ad_banner
ރަމަޟާންމަހުގެ ސަބަބުން ތިބާ !!!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

10 މާރިޗް 2026

ރަމަޟާންމަހަކީ އަޅުގަނޑުމެން ސުވަރުގެވަންތަވެރީންނަށް ވުމަށް ޓަކައި ﷲ ތަޢާލާ ދެއްވައިފައިވާ ރަނުގެ މޫސުމެކެވެ. އެއީ ފުއްސެވުމާއި ދިންނެވުމުގެ ފޯވައްސެކެވެ. އެއީ ސުވަރުގެ ޖާމިނުކޮށްދޭ އަޅުކަންތަކެއް ހިމެނޭ ﷲގެ ބަރަކާތުގެ ނަފުޙާތުތަކެއް ހިމެނޭ މައްސަރެކެވެ.

މި މައްސަރުގައި ތިބާ ބޭނުންވަނީ ކޮން ކަހަލަ މީހަކަށް ވާންހެއްޔެވެ؟ މި ސުވާލު ހިތާހިތާ ކޮށްލައިފައި މައިދާނަށް ނުކުންނާށެވެ!

1-        އެ ޢަމަލުގެ ސަވާބުގެ މިންވަރު ﷲ ނޫން އެހެން ފަރާތަކަށް ނޭނގޭ ޢަމަލެއް ކުރާ މީހެއްކަމުގައި ތިބާ ވާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. رسول اللَّه صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((قال اللهُ تعالى: كُلُّ عَمَلِ ابنِ آدمَ لَهُ، إلّا الصيامَ، فَإنَّهُ لِي، وأَنا أجْزِي بِهِ[1] - ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއް އޭނާއަށް ލިބިގެން ވެއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ރޯދަ ލިބިވޮޑިގެން ވަނީ ތިމަންރަސްކަލާނގެއަށެވެ. އެ ކަމަށް ޖަޒާ ދެއްވަނީ ތިމަންރަސްކަލާނގެއެވެ.))

2-        އިސްވެ ދިޔަ އެންމެހާ ފާފަތައް ފުއްސަވާ ދެއްވާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާކުރެއްވުނެވެ. ކައު ރަސޫލާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((مَنْ صَامَ رَمَضَانَ إيمانًا وَاحْتِسَابًا غُفِرَ له ما تَقَدَّمَ مِنْ ذَنْبِهِ[2] - މާތް ﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެ ދިޔަ ހައި ފާފަތައް ފުއްސަވާދެއްވާނެތެވެ.)) 

3-        އެ ފަދަ ދެވަނައެއް ނެތް ޢަމަލެއްކުރާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ރަސޫލާ صلى الله عليه وسلمއަށް ދެންނެވިއެވެ. އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((عليكَ بالصَّوْم؛ فإنَّه لا عِدْلَ له[3] – ތިބާގެ މައްޗަށް އޮތީ ރޯދައެވެ. ފަހެ ހަމަކަށަވަރުން އެއާ އެއް ފަދަ ޢަމަލެއް ނުވެއެވެ.))

4-        ބާބުއްރައްޔާނުން ސުވަރުގެ ވަދެވޭ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި ސަހްލުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((إنَّ في الجَنَّةِ بَابًا يُقَالُ له الرَّيَّانُ، يدخل منه الصَّائمونَ يَوْمَ القيامة، لا يدخل منه أحدٌ غيرهم، يُقَالُ: أين الصَّائمونَ؟ فيقومون، لا يدخل منه أحدٌ غيرهم، فإذا دخلوا أُغْلِقَ؛ فلم يدخل منه أحدٌ [4]– ހަމަކަށަވަރުން ސުވަރުގޭގައި އައްރައްޔާނު ނަމަކަށް ކިޔާ ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހުން ރޯދަވެރީން ސުވަރުގެ ވަންނާނީ މި ދޮރުކޮޅުންނެވެ. އެ ދޮރުކޮޅުން އެ ނޫން ބަޔަކު ނުވަންނާނެތެވެ. ގޮވައިލެވޭނެއެވެ. ރޯދަވެރީން ކޮބައިހެއްޔެވެ؟ ފަހެ އެ ހިނދު އެބައިމީހުން ތެދުވާނެތެވެ. އެ ދޮރުކޮޅުން އެހެން އެކަކު ވެސް ނުވަންނާނެތެވެ. ފަހެ އެބައިމީހުން ވަދެއްޖެ ނަމަ އެ ދޮރުކޮޅު ބަންދުކުރެވިދާނެތެވެ. ފަހެ ހަމަ އެކަކު ވެސް ނުވަންނާނެތެވެ.))

5-        އެމީހާގެ މައްޗަށް މާތްﷲ ރަޙްމަތްލައްވައި އޭނާގެ ފާފަ ފުއްސަވާދެއްވުމަށް އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވާ މީހަކަށް ވެވޭތޯ ބަލާށެވެ! އަބޫ ސަޢީދުލްޚުދްރީ رضي الله تعالى عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީސްކުރެއްވިއެވެ. ((السَّحُورُ أَكْلُهُ بَرَكَةٌ؛ فلا تَدَعُوهُ، ولو أن يَجْرَعَ أحدكم جُرْعَةً من ماءٍ؛ فإنَّ اللَّه - عزَّ وجَلَّ - وملائكته يصلُّون على المُتَسَحِّرينَ [5] – ހާރު ކެއުމަކީ ބަރަކާތެކެވެ. ފަހެ ތިޔަބައިމީހުން އެކަން ކުރުން ދޫކޮށްނުލާށެވެ! ފެން ކޯވަރެއް ބޮއިލުމުން ވިޔަސް އެ ކަން ކުރާށެވެ! ފަހެ ހަމަކަށަވަރުން ﷲ ޢައްޒަ ވަ ޖައްލަ ހާރު ކާމީހުންނަށް ފާފަފުއްސަވައިދެއްވަތެވެ. އަދި މަލާއިކަތުން އެބައިމީހުންނަށް ފާފަފުއްސަވައިދެއްވުމަށް އެދިވަޑައިގެން ދުޢާކޮށްދެއްވަތެވެ.))

6-        ހެޔޮ މަގުން މުޅި އަހަރު ރޯދަހިފާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. رسولَ اللَّه  صلى الله عليه وسلم ޙަދީސްކުރެއްވި އަޑު އެއްސެވީމެވެ. ((شهر الصَّبر، وثلاثة أيامٍ من كلِّ شهرٍ؛ صَوْمُ الدَّهر[6]– ކެތްތެރިކަމުގެ މައްސަރުގައި – އެބަހީ ރަމަޟާން މަހުގައި ރޯދަހިފުމާއި -  ކޮންމެ މަހަކު ތިން ދުވަހު ރޯދަ -  އެބަހީ މެދު ފޮއި ރޯދަ - ހިފުމަކީ މުޅި އަހަރު ރޯދަހިފުމެވެ.)) މީގެ އިތުރަށް މާތްﷲ ރުއްސުންލެއްވި އަބޫ އައްޔޫބުލްއަންޞާރީ ވިދާޅުވިއެވެ. رسول اللَّه  صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((من صامَ رمضانَ وستَّةً من شوّالٍ فَكَأنّما صامَ الدَّهرَ[7] – ރަމަޟާން މަހު ރޯދަހިފައި އެއާ ވިދިގެން ޝައްވާލުމަހުން ހަ ރޯދަހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ.))

7-        ރޯދައިގެ ސަވާބު ގިނަގުނަވެގެންދާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި ޒައިދު ބިނުލްޖުހައިނީ ވިދާޅުވިއެވެ. رسول اللَّه صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. ((مَنْ فَطَّرَ صائمًا؛ كان له مثل أَجْرِهِ، غير أنَّه لا يَنْقُصُ من أَجْرِ الصَّائم شيئًا[8] - ރޯދަވެރިއަކަށް ރޯދަވީއްލޭނެ މަގު ތަނަވަސްކޮށްދިން މީހާއަށް އޭނާގެ ރޯދައިގެ  ސަވާބު ދެއްވާނެތެވެ. އެ ރޯދަވެރިޔާގެ ސަވާބުން އެއްވެސް އެއްޗެއް އުނިވުމެއް ނެތިއެވެ.))

8-        ދެ ފަހަރަށް އުފާވެރިކަން ލިބޭ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. رسول اللَّه صلَّى الله عليه وسلَّم  ޙަދީސް ކުރެއްވިއެވެ. (( للصّائمِ فرحتانِ:  فرحةٌ حينَ يفطرُ، وفرحةٌ حينَ يَلقى ربَّهُ[9]- ރޯދަވެރިޔާއަށް ދެ އުފަލެއް ލިބިގެން ވެއެވެ. ރޯދަވީއްލާއިރު ލިބޭ އުފަލަކާއި އޭނާގެ ވެރި ރަސްކަލާނގެއާ ބައްދަލުވާއިރު ލިބޭނެ އުފަލެކެވެ.))

9-        ދުވަހަކުވެސް ކަރުހިއްކުން އިޙްސާސްކުރަން ނުޖެހޭނެ މީހަކަށް ވެވޭތޯ ބަލާށެވެ! މާތްﷲ ރުއްސުންލެއްވި ސަހްލު  ބިން ސަޢުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. ((للصائمينَ بابٌ في الجنَّةِ -يُقالُ لَهُ الريّانُ، لا يدْخُلُ فيه أحدٌ غيرٌهم، فإذا دخل آخرُهم أُغْلِقَ، مَن دخَلَ فيه شَرِبَ، ومَن شَرِبَ لم يظمأْ أبدًا[10] - ސުވަރުގޭގައި ރޯދަވެރިންނަށް ޚާއްޞަކުރައްވައިފައިވާ އައްރައްޔާން ނަމަކަށް ކިޔާ ދޮރުކޮޅެއް ވެއެވެ. އެމީހުން ފިޔަވާ އެހެން އެކަކުވެސް މި ދޮރުކޮޅުން ނުވަންނާތެވެ.ފަހެ އެމީހުންގެ ތެރެއިން އެންމެ ފަހު މީހާ ވަނުމުން މި ދޮރުކޮޅު ބަންދުކުރެވިދާނެތެވެ. މި ދޮރުކޮޅުން ވަންނަ މީހުން ފެން ބޯނެތެވެ. އަދި ފެން ބުއިމީހަކު ދުވަހަކު ވެސް ކަރެއްނުހިއްކާނެތެވެ.))

10-    ނަފުސު ރައްކައުތެރިކުރާނެ ހަތިޔާރެއް ލިބިފައިވާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( الصِّيامُ جُنَّةٌ [11]– ރޯދައަކީ އައްޑަނައެކެވެ.))

11-     ރަމަޟާން މަހުގައި އެ ބައެއްގެ މައްޗަށް ރަޙްމަތްލައްވައި، ފާފަ ފުއްސަވާ  ނަރަކައިން ނަޖާކުރައްވާ މީހުންގެ ތެރޭގައި ވާ މީހަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ! މާތް ﷲ ރުއްސުންލެއްވި ސަލްމާނުއް ފާރިސީގެ އަރިހުން ރިވާވެގެން ވެއެވެ. ((أوَّلُ شهرِ رمضانَ رحمةٌ وأوسطُهُ مغفرةٌ وآخرُهُ عتقٌ من النّار[12]ރަމަޟާން މަހުގެ ފުރަތަމަކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ.))

12-     އަނގަވަސް މީރު މީހަކަށް ވެވޭތޯ މަސައްކަތްކުރާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((والذي نَفْسُ مُحَمَّدٍ بيَدِهِ، لَخُلُوفُ فَمِ الصَّائِمِ أطْيَبُ عِنْدَ اللَّهِ مِن رِيحِ المِسْكِ [13]- މުޙަންމަދުގެފާނުގެ ނަފްސުފުޅު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ﷲގެ ޙަޟުރަތުގައި ރޯދަވެރިޔާގެ އަނގަވަސް ކަސްތޫރިއަށް ވުރެ މީރުވެގެން ވެއެވެ.))

13-     ފިތުނައިން ރައްކައުތެރިކޮށް ދެއްވާ ޢަމަލުތައް ކުރާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތްﷲ ރުއްސުންލެއްވި ޙުޛައިފަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ފިތުނަޔާ ބެހޭގޮތުން ޙަދީސް ކުރެއްވި ބަސްފުޅެއް އިވިވަޑައިގެންފައިވޭތޯއެވެ؟ އެހިނދު ޙުޛައިފަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ e ޙަދީސް ކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((فتنة الرَّجل في أهله وماله وجاره تكفِّرها الصَّلاة والصِّيام والصَّدقة[14] – ފިތުނަވެރިކަން ވަނީ އޭނާގެ އަނބިދަރީންނާއި މުދަލާއި އަވަށްޓެރީންގެ ސަބަބުންނެވެ. ނަމާދާއި ރޯދައާއި ޞަދަޤާތަކީ އޭގެ ކައްފާރާއެކެވެ.))

14-     ނަރަކައިން ރައްކައުތެރިކުރައްވާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((الصِّيام جُنَّةٌ، وحِصْنٌ حصينٌ منَ النَّار[15] - ރޯދައަކީ އައްޑަނައެކެވެ.އަދި އެއީ ނަރަކައިން ރައްކައުތެރިކޮށްދޭ ވަރުގަދަ ކިއްލާއެކެވެ.))

15-     ކީރިތި ރަސޫލާ ރަމަޟާން މަހުގައި ޢަމަލުތައް ބެހެއްޓެވި ގޮތަށް ޢަމަލުތައް ބަހައްޓާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((ثلاثٌ من أخلاقِ النُّبوَّةِ تعجيلُ الإفطارِ وتأخيرُ السُّحورِ ووضعُ اليمينِ على الشِّمالِ في الصَّلاةِ [16]– ނަބީކަމުގެ އަޚްލާޤުގެ ތެރޭގައި ތިން ކަމެއް ވެއެވެ. އެއީ އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރުމާއި ހާރުކެއުން ފަސްކުރުމާއި ނަމާދުގައި ވާތް މަތީ ކަނާތް  ބޭއްވުމެވެ.))

16-     ބަރަކާތްތެރި ކެއުން ކާ މީހަކަށް ވެވޭތޯ ބަލާށެވެ! މާތް ﷲ ރުއްސުންލެއްވި އަލްމިޤްދާމު ބިން މަޢުދީ ކަރަބުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. ((عليكم بغداء السُّحور؛ فإنه هو الغداء المبارك [17]– ތިޔަބައިމީހުން ހާރު ކެއުމުގައި ހިފަހައްޓާށެވެ! ފަހެ ހަމަކަށަވަރުން އެއީ ބަރަކާތްތެރި ކެއުމެކެވެ.))

17-     ދީން ފާޅުކުރާ މީހަކަށް ވެވޭތޯ ބަލާށެވެ!  މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީސް ކުރެއްވިއެވެ. ((لا يزال الدِّينُ ظاهرًا ما عَجَّلَ النَّاسُ الْفِطْرَ؛ لأنَّ اليهود والنَّصارى يؤخِّرون[18]– މީސްތަކުން ރޯދަވީއްލުން އަވަސްކުރާ ނަމަ ދީން ފާޅުވުން މަތީ ދެމި އޮންނާނެތެވެ. ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންނަކީ އެ ކަން ފަސްކުރާ ބަޔެކެވެ.))

 

މަރުޖާ:

[1]   - أخرجه البخاري (١٩٠٤)، ومسلم (١١٥١)

[2]  - رواه البخاريُّ

[3]  - - رواه النَّسائيُّ، وصحَّحه الألْبَانِيُّ في "صحيح سنن النَّسائي"، برقم (2222)

[4]  - رواه البخاريُّ

[5]  - رواه أحمد وحسَّنه الأَلْبَانِيُّ في صحيح الجامع برقم: 3638

[6]  - رواه النَّسائِيُّ وأحمد. صحَّحه الألْبَانِيُّ في "صحيح الجامع" برقم (3718)

[7]  - أخرجه مسلم (١١٦٤)، وأبو داود (٢٤٣٣)، والترمذي (٧٥٩)، والنسائي في «السنن الكبرى» (٢٨٦٤) ، وابن ماجه (١٧١٦)، وأحمد (٢٣٥٣٣)

[8]  - رواه التِّرْمِذِيُّ، وصحَّحه الألْبَانِيُّ في "صحيح سنن التِّرْمِذِيِّ" برقم (807)

[9]  -   أخرجه البخاري (١٩٠٤ومسلم (١١٥١والنسائي (٢٢١٥وابن ماجه (١٦٣٨) والترمذي (٧٦٦) وأحمد (٨٥٥٠)

[10]  - رواه النَّسائيُّ، وصحَّحه الألْبَانِيُّ  في "صحيح النَّسائي" برقم (2236)

[11]  - أخرجه البخاري (١٨٩٤)  ومسلم (١١٥١)

[12]  - الذهبي : ميزان الاعتدال ٢‏/ ١٧٩ و الخطيب البغدادي  :  أوهام الجمع والتفريق ٢‏/١٤٧ والألباني : تخريج مشكاة المصابيح ١٩٠٦

[13]  - أخرجه البخاري (1894)، ومسلم (1151)

[14]  - رواه البخاريُّ

[15]  - أخرجه أحمد (٩٢١٤) والبيهقي في «شعب الإيمان» (٣٥٧١)

[16]  - رواه الطَّبَرانيُّ في "الكبير"، وصحَّحه الألْبَانِيُّ في "صحيح الجامع" برقم (3038).

[17]  - رواه النَّسائيُّ، وصحَّحه الألْبَانِيُّ في "صحيح سنن النَّسائيِّ" برقم (2164).

[18]  - رواه أبو داود، وحسَّنه الأَلْبَانِيُّ في "صحيح سنن أبي داود" برقم (2353).

ކޮމެންޓު