ad_banner
އީރާނުގެ ހަނގުރާމައިގެ އެންމެ ފަހުގެ ޙާލަތު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

9 މާރިޗް 2026

އިސްރާއީލާއި އެމެރިކާއިން ދުނިޔޭގައި ހިންގާ ކޮންމެޢުދުވާނަކާ ގުޅިގެން ޚަބަރުފަތުރާންވާ ގޮތް މީޑިއާތަކަށް އަންގައެވެ. މި ފަދަ ހަނގުރާމަތަކުގައި ސެންސަރުކުރުމުގެ ވަރުގަދަ ނިޒާމެއް އޮވެއެވެ. ޝާއިޢުމުރެވޭނެ ޚަމބަރުތަކާއި ޝާއިޢުކޮށްގެން ނުވާނެ ޚަބަރުތައް ބަޔާންކުރެއެވެ.

މި ފަހަރު ވެސް މި ދިޔަ އަހަރުގެ މެދުތހެރޭގައި އިސްރާއީލުން އީރާނަށް ދިން ބޭއިންސާފު ޙަމަލާތަކުގެ ދުވަސްވަރު ވެސް އީރާނުން ދޭ ޙަމަލާއެއްގައި އިސްރޢީލަށް ލިބޭ ގެއްލުން ބަޔާންކުރުން ނޫސްވެރީންނަށް އޮތީ، މުޅީން މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގައި ވެސް އެމެރިކާއިން ހިންގާ ޣައިރުޤާނޫނީ ޢަމަލުތަކުގެ ޚަބަރު، އެމެރިކާ ބަދުނާމުވާ ގޮތަށް ޚަބަރު ނުފަތުރާން މީޑިއާތަކަށް ވަނީ ލިޔުމުން އަންގައިފައެވެ. އަދި މަދޫރޭ ވަގަށްނެގި މައްސަލައިގައި ވެސް [ވަގަށްނެގީއްޔޭ] ނުވަތަ [ކިޑްނެޕްކުރީއްޔޭ] ނުލިޔާން ވެސް ވަނީ އަންގައިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމޭ އިންސާނީ ޙައްގުތަކޭ، ޑިމޮކްރެސީއޭ ކިޔައިގެން އެ ހުރިހައި ދަލެއްގައި އަޅުގަނޑުމެން ފަދަ ތަރައްގީވަމުން އަންނަ ގައުމުތައް ޖައްސައިގެން މި ފަދަ މުޖުތަމަޢުތައް ހަލާކުކުރަމުން ގެންދާ އިރު، އެ  ބުނާ ނޫސްވެރިކަމުގެ މިނިވަންކަމެއް، ޑިމޮކްރެސީއެއް، އިންސާނީ ހައްގެއް، ޢަދުލު އިންސާފެއް، އެއީ ހުޅަނގުން ޢަމަލުކުރާ އެއްޗެއް ނޫނެވެ. އެ މީހުން ހިތަށް އެރީމާ، ހިތަށް އެރި މީހަކު ހައްޔަރުކުރާންވީއެވެ. ހިތަށް އެރި ގައުމަކަށް އަރައި ވެރިކަން ބަދަލުކުރާންވީއެވެ. ހިތަށް އެރި ގައުމަކަށް ޙަމަލަދީ އެ ގައުމުތަކުގެ ވެރީންނާއި ރައްޔިތުން މަރައި ބިނާރުތައް ހަލާކުކުރާންވީއެވެ. އެ މީހުންގެ ގާތުގައި އެއީ ޑިމޮކްރެސީއެވެ.

އެމެރިކާގެ އުނދަގޫ ބޮޑުވެގެން އެ މީހުންނާ ދެކޮޅަށް ވާހަދެއްކެވި، ޞައްދާމު ޙުސައިން، އިރާގުގެ ރައީސްކަމުގައި ހުންނަވަނިކޮށް ނުރައްކާތެރި މަނާ ހަތިޔާރު އެބަހުއްޓޭ، ޚުދުމުޚުތާރޭ ކިޔައިގެން އަރައި އެ ގައުމު ފަނާކޮށްލީއެވެ. ދުނިޔޭގެ ސުލްޙަ ބަލަހައްޓާން އުފައްދައިފައިވާ އދ. ނިދާން ބާއްވައިފައެވެ. ނުވަތަ އޭރު އެ ޖަމުއިއްޔާ އޮތީ ވާވެފައެވެ.

ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލްޣައްޛާފީ، އެފުރިކާ އެއްބައިވަންތަކޮށް، އެފުރިކާގައި އެއް ފައިސާއެއް ގެންގުޅޭން ވާހަކަފުޅުދައްކަވައި އެ ކަމަށް ޓަކައި އެތައް ޓަނެއްގެ ރަން ޖަމާކުރެއްވީމާ، އެ ގައުމަށް ޙަމަލަދީ ޞައްދާމު އަވަހާރަކޮށްލައި އެ ހުރިހާ ރަންތައް ވެސް ފޭރިގަތީއެވެ.

ވެނެޒުއޭލާ ވެސް އެމެރިކާ ބުނާހާ އެއްޗަކަށް އާނބަސް ނުބުނެ، އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަށް އިގުތިސާދު ދީލައިލާން މަސައްކަތް ފެށުމުން މިނިވަން ވެނެޒުއޭލާއަށް ނުޙައްގުން އަރައި ރައީސް މަދޫރޭ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސް ހިފަހައްޓައިގެން އެ އުޅެނީއެވެ.

މިހާރު މިދިޔަ ފެބުރުވަރީމަހު 28ވަނަ ދުވަހުން ފެށިގެން އީރާނަށް ޙަމަލާދީ އެތަން ސުންނާފަތިކުރަނީއެވެ. އެ ގައުމުގެ އަދި މުޅި އިސްލާމީ އުންމަތުގެ ގިނަ ބަޔެއްގެ ހިތުގައި އިޙުތިރާމާއި ޤަދަރުދެވިފައިވާ އިސްވާރު އާޔަތުﷲ ޢަލީ ޚާމަނާއީ، ރަސްމީ މަސައްކަތްޕުޅުގައި އޮފީހުގައި އުޅުއްވަނިކޮށް އެމެރިކާއާއި އިސްރާއީލުން އެއް ފަހަރާ އެތައް ސަތޭކަ ޙަމަލައެއްދީ ޝަހީދުކޮށްލީއެވެ. ނިޔުކުލިޔަރު ހަތިޔާރު ހަދާކަމުގެ ދޮގު ތުހުމަތު އަޅުވައިފައެވެ. ހަގީގަތުގައި ނިޔުކުލިޔަރު ހަތިޔާރު ހެދުމަކީ އެ މީހުންގެ ސިޔާސަތާ ފުށުއަރާ ކަމެކެވެ. އެހެން ނޫނަސް ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ގައުމަކުން ކުރިޔަސް ފިޔަވަޅުއަޅާން ޖެހެނީ އދ.އިންތާއެވެ. ދުނިޔޭގެ ފަނޑިޔާރުކަމާއި ފުލުސްކަން އެމެރިކާއަށް ދިނީ ކާކުހެއްޔެވެ؟ އެކަމަކު މި ބޭއިންސާފު އަނިޔާވެރި ޚުދުމުޚުތާރު ނާތަހުޒީބު ގައުމަކީ އަޅުގަނޑުމެން މި އިސްލާމީ މުޖުތަމަޢުން ވެސް ނަމޫނާއަށް ބަލާން ޖެހޭ ލަފާދާރު މުރުޝިދުކަމަށް ގަބޫލުކުރާ މީހުން މި މުޖުތަމަޢުގައި ވެސް އުޅޭކަމީ ވަކި ކުޑަ އަޖާއިބެއްތޯއެވެ؟ އަދި އެއަށް ވުރެ ބޮޑު އަޖާއިބަކީ [ސުންނީ] މުސްލިމު ގައުމުތަކޭ ކިޔައިގެން އުޅޭ ގައުމުތަކުގެ ވަޔާއި ޖައްވާއި ފަޒާއާއި ކަނޑާއި ބިމަކީ މި އެމެރިކާއަކުން މުސްލިމު ގައުމުތަކަށް ޙަމަލާދޭ ވަސީލަތަކަށް ހަދާ ކަމެވެ. އަދި އެއިން ސަރަހައްދެއްގައި ހުރި އެމެރިކާގެ މަސްލަޙަތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ މަސްލަޙަތަކަށް ލިބޭ ކޮންމެ ގެއްލުމެއް، އެ މަޞްލަޙަތެއް ގާއިމުކުރެވިފައިވާ ދައުލަތެއްގެ ސަރުކާރުން މަރާމާތުކޮށްދޭން އޮތީ އެއްބަސްވެފައެވެ. އަނެއްކޮޅުން އިސްރާއީލާއި އީރާނަށް ޙަމަލާދޭން ބޭނުންވާ ޖާސޫސީ މަޢުލޫމާތު ވެސް މެދުއިރުމަތީގެ [ސުންނީ] ގައުމުތަކުން އެމެރިކާއާއި އިސްރާއީލަށް ދެނީއެވެ. ކޮން ފަދަ އިންސާފުވެރި ދުނިޔެއެއްހެއްޔެވެ!

މި ޙާލަތު މިހެން އޮތް ނަމަވެސް އީރާނަށް ވުރެ ބޮޑަށް އިސްރާއީލަށް ތާއީދުކުރާ މީހުން ވެސް ދިވެހީންގެ ތެރޭގައި އުޅޭކަމީ ވަކި ކުޑަ އަޖާއިބެއްތޯއެވެ؟ ނަމަވެސް އީރާނަކީ ދުވަހަކު ވެސް އެއްވެސް ގައުމަކަށް މިހާތަނަށް އިސްވެ ހަމަލަދިން ގައުމެއްނޫނެވެ. އަދި މިހާރު ވެސް މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އީރާނުން ޙަމަލަދެނީ ވެސް އެ ފަދަ ތަންތަން ބޭނުންކޮށްގެން އީރާނަށް ޙަމަލަދޭ ނަމައެވެ.

 

 

މުޖުތަބާ ޚާމަނާއީއަށް ސިޔާސީ ވެރީންނާއި އަސްކަރީވެރީން ބައިޢަތު ހިފައިފި

މި ޙާލަތުގައި އީރާން އޮތް ނަމަވެސް އީރާނުގެ އެންމެ މަތީ އިސްވާރުކަމުގެ މަގާމަށް ނަން ހުށަހެޅިފައިވާ މުޖުތަބާ ޚުމައިނީއަށް އަސްކަރީ އިސްވާރުންނާއި ސިޔާސީ އިސްވާރުން މިހާރު ވަނީ ބައިޢަތުހިފައި ރުހުންދީފައެވެ. މުޖުތަބާ ޚުމައިނީއަކީ އެމެރިކާއިން ޝަހީދުކޮށްލައިފައިވާ އާޔަތުﷲ ޢަލީ ޚާމަނާއީގެ ދަރިކަލުންނެވެ. 

އިރާނުގެ މިހާރުގެ ޙާލަތަށް ބަލާ އިރު، ތެހެރާނާއި އެހެން ބައެއް ސިޓީތަކަށް އެމެރިކާއާއި އިސްރާއީލުން ދެމުންގެންދާ ޙަމަލަތައް މެދުކަނޑައިނުލައި ކުރިއަށް އެބަ ގެންދެއެވެ. މިއީ އީރާނުގެ ތެޔޮ ކާރުޚާނާތަކަށް އިއްޔެ ދިން ހަމަލާގެ ސަބަބުން މުޅި ތެހެރާނުގައި ކަޅު ދުން އަރަމުން ދަނިކޮށެވެ.

އަނެއްކޮޅުން އީރާނަކުން ވެސް ދުލެއްނުދެއެވެ. އީރާނުން ދިން ޙަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ތެރެއިން އަށްވަނަ މީހަކު އިއްޔެ މަރައިލެވިއްޖެއެވެ. މިހައިތަނަށް މަރުވި ސިފައިންގެ ހަނދާނުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު ހިތާމަފާޅުކުރިތާ 24ގަޑިއިރު ވެސް ނުވަނީހެވެ.

އީރާނުން ދިފާޢުގައި ދިން ޙަމަލާއެއްގައި ސުޢޫދީ ޢަރަބިއްޔާގެ އަލްޚަރުޖުގެ ދެ މީހަކު އިއްޔެވަނީ މަރުވެފައެވެ. އަނެއްކޮޅުން ލުބުނާނުގައި ޙިޒުބުﷲއާ ދެކޮޅަށް އިސްރާއީލުން ދޭ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. މިހާރު މި ހަމަނުޖެހުންތަކުގައި ބައިމިލިޔަނެއްގައި މީހުން ވަނީ އެތަންމިތަނަށް ވިއްސިވިހާލިކޮށްލައިފައެވެ.

ކޮންމެއަކަސް އީރާނު އޮތީ އަމާންދޭ ގޮތަކަށް ނޫނެވެ. އެ މީހުންގެ ޢަގީދާގައި އޮތީ މުޅީން ވެސް ކާމީޔާބީއެވެ. ދުނިޔެމަތީގައި އެމެރިކާއާއި އިސްރާއީލުންދޭ ޙާމަލާތަކުގެ މައްޗަށް ކާމިޔާބީލިބުމެވެ. ނުވަތަ ޝަހީދުވުމެވެ. ފެންނަ ފެނުމުގައި މި ޢުދުވާނު ހުއްތައިލާން މިހާރުވެސް އެމެރިކާއިން ބަހަނާއެއް ހޯދަމުން ގެންދާކަމަށް އެބަ ލަފާކުރެވެއެވެ.

ކޮމެންޓު