ad_banner
އިސްރާއީލުގެ ހައިފާ ތެޔޮކާރުޚާނާ އަނދަނީ!! ދުނިޔެ ސާފުކުރި ތެލަށް ޖެހިދާނެކަމުގެ އިންޒާރު !!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

12 މާރިޗް 2026

މެދުއިރުމަތީގެ ހަމަނުޖެހުން މި ވަނީ މުހިންމު އާ މަރުޙަލާއަކަށް ގޮސްފައެވެ. އެމެރިކާއިން އީރާނުގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް އަންގާރަދުވަހު ދިން ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން އިއްޔެ ވަނީ އިޒުރޭލުގެ ހައިފާގެ ރިފައިނަރީއަށް ކާމިޔާބުކަމާ އެކު ޑުރޯނު ޙަމަލާއެއްދީ، އެ ތަނުގައި ރޯކޮށްލައިފައެވެ. އިސްރާއީލަށް ލިބޭ މި ފަދަ ގެއްލުންތައް ސިއްރުކުރާން އުޅުނަސް ހުރިހައި ޚަބަރެއް ސިއްރެއް ނުކުރެވެއެވެ. އެހެންކަމުން މި ޚަބަރު މިހާރުވަނީ ޢާންމުވެފައެވެ.

ބަދަލުހިފުމުގެ ގޮތުން ދެ ފަރާތުން ހަކަތައާ ބެހޭ ޞިނާޢަތަށް އަމާޒުކޮށް ޙަމަލާދިނުމުން ދޭހަކޮށްދެނީ މި ހަނގުރާމަ މިހާރު އަސްކަރީ ކުރިމަތިލުމަކަށް ވުރެ ބޮޑަށް [ފުލް ސްކޭލް] އިޤުތިޞާދީ ހަނގުރާމައަކަށް ބަދަލުވެ، ޢާލަމީ ހަކަތައިގެ ތަވާޒުނަށް ވަރަށްބޮޑަށް ނުރައްކާވެފައިވާކަމެވެ.

އިޒުރޭލުގެ އެންމެ މުހިންމު އެއް ސިނާޢީ ހަބުކަމަށްވާ ހައިފާގެ ރިފައިނަރީގައި އަލިފާންރޯވެ އަނދަމުންދާ އިރު، އިޒުރޭލުގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުން ހުއްޓި، ވަށައިގެންވާ ސަރަޙައްދުތަކުގެ ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އިމަޖެންސީ ކްރޫން އަލިފާންގަނޑު ކޮންޓުރޯލުކުރުމަށް އިންތިހާއަށް ޕްރެޝަރުގައި މަސައްކަތް ކުރަމުންދާ އިރު، އިތުރު ޙަމަލާއެއް އަތުވެދާނެކަމަށް ދެކި، އެ ތަނުގެ ދިފާޢީ ނިޒާމުތައް ވަނީ ވަރަށް ބޮޑަށް ތައްޔާރީ ޙާލަތަށް ގެނެވިފައެވެ.

އީރާނުން މި ޙަމަލާ ދީފައިވަނީ، އީރާނުގެ އިސްތިރާޖީ ވަސީލަތްތަކާއި، ކޮމާންޑް ސެންޓަރުތައް ނައްތލުމަށް އަމާޒުކޮށްގެން އެމެރިކާއާއި އިޒުރޭލުން ހަފުތާއެއް ވަންދެން ވައިގެ މަގުން ދިން ވަރުގަދަ ޙަމަލާތަކަށް ފަހު އެ ކަމާ ގުޅިގެންނެވެ. އިޒުރޭލުގެ މުހިންމު ރިފައިނަރީއަކަށް ޙަމަލާދީ، ތެހެރާނުން ދައްކައިދޭން ބޭނުންވަނީ ވައިގެ ޒަމާނީ ދިފާޢީ ނިޒާމުތައް ފޫއަޅުވައިލައި، އީރާނުން ބޭނުން ކޮންމެތާކަށް ޙަމަލާދީ، ދުޝްމަނުންނަށް އިޤުތިޞާދީ ގޮތުން ބޮޑެތި ގެއްލުންތައްދިނުމުގެ ގާބިލްކަން އީރާނުގެ ކިބައިގައި ހުރިކަމެވެ.

މި ޚަބަރާއެކު ޢާލަމީ ހަކަތައިގެ ބާޒާރުވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ހަނގުރާމައިގައި ދެ ފަރާތުގެ ރިފައިނަރީތައް ހަލާކުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، ސާފުކުރި ތެލުގެ ސަޕްލައި ހުއްޓުމަކަށް އަތުވެދާނެކަމަށް ބެލެވެއެވެ. އަދި، "ހަކަތައިގެ ހަނގުރާމަ" މެޑިޓްރޭނިއަން ކަނޑުގެ އިރުމައްޗަށް އިތުރަށް ފެތުރެމުންދާ އިރު، ކަނޑު ދަތުރުފަތުރާއި، ތައުމީނުގެ ނުވަތަ އިންޝުއަރެންސުގެ އަގުތަކަށް އަތުވެދާނޭ ބަދަލުތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަންނަނީ ދުރާލައި ތައްޔާރުވަމުންނެވެ.

ޙަމަލާތައް ހުއްޓުވުމަށް މިހާތަނަށް ކުރި ހުރިހާ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވަނީ ފޭލިވެފައެވެ. އަދި މިހާރު ކުރިއަށްދާ ޙަމަލާތަކުގައި އެއްވެސް ބިނާވެއްޓަކަށް ނުބަލާނެކަމަށް ދެ ފަރާތުންވެސް ވަނީ އިޝާރާތް ކޮށްފައިވެއެވެ. ހައިފާގައި އަލިފާން ރޯވެ އަނދަމުންދާއިރު، އެންމެންގެ ސަމާލުކަން މިވަގުތު ހުއްޓިފައިވަނީ، މި ހަނގުރާމައިގެ ތެރެއަށް ސަރަހައްދީ އިތުރު ޤައުމުތަކުން ވަދެ، ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީއެވެ.

މިހާރު އިސްރާއީލާއި އެމެރިކާ ހީކުރިގޮތަށް އީރާނުގެ ވެރިކަން ބަދަލުކޮށް ސޫރިއާގައި ހެދިގޮތަށް އެ މީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުނުކުރެވިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ، ރައްޔިތުން ނުކުމެ އީރާނުގެ ވެރިކަން ބަދަލުކޮށްދޭށޭ ކިޔައިގެން ލަދެއް ހަޔާތެއް ނެތި އާދޭސްކުރަނީއެވެ. [އަހަރެމެން މި އުޅެނީ އީރާނު ބައިބައިކުރާކަށް ނޫނެވެ. އަހަރެމެން މި އުޅެނީ އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭށެވެ.] ނަޔަންޔާހޫގެ ބަޔާނުގައިވެއެވެ. އޭނަޔަކާ އީރާނަކާ ކޮން ބެހޭ ކަމެއްހެއްޔެވެ؟ ހީވަނީ މޮޔަވެގެން ތެޅޭ ގެރިއެއް ހެންނެވެ. އަނެއްކޮޅުން ޓުރަންޕު އޭނާގެ ބޮޑާ ބަހުރުވައިން [އެއްވެސް ޝަރުޠެއް ނެތި އަމާންދޭން] ގޮވަނީއެވެ. މިއިން އެނގެނީ އެ މީހުންނަށް ކާމިޔާބު ނުވިކަމަށް ގަބޫލުކޮށްފިކަމެވެ. [ދެން އަހަރެމެން ދޭ ޙަމަލަ މާ ވަރުގަދަވާނެއެވެ.] ޓުރަންޕު ބުނެފައިވެއެވެ.

މި ބޮޑާ ބަސްތަކުގެ ރައްދުގައި އީރާނުގެ މިހާރުގެ ދީނީ ލީޑަރ އާޔަތުﷲ ސައްޔިދު މުޖުތަމާ ޚާމަނާއީ ދެއްވީ ވަރަށް ވަރުގަދަ ޖަވާބެކެވެ. [ކަލޭމެންނާ މަޝްވަރާކުރާ ލީޑަރު ކަލޭމެން ޝަހީދުކޮށްލައިފިއެވެ. މިހާރު މިހިރީ ކަލޭމެންނާ މަޝްވަރާ ނުކުރާނެ އަދި ނިޔުކުލިޔަރު ބޮން އުފައްދާނެ ލީޑަރެކެވެ.]

މި ދަނޑިވަޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަރަށް ބޮޑަށް ޒަޚަމުވެއްޖެކަމުގެ ނުވަތަ މަރުވެއްޖެކަމުގެ އަޑުތަކެއް ވެސް ކަށަވަރުނުވާ މަސްދަރުތަކުން އެބަ ފެތުރެއެވެ. މި ކަންކަމުން އެނގެނީ އެމެރިކާއާއި އިސްރާއީލުން މެދުއިރުމަތީގައި މި ފެށި ޢުދުވާނު އަދި އަވަހަކަށް ހުއްޓިދާނެކަމުގެ ނިޝާނެއް ނުފެންނަކަމެވެ. މި ކަމާ މެދު އަޅުގަނޑުމެން ދިވެހީންނަށް އެއްވެސް ވަރަކަށް ވިސްނައިލެވޭބާވައޭ ހިތަށް އަރައެވެ. ދުއްވާ ބޭކާރު ދުއްވުންތަކާއި އުކައިލެވޭ ކާބޯތަކެތި ފެނުމުން މިހެން ހަމަ ހިތަށް އެރީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަބު       ނ.     (1) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. (2) މަރުކަޒު.  hub

ތަވާޒުނު     ނ.     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance

ކޮމެންޓު