ad_banner
އީރާނުގެ އާ ޒަޢާމަތާ އެކު ދުނިޔޭގެ ނަޒަރާއި ޝުޢޫރު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

11 މާރިޗް 2026

މުޖުތަބާ ޚުމައިނީއަށް ސިޔާސީ، އަސްކަރީ ބޮޑުން ބައިޢަތު ހިފަނީ. (ފޮޓޯ: ފަރަގު)

2026 މާރިޗު 8 (އާދީއްތަ) ދުވަހު އީރާނުގެ އެންމެ މަތީ އިސްވާރުކަމަށް އިންތިޚާބުކުރެއްވި އާޔަތުﷲ ސައްޔިދު މުޖުތަބާ ޚުމައިނީއަކީ މީގެ ކުރީން ސަރުކާރުގައި ރަސްމީ މަޤާމެއް ފުރުއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް އޭނާގެ ބައްޕާފުޅުގެ ޚަލީފާއެއްގެ ގޮތުން އެ މަގާމަށް އޭނާ އިސްކުރައްވައިފާނެކަމަށް ކުރީން ވެސް ބައެއް މީހުން ލަފާކުރިއެވެ. [އެއީ ނުރަސްމީ ގޮތުން ވެރިކަމުގެ ކަންކަމުގެ ތެރެގައި އުޅުއްވާތީ ތަޖުރިބާ ލިބިވަޑައިގެންފައިވާނެ ކަމަށް ގަބޫލކުރެވޭތީއެވެ.]

އެމެރިކާއާއި އިސްރާއީލުން ދިން އަނިޔާވެރި ޙަމަލާއެއްގައި ފެބުރުވަރީމަހު 28ގައި އީރާނުގެ ކުރީގެ ދީނީ ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއި ޝަހީދުކޮށްލިތާ އެއް ހަފުތާ ފަހުން އީރާނުގެ ޢިލްމުވެރީންނާއި ތަޖުރިބާކާރުންގެ މަޖިލީހުން މުޖުތަމާ ޚާމަނާއީ އެ މަގާމަށް އިންތިޚާބުކޮށް، ސިޔާސީ ބޮޑުންނާއި އަސްކަރީ ބޮޑުން ބައިޢަތު ހިފީ އީރާނުގެ ވެރިއަކު ހޮވުމުގައި އެމެރިކާގެ ބަހެއް އޮންނާން ޖެހޭނެކަމަށް ބުނެ، އެމެރިކާއާއި އިސްރާއީލުން އީރާނަށް އިންޒާރުދީދީ އޮއްވައެވެ.

ޢުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީއަކީ މެދު ފެންވަރުގެ ދީނީ ޢިލްމުވެރިއެކެވެ. މީގެ އިތުރަށް އެންމެ މަތީ ދިފާޢީ ބާރުކަމުގައިވާ އިސްލާމީ އިންޤިލާބީ ސިފައިންނާ ވަރަށް ގާތް ގުޅުމެއް އެ މަނިކުފާނު ގެންގުޅުއްވައެވެ.

ނަމަވެސް އީރާނުގެ އެންމެ މަތީ ވެރިކަން މުޖުތަމާއަށް މި ލިބިވަޑައިގަތީ އޭނާގެ ލޮބުވެތި ބައްޕާފުޅާއި ހަންހާރަވެތި އަނބިކަނބަލުން އެމެރިކާއާއި އިސްރައީލުގެ ޙަމަލާއިން ޝަހީދުކޮށްލިތާ ހަފުތާއެއްވީ ތަނާއެވެ. އަދި މިއީ ވޭތުވެ ދިޔަ 47 އަހަރުގެ ތާރީޚުގައި އީރާނަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރެވެ. އެހެންނަމަވެސް އެ މަނިކުފާނުގެ އޮފީހުގައި އަދި ވެސް އެ މަނިކުފާނުގެ ބައްޕާފުޅުގެ [ނުފޫޒު] އެބަ އޮތެވެ.

މުޖުތަބާ ޚާމަނާއީއަކީ ވެސް ބައްޕާފުޅު ފަދައިން މަޑުމައިތިރި ޚުލްޤުހެޔޮ، ދީންވެރި ބޭފުޅެކެވެ. އެހެންކަމުން ސިޔާސީ އަދި އަސްކަރީ އިސް ހުރިހައި ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތްކަމަށް އެ ބޭފުޅުން ވިދާޅުވެ ބައިޢަތުހިއްޕެވިއެވެ. އަދި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔަންގެ ފަރާތްޕުޅުންނާއި ގައުމީ ސަލާމަތީ އެންމެ މަތީ މަޖިލީހުގެ އަމީންޢާންމު ޢަލީ ލަރިޖާނީގެ ތާއީދު ވެސް ވަގުތުން ދެއްވިއެވެ. އެހެންކަމުން މުޖުތަމާ ޚާމަނާއީ ވެރިކަމަށް ވަޑައިގަތުމުގައި އީރާނުގެ އިސްބޭފުޅުންގެ ޚިޔާލުފުޅު ތަފާތުވުމެއް ނެތެވެ.

ނަމަވެސް ޚާރިޖީ ދާއިރާގައި މުޖުތަބާއާ މެދު ފާޅުކޮށްފައި ހުރި ވަރަށް މުސްހުނި ޚިޔާލުތަކެކެވެ. އެހެންކަމުން އެކި ގައުމުތަކުން ފާޅުކޮށްފައި ހުރި ޝުޢޫރުތަކަށް ބަލައިލާނަމެވެ.

ޢުމާން:

ޢުމާނަކީ އެމެރިކާއާއި އީރާނާ ދެމެދު ޞުލްޙައިގެ ވާހަކަތައް ދެއްކުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމެވެ. ވާހަކަތަކުގެ މެދުތެރެއިން އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމައިގެ ޢުދުވާނެއް ފެށުމާ އެކު، އެ ވާހަކަދެއްކުންތައް ނާކާމިޔާބުވީއެވެ.

ޢުމާންގެ ރަސްމީ ނޫސްއެޖެންސީއިން ޚަބަރުފަތުރައިފައިވާ ގޮތުގައި ޢުމާންގެ ރަސްގެފާނު ސުލްޠާން ޙައިޘަމް ބްނު ޠާރިޤު އާލް ސަޢީދު ވަނީ އީރާނުގެ އެންމެމަތީ ލީޑަރުކަމުގެ މަގާމަށް މުޖުތަމާ ޚާމަނާއީ ޢައްޔަންކުރުމާ އެކު އެ މަނިކުފާނަށް ތަހުނިޔާގެ ކޭބަލެއް ފޮނުއްވައިފައެވެ.

އިރާޤު:

އިރާޤުގެ ބޮޑުވަޒީރު މުޙަންމަދު ޝިއާއުއްސޫދާނީ ވެސް ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އެ މެސެޖުގައި [އީރާނުގެ އާ އިދާރިއްޔަތުގެ ގާބިލުކަމާ މެދު އިތުބާރު އޮތްކަމަށް ބަޔާންކުރައްވައިފައިވެއެވެ. އަދި މި ޙައްސާސީ އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ކޮންޖެހުންތަކުން އަރައިގަތުމަށާއި އީރާނުގެ ރައްޔިތުންގެ އެއްބައިވަންތަކަން ބަދަހިކުރުމުގެ ޤާބިލުކަމާ މެދު ޝައްކެއް ނެތް]ކަމަށް ވެސް އައްސޫދާނީ ހޯމަދުވަހު ފޮނުއްވި މެސެޖުގައި ލިޔުއްވައިފައި ވެއެވެ.

އަދި އީރާނުގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމްކުރާކަމަށާއި އެ ގައުމުގެ އިސްތިޤުލާލާއި ސިޔާދަތަށް ކުރާ ކޮންމެ ނުރައްކަލަކާ ދެކޮޅުކަމަށާއި އީރާނާއި އެހެން ގައުމުތަކުގެ ހަމަޖެހުމަށް ޓަކައި ވެސް މި ހަނގުރާމަ އަވަހަށް ނިމޭންޖެހޭކަން ވެސް އޭނާގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.

ޔުނައިޓެޑް އިސްޓޭޓުސް އޮފް އެމެރިކާ:

އެމެރިކާގެ ރައީސް ޓުރަންޕު މާ ކުރީން ވެސް ވަނީ މުޖުތަބާ ޚުމައިނީއަކީ އެއްވެސް [ބުރަދަނެއް ނެތް] ބޭފުޅެއްކަމަށް ބުނެ އޭނާއށް އިންކާރުކޮށްފައެވެ. އަދި އީރާނުގެ އާ ވެރިއަކު ޢައްޔަނުކުރާ ނަމަ، އެމެރިކާގެ ލަފާއަހާންޖެހޭނެކަމަށް ވެސް ފާޅުގައިވަނީ ބުނެފައެވެ.

ހޯމަދުވަހު އެންބީސީ ނިއުސްއަށް ޓުރަންޕު ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. [އަހަންނަށް ހީވަނީ އެ މީހުން އެ ހެދީބޮޑު ގޯހެއްހެންނެވެ. އެ ކަން ދެމިއޮންނާނެހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އަހަންނަށް ހީވަނީ އެ މީހުން ގޯހެއްހަދައިފިހެންނެވެ.]

ހަމަ އެ ދުވަހު ހަވީރު ސީބީއެސް ނިއުސްއަށް ޓުރަންޕު ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. [އޭނާއަށް ދޭނެ މެސެޖެއް އަހަރެންގެ ނެތެވެ.]

ޓުރަންޕު ބުނީ އީރާނުގެ ވެރިއަކަށް ލާނެ މީހަކު އޭނާގެ ޚިޔާލުގައި އޮތްކަމަށެވެ. ނަމަވެސް އެ ވާހަކަ އިތުރަށް އޭނާ ތަފުސީލުކޮށެއްނުދެއެވެ. އެހެންނަމަވެސް އެއީ އީރާނުގެ ކުރީގެ ޝަހެންޝާހު މުޙަންމަދު ރިޒާ ޕަހެލަވީގެ ފިރިހެން ދަރިކަލުން ރިޒާ ޕަހެލަވީކަން އެންމެންނަށް ވެސް އެނގެއެވެ. އާޔަތުﷲ ޚަމަނާއީ ޝާހީދުވުމާ ގުޅިގެން ވެރިކަމަށް އަންނާން އޭނާ ތައްޔާރުވިއެވެ. ފައްޅިއަށް ގޮތް މަތުރައި ހެދިއެވެ.

އިސްރާއީލް

އިސްރާއީލުގެ އަސްކަރީއްޔާއިން މާކުރީން އޮތީ ޢަލީ ޚާމަނާއީގެ ބަދަލުގައި ޢައްޔަނުކުރާ ކޮންމެ ވެރިޔަކު ޝަހީދުކޮށްލާނެކަމުގެ އިންޒާރުދީފައެވެ. މިއީ ތަހުޒީބުކަމަށް މީހުން ދެކޭ އެމެރިކާއާއި އެ މީހުންގެ [ދަރިފުޅު] އިސްރާއީލުގެ ހަމަ ހުންނަ ގޮތެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ހޯމަދުވަހު ބުނެފައިވަނީ [މުޖުތަބާ ޚުމައިނީއަކީ އަހަރެމެން މަރައިލި އޭނާގެ ބައްޕަ ކަހަލަ ޚުދުމުޚުތާރު ވެރިއެކެވެ. އޭނާގެ ބައްޕަ ފަދައިން އޭނާ ވެސް އީރާނުގައި ވެރިކަން ކުރާނީ އަނިޔާވެރިކޮށެވެ.]

އޭއައި ބޭނުންކޮށްގެން ކުރަހައިފައިވާ މުޖުތަބާ ޚުމައިނީއާއި އޭނާގެ ބައްޕާފުޅުގެ ފޮޓޯއެއްގައި ކޮންމެ ބޭފުޅަކު ދައްކަނީ ބަޑިއެއް ހިއްޕަވައިގެން ހުންނަވަނިކޮށެވެ. މި ފޮޓޯއަށް އިޝާރަތްކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ލިޔެފައި ވެއެވެ. [ބައްޕަ ކަހަލަ ދަރިއެކެވެ.]

އަނިޔާވެރިވާހަކަ އިސްރާއީލުން ދައްކާ އިރު އަނިޔާވެރިކަމާއި ބޭއިންސާފުގައި މި މީހުން ވަރުގެ އެއްވެސް ބަޔަކު ތާރީޚު ދެކެފައިވޭހެއްޔެވެ؟ ހަމައެއްލަމައެއް އިންސާފެއް ޢަދުލެއް ޙައްގެއް ނަހައްގެއް ނުދަންނަ އަނިޔާވެރި ބަޔެއް އިސްރާއީލުގައި އެ ތިބަ މީހުން ނޫނީ މި ޒަމާނުގައި ދުނިޔެއިން ފެނޭހެއްޔެވެ؟ އިތުރަށް އޭނާ ލިޔެފައިވެއެވެ. [މުޖުތަމާ ޚާމަނާއީގެ އަތްވަނީ އޭނާގެ ބައްޕަގެ ވެރިކަމުގައި ލެއިން ތަތްތެޅިފައެވެ. އަނެއް ޚުދުމުޚުތާރު ވެރިޔާ އީރާނުގައި އަނިޔާވެރިކަން ހިންގާން އައީއެވެ.] ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރި ނަމަ، އެ ބޭފުޅުންނާ ދިމާއަށް އެ ފަދަ ވާހަކަތަކެއް ރައްދުކުރާކަށް ނުކެރުނީހެވެ. ހަގީގަތުގައި އިސްރާއީލުން އެ ހާމަކުރީ އެ މީހުންގެ ސިފައާއި ޢަމަލުތައް ހުންނަ ގޮތެވެ.

ރޫސީވިލާތް

ރޫސީ ރައީސް ވްލަޑިމީރް ޕޫޓިން ހޯމަދުވަހު ވަޢުދުވެވަޑައިގެންފައިވަނީ [ބަދަލެއްނުވާނެ ހަރުދަނާ ސާބިތު ތާއީދު] އީރާނަށް އެބަ އޮތްކަމަށެވެ.

[އަލުން އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ތެހެރާނަށް އަޅުގަނޑުމެން ކުރާ ތާއީދާއި އީރާނީ ރަޙުމަތްތެރީންނާ އަޅުގަނޑުމެންނާ އޮންނަ ގާތްކަމާއި އެއްބާރުލުން ދުވަހަކު ވެސް ދެގޮތެއް ނެތި ދެމި އޮތްކަމެވެ.] މުޖުތަބާ ޚާމަނާއީއަށް ޕޫޓިން ފޮނުވި މެސެޖުގައި ލިޔުއްވައިފައިވެއެވެ. އިތުރަށް ބަޔާންކުރައްވައިފައިވާ ގޮތުގައި [އަޅުގަނޑުމެން މިހާތަނަށް ވެސް ތިބީ އަދި އަބަދުވެސް ތިބޭނީ އީރާނުގެ އިތުބާރުކުރެވޭ ބައިވެރިއެއްގެ ގޮތުގައެވެ.]

[ހަރިޔާރު އެޅި ބަޔަކު އަނިޔާވެރިކަމާ އެކު އީރާނާ ކުރިމަތިލައިގެން އުޅޭ މި ދުވަސްވަރު، މަނިކުފާނުގެ ތިޔަ މަތިވެރި މަޤާމުގައި މަނިކުފާނުގެ ދައުރުގައި އެއްވެސް ޝައްކެއް ނެތި، ވަރަށް މަތިވެރި ހިތްވަރަކާއި ސާބިތުކަމެއް ބޭނުންފުޅުވާނެއެވެ. [އެ ސަބިތުކަން މަނިކުފާޏުގެ ޝަޚުޞިއްޔަތުން ފެނެއެވެ.]] ރޫސީ ޒަޢީމުގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައިވެއެވެ.

ސީނުކަރަ (ޗައިނާ): 

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ހޯމަދުވަހު ރިޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާން ޚާމަނާއީ އެންމެ މަތީ ވެރިކަމަށް ގެންނަން ނިންމި ނިމުމަކީ އީރާނުގެ [ޤާނޫނުއަސާސީގެ މައްޗަށް ބިނާކޮށް] ނިންމި ނިންމުމެކެވެ.

[އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމާ އެހެން ގައުމަކުން ބެހުމަކީ ޗައިނާ ދެކޮޅުހަދާ ކަމެކެވެ. އީރާނުގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އެހެން ގައުމުތަކުން އިޙުތިރާމްކުރާންޖެހޭނެއެވެ.] އާ ޒަޢީއަށް އެހެން ގައުމުތަކުން ދައްކާ ބިރާއި ކުރިމަތިކުރާ ނުރައްކާތަކާ ބެހޭ ގޮތުން ސުވާލުދެންނެވުމުން ތަރުޖަމާނުވިދާޅިއެވެ.

ޗައިނާއަކީ އީރާނުގެ ގާތް އެކުވެރިއެކެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ ޝަހީދުކޮށްލިކޮށްލުން ޗައިނާއިން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. ނަމަވެސް އޭގެ ބަދަލުގައި އަވަށްޓެރި ގައުމުތަކަށް އީރާނުން ދިން ހަމަލާތަކަށް ވެސް ޗައިނާއިން ފާޑުކިޔައިފައިވެއެވެ.

ޔަމަނުގެ ޙޫޘީ ޖަމާޢަތް

އީރާނުގައި އަލަށް އިސްކުރެވުނު ދީނީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީ ހަމަޖެހުމުން ޙޫޘީން ވަނީ އެ ކަމަށް މަރުޙަބާ ކިޔައިފައެވެ.

[އީރާނަށް ކުރިމަތިވެފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތަށާއި، އެ ޖުމްހޫރިއްޔަތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެ މީހުންގެ އެންމެ މަތީވެރިޔާ ޢައްޔަންކުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމެވެ.] އެ ޖަމާޢަތުން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

[އީރާނު ރައްޔިތުންގެ މި ހޮއްވެވުމަކީ އިސްލާމީ އިންޤިލާބަށް ލިބުނު ކާމިޔާބީއެކެވެ. އެ މީހުންގެ ވަށައިގެން ތިބި އިސްލާމީ ޖުމްހޫރިއްޔަތުގެ ދުޝްމިނުންނާއި އެ ގައުމުގެ ހުރިހައި ޢަދުއްވުން ފައްސައިލާނެ ފަދަ ޒަޢާމަތަކަށްވާނެއެވެ.] އިތުރަށް ބުނެފައިވެއެވެ.

އަޒަރުބައިޖާނު:

ރައީސް އިލްހާމު ޢަލީޔޭވް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދެ ޤައުމުން ވެސް އެއްގައުމު އަނެއްގައުމަށް އިޙުތިރާމްކޮށް ދެ ފަރާތަށް ފައިދާލިބެނިވި ގުޅުން ތަރައްގީވުމަށް އުންމީދުކުރާ ވާހަކަ ފާހަގަކޮށްފައިވެއެވެ.

އަރުމޭނިޔާ

ބޮޑުވަޒީރު ނިކޯލް ޕަޝީންޔާން ވަނީ އީރާނުގެ އާ ލީޑަރަށް މަރުޙަބާ ވިދާޅުވެފައެވެ. ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ އަދި ދެމެހެއްޓެނިވި ގުޅުމާ މެދު ފުރިހަމ ޔަގީންކަން އޮތްކަން ވެސް ހާމަކުރައްވައިފައިވެއެވެ.

ތަޖިކިސްތާނު:

ރައީސް އެމަމާލީ ރަޙުމާން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ސަރަހައްދީ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށް ޓަކައި އީރާނުގެ ދައުރު ވަރަށް މުހިންމުކަން ހާމަކޮށްފައިވެއެވެ.

އުތުރުކޮރެއާ

ޒަޢީމު ކިމް ޖޮންގ އުން، މުޖުތަބާ ޚާމަނާއީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ އާ ޒަޢާމަތުގައި ވެސް އިސްރާއީލާއި ހުޅަނގުގެ ފިއްތުންތަކަށް ރައްދުދީ ކުރިމަތިލުމުގެ ގާބިލުކަން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

ލުބުނާނުގެ ޙިޒުބުﷲ:

މި ޖަމާޢަތުން އީރާނުގެ އާ ޒަޙީމަށް ތަހުނިޔާ ކިޔައިފައިވަނީ އެއީ ވަރަށް އަވަހަށް އެޅުއްވި ޙިކުމަތްތެރި ފިޔަވަޅެއްކަމަށް ސިފަކުރަމުންނެވެ.

ޕާކިސްތާނު:

ރިޕޯޓުތައް ބުނާ ގޮތުގައި ޕާކިސްތާނުން ވެސް އީރާނުގެ އާ ޒަޢާމަތަށް ތަހުނިޔާކިޔައިފައި ވެއެވެ.

އެހެން ގައުމުތައް:

ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ ވާގިވެރީންނާއި އެމެރިކާއާއި ސުޢޫދީ ޢަރަބިއްޔާ ދެކެ ބިރުގަންނަ ގައުމުތަކަކުން އީރާނުގެ އާ ޒަޢާމަތާ މެދު އެއްޗެއް ބުނެފައިވާކަމުގެ މަޢުލޫމާތެއް [ފަރަގު] ނޫހަށް އަދި މިހައިތަނަށް ލިބިފައެއް ނެތެވެ.

ކޮމެންޓު