ad_banner
ރަމަޟާންމަހު ޤުރުއާން ކިޔަވާ މީހުންގެ ބާވަތްތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

12 މާރިޗް 2026

ކީރިތި ޤުރްއާން ބާވައލެއްވީ ބަރަކާތްތެރި ރަމަޟާންމަހުގައެވެ. އެންމެ މާތް ޒިކުރަކީ ޤުރްއާނެވެ. މިހެންވެ ރަމަޟާންމަހުގައި ކީރިތި ޤުރްއާން ކިޔެވުން ގިނަވެއެވެ.

ސަލަފުންގެ ކިޔަވައިވިދާޅުވުން

1-       ރަމަޟާންމަސް އަތުވެއްޖެނަމަ މާތްﷲ ރަޙުމަތްލެއްވި އައްޒުހުރީ ވިދާޅުވެއެވެ. މިއީ ޤުރްއާން ކިޔެވުމާއި ކާންދިނުމުގެ މަހެވެ.

2-       މާތް ﷲ ރަޙުމަތްލެއްވި އިމާމުމާލިކުގެފާނު ރަމަޟާންމަސް އައުމުން ކިޔަވައިދެއްވުން ހުއްޓައިލައްވައި ޚަތިމުން ބައްލަވައިގެން ކީރިތި ޤުރްއާން ކިޔަވައިވިދާޅުވާން ފަށްޓަވައެވެ.

3-       މާތްﷲ ރަޙުމަތްލެއްވި ސުފްޔާނުއްޘައުރީއަކީ ރަމަޟާން މަހުގައި ޤުރްއާންކިޔަވައިވިދާޅުވުމަށް ޓަކައި ވަގުތުތައް ހުސްކުރެއްވި ބޭކަލެކެވެ.

4-       މާތްﷲ އެ ބޭކަލުންނަށް ރަޙުމަތްލެއްވި ހެޔޮލަފާ ސަލަފުންނަކީ ރަމަޟާންމަހުގެ ރޭތަކާއި ދުވަސްތައް ޤުރްއާން ކިޔަވައިވިދާޅުވުމުން އާރާސްތުކުރެއްވި ބޭކަލުންތަކެކެވެ. ރިވާވެގެންވާ ގޮތުގައި އަސްވަދަކީ ކޮންމެ ރެއަކު ޚަތިމެއް ކުރެއްވި ބޭކަލެކެވެ. ޤަތާދާއަކީ ރަމަޟާން މަހުގައި ކޮންމެ ތިން ރެއަކުން ޚަތިމެއްކުރެއްވި ބޭކަލެކެވެ. އެ މަހުގެ ފަހު ދިހައިގައި އެކަލޭގެފާނު ކޮންމެ ރެއަކު ޚަތިމެއް ކުރައްވައެވެ.

5-       މުޞްޙަފު އުފުލުމުގެ އަދަބުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން މާތްﷲ ރަޙުމަތްލެއްވި ނަވަވީގެފާނު ވިދާޅުވެފައިވާ ގޮތުގައި މަތްﷲ ރަޙުމަތްލެއްވި މުޖާހިދަކީ ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި ޚަތިމެއްކުރެއްވި ބޭކަލެކެވެ.

6-       ތާރީޚު ބަޣުދާދު ފޮތުގައި އަލްޚަޠީބުލްބަޣުދާދީ ލިޔުއްވާފައިވާ ގޮތުގައި މާތްﷲ ރަޙުމަތްލެއްވި އިމާމު ޝާފީޢީގެފާނަކީ ރަމަޟާންމަހުގައި 60 ޚަތިމުކުރެއްވި ބޭކަލެކެވެ.

7-    މާތްﷲ ރަޙުމަތްލެއްވި އައްސުޔޫޠީ "އަލްއިތުޤާން"ގެ ފުރަތަމަ ޖިލްދުގެ 360ވަނަ ޞަފުޙާގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ސަލަފުންނަކީ ރަމަޟާންމަހުގައި ޤުރްއާންކިޔަވައިވިދާޅުވުން ވަރަށް ގިނަ ކުރެއްވި ބަޔެކެވެ. ބައެއް ބޭކަލުން ދުވާލަކު އަށް ޚަތިމުކުރެއްވިއެވެ. ބައެއް ބޭކަލުން ދުވާލު ހަތަރެކެވެ. ރޭގަނޑު ހަތަރެކެވެ. އަނެއްބައި ބޭކަލުން ދުވާލަކު ހަތަރު ޚަތިމު އަނެއްބައި ބޭކަލުން ދުވާލަކު ތިން ޚަތިމު އަނެއްބައި ބޭކަލުން ދުވާލަކު ދެ ޚަތިމުކުރެއްވިއެވެ.   

އަވަސްއަވަހަށް ޤުރްއާންކިޔެވުން

މާތް ރުއްސުންލެއްވި އުއްމުލްމުއުމިނީން ޢާއިޝަތުގެފާނަށް ދެންނެވުނެވެ. ((إِنَّ رِجَالًا يَقْرَأُ أَحَدُهُمُ الْقُرْآنَ فِي لَيْلَةٍ مَرَّتَيْنِ أَوْ ثَلَاثَةً، قَالَتْ: أُولَئِكَ قَرَؤُوا وَلَمْ يَقْرَؤُوا، كُنْتُ أَقُومُ مَعَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي اللَّيْلِ التَّامِّ فَيَقْرَأُ بِالْبَقَرَةِ وَآلِ عِمْرَانَ وَالنِّسَاءِ، فَإِذَا مَرَّ بِآيَةٍ فِيهَا اسْتِبْشَارٌ دَعَا، وَرَغِبَ وَإِذَا مَرَّ بِآيَةٍ فِيهَا تَخْوِيفٌ دَعَا وَاسْتَعَاذَ [1] - ހަމކަށަވަރުން ޤުރްއާންކިޔަވާ މީހުންގެ ތެރޭގައި ރެއަކު ދެ ޚަތިމު ނުވަތަ ތިން ޚަތިމުކުރާ މީހުން ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. އެބައިމީހުން ކިޔެވިޔަސް އެބައިމީހުންނެއް ނުކިޔަވައެވެ. ތިމަންކަމަނާ ރަސޫލުﷲ rގެ އަރިހުގައި މުޅި ރޭ ޤިޔާމުކުރެއްވީމެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ ބަޤަރާ ސޫރަތާއި އާލުޢިމްރާން ސޫރަތާއި ނިސާ ސޫރަތެވެ. އުފާވެރިކަމުގެ އާޔަތެއް ކިޔަވައިވިދާޅުވެއްޖެ ނަމަ، ދުޢާފުޅުކުރައްވައި އެ ކަމަށް އެދިވަޑައިގަނެއެވެ. ބިރުވެރިކަމުގެ އާޔަތެއް ކިޔަވައިވިދާޅުވެއްޖެ ނަމަ، ދުޢާކުރައްވައި އެ ކަމުން ރައްކައުތެރިކޮށްދެއްވުން އެދިވަޑައިގެން ދަންނަވަތެވެ.))

އަލްއާޖިރީ ޤުރްއާނުގެ އަހުލުވެރީންގެ އަޚްލާޤާ ބެހޭ ގޮތުން ލިޔުއްވައިފައިވާ ފޮތުގެ 100ވަނަ ޞަފުޙާގައި އަލްޙަސަނުލްބަޞްރީގެ އަރިހުން ރިވާކުރައްވާފައިވެއެވެ. [ބައެއް މީހުން އެއް ނޭވާއިން ސޫރަތެއް ކިޔަވައިލައެވެ. މާތް ﷲ ގަންދީ ބުނަމެވެ. އެއީ ޤާރީންނެއްނޫނެވެ. ވަރަޢުވެރީންނެއްނޫނެވެ. ހަރުދަނާ ބަޔެއް ވެސް ނޫނެވެ. މާތް ﷲ އެފަދަ މީހުން ގިނަނުކުރައްވާށިއެވެ!"

ކީރިތި ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((من قرأَ القرآنَ في أقلَّ من ثلاثٍ لم يفقَههُ[2] – ތިން ދުވަހަށް ވުރެ މަދު ވަގުތުކޮޅެއްގައި ޤުރްއާން ޚަތިމުކުރި މީހާއަށް އެ ފޮތް ދޭހައެއްނުވާނެތެވެ.))

ޤުރްއާންކިޔެވުމުގެ މާތްކަން

ޤުރްއާން އަވަސްއަވަހަށް ކިޔެވުމާއި ޤުރްއާން ގިނައިން ކިޔެވުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. ކީރިތި ރަސޫލާ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ ألم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ [3] - ﷲގެ ފޮތުން އަކުރެއް ކިޔެވި މީހާއަށް ހެޔޮކަމެއްކުރުމުގެ ސަވާބު ލިބިގެންވެއެވެ. ކޮންމެ ހެޔޮކަމަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބު ލިބިގެންވެއެވެ. ألم އަކީ އެންމެ އަކުރެކޭ ތިމަންކަލޭގެފާނު ޙަދީސެއްނުކުރައްވާނަމެވެ. އެހެނަސް أَلِفއަކީ އަކުރެކެވެ. لَامއަކީ އަކުރެކެވެ. އަދި مِيمއަކީ އަކުރެކެވެ.)) އެހެންކަމުން ޚަތިމެއް ކުރިމީހާއަށް ތިން މިލިޔަނަށް ވުރެ ގިނަ ސަވާބު އެބަ ލިބެއެވެ.

މާތް ﷲ ރަޙުމަތްލެއްވި އިބްނު ޙަޖަރު ފަތުޙުލްބާރީގެ ނުވަވަނަ ޖިލްދުގެ 97ވަނަ ޞަފުޙާގައި ވިދާޅުވެފައިވާ ގޮތުގައި ސަލަފުންގެ ގިނަ ބޭކަލުން އެއަށް ވުރެ މަދު ވަގުތުކޮޅެއްގައި ޚަތިމުކުރައްވައިފައިވެއެވެ. އެ ކަމުގައި ވަކި މިންވަރެއް ނެތެވެ. އެކަމަކު ޤުރްއާން ކިޔަވާންވާނީ ފޫހިކަމެއްނެތި ހީވާގިކަމާ އެކުގައެވެ. އެ މީހަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް ކިޔަވާންވީއެވެ. ނަވަވީގެފާނު އަރިހުން އިބްނު ޙަޖަރު ރިވާކުރައްވާފައިވާ ގޮތުގައި ޤުރްއާން ކިޔަވާންވާނީ މަޑުމައިތިރިކަމާއެކުގައެވެ. މާނައަށް  ވިސްނައިގެންނެވެ. މަސައްކަތްތައްކުރާ މީހުން ކިޔަވާންވާނީ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަށް ބުރޫނާރާނެ ފަދަ ގޮތަކަށެވެ.

ސަލަފުން ޤުރްއާން ކިޔަވާވިދާޅުވުމުގައި ބައްލަވައިފައި މި ވަނީ މުހިންމު މުނާސަބަތުތަކަށާއި ވަގުތުތަކަށެވެ. ރަމަޟާން މަހަކީ އެންމެ މާތް މައްސަރެވެ. އެ މަހުގައި ކުރާ އަޅުކަންތަކަށް ގިނަގުނަ ސަވާބު ދެއްވައެވެ. މާތް ﷲ ރަޙުމަތްލެއްވި އިބްނު ރަޖަބު ވިދާޅުވާ ގޮތުގައި ރަސޫލާގެ  ބަސްފުޅު ((من قرأَ القرآنَ في أقلَّ من ثلاثٍ لم يفقَههُ[4] – ތިން ދުވަހަށް ވުރެ މަދު ވަގުތުކޮޅެއްގައި ޤުރްއާން ޚަތިމުކުރި މީހާއަށް އެ ފޮތް ދޭހައެއްނުވާނެތެވެ.)) މިއީ އާންމުންނަށް އޮތް ބަސްފުޅެކެވެ.[5]

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޤުރްއާންކިޔަވާ ކިޔެވުމަށް ސަވާބު ދެއްވާނެއެވެ. އެހެނަސް ވިސްނައިފިކުރުކޮށް މާނަތަކާ މެދު ތަދައްބުރުކޮށްގެން ކިޔަވާ މީހާގެ ސަވާބު ބޮޑުވާނެއެވެ. އަލްޣަޒާލީ ވިދާޅުވިއެވެ. [ތިބާގެ ބުއްދީގެ ތަރާދަށް ލައިގެން އެއްޗެއް ގިނަވި ވަރަކަށް އޭގެ ފައިދާ ބޮޑުވާނެއޭ ނުބުނާށެވެ! އިލާހީ ސިއްރުތަކަކީ ބުއްދިއަށް ދެނެގަނެވޭނެ އެއްޗެއްނޫނެވެ. މި ސިއްރުތައް ދެނެވަޑައިގެންވާނީ ނަބީބޭކަލުންނެވެ. މާތް ﷲ އެ ބޭކަލުންނަށް މި ކަންކަން އަންގަވާތީއެވެ. އެހެންކަމުން އަހުރެމެންނަށް ޖެހޭނީ ތަބާވާށެވެ. ބަލިމީހާއަށް ބޭހުން ފަރުވާ ލިބުނަސް އެ ބޭސް މާ ގިނަކޮށްފިއްޔާ އެ ބޭހުން ލިބޭނީ ގެއްލުމެވެ.]

އިސްވެ ދެންނެވި ފަދައިން ރަމަޟާންމަހަކީ ޤުރްއާނުގެ މަހެވެ. ޤުރްއާން ކިޔެވުމުގެ މަހެވެ. ކިޔަވަންވީ އެއަށް ޢަމަލުކުރުމަށް ޓަކައެވެ. އޭގެ ސުލޫކުން ތިބާގެ އުޅުމާއި ގުޅުން ރިވެތިކުރުމަށް ޓަކައެވެ.

ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. [ޤުރްއާން ކިޔަވާ މީހުން ތިން ބަޔަކަށް ބެހިގެންވެއެވެ. ބައެއް މީހުން ޤުރްއާންކިޔަވަނީ މުދަލަކަށް ހަދައިގެންނެވެ. އެހެން މީހުން އަތުން އެއްޗެހި ހޯދުމަށެވެ. އެހެނަސް އެމީހުން ވަނީ އޭގެ ޙައްދުތައް ނަގައިލައިފައެވެ. ދެވަނަ ބަޔަކީ އަޑުމަޚްރަޖު ރީތި ބަޔެކެވެ. އެމީހުން މީސްތަކުންގެ ކުރިމަތީގައި އެކަމާ ހެދި ބޮޑާވެއެވެ. ވެރިންގެ އަތުން ހަދިޔާ ހޯދައެވެ. މިބައިމީހުން މިއަދު ވަނީ ގިނަވެފައެވެ. ތިންވަނަ ބަޔަކީ ޤުރްއާންކިޔަވައި އެއާ މެދު ވިސްނައި ފިކުރުކުރާ މީހުންނެވެ. އޭގެ ފަރުވާއިން ފަރުވާކޮށް އޭގެ ޝިފާއިން ޝިފާހޯދާ މީހުންނެވެ. އެއީ ﷲގެ ޖަމާޢަތެވެ. ކާމިޔާބު ލިބި މޮޅުވާނީ އެ މީހުންނެވެ.]

 

މަރުޖާ:

[1]  - أخرجه البيهقي (٣٧٣٨) ، وأحمد (٢٤٦٠٩)  وأبو يعلى (٤٨٤٢)

[2]  - أخرجه أحمد (٦٥٣٥) و أبو داود (١٣٩٤)، والترمذي (٢٩٤٩) وابن ماجه (١٣٤٧)

[3]  - أخرجه الترمذي (٢٩١٠)، والبخاري في ((التاريخ الكبير)) (١/٢١٦) وأبو نعيم في ((حلية الأولياء)) (٦/٢٦٣) والبيهقي في ((شعب الإيمان)) (١٩٨٣

[4]  - أخرجه أحمد (٦٥٣٥) و أبو داود (١٣٩٤)، والترمذي (٢٩٤٩) وابن ماجه (١٣٤٧)

[5]  - المناوي في التيسير 1/192

 

ކޮމެންޓު