އަބާ މުޙަންމަދު
13 މާރިޗް 2026
ގަލްފު ގައުމުތަކުގެ ނަމުގައި އެމެރިކާއާއި އިސްރާއީލުން ދެލިކޮޕީކޮށްގެން އީރާނު ކުށްވެރިކޮށް ތައްޔާރުކޮށްފައި އޮތް ގަރާރެއް އދ. މަޖިލީހުގެ ސަލާމަތީ މަޖިލީހުންގެ ވަރަށް މަތީ އަޣުލަބިއްޔަތަކުން ފާސްކުރުމުން ދުނިޔޭގެ އެ ބުނާ ސަލާމާތީ ޙާލަތާއި އެ ސަލާމަތީ މަޖިލީގުގެ ހަގީގަތް ދުނިޔެއަށް އެނގޭނެއެވެ. އެއީ އެމެރިކާއާއި އެމެރިކާގެ ބައިވެރީންގެ މަސްލަޙަތު ޙިމާޔަތްކޮށްދޭން ހަދައިގެން އުޅޭ މުއައްސަސާއެކެވެ.
135 ގައުމަކުން ތާއީދުކޮށްގެން ގަލްފު ގައުމުތަކާއި އުރުދުންއިން ހުށަހެޅި މި ގަރާރު ފާސްކުރީ 15 މެންބަރުންގެ ތެރެއިން 13 މެންބަރު ގައުމުގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. މި ގަރާރަށް ވޯޓުނުދިން ދެ ގައުމަކީ ޗައިނާއާއި ރޫސީވިލާތުންނެވެ. ނަމަވެސް އެ ދެ ގައުމުން ވެސް އެ މީހުންނަށް ލިބިފައިވާ ވީޓޯގެ ބާރު ބޭނުންކޮށްގެން ގަރާރު ވީޓޯއެއް ނުކުރިއެވެ. ސަބަބެއްކަމަށް މުޙައްލިލުން ދެކެނީ އެ ގަރާރަށް ގިނަ ގައުމުތަކަކުން ތާއީދުކޮށްފައިވާތީކަމަށެވެ.
ޖަޒީރާ ނޫސްވެރިޔާ އެލިޒޮންޑޯ ބަޔާންކުރި ގޮތުގައި މިއީ ސަލާމަތީ މަޖިލީހުގެ ގަރާރަކަށް އެންމެ ގިނަ ގައުމުތަކަކުން ތާއީދުކުރި (ކޯސްޕޮންސަރކުރި) ފަހަރެވެ.
މި ގަރާރު ފާސްކުރުމުން މި ކަމާ ދެކޮޅަށް އީރާނުގެ މަންދޫބު ޢާމިރު ސަޢީރު އީރަވާނީ ވާހަކަފުޅުދައްކަވަމުން ވިދާޅުވި [މިއީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުޅަ ލަދުވެތި ގަރާރެއް]ކަމަށެވެ. [މިއީ ސަލާމަތީ މަޖިލީހުގެ ނަޒާހަތްތެރިކަމާއި އެ މަޖިލީހުގެ ހަވާލަތާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ފާސްކުޅަ ޤަރާރެއް]ކަމަށެވެ. އެހެނީ އީރާނާ ދެކޮޅަށް ނާތަހުޒީބު ބޭއިންސާފުވެރި ޢުދުވާނެއް ފަށައިގަނެ، އީރާނުގެ އެންމެމަތީވެރިޔާއާއި އެ މަނިކުފާނުގެ ޢާއިލާއާއި ދައުލަތުގެ އިސްވެރީންތަކެއް ޝަހީދުކޮށްލީ އެމެރިކާއާއި އިސްރާއީލުންނެވެ. މިޢުދުވާނުގައި ޙަމަލާދޭން ބޭނުންކުރީ ގަލްފު ގައުމުތަކުގެ ޙިމާޔަތް ލިބިގެން އެ ސަރަހައްދަށް ވަދެތިބި މަނަވަރުފަހަރާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެވެ. ރައްދުގައި ސީދާ އެމެރިކާއަށް ހަމަލާދިނުމަކީ މުސްތަހީލުކަމަކަށްވާތީ، އީރާނުން ރައްދު ޙަމަލާދިނީ ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށެވެ.
ނަމަވެސް ސަލާމަތީ މަޖިލީހުގެ ގަރާރުގައި މި ޢުދުވާނު ފެށި އެމެރިކާއާއި އިސްރާއީލު ކުށްވެރިނުކޮށް ކުށްވެރިމި ކުރީ ހަމައެކަނި އީރާނެވެ. ހަމަ އެކަނި މިހައި ވަރުން ވެސް ދުނިޔޭގައި މިހާރު މި އޮތީ ޖާހިލިއްޔަ ޒަމާނުގައި އޮތް [ގަދަމީހާ ގަދަ] އިންސާފުކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ.
[މިއީ އަޅުގަނޑުގެ ގައުމަށް ބޭއިންސާފު ލިބިދިން ގަރާރެކެވެ. އެހެނީ މި ހަމަނުޖެހުމުގެ ހަގީގީ މަޒުލޫމުންނަނީ އީރާނީންނެވެ. މި ގަރާރުގައި ކަމުގެ އަސްލު ސަބަބު ވަނީ ހަނދާން ނައްތައިލައިފައެވެ.] އީރަވާނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި [އެމެރިކާއާއި އިސްރާއީލުގެ ޢުދުވާނުގައި މިހައި ތަނަށް އީރާނުގެ މަދަނީންގެ ތެރެއިން 1348 މީހަކު ޝަހީދުކޮށް 17000 މީހުން ޒަޚަމުކޮށްލައިފިއެވެ. އަދި މަޢުޞޫމު ކުދީންތަކެއް ކިޔަވާން ތިބި އިސްކޫލަކަށް ޙަމަލާދީ ގަތުލުޢާއްމު ހިންގައިފިއެވެ.] މިއީ ކުށެއްކަމަކަށް ގަރާރުގައި ބުނެލާކަށް ވެސް ނުކެރުނެވެ.
މި ގަރާރާ ދެކޮޅަށް ވާހަކަދައްކަވަމުން ރޫސީ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ، ރޫސީވިލާތުން މި ގަރާރަށް ވޯޓުނުދިނީ [ހަމަހަމަކަން ނެތް ގަރާރަކަށްވުމާއި އެ ގަރާރުގެ އަސްލު މަގުސަދާ ހަމައަށް ވާޞިލުވެފައި ނެތުމުން]ކަމަށެވެ. މި ގަރާރާ ދެކޮޅަށް ވާހަކަފުޅުދައްކަވަމުން ޗައިނާގެ ސަފީރު ޜަން ޖުން ވިދާޅުވީ އެ ގައުމުން ވޯޓު ނުދިނީ [އިސްރާއީލާއި އެމެރިކާއިން އީރަށް ޙަމަލާދިނީ އެއްވެސް ގާނޫނީ އަދި ބުއްދީގެ ހަމައާއި އިންސާފުންކަމަށް ނުވެފައި އެ ކަން ގަރާރުގައި ނެތުމުންނެވެ.] އޭނާވިދާޅުވިއެވެ. [އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއްވެސް ގައުމެއްގެ ބިނާރަށް ޙަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެމެރިކާއާއި އިސްރާއީލުން މި ޢުދުވާޏު މިހާރުން މިހާރަށް ހުއްޓައިލާންޖެހޭނެއެވެ.]