ad_banner
އީރާނުގެ ބިނާރަކަށް އެމެރިކާއާއި އިސްރާއީލުން ޙަމަލާނުދެނީހެއްޔެވެ؟ ބޮޑު ކަމަކަށް ވަނީ އެ ފަދަ ޙަމަލައެއް އީރާނުން ދީފިއްޔާއެވެ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 މާރިޗް 2026

ދުނިޔޭގެ އިންސާފަކީ ކޮން ކަހަލަ އެއްޗެއްހެއްޔެވެ؟ ޤިޔާމަތްދުވަހެއް އޮތުން ލާޒިމުވަނީ، އޮންނާނެކަން ކަށަވަރުވަނީ، މި ދުނިޔޭގައި އިންސާފެއް ނޯންނާތީއެވެ. އެއްވެސް ހައްގުންކަމަކާ ނުލައި އީރާނަށް ބޮމާއި މިސައިލުން ޙަމަލާދީ މުހިންމު ހުރިހާ ބިނާރެއް ހަލާކުކޮށްލީއެވެ. އެ ގައުމުގެ ރައްޔިތުންގެ ލޯބިވާ ޒަޢީމު ޝަހީދުކޮށްލީއެވެ. މި އުންމަތުގެ މާތް ނަބިއްޔާގެ ދަރިކޮޅުގެ މާތް އިންސާނަކު އެއްވެސް ޙައްގުންކަމަކާ ނުލައި އަވަހާރަކޮށްލީއެވެ.

އީރާނަށް ޙަމަލާދިނުމުގެ ބަހަނާއަކަށް ދައްކަނީ އީރާނުން ނިޔުކުލިއަރު ހަތިޔާރު އުފައްދާން އުޅޭ ވާހަކައެވެ. މިއީ ހެއްވާ ސަބަބަކަށްވަނީ ނިޔުކުލިއަރު ހަތިޔާރު އުފެއްދުން މަނާކުރި މުޢާހަދާއަށް ފަހު، އުތުރުކޮރެއާއާއި އިސްރާއީލާއި ޕާކިސްތާނުން ވެސް އެ ވަނީ ނިޔުކުލިއަރު ހަތިޔާރު އުފައްދައިފައެވެ. އެ ހަތިޔާރުތައް ނައްތައިލާން އުޅުން މާ އިންސާފުވެރި ނޫންހެއްޔެވެ؟ އީރާނުގައި ނިޔުކުލިއަރު ފައްކާކުރަނީ މަދަނީ ބޭނުމަށް ޓަކައި ހަކަތަ އުފައްދާންކަމަށް ބުނާ އިރު، އަދި ދުނިޔޭގެ ހަކަތައާ ބެހޭ އިދާރާތަކުން ވެސް އީރާނުގައި ނިޔުކުލިއަރު ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެތްކެއް ނެތޭ ބުނާ އިރު، އީރާނަށް ހަމަލާދިނުމުގެ އެއްވެސް ސަބަބެއް ނެތެވެ. އެހެންވީމާ، އީރާނަށް ޙަމަލާ މި ދިނީ އެމެރިކާއިން ތަފާތު ދޮގު ބަހަނާ ދައްކައިގެން ޢިރާގަށް ވެސް ޙަމަލާދީ ސުންނާފަތިކޮށްލި ގޮތަށް އީރާނު ވެސް ހަލާކުކޮށްލާންކަން މާ ރީތިކޮށް ވެސް އެނގެއެވެ.

މި ކަމަށް ޓަކައި ތަފާތު މަސައްކަތްކޮށްފިއެވެ. ރައްޔިތުން ނެރެގެން ވެރިކަން ބަދަލުކޮށްލާން އުޅެފިއެވެ. އެކަން ނުވެގެން، ނިޔުކުލިއަރު މަރުކަޒުތައް ހަލާކުކޮށްލާން 12 ދުވަސް ވަންދެން ހަނގުރާމައެއް ކޮށްފިއެވެ. މަގުސަދު ހާސިލެއްނުވިއެވެ. ދެން މި ފަހަރު އަމާޒުކުރީ އެއް ފަހަރާ އެމެރިކާއާއި އިސްރާއީލުން ވެގެން އެންމެ އިސް ވެރިޔާ އަވަހާރަކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލުކޮށްލެވޭތޯއެވެ؟ އީރާނަށް ޙަމަލާދީފި ނަމަ، އިސްރާއީލަށް ގެއްލުންތަކެއް ދޭނެކަން އިސްރާއީލަށް އެނގޭތީ، ފުރަތަމަ ވަގުތު ވެރިމީހާ ޝަހީދުކޮށްލުމުން ރައްޔިތުން ނުކުމެ މުޅި ނިޒާމު ބަދަލުކޮށްލައި އެމެރިކާ ބޭނުން ގޮނޑިކޮއްކޮ ސަރުކާރެއް އެކުލަވައިލެވޭނެކަމަށް ޔަގީންކޮށްގެން އެއް ފަހަރާ ޙަމަލާދީ ދީނީ ލީޑާރު އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލީއެވެ. ނަމަވެސް އެ މީހުން އުންމީދުކުރި [ރެޖީމް ޗޭންޖް]އެއް ނުގެނެވުނެވެ. ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވުނެވެ. އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި އަނެއް ޚާމަނާއި ވެރިކަމަށް އިސްކުރީއެވެ.

އީރާނަކީ އެމެރިކާއާއި އިސްރާއީލުން ހީކުރާ ފަދަ އާދައިގެ ގައުމެއް ނޫނެވެ. އެއީ 92 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މުސްލިމު ގައުމެކެވެ. ޝީޢީ މަޒުހަބުގެ އެތައް ފިރުޤާއަކާއި ސުންނީ އެތައް މަޒުހަބެއްގެ ބަޔަކު ދިރިއުޅޭ ބިޔަ މިސްލާމީ ގައުމެކެވެ. އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް ދުނިޔޭގެ 17ވަނަ ގައުމެވެ. އަދި އޭޝިއާގައި ހަ ވަނައަށް އެންމެ ބޮޑު ގައުމެވެ. ޢިލްމުވެރީންނާއި ސައެންސްވެރީންނާއި މުވައްރިޚުން ގިނަ ޢިލްމީ ޙަޟާރަތެކެވެ. އެ މީހުންގެ ޤައުމީ ޝިޢާރަކީ [ﷲ އަކުބަރު] މި މަތިވެރި އިސްލާމީ ޝިޢާރެވެ. އެ މީހުންގެ ފަލްސަފާއަކީ [އިސްތިޤުލާލު، މިނިވަންކަން، އިސްލާމީ ޖުމުހޫރިއްޔާ]އެވެ. އެހެންކަމުން އިސްލާމް ދީނުގެ ދިފާޢުގައި ޢަމަލީ ގޮތުން އެންމެ ބޮޑަށް މަސައްކަތްކުރާ ތަން ފެންނަނީ ވެސް އީރާނުންނެވެ.

މި ދެންނެވި ސަބަބަށް ޓަކައި އީރާނަކީ ދުވަހަކު ވެސް ބަޔަކާ އިސްވެ ހަނގުރާމަކުރާ ބަޔެއް ނޫނެވެ. އިސްލާމީ ޖިހާދުތަކަކީ ވެސް މުޅީން ވެސް ދިފާޢީ އެއްޗަކަށްވާތީ އީރާނުން ވެސް އަބަދު ވެސް މަސައްކަތްކުރަނީ އިސްލާމީ އުޞޫލާ އެއް ގޮތަށް ދިފާޢީ ހަނގުރާމަކުރުމުގައެވެ.

އަނެއް ކޮޅުން ހުޅަނގުން، އެމެރިކާއާއި އިސްރާއީލުން، އެ މީހުންގެ މަކަރުވެރި ޙަމަލާއިން ޢަލީ ޚާމަނާއީ ޝާހީދުކޮށްލުމުން ވެސް އީރާނުން އަމާން ނުދިނުމުން ދެން ދިމާކުރީ އިރާނުގެ މަދަނީ އަދި އިގުތިޞާދީ ބިނާރުތައް ފަނާކޮށްލާށެވެ. އިސްކޫލުތަކާއި ހަސްފަތާލުތަކާއި ގިނަ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި އެއަރުޕޯޓުތަކަށާއި ކާރުޚާނާތަކަށާއި ތެއު އުފައްދާ ކުންފުނިތައް ފަދަ ތަންތަނަށެވެ. މިއީ ހުޅަނގުގެ މުނާފިޤު މީޑީއާތަކަށާއި އިރުމަތީގައި އެމެރިކާއަށް [ސަޖިދަކުރާ] ގައުމުތަކުގެ މީޑިއާތަކަށް، ކަމަކަށް ނުވަތަ ޚަބަރަކަށް ނުވިއެވެ. ނަމަވެސް މީގެ ދިފާޢުގައި އިއްޔެއިން ފެށިގެން އީރާނުން ވެސް މަދަނީ ބިނާރުތަކަށް ޙަމަލާތައް އަމާޒުކުރާން ފެށީމާ އެއީ މުހިންމު ޚަބަރަށް ވެއްޖެއެވެ.

އީރާނުގެ ތެޔޮ ކާރުޚާނާއަށް އަންގާރަދުވަހު ބޮން އެޅުމާ ގުޅިގެން އީރާނުގެ އިސްތިރާޖު ވެސް ވަނީ ބަދަލުކޮށް މަދަނީ އަދި އިގުތިޞާދީ ބިނާރުތަކަށާއި ދަތުރުފަތުރުގެ ވިއުގަތަކަށް ޙަމަލާދޭން ފަށައިފައެވެ. އެއީ އަންގާރަ ދުވަހު އިސްރާއީލުގެ ވައިގެ ޙަމަލާގެ [ބޮޑުރާޅެއް] އިރާނަށް އަމާޒުކޮށް ފޮނުވައިލައި އިގުތިޞާދީ އަދި މަދަނީ ބިނާރަށް ގެއްލުން ދިނުމުގެ ބަދަލެއްގެ ގޮތުންނެވެ. އީރާނުންވަނީ އިސްރާއީލުގެ ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް މިސައިލުން ޙަމަލާދީ އެތާނގައި ރޯކޮށްލައިފައެވެ. އަދި ޙުރުމޫޒު ކަނޑުއޮޅީން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ޙަމަލާދޭނެކަމަށް އަންގައިފައި އޮއްވައި، އެ ކަނޑުއޮޅީން ބޭރުވާން އުޅުނު، [މަޔޫރީ ނަރީ] ނަމަކަށް ކިޔާ ތައިލެންޑްގެ އާގުބޯޓަކަށް ވަނީ ޙަމަލާދީފައެވެ. އަދި ޔޫއެއީގެ ދުބާއީ ބައިނަލްއަގުވާމީ ވައިގެބަނދަރަށް ވެސް ވަނީ ޙަމަލާދީފައެވެ. ޔޫއޭއީއަކީ އިސްރާއީލަށް މާލީ ގޮތުންނާއި ޖާސޫސީ ގޮތުން އެންމެ ބޮޑަށް އެހީވާ، [މުސްލިމު] ގައުމެވެ.

އީރާނުން އެ މީހުންގެ އިސްތިރާޖު ބަދަލުކޮށް މަދަނީ އިގުތިޞާދީ ބިނާރަށް ޙަމަލާދޭން ފެށުމުން ހުޅަނގާއި އިރުމަތީގެ ނޫސްތަކަށް ހީވީ ޠޫފާނެއް އައިހެންނެވެ. [އީރާނުން މަދަނީ ތަންތަކަށް ޙަލަދިނުން އިތުރުކޮށްފި]އޭ ކިޔައިގެން ސުރުޚީތައް ހަދައިލައި ޚަބަރު ފަތުރާން ފަށައިފިއެވެ.

ނަމަވެސް އިސްރާއީލުން މި ޢުދުވާނު ފުޅާކޮށް މިހާރު ލުބުނާނަށް ޙަމަލާދީ 634 މީހުން މަރައިލައި، 1586 މީހަކު ޒަޚަމުކޮށްލައިފިއެވެ. އަދި ލުބުނާނުގެ އެކި ހިސާބުތަކަށް، އަށް ލައްކައަށްވުރެ ގިނަ ޢާއިލާތައް ވިއްސިވިހާލިކޮށްލައިފިއެވެ.

މި ޢުދުވާނުގައި އިސްރާއީލަށް ލިބުނު ގެއްލުންތަކެއް ވެސް ކުޑައެއް ނޫނެވެ. ތައްލުއަބީބާއި ހައިފާ މުޅީން ފުނޑުފުނޑުކޮށްލައިފިއެވެ. ނަމަވެސް އެ މީހުންގެ ނާކާމިޔާބީގެ ވާހަކަ ނުވަތަ އެ މީހުންނަށް ލިބޭ ގެއްލުމެއް ހާމަކުރި ކޮންމެ ނޫހަކާއި މީހަކަށް އެންމެ ހަރުކަށި އަދަބު (މަރުގެ އަދަބު) ދޭނެކަން އިޢުލާނުކޮށްފައިވާތީ ލިބޭ އެ ފަދަ ޚަބަރުތައް މަދީއެވެ.

އަނެއްކޮޅުން އީރާނުގެ އާ ލީޑަރަށް ވެސް ޙަމަލާދީ ވަނީ ޒަޚާމުކޮށްލައިފިއެވެ. އަތްޕުޅާއި ފައިންޕުޅު ވަރަށް ބޮޑަށް ޒަޚަމުވެގެން މިހާރު އޮންނެވީ ހަސްފަތާލުގައެވެ. މި ކަން އީރާނުން ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ.

ދުނިޔެއަށް ލިބެމުންދާ އިގުތިޞާދީ، އިޖުތިމާޢީ އަދި ތިމާވެށީގެ ބޮޑެތި ގެއްލުންތަކާ ހުރެ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ޢުދުވާނު ހުއްޓައިލުމަށް ފިއްތުންތައް ކުރިމަތިކުރިޔަސް އެމެރިކާއާއި އިސްރާއީލުގެ އިސްމީހުން ބައްދަލުކުރުމަށް ފަހު މި [އޮޕަރޭޝަން] އަދި ކުރިއަށް ގެންދާންވަނީ ނިންމައިފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓުޒު، މިއަދު ހެނދުނު ބުނެފައިވަނީ [އަހަރެމެންނަށް މުހުތާދު އޮތްހައި ހިނދަކު، އަދި އަހަރެމެންގެ މަގުސަދު ހާސިލުވަންދެން، އަދި އެންމެ ވަގުތުކޮޅެއް ވެސް ދޫނުކޮށް މި ކެންޕޭނު ކުރިއަށް ގެންދާނަމެވެ.] އެކަމަކު މި ދުވަސްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ކޮށްފައި ހުރީ ތަފާތު މަސްހުނި މެސެޖުތަކެކެވެ. [މިއީ ވަރަށް އަވަހަށް ނިންމައިލެވޭނެ ކުރުމުއްދަތުގެ ދަތުރެކެވެ.] ޓުރަންޕު އާންމުކުރި މެސެޖެއްގައި ވެއެވެ. ހޯމަދުވަހު ވޮޝިންޓަނުގައި ދިން ތަގުރީރެއްގައި ޓުރަންޕު ބުނެފައިވަނީ [އަދި އަހަރެންނަށް ފުދޭވަރުގެ ކާމިޔާބީއެއް ނުލިބޭ]ކަމަށެވެ. ނަމަވެސް އިއްޔެ ޙިބުރޫންގެ ކެންޓަކީގައި ބޭއްވި އެއްވުމެއްގައި ތަގުރީރުކުރަމުން ޓުރަންޕު ބުނެފައިވަނީ [އަހަރެމެން ކާމިޔާބުކޮށްފީމެވެ.] ނަމަވެސް އަހަރެމެންގެ ވަޒީފާ އަދާކޮށް ނިމެންދެން މި ކަމުގައި ދެމިތިބޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ. [މިހައި ކުރީން އަހަރެމެން ކާމިޔާބު ހޯދައިފީމޭ ބުނާކަށް އިނބަމެން ވެސް ބޭނުމެއް ނުވާނެ. އަހަރެމެންނަށް ކާމިޔާބު ލިބިއްޖެ. ފުރަތަމަ ގަޑިއިރުގެ ތެރޭގައި އަހަރެމެން މި ކަން ނިންމައިފިން.] ޚާމަނާއީ ޝަހީދުކޮށްލުމަށް އިޝާރާތްކޮށް ޓުރަންޕު ބުނެފައިވެއެވެ.

ޓުރަންޕު ފޮނިކަނޑަމުން ބުނެފައިވާ ގޮތުގައި އީރާނުގެ ހަނގުރާމަމަތީ 58 މަނަވަރު ހަލާކޮށްލެވިއްޖެއެވެ. ނަމަވެސް މި ޢުދުވާނު ކުރިއަށް ގެންދާން ވިސްނުންހުރިކަން ދޭހަވާ ގޮތަށް ބުންޏެވެ. [މިހައި ކުރީން ދޫކޮށްލާކަށް ބޭނުމެއް ނޫން، ބޭނުންވޭތަ؟] އޭނާގެ ވިސްނުން ހުރިގޮތް ބަޔާންކޮށްލީ ސުވާލަކުންނެވެ. [އަހަރެމެންގެ މަސައްކަތް މުޅީން ނިންމައިލާން ބޭނުންވޭ!] ޓުރަންޕު އިތުރުކޮށްލިއެވެ. [ކޮންމެ ދެ އަހަރަކުން އެއް ފަހަރު މި ކަން ކުރާކަށް ބޭނުމެއް ނުވޭ. ބޭނުންވަނީ މި ފަހަރު ނިންމާން.] އޭނާ އެ އިޝާރާތްކުރަނީ އެ މީހުން ބޭނުން މީހަކަށް ވެރިކަންދީ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމުކޮށް އީރާނުގެ ތެލުގެ މައްޗަށް ބަސްކިޔޭ ގޮތް ހެދުމަށެވެ.

މިހައި ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއި އިސްރާއީލުގެ ނިޔަތާއި ބޭއިންސާފު ޢަމަލުތައް ހުރިއިރު، އީރާނު ވެސް އެ މީހުންގެ ދިފާޢުގައި ކުރެވުނު ކަމެއްކުރާނެތާއެވެ. އަދި އެމެރިކާ އޮންނަނީ ދުނިޔޭގެ އަނެއް ފަރާތުގައިކަމަށް ވާތީ، ކައިރި ގައުމުތަކުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ޙަމަލާދޭނެތާއެވެ. މި ވާހަކަ ބޮޑުކޮށްލައިގެން އުޅޭ އިރު، މި ކަންތައްގަނޑު ފަށައިގެން ކުރިއަށް ގެންދާ އެމެރިކާއި އިސްރާއީލުގެ ވާހަކަ މުސްލިމު ގައުމުތަކަށް ދައްކާން ނުކެރުމަކީ މިއަދު މުސްލިމުން ތިބި ޙާލަތާއި ފެންވަރު ވަރަށް ރީތިކޮށް ހާމަވާ ކަމެކެވެ. އިސްލާމީ އުންމަތުގެ ދިފާޢުގައި ޖިހާދުކުރާން ކެރޭ ހަމައެކަނި ގައުމަކީ އީރާނެވެ. ދެން ޙިޒުބުﷲއާއި ޙޫޘީންނާއި ޙަމާސް ފަދަ އަމިއްލަ ޖަމާޢަތްތަކެވެ. މި ފަރާތްތަކުން ޙަމަލައެއް ދީފި ނަމަ، އެއީ ވަރަށް ބޮޑު ޚަބަރަކަށް ހަދައިލާނެއެވެ. މިއި މިއަދު ދުނިޔޭގެ ހަގީގަތެވެ.

 

ބައެއް  ލަފުޒުގެ މާނަ:

ބިނާރު      ނ.     ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތްތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހައި ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމުކުރާ މާއްދީ ހުރިހައި ވަސީލަތެއް ވެސް ހިމެނެއެވެ. infrastructure

އިސްތިރާޖު   ނ.     ލަނޑުދަނޑިއެއް ޙާށިލުކުރުމަށް ޓަކައި ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ޙިކުމަތް. strategy

ސުންނާފަތި   ނ.     (1) ތަނަތަންވާ ހަލާކު. (2) ތަންތަންވާ ފުނޑުފުނޑު. destroy

ކޮމެންޓު