އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
13 މާރިޗް 2026
މުޙައްމަދުތަކުރުފާނުލްއަޢުޡަމު މާމިސްކިތުގައި ނަމާދުކުރުމަށް ފަހު ބައެއް ބޭފުޅުންނަށް ރަމަޟާންކަރީމުގެ ރިވެތި ޢިބާރާތުން ރަމަޟާންމަހުގެ ތަހުނިޔާ ދަންނަވައި މިސްކިތުން ފައިބާން ހިނގައިގަތް ތަނާ ބޭފުޅަކު ވަޑައިގެން އަތުގައި ހިއްޕަވައިފައި ތަންކޮޅެއް ދުރަށް ގެންގޮސް ވިދާޅުވިއެވެ.
ބަންގި ފެށެނީ [الله أكبر]އިން ނޫންތޯއެވެ؟ ބަންގި ނިމެނީ ވެސް ހަމަ [الله أكبر]އިން ނޫންތޯއެވެ؟
އަޅުގަނޑު އާދޭހޭ ދަންނަވައިފައި އިތުރަށް ސާފުކޮށްދިނުމަށް ޓަކައި ދެންނެވީމެވެ. އަޅުގަނޑުމެން ނަމާދު މި ފަށަނީ "الله أكبر" އިންނެވެ. ނަމާދުގައި އެއް ރުކުނުން އަނެއް ރުކުނަށް ނަޤުލުވާ އިރުގައި ވެސް މި ކިޔަނީ "الله أكبر"އެވެ. މި ޢިބާރާތަކީ މުސްލިމުން އެއާ އެކުގައި އުޅޭ އެއިން މުނިފޫހިފިލުވާ ޢިބާރާތެކެވެ. އެއީ އަޅުގަނޑުމެން މުސްލިމުންގެ ލެއާއި ފުރާނައިގައިވާ މަތިވެރި ކަލިމަފުޅެކެވެ. އެއީ އަޅުގަނޑުމެންގެ ޙަޔާތުގެ ބައެކެވެ.
އިމާމުން ޢީދުނަމާދުތަކުގައްޔާއި ދެ ޢީދު ދެ ނަމާދުގެ ޚުޠުބާތަކުގައި މި ޢިބާރާތް ތަކުރާރުކުރެއެވެ. ހަނގުރާމައިގެ މައިދާނަށް މުސްލިމުން ނުކުންނަނީ "الله أكبر"ގެ ބުންވަރުގައެވެ. ކޮންމެ ފަސޭހަކަމަކާއި ބުރަކަމެއްގައި ވެސް މުސްލިމުން ވާގި ހޯދަނީ މި މަތިވެރި ޢިބާރާތުންނެވެ.
އެއް ދުވަހަކު ޔޫރަޕުގެ ޣައިރުމުސްލިމު ނޫސްވެރިއަކު ސުވާލުކުރިއެވެ. ތިޔަބައިމީހުން މުސްލިމުން ވަރަށް ގިނައިން "الله أكبر" ކިޔަމުއެވެ. އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މަޤުޞަދަކީ ކޮބައިހެއްޔެވެ؟ ތަންކޮޅެއް ތަފުސީލުކޮށް ކިޔާދީފާނަންހެއްޔެވެ؟
އާނއެކެވެ!
- ދުނިޔެއާއި ދުނިޔޭގައިވާ ހިތް ކިޔާ ހުރިހައި އެއްޗަކަށް ވުރެ އަގު ބޮޑީ "الله أكبر"އެވެ. ﷲ މަތިވެރިއެވެ.
- ދުނިޔޭގެ ހެއްލުންތެރިކަމާއި ޖަރީކުރުންތަކަށް ވުރެ އަހުރެމެންގެ ހިތްތަކުގައި "الله أكبر" މާ ބޮޑެވެ. އެކަލާނގެ މާތްވެގެން ވެއެވެ.
- ޝައިޠާނާގެ މަކަރުތަކާއި ހަވާނަފުސުގެ އޮޅުވައިލުންތަކަށް ހެއްލުމަށް ވުރެ، އަހުރެމެންގެ ނަފުސުތަކުގައި ބޮޑީ "الله أكبر"އެވެ. ﷲގެ ރޭއްވެވުންތައް މާ ވަރުގަދައެވެ.
- އަނިޔާވެރިކަމާއި އަނިޔާވެރީންނަށް ވުރެ "الله أكبر" މާ ވަރުގަދައެވެ. އިސްލާމްދީނާއި މި ދީނުގެ އަހުލުވެރިންނާ ދެކޮޅަށް ރާވައި ރޭވުންތަކަށް ވުރެ "الله أكبر"ގެ ރޭއްވެވުންތައް މާ ވަރުގަދައެވެ. ﷲ ތަޢާލާ ގަދަފަދަވަންތައެވެ.
- ދުނިޔެއާއި އާޚިރަތުގެ މިލްކުވެރިކަން ލިބިވޮޑިގެންވާ ފަރާތަކީ "الله أكبر"އެވެ. އެކަލާނގެ އެއްވެސް އެއްޗެއް އެއްވެސް ކަމެއް އިހުމާލު ނުކުރައްވައެވެ. އެކަލާނގެ ހުރިހައި އެއްޗަކަށް މުހުލަތު ދެއްވައެވެ. އެކަލާނގެ ދީނަށް ނަޞްރުދެއްވައެވެ. އެކަލާނގެ އަޅުންނަށް މަދަދުދެއްވައެވެ.
- الله أكبرއެވެ. އެކަލާނގެއީ ކޯފާ މަޑު ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.
- الله أكبرއެވެ. އެކަލާނގެއީ ރަޙުމާންވަންތަ ގަދަފަދަވަންތަ ކުޅަދުންވަންތަ އަރަހުށި ޢިއްޒަތްވަންތަ ރަސްކަލާނގެއެވެ.
- الله أكبر އެވެ. އެކަލާގެއީ އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ. އެހެނަސް އެކަލާނގެއީ ޢަދުލުވެރި ރަސްކަލާނގެއެވެ. އެއްވެސް މީހަކަށް ޒައްރެއްގެ މިންވަރުން ވިޔަސް ބޭއިންސާފެއްނުކުރައްވައެވެ. ހުރިހައި ކަމެއް ހިންގުމުގެ ބާރު އޮތީ އެކަލާނގެ ޔަދުޤުދްރަތްފުޅުގެ ދަށުގައެވެ. އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެ ﷲ ހުރިހާ އެއްޗަކަށް ވުރެ މަތިވެރިވެގެން ވެއެވެ. އާދެ! "الله أكبر"އެވެ.
- ރަމަޟާންމަސް ނިމުމުން ތަކުބީރު ކިޔުމަށް މާތް ﷲ އަމުރުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ [1] - (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّهއަށް تكبيرކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكرވެރި ވުމަށްޓަކައެވެ.)) ތަކުބީރު ކިޔާށޭ އެންގެވި ބަސްފުޅުގެ މުރާދަކީ ތިޔަބައިމީހުން ހިތުންނާއި ދުލުން ﷲ މަތިވެރިކުރާށެވެ. މާތްކުރާށެވެ. ރޯދަވެރިޔާއަށް ރޯދަހިފުނީ ﷲ ތަޢާލާ އޭނާއަށް ދެއްވި ނިޢުމަތާއި ހިދާޔަތުގެ ސަބަބުންނެވެ. މި އާޔަތުގައި މާތް ﷲ މި ވަނީ ހިދާޔަތުގެ މައްޗަށް ތަކުބީރު އިސްކުރައްވައިފައެވެ.
ތަކުބީރުގެ މާނަ:
ތަކުބީރުގެ މާނައަކީ ﷲ ތަޢާލާ ހަމައެކަނި މަތިވެރި ވާހަކައެއްނޫނެވެ. އެކަލާނގެ ހުރިހައި އެއްޗަކަށް ވުރެ މަތިވެރި ވާހަކައެވެ. ނަބިއްޔާ r ޢަދިއްޔު ބުނު ޙާތިމަށް އިސްލާމްދީނަށް ގޮވައިލައްވަމުން ޙަދީސްކުރެއްވިއެވެ. ((يا عديُّ ما أفرَّكَ؟ أن يقالَ لا إلَهَ إلّا اللَّهُ؟ فَهَل مِن إلهٍ إلّا اللَّهُ؟ قال ما أفرَّكَ أن يقالَ اللَّهُ أَكْبرُ فَهَل شيءٌ أَكْبرُ منَ اللَّهِ عزَّ وجلَّ؟ قالَ: فأسلَمتُ، فرأيتُ وجهَهُ استبشَرَ[2] - ތިބާ لا إلَهَ إلّا اللَّهُ ކިޔާން ނަފުރަތްތެރިވަނީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ ނޫން އެހެން އިލާހެއް ވޭހެއްޔެވެ؟ ތިބާ اللَّهُ أَكْبرُ ކިޔާން ނަފުރަތްތެރިވަނީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ ޢައްޒަ ވަ ޖައްލައަށް ވުރެ أَكْبرُ އެއްޗެއް ވޭހެއްޔެވެ؟ ޢަދިއްޔު ވިދާޅުވިއެވެ. އެ ހިނދު އަހުރެން އިސްލާމްވީމެވެ. އަދި އަހުރެންނަށް ރަސޫލާގެ މޫނުފުޅު އަލިވެފައިވާ ތަން ފެނުނެވެ.))
ތަކުބީރުގެ މާތްކަން:
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ތަކުބީރު ކިޔުމަށް އަމުރުކުރައްވައިފައިވެއެވެ. އޭގެ ތެރޭގައި މި އަންނަ އާޔަތްތައް ފާހަގަކުރަމެވެ.
1- މާތް ﷲ ވަޙީކުރެއްވިއެވެ. (( وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ [3] - (މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވައިފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް اللَّهއަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكرވެރި ވުމަށްޓަކައެވެ.))
2- ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. ((وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرَۢا [4]- އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّهއަށެވެ. އެކަލާނގެއީ، ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެއެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި ނިކަމެތިކަމުން سلامة ކުރާނޭ ރައްކާތެރިޔަކު އެކަލާނގެއަކަށް ނުމެވޭމެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް تكبير ވިދާޅުވާށެވެ!))
3- ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ ۗ وَبَشِّرِ ٱلْمُحْسِنِينَ [5] - އެ ތަކެތީގެ މަހެއް ވެސް އަދި ލެޔެއްވެސް اللَّهގެ حضرةއަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ حضرةއަށްދަނީ، تقوىވެރިކަމެވެ. އެ ފަދައިން އެ ކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށް ޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبرދެއްވާށެވެ!))
4- ﷲ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ. ((وَرَبَّكَ فَكَبِّرْ [6] - އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ!))
ކީރިތި ރަސޫލާގެ ސުންނަތަށް ބަލާ އިރު ތަކުބީރުގެ މުހިންމުކަން ބަޔާންކޮށްދޭ އެތައް ބަސްފުޅުތަކެއް ވެއެވެ. އޭގެ ތެރޭގައި މިއަންނަ ބަސްފުޅުތައް ވެއެވެ.
1- ކީރިތި ޤުރްއާނަށް ފަހު ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތި ހަތަރު ކަލިމައިގެ ތެރެއިން އެއް ކަލިމައަށް اللَّهُ أَكْبرُ ވުން. ރަސޫލުﷲ صلى الله عليه ޙަދީސްކުރެއްވިއެވެ. ((أحَبُّ الكلامِ إلى اللهِ تعالى أربعٌ: سُبحانَ اللهِ، والحمدُ للهِ، ولا إلهَ إلّا اللهُ، واللهُ أكبَرُ، ولا يَضرُّكَ بِأيِّهِنَّ بدأْتَ [1]- ﷲ ތަޢާލާއަށް އެންމެ ލޮބުވެތިކަން ބޮޑު ހަތަރު ކަލިމައަކީ: سُبحانَ اللهِ، އާއި الحمدُ للهِ އާއި لا إلهَ إلّا اللهُއާއި اللهُ أكبَرُއެވެ. ތިބާ މިއިން ކޮންމެ ކަލިމައަކުން ފެށިއަސް ތިބާއަށް ގެއްލުމެއް ނެތެވެ.))
2- ތަކުބީރުން ސުވަރުގެ ވެއްދެވުން. ރަސޫލާ r ޙަދީސްކުރެއްވިއެވެ. (( ما أهلَّ مُهِلٌّ قطُّ ولا كبَّر مُكبِّرٌ قطُّ إلّا بُشِّر قيل: يا رسول الله بالجنَّة؟ قال: نعم [2] - ހެޔޮޚަބަރު ނުދެވޭ ތަލްބިޔާވެރިއަކު އަދި ހެޔޮ ޚަބަރު ނުދެވޭ ތަކުބީރުވެރިޔަކު ދުވަހަކު ވެސް ނުހުންނާނެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ސުވަރުގެ ވަންނާނެކަމުގެ ހެޔޮ ޚަބަރުތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އާނއެކެވެ.))
3- ތަކުބީރުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުން: ރަސޫލުﷲ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((بَينا نَحنُ نُصَلِّي مَعَ رَسولِ اللهِ صلّى اللهُ عليه وسلَّم إذ قال رَجُلٌ في القَومِ: اللهُ أكبَرُ كَبيرًا، والحَمدُ للَّهِ كَثيرًا، وسُبحانَ اللهِ بُكرةً وأصيلًا، فقال رَسولُ اللهِ صلّى اللهُ عليه وسلَّم: مَنِ القائِلُ كَذا وكَذا؟ فقال رَجُلٌ مِنَ القَومِ: أنا يا رَسولَ اللهِ، قال: عَجِبتُ لَها، فُتِحَت لَها أبوابُ السَّماءِ! قال ابنُ عُمَرَ: فما تَرَكتُهنَّ مُنذُ سَمِعتُ رَسولَ اللهِ صلّى اللهُ عليه وسلَّم يَقولُ ذلك[3] - މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. އަހުރެމެން ރަސޫލާގެ އަރިހުގައި ނަމާދުކުރާން ތިއްބައި މީހަކު اللهُ أكبَرُ كَبيرًا، والحَمدُ للَّهِ كَثيرًا، وسُبحانَ اللهِ بُكرةً وأصيلًا ކިޔެއެވެ. އެ ހިނދު ރަސޫލާ صلى الله عليه وسلم މިވެނިއެވެނި ބަސްތައް ކިޔީ ކާކުތޯ އެއްސެވިއެވެ. އެ ހިނދު މީހަކު ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އަޅުގަނޑެވެ. ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު އެ ބަސްފުޅުތަކާ މެދު އަޖައިބުފުޅުވިއެވެ. އެ ބަސްފުޅުތަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުނެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. އެ ދުވަހަށް ފަހު އަހުރެން އެ ބަސްފުޅުތައް ކިޔުން ހުއްޓައިނުލަމެވެ.))
4- އުޑާ ބިމާ ދެމެދުގައިވާ ހައި ތަނެއް ދަރުމައިން ފުރާލައި ބަސްފުޅުކަށް ވުން. ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. ((التَّسبِيحُ نِصفُ المِيزانِ، والحمدُ للهِ يَملؤُهُ، والتَّكبِيرُ يَملأُ ما بين السماءِ والأرضِ، والصومُ نِصفُ الصَّبرِ، والطُهورُ نِصفُ الإيمانِ [4] - ތަސްބީޙައަކީ މީޒާނުގެ ދެބައިކުޅަ އެއްބައެވެ. الحمدُ للهِ އިން އެ ފުރިގެންދެއެވެ. ތަކުބީރުން އުޑާ ބިމާ ދެމެދުގައިވާ ހައި ތަނެއް ފުރިގެންދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއް ބައެވެ. ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅަ އެއް ބައެވެ.))
[1] - البقرة : 185
[2] - أخرجه أحمد (١٩٤٠٠)، وابن حبان (٧٢٠٦)، والطبراني (١٧/١٠٠) (٢٣٧)
[3] - البقرة : 185
[4] - الإسراء : 111
[5] - الحج : 37
[6] - المدثر:3
[7] - أخرجه مسلم (٢١٣٧)
[8] - أخرجه الطبراني في ((الأوسط)) (٧٧٧٩) والدارقطني في ((العلل)) (١٩٧٩)
[9] - أخرجه مسلم (٦٠١)، والترمذي (٣٥٩٢) والنسائي (٨٨٦)، وأحمد (٤٦٢٧)
[10] - أخرجه الترمذي (٣٥١٩ )، وأحمد(٢٣١٣٩ )، والدارمي (٦٨٠ )