އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 މާރިޗް 2026
ފެބްރުވަރީ 28ގައި އެމރިކާއާއި އިސްރާއީލުން އީރާނުގެ އަންހެންކުދީންގެ އިސްކޫލަށްދިން އަނިޔާވެރި ޙަމަލާގައި ހިމެނުނު ޝަހީދާ ފާޠިމާ ޝަހެދާދީގެ ސަންދޯއް އުފުލާ މަންޒަރު (ފޮޓޯ: އައްބާސް ޒަކަރީ/އެސޯސިއޭޓެޑް ޕްރެސް)
އިސްރާއީލުގެ އުފަލަށް ޓަކައި އެމެރިކާގެ އެތައް ދަރީންނެއްގެ ފުރާނަ ޤުރުބާންކުރަމުންދާ މައްސަލައިގައި އެމެރިކާގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުން ވަރަށް ބޮޑެވެ. ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އިސްރާއީލުގެ އުފަލަށްޓަކައި އެމެރިކާނުންގެ ދަރީންގެ ފުރާނަ ޤުރުބާންކުރުމާ 75 އިންސައްތަ މީހުން ދެކޮޅެވެ.
އަދި އެމެރިކާގެ ސެނޭޓުގެ ހަތިޔާރު އެޅި ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ހިނގަމުންދަނިކޮށް ހިނގި ހަމަނުޖެހުމެއް ވެސް މީޑިއާއާއި މީސްމީޑީއާގައި ވަނީ ވިރަވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކަނޑުގެ ސިފައިންގެ ކުރީގެ އޮފިސަރެއްކަމަށްވާ، ޢުމުރުން 44 އަހަރުގެ ބްރިއާން ސީ މެކްގިނީސް އެ ބައްދަލުވުމަށް ވަދެ [އިސްރާއީލަށް ޓަކައި އެމެރިކާ މީހުންގެ ދަރީން ހަނގުރާމައަށް ފޮނުވާކަށް ރައްޔިޔުން ބޭނުމެއް ނުވެޔޭ[ ކިޔައި އަޑުގަދަކުރީއެވެ. މީނާ އެ ތަނުން ނެރޭން އަނިޔާވެރިކަމާ އެކު، ހިންގި ޙަރަކާތުގައި އޭނާގެ އަތް ބިންދައިގެންދިޔައެވެ. އަދި ފުލުހުންގެ އެތައް އޮފިސަރުންނަކަށް ވެސް ހާނީއްކަވިއެވެ.
އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައާ ބެހޭ ގޮތުން ސަރުކާރުން ހުށަހެޅި ގަރާރާ މެދު ވެސް ސެނެޓުގެ މެންބަރުންގެ މެދުގައި ޒުވާބުތައް ހިނގިއެވެ. ނަމަވެސް މި ހުރިހައި ޒުވާބަކަށް ފަހު ވެސް އެ ގަރާރު 47-53 ވޯޓުން ފާސްކުރިއެވެ. ކާމިޔާބު ލިބުނީ ޓުރަންޕަށެވެ.
އަނެއްކޮޅުން އީރާނަށް ފުރަތަމަ ޙަމަލާ ދިން ދުވަހު، މިނާބުގައި ހުންނަ އީރާނުގެ އަންހެން ކުދީންގެ އިސްކޫލެއްކަމަށްވާ [ޝަޖަރާ ޠައްޔިބާ ގަރލްސް ސްކޫލަށް] ސީދާ ޙަމަލާދީ 165 ދަރިވަރުންނަކާއި އެތައް މުދައްރިސުންނެއް ޝާހީދުކޮށްލި މައްސަލައިގައި އެމެރިކާގެ ބައިވެރިވުމެއް އޮތްތޯ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓޭ ހެގުސެތާ ސުވާލުކުރުމުން ދިން ޖަވާބަކީ [އެ މައްސަލަ ތަހުގީގުކުރަމުން އެބަ ގެންދާ]ކަމަށެވެ.
[އަހަންނަށް ބުނެވޭން އޮތީ އެ ކަން އަހަރެމެން ތަހުގީގުކުރަމުން އެބަ ގެންދާ ވާހަކަ.] އަންހެންކުދީންގެ އެ އިސްކޫލަށް ބޮން އެޅުމާ ބެހޭ ގޮތުން ހެގްސެތާ ސުވާލުކުރުމުން ބުންޏެވެ. [އަހަރެމެން، ޔަގީނުން ވެސް މަދަނީންނަކާ އެއްވެސް ޙަމަލައެއް އަމާޒެއް ނުކުރަން. ނަމަވެސް މި ގެންދަނީ އެ ކަން ތަހުގީގުކުރަމުން.]
އެމެރިކާއާއި އިސްރާއީލުން އީރާނަށް ޙަމަލާދިން ފުރަތަމަ ދުވަހު އެ އިސްކޫލަށް ދިން ޙަމަލާއެއްގައި ދަރިވަރުންގެ އިތުރަށް މުވައްޒަފުންގެ ތެރެއިން ވެސް 96 މީހަކު ޝަހީދުވިއެވެ.
އެއްވެސް ބާރެއް ނެތް، އަދި އެމެރިކާގެ ދަށުގައި ފިތިފައި އޮންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މި ދިޔަ އަންގާރަދުވަހު ގޮވައިލައިފައިވަނީ އެ ޙަމަލާދިން [ބާރުތައް] ދެނެގަތުމަށް ޓަކައި ތަހުގީގެއް ހިންގާށެވެ. އަދި އެ ތަހުގީގަކީ އެ ކަން ހިނގި ގޮތުގެ މަޢުލޫމާތު ލިބިދެނިވި ތަހުގީގެއްކަމަށް ވެސް އަންގައިފައިވެއެވެ. ނަމަވެސް އެ އަނިޔާވެރި ޙަމަލާގެ ޒިންމާ އުފުލާން ޖެހޭ މީހަކު ދެނެގަތުމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނެތެވެ.
މީގެ އިތުރަށް ސްރީލަންކާ ކައިރީން އަޑިއަށް ދުއްވައިލި މަނަވަރަށް ޙަމަލާދީ 80 މީހުން މަރައިލުމުގައި އެ ކަންކުރީ ސީދާ އެމެރިކާގެ ސަބުމެރީނަކުންކަމަށް ހެގުސެތުވަނީ އިއުތިރާފުވެފައެވެ.
[މި މަނަވަރު އަޑިޔަށް ދިޔައިރު ކަނޑުވި މީހުންގެ ސަލާމަތަށް ދިވެހި ކޯސްޓުގާޑުން އެހީނުވިކަމަށް ބުނެ، ވީ ގޮތް އޮޅުންނުފިލުވައި، ބައެއް މީހުން ފާޑުކިޔަމުން އެބަގެންދެއެވެ. ނަމަވެސް ހަގީގަތަކީ ދިވެހި ކޯސްޓުގާޑަށް ވުރެ ކުރީން ލަންކާ ކޯސްޓުގާޑުން އެހީވީއެވެ. މަނަވަރު އަޑިއަށްދިޔަނީ ލަންކާއާ ކައިރި ހިސާބަކުންނެވެ. މި ބާވަތުގެ ޚަބަރުތައް ސާފުނުކޮށް އެއް ބަޔަކު، އަނެއް ބަޔަކު ބަދުނާމުކޮށް ޢަމުދުން މި ފަދަ ރޯދަމަހެއްގައި ވާހަކަ ފެތުރުމަކީ ދެރަ ކަމެކެވެ. އެ ކަމުގެ ސަބަބުން ތިމާގެ ރޯދައަށް ކުރާނެ އަސަރާ މެދު ވެސް ވިސްނާންޖެހެއެވެ.]
އަނެއްކޮޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލު އެމެރިކާއިން ހޯދާނެކަމަށް ވެސް ޕެންޓަގަންގެ ވެރިޔާ ބުންޏެވެ.
[އަހަރެމެން އަދި ކިރިޔާ މި ފަށައިގަތީ.] ހެގްސެތު ބުންޏެވެ. [އަހަރެމެން މި ދަނީ ކުރިއަރަމުން. އަހަރެމެން ފަހަތަކަށް ނުޖެހެން.] އެ ކަލޭގެ ފަޚުރުވެރިކަމާ އެކު ބުންޏެވެ.
ބައެއް ލަފުޒުގެ މާނަ:
ވިރަވުން މ. ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް، ޖާލުގެ ޒަރީޢާއިން ހަލުވިކޮށް ފެތުރިގެން ދިޔުން.
މީސްމީޑިއާ ނ. ގިނަ ބަޔެއްގެ މެދުގައި މަޢޫލޫމާތާއި ޚިޔާލުބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް