އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 މާރިޗް 2026
އެމެރިކާގެ ވައިގެ ބާރުތައް ނާކާމިޔާބުވެއްޖެ ނަމަ، އެހެން ބަޔެއްގެ އެހީތެރިކަމަށް އެމެރިކާ ބޭނުންވާނެ.
އެމެރިކާއިން، އެއްވެސް ޙައްގަކާ ނުލައި ދުނިޔޭގައި އަނިޔާވެރިކަމާއި ފަސާދަ ފެތުރުމުގެ ބޭނުމުގައި، އީރާނަށް ޙަމަލާދިންތާ ހަފުތާއެއްވީ އިރު، އަދި މި ހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެންނާން ވެސް ނެތް އިރު، އެއް ކަމެއް ސާފުވެއްޖެއެވެ. ވެނެޒުއޭލާއަށް ހެދި ގޮތަށް އެއް ޓަތްކަކުން އީރާނުގެ ވެރިކަން ބަދަލުނުކޮށްލެވުނުކަމެވެ. ވެނެޒުއޭލާގެ ރައީސް ވަގަށް ނެގިޔަސް އީރާނުގެ ޒަޢީމު ޝަހީދުކޮށްލީއެވެ. އެހެންނަމަވެސް ޓުރަންޕު އުންމީދުކުރި [ރެޖީމް ޗޭންޖް] ޙާސިލެއް ނުވިއެވެ. (ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވުނެވެ.)
އެމެރިކާއާއި އިސްރާއީލަށް ބިންމަތީން ހަނގުރާމަކުރާ ބާރެއް ނެތި، މަތީން ބޮން އަޅައިގެން އީރާނުގެ ވެރިކަން ބަދަލުނުކުރެވޭނެކަން މިހާރު އެމެރިކާއާއި އިސްރާއީލަށް ވެސް ވިސްނިއްޖެއެވެ. އީރާނުން ފޮނުވައިލާ ޑުރޯނު ހަމާލާއެއްގެ އަގު ވިއްސަކަށް ހާހުން ފުއްދައިލެވުނަސް އެ މިސައިލު ވައްޓައިލާން އެމެރިކާއާއި އިސްރާއީލުން ބޭނުންކުރާ އެންމެ ސައިލެއްގެ އަގު ހުންނަނީ މިލިޔަން މިލިޔަނުންނެވެ. ވީމާ ވައިގެ މަގުން ހަނގުރާމަކޮށްގެން އެކަން ވާކަށް ނެތެވެ. އަދި އެމެރިކާގެ ދިފާޢުތައް ފޫއަޅުވައިލައި އީރާނުގެ ޑުރޯނު ވާރޭ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ވެއްސަމުންދާތީ އެމެރިކާގެ ބާރާމެދު އެމެރިކާ ރައްޔިތުން ވެސް އެބަ ސުވާލު އުފައްދައެވެ. އަނެއްކާ އެންމެ ވިއްސަކަށް ހާސް ޑޮލަރުގެ އަގުހުރި ޑުރޯނު ހަމަލާއެއް ދިފާޢުކުރުމަށް އެމެރިކާއިން ފޮނުވައިލާން ޖެހެނީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ހަތިޔާރެކެވެ. މި ހަތިޔާރުތައް ފޫއަޅުވައިލުމަށް ފަހު އިސްރާއީލުގެ އެތައް ތަނެއް ފަނާކޮށްލައިފިއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒެއް ސުންނާފަތިކޮށްލައިފިއެވެ. އެހެންކަމުން ވައިގެ ހަމަލައަކުން ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރި ގޮތަށް އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭކަށް ނެތެވެ. އެހެންކަމުން މިހާރު އެމެރިކާއިން ވިސްނަނީ އެއްގަމު މަގުން އެ މީހުންނާ ބައިވެރިވާނެ ބަޔަކު ލިބޭތޯއެވެ.
އިރާޤާއި އީރާނުގައި ތިބި ކުރުދީން:
ކުރުދީންނަކީ ދައުލަތެއް ނެތް ގައުމެކެވެ. ނުވަތަ ވަކި ދައުލަތެއް އެ ބަޔަކަށް ލިބިގެންނުވާ ވަކި މަޒުހަބެއްގެ ބަޔެކެވެ. މުސްމިލުންގެ ބޮލަށް ވަދެގެން އިނގިރޭސީންނާއި ހުޅަނގުގެ ގައުމުތަކުން ޢަރަބީން ބައިބައިކޮށް ޢަރަބިކަރަ ވަކިވަކި ދައުލަތްތަކަކަށް ފޮތިފޮތިކޮށް ހަދައި، އުޘްމާނީ ޚިލާފަތުގެ ވެރިކަން ވައްޓައިލި އިރު، ކުރުދީން ބެހިގެން ދިޔައީ ތުރުކީވިލާތާއި ސޫރިއާއާއި އިރާނަށާއި އިރާގަށެވެ. އިރާގުގައި އެ މީހުންގެ އަޣުލަބިއްޔަތު ނެތަސް ވަރަށް ގިނަ ޢަދަދެއްގެ ކުރުދީން މިއިން ކޮންމެ ގައުމެއްގައި ވެސް އުޅެއެވެ. އެ މީހުން އަމިއްލަ މިނިވަން ދައުލަތެއް ގާއިމުކުރާން ހަނގުރާމަކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެމެރިކާ ފަދަ ބޭރުގެ ބާރުތަކުން މި މީހުންގެ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އެ މީހުންނަށް ހުތްދީ އަމިއްލަ ދައުލަތެއް ހަދައިދޭނެކަމުގައި ވައުދުވެ ހިސާބަކަށް އެހީވެއެވެ. ނަމަވެސް އެ ގައުމެއްގެ ބޭނުން ކެނޑޭ އިރަށް ކުރުދީން މަތީން ހަނދާން ނައްތައިލައެވެ.
އިރާޤުގައި އުޅޭ ކުރުދީން މިނިވަން ދައުލަތެއް ހެދުމާ ދާދި ކައިރިއަށް ޖެހިލިއެވެ. ޢިރާގު ހަނގުރާމައަށް ފަހު އުތުރު ޢިރާގު އެ މީހުންގެ ކޮންޓުރޯލުގެ ދަށަށް ގެނައެވެ. އެ މީހުންގެ އަމިއްލަ އިގުތިސާދެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އަދި އަސްކަރިއްޔާއެއް ވެސް ވަނީ ބިނާކޮށްފައެވެ. ކުރުދީ މުޖުތަމަޢުތައް އީރާނުގެ ސަރަހައްދީ ރޮނގުކައިރީގައި ވެސް އުޅެއެވެ. އެ މީހުންގެ އަސްކަރިއްޔާއަށް ކިޔަނީ [ޕެޝްމަރުގާ]އެވެ. އެމެރިކާ މީހުން އީރާނާ ތަޅާން އީރާނުގެ ތެރެއަށް އަރުވާނީ މި ބައިގަނޑުކަމަށް ގަބޫލުކުރެވެއެވެ. އެމެރިކާ މީހުންނަކީ ބިންމަތީ ހަނގުރާމައިގެ އުކުޅުތަކަށް މޮޅު ބަޔެއް ނޫނެވެ. ހިތްވަރުގަދަ ބައެއް ވެސް ނޫނެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ކުރުދީންގެ ލޭ ހޫނުކުރުމުގެ މަސައްކަތް އިސްރާއީލާއި އެމެރިކާއިން އެބަ ކުރެއެވެ.
ކުރުދީ ސިޓީއެއްކަމަށްވާ ބުކާނަށް އިސްރާއީލުން ޙަމަލާދިނީ އެއީ އީރާނާ ދެކޮޅަށް ކުރުދީން ޙަރަކާތްތެރިކުރުމުގެ ނިޔަތުގައެވެ.
އިރާގު:
އިރާގުގެ ކުރުދިސްތާނުގެ ހަތިޔާރުއެޅި ސިފައިން އީރާނަށް އަރުވާން ބަލާ އިރު އެ މީހުންގެ އަތުގައި ހުރީ ރޫސީވިލާތުގެ ކުރީގެ ބާވެފައި ހުރި ބަރު ހަތިޔާރެވެ. އެ ފަދަ ހަރޔާރުތަކަކުން އީރާނުގެ ޒަމާނީ ހަރިޔާރުގެ ކުރިމަތީގައި މާ ބޮޑު ކާމިޔާބީއެއް ލިބިދާނެކަމަކަށް ނުބެލެއެވެ.
އަދި އިރާގުގެ ކުރުދީން އީރާނަށް ހަމަލާދިފި ނަމަ، އިރާގު ސިފައިން ކުރުދީންނަށް ހަމަލާދިނުމުގެ ހިރާސް ވެސް އޮންނާނެއެވެ.
އަޒަރުބައިޒާން:
ބުރާސްފަތި ދުވަހު ހެދުނު އީރާނުގެ ޑުރޯނުތަކަކުން އަޒަރުބައިޖާނުގެ އެއަރުޕޯޓަށް ޙަމަލާދިންކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި ތުރުކީ ވައިގެ ސަރަހައްދާ ދިމާއަށް މިސައިލެއް ފޮނުވި ވާހަކަވެސް އިވުނެވެ. ނަމަވެސް މިއީ އެ ސަރަހައްދުތަކުގެ ކުރުދީން ރުޅިއަރުވާން އިސްރާއީލުން ކުރި ކަމެއްކަމަށް ބެލެވެއެވެ.
އެހެން ނޫނަސް އީރާނާ ދެކޮޅަށް ސީދާ ހަނގުރާމަ ފަށާކަށް އަޒަރުބައިޖާނަކަށް ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އަޒަރުބައިޒާނުގެ އިޤުތިޞާދު ބިނާވެފައިވަނީ ތެލުގެ މައްޗަށްކަމަށްވާތީ، އެ މީހުންގެ ތެލުގެ ސިނާއަތަށް އީރާނުގެ އެންމެ ޑުރޯނު ޙަމަލައެއް އެރިޔަސް އެ މީހުންގެ ހަތަރު އުދަރެސް ފެނުޖެހޭނެއެވެ.
ޓުރަންޕުގެ ވިސްނުން:
އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު، އީރާނަށް އެއްވެސް ޝަރުޠެއް ނެތި އަމާންދޭން ގޮވާން ފެށުމުން ދޭހަވަނީ، ވައިގެ ޙަމަލާތަކުން އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްނުލެވުނުކަމެވެ. އެހެންކަމުން ހަނގުރާމައިގެ އެހެން ބަދީލެއް ނުވަތަ ހަނގުރާމަ ހުއްޓާނެ ކޮންމެވެސް ބަހަނާއެއް ހޯދުމަށް ޓަކައި މަސައްކަތް ފެށީއެވެ. މި ހަނގުރާމަ ދިގުދެމިގެން ހިނގައްޖެ ނަމަ، ގެއްލުންވާނީ ހަމައެކަނި އީރާނަކަށް ނޫނެވެ. މެދުއިރުމައްޗަށާއި އިސްރާއީލަށާއި އެމެރިކާގެ އިގުތިސާދަށް ވެސް ހީނުކުރާ ވަރުގެ ގެއްލުން ލިބޭނެއެވެ. މިހާރު ވެސް އެމެރިކާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ހިންގައްޖެއެވެ. އިސްރާއީލުގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މެދުއިރުމަތީގެ ހުރިހާ ގައުމެއްގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ފޫނުބެއްވަރުގެ ގެއްލުންތައް ލިބެނީއެވެ. މުޅި ދުނިޔޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށާއި އިގުތިޞާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ވީމާ، މި ހަނގުރާމަ ދިގުދަންމައިގެން އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނެތެވެ.
ވެނެޒުއޭލާ ފަދައިން އީރާނު އަމާނެއް ނުދޭނެއެވެ. އެއީ ޢަޤީދާ ވަރުގަދަ ބަޔެކެވެ. އެ މީހުންގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. ދުނިޔެމަތީގެ ކާމިޔާބީއެވެ. ނުވަތަ ޝަހީދުވުމެވެ. ވީމާ، އެމެރިކާ ހީކުރާހެން އެ މީހުން ޝަރުޠެއް ނެތި އަމާނެއް ނުދޭނެއެވެ. އެމެރިކާއަށް ޖެހޭނީ އެހެން ބަދީލެއް ހޯދާށެވެ. ނުވަތަ ހަނގުރާމަ ހުއްޓާށެވެ.