ފޯރުވުމެވެ. ފަރަންސޭސި އިންގިލާބަށް ފަހު، މި ބާރުތަކަކީ މަދަނީ، އެބަހީ ސަރުކާރުގެ، ބާރުތަކެއްގެ ގޮތުގައި ކަނޑައަޅައިލެވުނެވެ. ތައުލީމީ ކަންތައްތައް ކަނޑައަޅައި ހިންގުމާއި، ޓެކްސް ނެގުމާއި، ގާނޫނީ މީހުން ތައްޔާރުކޮށް، އެމީހުންނަށް ވަޒީފާ ދިނުމާއި، އަދި، ޚުދް، ކަނީސާގެ ޚަރަދުތައް ކުރުމަކީ ވެސް ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަން ޖެހޭނޭ ކަންކަމުގައި ކަނޑައަޅައިލެވުނެވެ. މީގެ ބޭނުމަކީ، ދައުލަތެއްގެ ތެރޭގައި ދެ ދައުލަތެއް، (ދީނީ، ކަނީސާގެ، ދައުލަތަކާއި މަދަނީ، ސަރުކާރުގެ ބާރުތަކެއް އެކުލެވޭ ދައުލަތެއް) އޮތަ ނުދިނުމެވެ. ދީނާ އިދިކޮޅުވުމެއްނޫނެވެ. ފަރަންސޭސި އިންގިލާބުގެ އެންމެ ފަހުގެ ގާނޫނު އަސާސީ، 'ނެޕޯލިޔަންގެ ގަވާއިދު، މިއިން މި ކަން އެނގެއެވެ. އެ ގަވާއިދުގައި، ފަރަންސޭސީ މުޖުތަމައުގެ އަޣުލަބިއްޔަތަކީ ނަސާރާ ދީނުގެ ކެތޮލިކް މަޒްހަބުގެ މީހުންކަމުގައި ކަނޑައެޅިފައި އޮވެއެވެ.

މި މަގާމުގައި ވަރަށް އާދަޔާ ޚިލާފު ވާހަކައް ވެސް ލިޔެލާން ޖެހެއެވެ. ފަލްސަފީ ފިކުރެއްގެ ހައިސިއްޔަތުން، އަލްމާނިއްޔަތުގެ ތާރީޚަށް ބަލައިލާ އިރު، ހުޅަނގައި މި ފިކުރުގެ އަސްލު ގުޅުވައިލަނީ މުސްލިމު ފަލްސަފާވެރިޔަކާއެވެ. އާދޭހެވެ! އިބްނު ރުޝްދާއެވެ. އިބްނު ރުޝްދަކީ ދީނީ ފިކުރާއި އަލްމާނީ ފިކުރު (ދީނީ ނޫން ފިކުރު)، އެންމެ ފުރަތަމަ ވަކިކުރެއްވި ފަލްސަފާވެރިޔާގެ ގޮތުގައި ހުޅަނގުގައި ބެލެވޭ ފަލްސަފާވެރިޔާއެވެ. ދެން ފަހުން، ފަލްސަފީ މަދަރުސާއެއްކަމުގައިވާ 'އެވޮރޯސްގެ' (އިބްނު ރުޝްދުގެ)، މަދަރުސާއިން މިފިކުރު އިތުރަށް ތަރައްގީކުރެވުނެވެ. އިސްލާމީ ދުނިޔޭގައި އިބްނު ރުޝްދު މަޝްހޫރުވެފައިވަނީ ފިގުހު އިލްމުވެރިޔެއްގެ ގޮތުގައިއެވެ. އަދިވެސް، އަލްފިގުހުލްމުގާރަނުގެ (އިސްލާމިކް ކޮމްޕެރަޓިވް ލޯގެ) މައިދާނުގައި، (ފިގުހީ އެކިއެކި މަޒުހަބުތައް އަޅައިކިޔުމުގެ މައިދާނުގައި،) އޭނާ ލިޔުއްވި [ބިދާޔަތު އަލްމުޖުތަހިދު] މި ފޮތް، އަދުގެ އިސްލާމީ ޔުނިވަރސިޓީތަކުގައި ކިޔަވައިދެވެއެވެ.

ޝައްކެއް ނެތް ގޮތުގައި، ބައެއް ފަހަރު، އަލްމާނިއްޔަތަކީ ދީނާ ދިމާ އިދިކޮޅު ފިކުރެއްގެ ގޮތުގައި ވެސް، މާނަކުރެވެއެވެ. މީގެ އެންމެ ރަނގަޅު މިސާލެއް، މި ޒަމާނުގެ ތާރީޚުން ފެނިގެން ދިޔައީ އިހުގެ ސޯވިއެޓް ޔުނިއަންއިންނެވެ. ސޯވިއެޓް ޔުނިއަން ފާހަގަކުރެވުނީ ފާޅު ގޮތެއްގައި ދީނާ އިދިކޮޅު އަދި، ދީނާ ހަނގުރާމަކުރި ކޮމިޔުނިސްޓު ދައުލަތެއްގެ ގޮތުގައެވެ. ދީން މަނާކުރި، އަދި ކަނީސާތައް ފަދަ ދީނީ ތަންތަން ނައްތައިލި ދައުލަތެއްގެ ގޮތުގައެވެ. ނަމަވެސް، މީގެ މާނައަކީ، މަތީގައި ފެނިގެން ދިޔަހެން، ޑިމޮކުރަސީއާއި ސެކިޔުލަރިޒްގެ ގޮތުގައި ސިފަކުރެވޭ ހުރިހާ ތަންތަނަކީ ދީނާ އިދިކޮޅު ދީނާ ހަނގުރާމަކުރާ ތަންތަން ނޫންކަމެވެ. އަދި، މައިގަނޑުގޮތެއްގައި، މި ފަދަ ގޮތެއްގައި ދައުލަތްތައް ސިފަކުރެވެނީ، ކުރީން ދެންނެވި ހެން، އެއް ދައުލަތެއްގެ ތެރޭގައި ސިޔާސީ ދެ ބާރެއް އޮތަނުދިނުމުގެ ބޭނުމުގައެވެ.

ދެން އިސްލާމް ދީނާއި ސިޔާސަތާއި ދެމެދުގެ ގުޅުމުގެ މައްޗަށް ބަލައިލަމާތޯއެވެ؟ އިސްލާމް ދީނުގައި ދީނާއި ސިޔާސަތު އޮންނަނީ ލާމެހިފައެވެ. ނަމަވެސް، މި ކަމުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މި ލައިމެހިފައި އޮންނަ އޮތުމުގެ ތަބީއަތުގެ މައްޗަށް ބަލައިލާން ޖެހެއެވެ. އިސްލާމް ދީނުގެ އުނގަންނައިދިނުމުގެ މައްޗަށް ބަލައިލުމުން، މި ގުޅުމުގެ ތަބީއަތް ސާފުވެދެއެވެ.

އިސްލާމް ދީނުގެ އުނގަންނައިދިނުންތައް ދެ ބަޔަކަށް ބަހައިލެވެއެވެ. ފަރުދީ ބަޔަކާއި މުޖުތަމައީ ބައެކެވެ. މާނައަކީ ފަރުދުންގެ ހަޔާތާ ގުޅޭ ބައަކާއި މުޖުތަމައުގެ ހަޔާތާ ގުޅޭ ބައެކެވެ. ފަރުދުންގެ ހަޔާތުގެ ބައި ގުޅެނީ އެ މީހުންގެ ހަޔާތް، މާތްރަސްކަލާނގެއަށް އީމާންވާ، އަދި އެ އީމާންކަންމަތީ ބިނާކުރެވޭ މާތް އަޚުލާގީ ބިންގަލެއްގެ މަތީގައި ގާއިމުކުރުމާއެވެ. މި ބައި ގުޅެނީ ފަރުދީ އިސްލާހާއެވެ. މި ބައިގައި އަޅުކަމާ ގުޅޭ ޚާއްސަ ރަސްމުތައް ހިމެނެއެވެ. މިސާލަކަށް ނަމާދުކުރުމާއި ރޯދަ ހިފުން ފަދަ ޢިބާދާތުގެ ބައިތަކެވެ. މީގެ އިތުރުން ހަލާލާއި ހަރާން ވަކިކޮށް ކަނޑައަޅާލަދޭ ބައިވެސް ހިމެނެއެވެ.

އިސްލާމީ ތައުލީމާތުގެ މުޖުތަމައީ ބައި ގުޅެނީ މުސްލިމުންގެ މުޖުތަމައުގެ ކަންކަން ހިންގައިލާނެ ގޮތާއެވެ. މި ގޮތުގެ މަގުސަދަކަށް ކަނޑައެޅިފައި އޮތީ ހަމަހަމަކަމާއި އަދުލުވެރި މުޖުތަމައުއެއް ބިނާކުރުމުގެ އަމާޒުފަތްގަނޑާ ހަމައަށް މުޖުތަމައު ގެންދިޔުމެވެ.

މި ދެ ބަޔަށް ބަލައިލާ އިރު، ފުރަތަމަ ބައި (ފަރުދުންގެ އިސްލާހާއި ބެހޭ ބައި)، މި ބަޔާއި ދީނާ ގުޅެނީ ސޫރީ (ފޯމަލް) ސިފައެއްގައެވެ. މާނައަކީ ހެޔޮލަފާ މީހަކަށް ވުމުގެ ގޮތުން ސޫރީ ކަންތައްތަކެއް އަދާކުރާން ޖެހުމެވެ. ކުރީން ވެސް ދެންނެވުނު ފަދައިން ނަމާދުކުރުމާއި ރޯދަހިފުން ކަހަލަ ކަންކަމެވެ. ސޫރީ ކަންކަމޭ ބުނެވެނީ މި ފަދަ ކަންކަން އަދާކުރެވެނީ ކަނޑައެޅިފައި އޮންނަ ސޫރައެއްގެ (ފޯމެއް) މަތީންނެވެ. މިސާލަކަށް، ނަމާދަށް ބަލައިލާ ނަމަ، މި ކަން އަދާކުރެވެނީ ކަނޑައެޅިފައި އޮންނަ ކިޔުންތަކަކާއި ހަރަކާތްތަކެއް މެދުވެރިވެގެންނެވެ. މީގެ އިތުރަށް، ކުރީން ވެސް ބުނެވިދިޔަ ފަދައިން، މި ބައިގެ ތެރޭގައި ނުކުރާން ކަނޑައެޅިފައިވާ (ހަރާން) ކަންތައްތަކެއް ވެސް ހިމެނެއެވެ. މި ސޫރީ ކަންކަމުގެ ޒަރީޢާއިން، މުއުމިނާގެ ނަފުސުގައި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، އެ ހުޅުކޮޅުގެ އެހީގައި، ތެދުވެރިވުމާއި، އަމާނަތްތެރިވުމާއި، އަނެއްކުންނަށް ކަމޭހިތައި އަޅައިލުން ފަދަ އަޚުލާގީ ރިވެތި ސިފަތައް ލިބިގަތުމުގެ މަސައްކަތްކުރުމުގައި ދެމިތިބޭން ޖެހެއެވެ. ދީނީ ތައުލީމާތުގެ މި ބައަށް ޚާލިސް ދީނީ ބައޭ ވެސް ކިޔެއެވެ. މިބައި ގުޅެނީ އިންސާނީ ނަފްސުގެ ހާލަތާކަމަށް ވާތީ، (ހިޔުމަން ކޮންޑިޝަން) ދީނުގެ މި ބަޔަކަށް، ތަނާއި ވަގުތަށް ރިއާޔަތްކޮށް ބަދަލެއް ނާންނާނެއެވެ. ބަދަލެއް ނުގެނެވޭނެއެވެ. އާދޭހެވެ! އިންސާނާގެ ނަފުސުގެ ހާލަތަކީ، އިންސާނާ އުފެދިފައިވާ ގޮތަކީ، އެ ހާލަތަށް، ފަހަރެއްގައި ވެސް ބަދަލެއް އަންނާނޭ ހާލަތަކަށް ނުވާތީއެވެ.

މިއާ ޚިލާފަށް، އިސްލާމް ދީނުގެ މުޖުތަމައީ ތައުލީމާތުތަކާއި ދީނާ ގުޅެނީ ދެންމެ މި ދެންނެވި ފަދަ ސޫރީ ސިފައެއްގައެއް ނޫނެވެ. އެ ކަން ގުޅެނީ މަބްދައީ ނުވަތަ އުސޫލީ (ޕްރިންސިޕަލް-ބޭސްޑް) ސިފައެއްގައެވެ. މި ބައިގައި ހިމެނޭ ތައުލީމާތުތަކުގައި، ހުކުމުތަކުގައި، ބާރު އެޅިފައިވަނީ އެ ހުކުމްތަކުގެ ސޫރަތަކުގެ (ފޯމްތަކުގެ) މައްޗަކަށް ނޫނެވެ. ނަމަވެސް، އެ ހުކުމްތަކުން، ގަސްދުކުރެވޭ މަގުސަދު ހާސިލުކުރުމުގެ މައްޗަށެވެ. މިސާލަކަށް، ތަރިކަ މުދާ ބެހުމުގެ މައްސަލައަށް ބަލައިލާ އިރު، ކީރިތި ޤުރުއާނުގައި ދެ ގޮތަކަށް ހުކުމްތައް އައިސްފައި ވެއެވެ. އަދުލު އިންސާފުވެރިކަމުގެ މައްޗަށް ބިނާވާ، ވަސިއްޔަތެއް ލިޔެ، އެ ކަމުގެ މައްޗަށް ބިނާވެ ތަރިކަމުދާ ބަހައިލުމެވެ. ބަޤަރާ ސޫރަތުގެ 180ވަނަ އާޔަތުގައި އޮތް ފަދައިންނެވެ. މީގެ އިތުރަށް، ވާރުތަވެރިންނާއި އަދި، އެމީހުންނަށް ހައްގު މިންވަރު ކަނޑައެޅިފައި ވެސް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި ވެއެވެ. ނިސާ ސޫރަތުގެ 11ވަނަ އާޔަތާއި 12ވަނަ އާޔަތާއި 176ވަނަ އާޔަތާއި މި ތިން އާޔަތުގައެވެ. ނަމަވެސް، މި އާޔަތްތަކުގައި ވެސް، އިސްކަން ދެވިފައިވަނީ ވަސިއްޔަތެއް ލިޔެވިފައި އޮތް ނަމަ، އޭގެ މައްޗަށް ބިނާކޮށް، ތަރިކަ މުދާ ބެހުމަށެވެ. މި ކަންކަން ހަމަ ޖެހިފައި އޮތީ ކީރިތި ގުރުއާން ބާވައިލެއްވުނު އިރު، މުޖުތަމައުގައި ކަންކަން އޮތް ގޮތުގެ މައްޗަށް ބަލައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަގުސަދުގައެވެ. މިސާލަކަށް، އަންހެނުންނަކީ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރާ ބަޔެއްނޫންކަމަށް ބަލައި، އަދި، އެމީހުންނަކީ އެހެން މީހުން ބަލާން ޖެހޭ ބަޔެއްކަމަށް ބެލިގެންނެވެ. މީގެ މާނައަކީ، މުޖުތަމައެއްގައި ހުރިހައި ޒަމާނެއްގައި އަދި ހުރިހައި ތަނެއްގައި ކޮންމެހެން، މިހެން ކަންތައް އޮންނާން ޖެހޭނޭ ވާހަކައެއް ނޫނެވެ. އަންހެނުންނަކީ ވެސް މަސައްކަތްކޮށް އާމްދަނީ ހޯދާ ބަޔަކަށް ވެފައި، އެ މީހުންނަށް، އެހެން މީހުންނަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި އޮތުމުން، ކީރިތި ޤުރުއާނުގެ މި ފަދަ ތައުލީމާތުތަކުން ހަގީގަތަކަށް ހަދައިލާން ބޭނުންވާ އަދުލު އިންސާފުގެ މަގުސަދު ހަގީގަތަކަށް ހަދައެއްނުލެވެއެވެ. ނަމަވެސް، ކީރިތި ޤުރުއާނުގެ މުޖުތަމައީ މި ފަދަ ތައުލީމާތުތަކަށް ބަލައިލުމުން، އަދި، އެންމެ އިހުގެ އަސްހާބު ބޭކަލުން އަމަލުކުރެއްވި ގޮތުގެ މައްޗަށް ވެސް ބަލައިލުމުން އެނގޭ ކަމަކީ މި ފަދަ މުޖުތަމައީ ތައުލީމާތުތަކާ ބެހޭ އާޔަތްތައް ބަޔާންކުރެވިފައި އޮތީ، އިހުގެ އިލްމުވެރީން، އެބޭކަލުންގެ ވިސްނުމާއި އަދި މުޖުތަމައުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށް ރިއާޔަތްކުރައްވައި އެއާޔަތްތައް މާނަކުރެއްވި ގޮތަށް، އަދުގެ މުޖުތަމަޢަށް އެ އާޔަތްތައް ފައްތައި، މިއަދު އެ އާޔަތްތައް އަލުން މާނަކުރާން ކުރިމަތިލާ ބަޔަކަށް، އެ ކަން ކުރެވޭނޭ ސިފައެއްގައެވެ.

ހަމަ މި ފަދަ ގޮތެއްގައި އިސްލާމީ ފިގުހުގައި ހުދޫދުގެ ނަމުން ނަންދެވޭ އުގޫބާތުގެ މައްޗަށް ވެސް ބަލައިލެވިދާނެއެވެ. މުޖުތަމައީ މި ތައުލީމާތުތައް ވެސް ދީނާ ގުޅެނީ ސޫރީ ސިފައެއްގައެއް ނޫނެވެ. މަބްދައީ، އުސޫލީ ސިފައެއްގައެވެ. މުޖުތަމައު އިސްލާމީވަނީ، އަތް ކެނޑުމާއި މީހުން މެރުމާއި ހައްދު ޖެހުމަކުންނޫނެވެ. މުޖުތަމައު އިސްލާމީ ވަނީ މި ކަންކަމުން ގަސްދުކުރެވޭ މަގުސަދުކަމުގައިވާ އަދުލު އިންސާފު ގާއުމުކުރެވިގެންނެވެ. ކީރިތި ޤުރުއާނުގެ ނަހުލު ސޫރަތުގެ ނުވަދިހަވަނަ އާޔަތުގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. [ކަލޭމެން މުސްލިމުންނަށް، މާތްކަލާނގެ އަމުރުފުޅުކުރައްވަނީ އަދުލުވެރިވުމަށެވެ.] މިއާޔަތުގައެވެ. އާދޭހެވެ! މުޖުތަމައީ ހުކުމްތަކުގެ މަގުސަދަކީ އަދުލުއިންސާފު ހިންގައިލުމެވެ. އެހެންވެ، ކީރިތި ޤުރުއާނުގައި މިފަދަ އާޔަތްތައް އިބާރާތްކުރެވިފައިވަނީ، އެއާޔަތްތަކުގައިވާ ސޫރައަށް ބާރު ދިނުމަށްވުރެ ބޮޑަށް، އެ އާޔަތްތަކުން ގަސްދުކުރެވޭ އުސޫލުތަކަށް ބާރުއެޅިގެންނެވެ. މި ކަމުގެ ހެކިތައް، ޚުދް ކީރިތި ގުރުއާނުންނާއި އަދި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ސުންނަތުންނާއި އަދި، އަސްހާބު ބޭކަލުންގެ އަމަލުފުޅުތަކުންނާއި، އިސްލަމީ ފިގުހު އުފެދުމުގެ ކުރީގެ ދުވަސްތަކުގައި މުސްލިމުންގެ އިލްމުވެރިންގެ މެދުގައި ކުރެވުނު ބަހުސްތަކުން ފެންނާން އެބަ ހުއްޓެވެ. އަދި، ޚުދް، އިސްލާމީ ފިގުހުން ވެސް މި ކަން ފެންނާން އެބަ އޮވެއެވެ. މީގެ ތަފުސީލަށް މި މަގާމުގައި ދެވޭކަށް ނެތެވެ. (ނަމަވެސް، މި ކަމުގެ ތެރެއަށް ވަންނާން ބޭނުން ކޮންމެ ބޭފުޅަކަށް ވެސް، މީގެ ތަފުސީލާއި މި ކަމާ ބެހޭ ބައެއް ލިޔުންތައް ހިއްސާކޮށްލެވިދާނެއެވެ.)

މިއިން އެނގެނީ، އިސްލާމް ދީނާއި ސިޔާސަތާއި (މުޖުތަމައުގެ ކަންކަން ހިންގުމަށް ކަނޑައެޅޭ ގޮތްތަކާ) ގުޅުން އޮތްކަމެވެ. އެ ގުޅުމަކީ ތެލާއި ފެނުގެ ގުޅުން ފަދަ ގުޅުމެއް ނޫންކަމެވެ. އިސްލާމް ދީނުގައި ދީނާއި ސިޔާސަތާ ގުޅުން އޮތްކަމުގައި ވިޔަސް، މިގުޅުމަކީ ސޫރީ ގުޅުމެއް ނޫނެވެ. މި ގުޅުން ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ އުސޫލުތަކުގެ މައްޗަށެވެ. އެހެންވެ، އަދުގައި، އިސްލާމް ދީނާއި ސިޔާސަތުގެ ގުޅުމުގެ ވާހަކަދައްކާ އިރު، މި މައްސަލަ އިތުރަށް ދިރާސާކޮށް ބަހުސްކުރާން ޖެހެއެވެ. ފަހަރެއްގައި ވެސް، އިސްލާމީ ފިގުހު އަދު އޮތީ، އޭގެ ހުރިހައި ތައުލީމާތުތަކެއް، އޭގައި ހުރި ސިފައިގައި، އަދުގެ މުޖުތަމައުގައި ހިންގައިލެވޭ ފަދަ ގޮތެއްގައެއް ނޫނެވެ. އިސްލާމީ ތައުލީމާތުތައް، އިހުގެ ލިޔުންތަކުގެ ވެސް އެހީގައި، މުސްތަގިއްލު ގޮތެއްގައި، އަދުގެ ދުނިޔޭގެ މުސްލިމު މުޖުތަމައީ ހާލަތަށް ވެސް ރިއާޔަތްކޮށް، އިސްލާމީ ފިގުހު އިތުރަށް ތަރައްގީކުރާން ޖެހެއެވެ. އިހުގައި ކަން އޮތް ގޮތާއި ތަފާތު ޚިޔާލެއް މީހަކު ފާޅުކުރާ އިރަށް، އެ މީހަކު، ކާފަރުކޮށް، ދީނުން ބޭރުނުކޮށް، އެ މީހަކު ކިޔާ އެއްޗަކާ މެދު ވެސް ވިސްނައިލައިގެންނެވެ. މި މަސައްކަތަކީ މީގެ ދޮޅު ގަރުނެއްހައި ދުވަސް ކުރީން ފެށިގެން މުސްލިމުންގެ މެދުގައި ކުރެވެމުން އަންނަ މަސައްކަތެކެވެ. މިސާލެއްގެ ގޮތުން އައްލާމާ އިގުބާލުގެ ރިކޮންސްޓުރަކްޝަން އޮފް އިސްލާމިކް ރެލިޖަސް ތޯޓު، މި ފޮތް ބައްކަވައިލައްވާށެވެ! މި ދެންނެވި ފިގުހީ ތަޖުދީދު، އާކުރުން، މި މަސައްކަތްކުރުމުގެ އިލްމީ އަދި ފިކުރީ އޮށް، މި ފޮތުގައި އިންދިފައި ވެއެވެ. މި ކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށްނުދަނީ، ޚުދް މުސްލިމުންގެ ސަބަބުންނެވެ. މުސްލިމުންގެ ޒިހުނީ ކަންނެތްކަމުންނެވެ. އަޅުގަނޑުމެންގެ މުޖުތަމައުތައް ހަގީގަތުގައި ވެސް އިސްލާމީ މުޖުތަމައުތަކަކަށް ހަދައިލާން ބޭނުންނަމަ، އެންމެ ފުރަތަމަ މި ފިކުރީ މަސައްކަތް ކުރިއަށްގެންދާން ޖެހެއެވެ. މިކަން ކުރުމުގެ އިލްމީ އަދި ޒިހުނީ ގާބިލުކަން ހުރި މީހުން އުފައްދާން ޖެހެއެވެ.

 

 

 

ކޮމެންޓު